ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯއަށް ރެފްރީ އެންތަނީ ޓޭލާ ރީނދޫ ކާޑު ދައްކަނީ

ޔޫރޮޕާ ލީގު

ރުޅިގަދަ، އަޑުގަދަ މޮރީނިއޯއާ ދެކޮޅަށް މައްސަލަ ބަލަނީ

ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި މޮރީނިއޯ ވަނީ އިނގިރޭސި ރެފްރީއާ ދިމާއަށް ސްޓޭޑިއަމުން ބޭރުގައި ހުރެގެން ވެސް ހަޅޭއްލަވާފައި
3 ޖޫން 2023

މިދިއަ ބުދަދުވަހު ކުޅުނު ޔޫރޮޕާ ލީގު ފައިނަލް މެޗުގައި ހޯސޭ މޮރީނިއޯ އުޅުނު ގޮތް ފެންނާނެ އެވެ: ހަޅޭއްލެވުމުގަ އެވެ. ރެފްރީގެ ނިންމުންތަކާ ޝަކުވާކުރުމުގަ އެވެ. ރެފްރީންނާ ޒުވާބުކުރުމުގަ އެވެ. ލިބުނު މެޑެލް އެއްލާލުމުގަ އެވެ. އެވަރުން ނުވެގެން ރެފްރީން ސްޓޭޑިއަމުން ނުކުތް ވަގުތު ބޭރުގައި ހުރެގެން ވެސް އެއްޗެހި ގޮވީ އެވެ.

އިޓަލީގެ ރޯމާ، ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދިން އަދި ކުރީގެ ކާމިޔާބު ކޯޗުގެ މައްސަލަ ބަލަން ޔުއެފާއިން މިހާރު ވަނީ ނިންމައިފަ އެވެ.

މެޗުގެ ވަގުތާއި އިތުރު ވަގުތުގައި 1-1 އިން އެއްވަރުވުމުން ޕެނެލްޓީ ޖަހައިގެން ސްޕެއިންގެ ސެވިއްޔާ މޮޅުވި މެޗުގައި ކުޅުންތެރިން ވެސް އެހާމެ ހޫނެވެ. އެހެންވެ އިނގިރޭސި ރެފްރީ އެންތަނީ ޓޭލާ 13 ރީނދޫ ކާޑު ދެއްކި އެވެ. އޭގެ ތެރެއިން ހަތް ކާޑު ރޯމާ ކުޅުންތެރިންނަށެވެ. މިއީ ޔޫރޮޕާ ލީގުގެ ފައިނަލް މެޗެއްގައި ރެކޯޑެކެވެ.

މޮރީނިއޯއަށް ވެސް ރީނދޫ ކާޑެއް ދެއްކި އެވެ.

ޔުއެފާއިން ބަލަން ނިންމީ ސްޓޭޑިއަމްގެ ކާރު ޕާކް ތެރޭގައި ހުރެ މޮރީނިއޯ ބޭއަދަބީ ބަހުން އެންތަނީއާ ދިމާކުރިކުރުމެވެ.

ހެންގެރީގައި ކުޅުނު މެޗަށް ފަހު އާއިލާއާ އެކު ފުރަންވެގެން އެއާޕޯޓްގައި އުޅެނިކޮށް ރޯމާގެ ސަޕޯޓަރުން ޓޭލާއާ ދިމާކުރި އެވެ. މިއީ މިކަމުގައި ޔުއެފާއިން އެންމެ ހޫނުކޮށް ނަގާ އެއް މައްސަލަ އެވެ.

މޮރީނިއޯގެ އިތުރުން ސަޕޯޓަރުންގެ އަމަލްތައް ހުރި ގޮތުން ދެ ކްލަބާ މެދު ވެސް ފިޔަވަޅު އަޅަން ޔުއެފާއިން ވަނީ ނިންމައިފަ އެވެ.

އެއާޕޯޓުން ޓޭލާއާ ދިމާކޮށްލީ ފުޑް ކޯޓްގައި ހުއްޓަ އެވެ. ނަމަވެސް އެއާޕޯޓްގެ އޮފިޝަލުން ވަނީ ފުލުހުންނާ ގުޅިގެން ކުރިންސުރެ ފިޔަވަޅު އަޅައިފަ އެވެ. އެހެންކަމުން ޓޭލާ ވަގުތުން އެތަނުން ދުރަށް ގެންގޮސް، މުވައްޒަފުންގެ ހިމާޔަތުގައި ގެންގޮސް މަތިންދާބޯޓަށް އެރުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް