ނެދަލެންޑްސްގެ ސިފާން ހަސަން، މިއަދު އޮތް ލަންޑަން މެރެތަން އިން އަންހެނުންގެ އެއް ވަނަ ހޯދަނީ
ސިފާން ފުރަތަމަ ފަހަރަށް ދުވެ ލަންޑަން މެރެތަން ކާމިޔާބުކޮށްފި
މިދިއަ އޮލިމްޕިކްސްގެ އަންހެނުންގެ 5،000 އާއި 10،000 މީޓަރުން ރަން މެޑެލް ހޯދި ނެދަލެންޑްސްގެ ސިފާން ހަސަން، ފުރަތަމަ ފަހަރަށް މެރެތަން ރޭހަކަށް ނުކުމެ، މިއަދު ލަންޑަން މެރެތަން ކާމިޔާބުކޮށްފި އެވެ.
ރޭހުގެ ވަކި ހިސާބަކުން އަކުނިވަޔަށް ދަމައިގަނެ، އެންމެ ކުރީގައި ތިބި ދުވުންތެރިންގެ ތެރެއިން ފަހަތަށް ވެއްޓުނު ސިފާން، ހިތްވަރުކޮށްފައި ހިފި އެވެ. އަދި ފަހު ވަގުތު އޭނާ ނެގި ސްޕްރިންޓާ އެކު އެހެން ދުވުންތެރިންނަށް އަތުނުވެވޭ ވަރަށް ކުރި ހޯދި އެވެ. އޭނާގެ ވަގުތަކ ީ2 ގަޑި 18 މިނިޓް 33 ސިކުންތެވެ.
"ލަންޑަންއަކީ އަހަރެންގެ ހުވަފެނެއް. މިހާރު މިހުރީ އެތަނުގައި، އެކަމަކު އަހަންނަށް ރޭސް ނިންމިދާނެކަމާ މެދު ވެސް ޝައްކު އުފެދުނު،" ރޭސް ކާމިޔާބުކުރުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ސިފާން ބުންޏެވެ.
އުމުރުން 30 އަހަރުގެ ދުވުންތެރިޔާ ބުނި ގޮތުގައި މުޅި ރޭހުގައި ވެސް އޭނާ ދުވީ ވަރަށް ބޮޑަށް ގަޔާވެގެންނެވެ.
"ފަސް ކިލޯމީޓަރު، 15 ކިލޯމީޓަރުގެ ފަހުން ވެސް، ވަރަށް ހިތްހަމަޖެހިގެން އަހަރެން ދުވީ. ދެން ނިންމާ ރޮނގު ފެނުމުން ހިތަށްއެރި، އަސްލު ވެސް އެއީތަ؟" ސިފާން ބުންޏެވެ.
ލަންޑަން މެރެތަންއަށް ތައްޔާރުވަމުން އައި އިރު، ކުރިއަށް އޮތް ވޯލްޑް ޗެމްޕިއަންޝިޕަށް ވިސްނަން ހަދައިގެން، މި ރޭސް ކެންސަލްކުރަން ވެސް އުޅުނު ކަމަށް، އިތިއޮޕިއާއަށް އުފަން ދުވުންތެރިޔާ ބުންޏެވެ. ރެފިއުޖީއެއްގެ ގޮތުގައި ނެދަލެންޑްސްއަށް އޭނާ ހިޖުރަކުރީ އުމުރުން 15 އަހަރުގައ، 2008 ގަ އެވެ.
ލަންޑަން ރޭހުގެ ފިރިހެން ބައިން އެއްވަނަ ހޯދީ ރެކޯޑް ވަގުތަކާ އެކު ނިންމައިގެން ކެންޔާގެ ކެލްވިން ކިޕްޓުމް އެވެ. އޭނާ ނިންމި 2 ގަޑިއިރާއި 01 މިނިޓް 25 ސިކުންތަކީ މިހާތަނަށް މެރެތަންއެއް ނިންމި ދެ ވަނައަށް އެންމެ އަވަސް ވަގުތެވެ.