މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހޭގް އާއި ފޯވަޑް މާކަސް ރަޝްފޯޑް: ޒުވާން ފޯވަޑްގެ ކުޅުން ވަރަށް މޮޅު
ރަޝްފޯޑް ހިފެހެއްޓޭކަށް ނެތް، ރޭ ވެސް ދެ ލަނޑު
ކޯޗު އެރިކް ޓެން ހޭގްގެ ބެލުމުގެ ދަށުން ޒުވާން ފޯވަޑް މާކަސް ރަޝްފޯޑް އިދިކޮޅު ޓީމުތަކަށް ނުރައްކަލަކަށް ވެފައި އޮތް އޮތުން ރޭ، ލެސްޓާ ކޮޅަށް ދެ ލަނޑު ޖަހައިގެން ސާބިތުކޮށްދީފި އެވެ.
ޕްރިމިއަ ލީގުގައި 3-0 އިން ލެސްޓާގެ މައްޗަށް ހޯދި ކާމިޔާބީއާ އެކު ތާވަލްގެ ތިން ވަނާގައި ޔުނައިޓެޑުން ފައި ހަރުކޮށްލި އިރު މި ސީޒަންގައި ރަޝްފޯޑް ޖެހި ލަނޑުގެ އަދަދު 24 އަށް އެރީ އެވެ. މިއީ އޭނާގެ ހަޔާތުގައި ވެސް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސީޒަން އެވެ. އަދި މިއީ ޓެން ހޭގަކީ ތަރިން އުފައްދާ ކޯޗެއްކަން ވެސް އަންގައިދޭ ހެއްކެކެވެ.
ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ޖޭޑަން ސަންޗޯ އެވެ.
ދެ ހާފުގައި ރަޝްފޯޑް ޖެހި ދެ ލަނޑު ވެސް އޭގެ ޒާތުގައި މޮޅެވެ. އޭނާގެ ހުނަރު ދައްކައިދިނެވެ. އުމުރުން 25 އަހަރުގެ ފޯވަޑް ވަނީ ވޯލްޑް ކަޕަށް ފަހު ކުޅުނު 18 މެޗުގައި 17 ލަނޑު ޖަހައިފަ އެވެ. ޔޫރަޕްގެ އެންމެ މަތީ ފަސް ލީގަށް ބަލާއިރު، އެ މުއްދަތުގައި އޭނާ ނޫނީ އެ ވަރަށް ލަނޑު ޖެހި ކުޅުންތެރިޔަކު އަދި ނެތެވެ.
މިއީ ރަޝްފޯޑާއި ޓެން ހޭގަށް ވަރަށް މުހިންމު ހަފުތާއެކެވެ. ބުރާސްފަތިދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނާނެ އެވެ. ޔޫރޮޕާ ލީގުގެ ޕްލޭ އޮފް ދެ ވަނަ ލެގަށް ދެ ޓީމު އަރާ އިރު ފުރަތަމަ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
އާދިއްތަދުވަހުގެ ރޭ ޔުނައިޓެޑް ވެމްބްލީގައި ނުކުންނާނީ ލީގު ކަޕްގެ ފައިނަލްގައި ނިއުކާސަލްއާ ދެކޮޅަށެވެ. މިއީ ހަ އަހަރަށް ފަހު ތައްޓަކާ އެންމެ ކައިރިއަށް ޔުނައިޓެޑަށް ދެވުނު ފަހަރެވެ.
ޕްރިމިއަ ލީގުގެ ގަދަ ފަހެއް
-
1-
އާސެނަލް، ކުޅުނު 23، ޕޮއިންޓް 54
-
2-
މެންޗެސްޓަ ސިޓީ، ކުޅުނު 24، ޕޮއިންޓް 52
-
3-
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 24، ޕޮއިންޓް 49
-
4-
ޓޮޓެންހަމް، ކުޅުނު 24، ޕޮއިންޓް 42
-
5-
ނިއުކާސަލް، ކުޅުނު 23، ޕޮއިންޓް 41