އައިޕީއެލް ޓްރޮފީ.

މީޑިއާނެޓް

މީޑިއާނެޓުން އައިޕީއެލްގެ މުޅި މުބާރާތް އެންމެ 50ރ.އަށް ބަލާލެވޭނެ

މިއީ ދިވެހި ޗެނަލަކުން ދުނިޔޭގެ މަގްބޫލު ކްރިކެޓް މުބާރާތެއް ގެނެސްދޭ ފުރަތަމަ ފަހަރު
30 މާރިޗު 2023

ދުނިޔޭގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ހުރިހާ މެޗެއް މީޑިއާނެޓްގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް 50ރ.އަށް ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މާދަމާ ފަށާ އެ މުބާރާތް 28 މެއިގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އެ މުބާރާތުގެ ފޯރިގަދަ މެޗުތައް ލައިވްކޮށް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް މީޑިއާނެޓުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މިޑިއާނެޓުން ބުންޏެވެ.

ތަފްސީލް - މީޑިއާނެޓުން ވަނީ، 'އައިޕީއެލް ޕެކް'ގެ ނަމުގައި މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ.

  • އައިޕީއެލްގެ ހުރިހާ މެޗެއް ފެންނާނީ އެ ޕެކޭޖުގައި ހިމެނޭ އައިސް އެކްސްޓްރާ ޗެނަލުން 

  • ޖުމްލަ ފަސް ޗެނަލް ހިމެނޭ އެ ޕެކޭޖުގެ އަގަކީ 50ރ.

  • މި ޕެކޭޖް މީޑިއާނެޓްގެ 'ކުއިކް ޕޭ' މެދުވެރިކޮށް ކަސްޓަމަރުންނަށް ގަނެވޭނެ

އައިޕީއެލް

އައިޕީއެލް އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާ މުބާރާތެކެވެ. އިންޑިއާގެ ސްޓޭޓްތަކަށް ނިސްބަތްވާ ފްރެންޗައިޒް 10 ޓީމެއް މި އަހަރުގެ މުބާރާތުގައި ފެނިގެން ދާއިރު، 20 އޯވަރު އުސޫލުން ޖުމްލަ 74 މެޗު އެ މުބާރާތުގައި ކުޅޭނެ އެވެ.

މި މުބާރާތުގައި އިންޑިއާއަށް އުފަން އަދި އެހެން ގައުމުތަކުގެ ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ.

  • ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ގުޖުރާތު ޓައިޓަންސް 

  • އެންމެ ކާމިޔާބު ޓީމަކީ މުމްބާއީ އިންޑިއަންސް 

  • ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ކަމަށްވާ އިންޑިއާގެ ވިރާޓް ކޯލީ، އޮސްޓްރޭލިއާގެ ޑޭވިޑް ވާނާ، ދެކުނު އެފްރިކާގެ ކުއިންޓަން ޑި ކޮކް، އިނގިރޭސިވިލާތުގެ ސޭމް ކުރަން އަދި ވެސްޓް އިންޑީޒްގެ އަންޑްރޭ ރަސެލް މި އަހަރުގެ މުބާރާތުގައި ވެސް ކުޅޭނެ

ފާހަގަކޮށްލެވޭ ކަމެއް - މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ.

މިއީ ދުނިޔޭގެ ކްރިކެޓް މުބާރާތެއް މީޑިއާނެޓުގެ އައިސް ނެޓްވޯކް މެދުވެރިކޮށް ގެނެސްދޭ ފުރަތަމަ ފަހަރެވެ. އައިޕީއެލްގެ ހުރިހާ މެޗެއް ވަގުތުން އައިސް އެކްސްޓްރާ ޗެނަލް މެދުވެރިކޮށް ދައްކާއިރު، މިއީ ދިވެހި ޗެނަލަކުން ދުނިޔޭގެ މަގްބޫލު ކްރިކެޓް މުބާރާތެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް