6 ޑިސެމްބަރު 2022 - ގަތަރު ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕެނެލްޓީ ޖަހައިގެން 3-0 އިން ސްޕެއިން ބަލިކޮށް އަޝްރަފް ހަކީމީ، 2، އެހެން ކުޅުންތެރިންނާ އެކު އުފާ ފާޅުކުރަނީ

އަޝްރަފް ހަކީމީ

ހަކީމީގެ މައްޗަށް ރޭޕްގެ ތުހުމަތު، ޖިނާއީ ތަހުގީގު ފަށައިފި

އުމުރުން 24 އަހަރުގެ އަންހެނަކު ކުރި އެ ތުހުމަތު ހަކީމީ ވަނީ ދޮގުކޮށްފައި. އޭނާގެ ވަކީލު ވިދާޅުވީ ބަޔަކު އުޅެނީ ހަކީމީ އަތުން ފައިސާ ހޯދަން ކަމަށް
4 މާރިޗު 2023

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް މޮރޮކޯ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފްރާންސްގެ ޕީއެސްޖީގެ ކުޅުންތެރިޔާ އަޝްރަފް ހަކީމީގެ މައްޗަށް ރޭޕްގެ ތުހުމަތު އެޅުވުމުން، އޭގެ ޖިނާއީ ތަހުގީގު ފްރާންސްގައި ފަށައިފި އެވެ.

ހަކީމީގެ މައްޗަށް އެ ތުހުމަތުކުރީ 24 އަހަރުގެ އަންހެނެކެވެ. އޭނާ ބުނި ގޮތުގައި ޕެރިހުގައި ހުންނަ ހަކީމީގެ ގެޔަށް ގެންގޮސް ރޭޕްކުރީ 25 ފެބްރުއަރީގަ އެވެ.

އެކަމަކު އެ ތުހުމަތު 24 އަހަރުގެ ހަކީމީ ވަނީ ދޮގުކޮށްފަ އެވެ. އޭނާގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލް ފެނީ ކޯލިން ވިދާޅުވީ ބަޔަކު އުޅެނީ ބިރުދެއްކުމާއި އޮޅުވާލުމުގެ ތެރެއިން ހަކީމީ އަތުން ފައިސާ ހޯދަން ކަމަށެވެ.

"އޭނާއާ ދެކޮޅަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކުރަން،" ކޮލިން ވިދާޅުވި އެވެ.

ޖިނާއީ ތަހުގީގަށް މަރުހަބާ ކިޔުއްވަމުން އޭނާ ވިދާޅުވީ މިއީ ހުރިހާ ތުހުމަތަކީ ވެސް ދޮގެއްކަން ސާބިތުކޮށްދޭން ހަކީމީއަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ތުހުމަތެއް ކުޅުންތެރިޔާ ދޮގުކުރުމާއި ޖިނާއީ އިޖުރާއަތުގެ ނިޒާމަށް ފުރިހަމަ އިތުބާރު އޮތުމުން ހަކީމީއަށް ކްލަބްގެ ސަޕޯޓް އޮންނާނެ ކަމަށެވެ.

"ޕީއެސްޖީއަކީ ދަނޑު މަތީގަ އާއި ދަނޑުން ބޭރުގައި ވެސް އިހުތިރާމް ޕްރޮމޯޓްކުރާ މުއައްސަސާއެކެވެ،" ޕީއެސްޖީގެ ބަޔާނުގައި ބުންޏެވެ.

ސްޕެއިންއަށް އުފަންވި ނަމަވެސް ހަކީމީ ކުޅެމުން އަންނަނީ މޮރޮކޯގެ ގައުމީ ޓީމަށެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ ފުރަތަމަ ގައުމަށް މޮރޮކޯ ވުމުގައި ހަކީމީގެ ކުޅުން ފާހަގަކުރެވެ އެވެ. ފީފާގެ ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ވެސް ހަކީމީ ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް