ޖަރުމަންގެ ލީގުގައި ވާޑާ ބްރެމަންއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި ސަޑިއޯ މާނޭގެ ކަނާތު ކަކުލަށް އަނިޔާވެގެން ދަނޑު މަތީގައި ފަރުވާދެނީ

ސަޑިއޯ މާނޭ

މާނޭގެ އޮޕަރޭޝަންއާ އެކު ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ

އޮޕަރޭޝަނެއް ކުރަން މަޖުބޫރުކަން އެނގުނީ އިއްޔެ ހެދި އެމްއާރުއައިއިން. ވަގުތުން ވަނީ އޮޕަރޭޝަންކޮށްފައި
18 ނޮވެމްބަރު 2022

ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ސަޑިއޯ މާނޭގެ ކަކޫ އޮޕަރޭޝަނެއްކުރުމާ އެކު ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ކުރިން ލިވަޕޫލްގެ ތަރި އަދި މިހާރު ޖަރުމަންގެ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ސެނެގޯލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށް އަނިޔާވީ ބުންޑަސްލީގާގައި 8 ނޮވެމްބަރުގައި ވާޑާ ބްރެމެންއާ ދެކޮޅަށް ކުޅެނިކޮށެވެ.

ކަނާތު ކަކުލަށް ލިބުނު އަނިޔާ އޮޕަރޭޝަނަކަށް ނުގޮސް ރަނގަޅުވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް އޮޕަރޭޝަނެއް ކުރުން ނޫން ގޮތެއް ނެތުމުން އެންމެ ފަހުން އިއްޔެ އޮޕަރޭޝަން ކުރީ އެވެ.

މިދިއަ އަންގާރަދުވަހު ސެނެގޯލްގެ ފުޓްބޯލް ފެޑެރޭޝަނުން ބުނީ ވޯލްޑް ކަޕްގެ ފުރަތަަ މެޗުގައި މާނޭއަށް ނުކުޅެވޭނެ ކަމަށެވެ. ނަމަވެސް އިއްޔެ ނެގި އެމްއާރުއައި އިން ދެއްކީ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ.

އިއްޔެ ބަޔާނުން ބުނިގޮތުގައި މާނޭގެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށެވެ.

"ކުޅުންތެރިޔާގެ ރިހެބްގެ ކަންކަން މިޔުނިކްގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފަށާނެ އެވެ،" ބަޔާނުން ނެރުނު ބަޔާނުގައި ބުންޏެވެ.

ވޯލްޑް ކަޕްގައި ސެނެގޯލްގެ ފުރަތަމަ މެޗު އަންނަ ހޯމަދުވަހު ކުޅޭނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. މި ދެ ޓީމާ އެކު ގްރޫޕް އޭގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ގަތަރާއި އިކުއެޑޯ އެވެ.

އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރަށް ހޯދާފައިވާ މާނޭ، 30، އަށް ވޯލްޑް ގެއްލުމަކީ ވަރަށް ބޮޑު ހިތާމައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް