ނޮޓިންހަމް ފޮރެސްޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެންތަނީ މާޝިއަލް އާއި މާކަސް ރަޝްފޯޑް އުފާ ފާޅުކުރަނީ
ރަޝްފޯޑްގެ މޮޅު ކުޅުމާ އެކު ޔުނައިޓެޑް ގަދަ ހަތަރަކާ ކައިރިއަށް
ޒުވާން ފޯވަޑް މާކަސް ރަޝްފޯޑް އެއް ލަނޑު ޖަހައިދީ ދެ ވަނަ ލަނޑަކަށް މަގު ފަހިކޮށްދިން މޮޅު ކުޅުމާ އެކު މެންޗެސްޓަ ޔުނައިޓެޑުން ނޮޓިންހަމް ފޮރެސްޓް 3-0 އިން ބަލިކޮށް، އިންގްލިޝް ޕްރިމިއަ ލީގުގެ ގަދަ ހަތަރަކާ އެންމެ ޕޮއިންޓެއްގެ ކައިރިއަށް ރޭ ޖެހިލައިފި އެވެ.
ރަނގަޅު ފޯވަޑެއް ނެތުމުގެ އުނިކަން އަދިވެސް ފެންނަ ޔުނައިޓެޑަށް ރަޝްފޯޑަކީ ކިހާ މުހިންމު ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދިނީ، އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން އެންތަނީ މާޝިއަލްއަށް ދެ ވަނަ ލަނޑު ޖަހަން ވެސް ފުރުސަތު ހޯދައިދިނެވެ.
ފުރަތަމަ ހާފުގެ ދެ ލަނޑަށް ތިން ވަނަ ލަނޑެއް އިތުރުކޮށްދިނީ މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ފްރެޑެވެ.
ތާވަލްގެ ފުލުން ދެ ވަނާގައި އޮތް ނޮޓިންހަމް ފޮރެސްޓް އަތުން މި ހޯދި ކާމިޔާބީއަކީ ވޯލްޑް ކަޕަށް ޕްރިމިއަ ލީގު މެދުކަނޑާލި އިރު ޖެހުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮޑު މައްސަލަގަނޑުގެ އުނިކަން ޓީމަށް ފޯރާނެކަމަށް ބެލެވުނު ތިއަރީ ގޯސްކަން ވެސް ސާބިތުކޮށްދިނުމެވެ.
ރޮނާލްޑޯ ވަނީ ކޯޗު އެރިކް ޓެން ހޭގްއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އަދި ޔުނައިޓެޑްގެ ވެރިންނަށް ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެހެންކަމުން މިދިއަ މަހު ޔުނައިޓެޑުން އޭނާގެ އެއްބަސްވުން އުވާލި އެވެ.
ވޯލްޑް ކަޕަށް 40 ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ފެށި ޕްރިމިއަ ލީގުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބޯންމައުތު 2-0 އިން ބަލިކޮށް ޗެލްސީ ވެސް ވަނީ ތާވަލްގެ އަށް ވަނައަށް ޖެހިލައިފަ އެވެ. ޗެލްސީއަށް ލަނޑު ޖަހައިދިނީ ކާއީ ހާވާޓްޒް އާއި މޭސަން މައުންޓް އެވެ.
ޕްރިމިއަ ލީގުގެ ގަދަ އަށެއް
-
1-
އާސެނަލް، ކުޅުނު 15، ޕޮއިންޓް 40
-
2-
ނިއުކާސަލް، ކުޅުނު 16، ޕޮއިންޓް 33
-
3-
މެންޗެސްޓަ ސިޓީ، ކުޅުނު 14، ޕޮއިންޓް 32
-
4-
ޓޮޓެންހަމް، ކުޅުނު 16، ޕޮއިންޓް 30
-
5-
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 15، ޕޮއިންޓް 29
-
6-
ލިވަޕޫލް، ކުޅުނު 15، ޕޮއިންޓް 25
-
7-
ބްރައިޓަން، ކުޅުނު 15، ޕޮއިންޓް 24
-
8-
ޗެލްސީ، ކުޅުނު 15، ޕޮއިންޓް 24