ޝަޔާލް އޭނާގެ ގޭގެ ކުރިމަތީގައި ބޯޅަ ހިފައިގެން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ފުޓްބޯޅަ

ފުޓުބޯޅައިގެ ހުނަރުން މި ކުޑަކުއްޖާ އެންމެންގެ ހިތް އަތުލައިފި

ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޝަހުސިއްޔަތު އަލީ އަޝްފާގް ވެސް ވަނީ އޭނާގެ ކުޅުމަށް ތައުރީފްކޮށްފައި
17 ފެބްރުއަރީ 2023

އއ. ބޮޑުފޮޅުދޫ- ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެފައިވަނީ ކުޑަކުދިންތަކެއް ކުޅޭ ފުޓުބޯޅަ މެޗެކެވެ. އެ މެޗުގެ ތެރެއިން، ކުޑަކުޑަ ކުއްޖެއްގެ ތަފާތު ހުނަރަށެވެ. ދެން ކުޅެން ތިބި އެހެން ކުދިންނަށް ވުރެ އިސްކޮޅުން ކުޑަ ނަމަވެސް، މުޅި މެޗު ކަހަލަ ގޮތަކަށް ހިފަހައްޓާލީ މި ރަށަށް ނިސްބަތްވާ، އުމުރުން ނުވަ އަހަރުގެ ޝަޔާލް ނަސީމެވެ.

ބޮޑުފޮޅުދުއަށް ކުރި ދަތުރުގައި މިއަދު ޝަޔާލްއާ އެންމެ ފުރަތަމަ ދިމާވީ، ޖެޓީ މަތީގައި މުށި މަސް ބާނަން އިންދަ އެވެ. އެ އުމުރުގެ ކުދިންތަކަކާ އެކު، ޖެޓީ މަތީގައި އިށީނދެލައިގެން، ފަރިތަކަމާ އެކު ދޮށި އެއްލައިގެން މަސް ބާނަމުން ދިޔައިރު، ކައިރީގައި ބޮޑު މަސް ފައްޗެއް ވެސް އޮތެވެ.

ރަށްފުށުގެ ސާދާ، އަދި ހާސްކަމެއް ނެތް ދިރިއުޅުމުގެ މަންޒަރެކެވެ.

މަސް ބޭނުމަކީ ޝަޔާލް ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް އޭނާގެ ޝައުގުވެރިކަން އޮތީ ފުޓުބޯޅައަށެވެ. ގޭގައި ބައްޕަ އާއި ބޭބެމެން ކުޅޭތަން ބަލައިގެން، އޭނާ އަންނަނީ ވަރަށް ޅަ އުމުރުން ފެށިގެން ފުޓުބޯޅައިގެ ހުނަރު ދަސްކުރަމުންނެވެ. މިހާރު އޭނާ އެ އަންނަނީ އެ އުމުރުގެ ކުދިިންގެ ތެރެއިން ފުޓުބޯޅައިގައި އާދަޔާހިލާފު ހުނަރެއް ދައްކައި، މީހުންގެ ސަމާލުކަން އަތުލަމުންނެވެ.

"ބައްޕައާ ބޭބެމެން ކުޅޭތަން ބަލައިގެން ދަސްކުރަނީ. ރޮނާލްޑޯ ކުޅޭތަން ވެސް ވަރަށް ގިނައިން ބަލަން،" އަތިރިމަތީގައި ހުންނަ ޝަޔާލްގެ ގެ ކައިރީގައި އިނދެގެން އޭނާ ބުންޏެވެ.

ޝަޔާލް (މެދުގައި) އޭނާގެ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު ޗެމްޕިއަން ބެނާ ހިފަހައްޓައިގެން

"ވޯލްޑް ކަޕް އުޅުނު އިރު ނުނިދާ ހުރެގެން ވެސް ރޮނާލްޑޯ ކުޅޭ މެޗުތައް ބަލަން."

ވައިރަލް ވެފައިވާ ވީޑިއޯއިން ޝަޔާލް ފެންނަނީ ވަރަށް ބޮޑަށް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅޭތަނެވެ. އޭނާ ކައިރިން ބޯޅަ ހޯދަން އެހެން ކުޅުންތެރިންނަށް އުނދަގުލެވެ. ކޮއްޓަމުން، ނައްޓަމުން ފަސޭހަކަމާ އެކު ގޮސް ގޯލު ޖަހަ އެވެ. އެ ދުވަހު ކުޅުނު، ސްކޫލްގެ އިންޓަހައުސް ފުޓުބޯޅަ މުބާރާތުގެ މެޗުން ވެސް ޝަޔާލްމެންގެ ޓީމު ތިން ލަނޑުން ކުރި ހޯދި އިރު ދެ ލަނޑު އައީ އޭނާގެ ފަރާތުންނެވެ.

މި މެޗުގައި ޝަޔާލްގެ ކުޅުން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކުޅިވަރުގެ ލެޖެންޑް އަލީ އަޝްފާގު ވެސް ވަނީ ފާހަގަކޮށްފަ އެވެ. ވައިރަލް ވެފައިވާ ވީޑިއޯ ފެނުމުން، ޝަޔާލްގެ ބައްޕައަށް ގުޅައި ދަރިފުޅުގެ ކުޅުމަށް ތައުރީފްކުރި އެވެ. އަދި ބޭނުން ނަމަ އަޝްފާގު ހިންގާ ފުޓުބޯޅަ އެކަޑަމީގައި ތަމްރީނު ވުމުގެ ފުރުސަތު ވެސް ދިނެވެ.

ރަށު ސްކޫލުގައި ކުޅުނު ފުޓްބޯޅަ މެޗަކަށް ފަހު ޝަޔާލް ރަށުގެ އިސް މީހަކާ ސަލާމް ކުރަނީ

އެކަމަކު ޝަޔާލް މި ވަގުތު އުޅެން ބޭނުންވަނީ ރަށުގަ އެވެ. ބޮޑުފޮޅުދުއަކީ އަތޮޅު ފެންވަރުގެ ފުޓުބޯޅައިގައި ވެސް އެންމެ ކުރީގައި އޮތް އެއް ރަށެވެ. ފުޓުބޯޅައިގެ ހުނަރު މި ރަށުގައި ތަރައްގީ ކުރެވެން އެބަ އޮތެވެ. އެކި އުމުރު ފުރައިގެ ކުދިން ތަމްރީންކުރަން މި ރަށު ސްކޫލުގައި ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. ޝަޔާލްގެ އާއިލާ ބޭނުންވަނީ އިހަށް އެ ފުރުސަތުތަކުގެ ބޭނުން ހިފާށެވެ. 

އެކަމަކު އެންމެ ކުޑައިރުއްސުރެ ބޯޅަ ހިފައިގެން އުޅޭ ޝަޔާލްގެ ހުވަފެނަކީ ފުޓުބޯޅައިގައި އެންމެ މަތީ ކާމިޔާބު ހޯދުމެވެ. ކޮންމެވެސް ދުވަހަކުން ގައުމީ ޓީމަށް ކުޅުމެވެ. 

އަދި އެންމެ ނުވަ އަހަރެވެ. އެކަމަކު ޝަޔާލް ދޭ ޔަގީންކަމަކީ އުއްމީދުތައް ފުރިހަމަކުރަން ބުރަކޮށް މަސައްކަތް ކުރާނެކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް