ޕާކިސްތާނާ ދެކޮޅަށް އިންޑިއާ މިރޭ ކުޅުނު މެޗުގައި އިންޑިއާގެ ކެޕްޓަން ސުނިން ޗެތުރީ އިޝާރަތްކުރަނީ --ފޮޓޯ/އިމޭޖްސްއެމްވީ

ޗެތުރީގެ ހެޓްރިކާ އެކު ޕާކިސްތާން ބަލިކޮށްފި

މުބާރާތުގެ ފުރަތަމަ މެޗުގައި ކުވޭތު ވަނީ ނޭޕާލް އަތުން 3-1 އިން މޮޅުވެފައި
21 ޖޫން 2023

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީގެ ހެޓްރިކާ އެކު ޕާކިސްތާން 4-0 އިން ބަލިކޮށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރުމުގެ ފުރަތަމަ ފިޔަވަޅު އިންޑިއާއިން މިރޭ އަޅައިފި އެވެ.

ބެންގަލޫރުގައި މިއަދު ފެށި ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާގެ ކެޕްޓަންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އައީ ޕެނެލްޓީންނެވެ. 

ފުރަތަމަ ހާފުގެ 16 މިނިޓްގެ ތެރޭގައި ދެ ލަނޑު ޖެހި އިރު، ދެ ވަނަ ލަނޑު ޗެތުރީ ކާމިޔާބުކުރީ ޕެނެލްޓީއަކުންނެވެ. އޭގެ ފަހުން ޕެނެލްޓީއެއް ލިބުނީ 74 ވަނަ މިނިޓްގަ އެވެ. މި ސަަރަހައްދުގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕާކިސްތާން ކޮޅަށް ބޯޅަ ވައްދާލީ އެހާމެ ރީތިކޮށެވެ.

އިންޑިއާގެ ހަތަރު ވަނަ ލަނޑު އައީ އުދަންތާ ސިންގު ކުނަމްގެ ފަރާތުން 81 ވަނަ މިނިޓްގަ އެވެ.

ޕާކިސްތާނާއި އިންޑިއާގެ ވާދަކުރުމަކަށް ވާތީ ދަނޑަށް ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަދެ ތިއްބެވެ. ވިސާ ނުލިބި މޮރިޝަސްގައި ދެ ދުވަހު ތާށިވުމަށް ފަހު ޕާކިސްތާން ޓީމަށް އިންޑިއާއަށް ދެވުނީ ވެސް ރޭ ދަންވަރެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުވޭތު ވަނީ ނޭޕާލް 3-1 އިން ބަލިކޮށްފަ އެވެ. ކުވޭތު މުބާރާތުގައި ބައިވެރިވަނީ ހާއްސަ ދައުވަތެއްގަ އެވެ. ކުވޭތުގެ އިތުރުން ލުބުނާން ވެސް ހާއްސަ ދައުވަތެއްގައި ވާދަކުރެ އެވެ. ލުބުނާން އޮތީ ރާއްޖެ ހިމެނޭ ގްރޫޕްގަ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ބޫޓާނާ އެވެ. މެޗު ފަށާނީ 7:00 ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް