ކުރެއްދޫ ރިސޯޓްގެ މުވައްޒަފުންނާ އެކު އެ ރިސޯޓްގައި 29 އޮކްޓޯބަރު 2021 ގައި ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗަށް އެސްޓީއޯ އިން ދިން 500،000ރގެ އިނާމާ ގައުމީ ޓީމުގެ އަލީ އަޝްފާގު ހަވާލުވަނީ
އެފްއޭއެމް ތެޅިގެންފި، އިނާމަށް ލިބުނު 1.2 މިލިއަން ރުފިޔާ އަހަރެއް ފަހުން ބަހަނީ
މިދިއަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓުމުން ހިތާމައިގައި ތިބި ކުޅުންތެރިންނަށް، މުހައްމަދު މޫސާ (އުއްޗު) އިސްކޮށް ހުންނަވައި، އަގުބޮޑު މެޗެއް އޭނާގެ ރިސޯޓް ޅ. ކުރެއްދޫގައި އިންތިޒާމްކުރި އެވެ.
އެ ރިސޯޓްގެ މުވައްޒަފުންނާއި ގައުމީ ޓީމާ ދެމެދު 29 އޮކްޓޯބަރުގައި ކުޅުނު މެޗުގެ އަގަކީ 1.2 މިލިއަން ރުފިޔާ އެވެ. މި ފައިސާގެ އިނާމުގެ ތެރޭގައި ހިމެނެނީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އެއް ހިއްސާދާރު މުހައްމަދު މޫސާ 500،000، އެސްޓީއޯ 500،000 އަދި ދިރާގާއި ވިލާއިން، މިއިން ކޮންމެ ތަނަކުން 100،000 ރުފިޔާ އެވެ.
މެޗު ކުޅުނުތާ މި މަހު އަހަރެއްވާ އިރު ވެސް ފައިސާގެ އެ އިނާމު ގައުމީ ޓީމަށް ދީފައިނުވާ ކަމަށް، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމްގައި މިއަދު ރިޕޯޓްކުރި އެވެ. އޭގެ ފަހުން ބައެއް އެހެން މީޑިއާތަކުން ވެސް އެ ހަބަރު ގެނެސްދިނެވެ.
އެފްއޭއެމް ތެޅިގަތީ އެހާ ހިސާބުންނެވެ. އެ ހަބަރާ އެކު އެފްއޭއެމްގެ މީޑިއާ ގްރޫޕްގައި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އަންނަ ހަފުތާގައި އެ ފައިސާ ކުޅުންތެރިންނަށް ރައްދުކޮށްދޭނެ ކަމަށެވެ. އެކަމަކު ފައިސާ ނުދީ އެހާ ގިނަ ދުވަސް ވީއިރު ވެސް އެއީ މައްސަލައެއް ނޫންކަން ދައްކަވަން އޭނާ މަސައްކަތްކުރެއްވި އެވެ.
އެގޮތުން ދެއްވި އެއް ޖަވާބަކީ އެ ފައިސާ ރައްދުކުރުން މަޑުޖައްސާލީ، އެ މެޗަށް ފަހު ގައުމީ ޓީމު ސްރީ ލަންކާގައި ވާދަކުރި މަހިންދަ ރާޖަޕަކްސް މުބާރާތުގައި ދެއްކި ކުޅުން ރަނގަޅު ނުވުން ކަމަށެވެ. ނަމަވެސް އެ މުބާރާތާއި ކުރެއްދޫގައި ކުޅުނު މެޗުން ދިން ފައިސާގެ އިނާމާ އެއްވެސް ގުޅުމެއް ނެތެވެ.
ފައިސާ ހަވާލުނުކުރެވުމުގެ އަނެއް ސަބަބެއް ކަމަށް ޖަވާޒު ވިދާޅުވީ ވިލާ އިން 100،000ރ ލިބިފައި ނުވުމެވެ.
އެކަމަކު މީޑިއާގެ ހަބަރުތަކާ ގުޅިގެން ޖަވާޒު މިހާރު ވިދާޅުވަނީ އެ 100،000ރ ނުލައި، އަނެއް ބައި އަންނަ ހަފުތާގައި ބަހަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމަވާފައިވާ ކަމަށެވެ.
އެފްއޭއެމްއަށް މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގައުމީ ޓީމުގެ އޮފިޝަލުންނަށް މުސާރަ ނުދޭތާ ވެސް އެތައް މަހެއް ވެއްޖެ އެވެ. އެފްއޭއެމްގެ މުވައްޒަފުންގެ މަހު މުސާރަ ދޭން ވެސް ދޭތެރެ ދޭތެރެއިން ހުރަސްތައް ދިމާވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާގެ ހާލަތު މިހާ ދަށު ދަަރަޖައަކަށް ދިޔައީ ސަރުކާރުން ދެމުން އަންނަ މާލީ އެހީތެރިކަން ނުދެވިގެން ކަމެއް ނުވަތަ ފީފާ ފަދަ ބޭރުގެ ޖަމާއަތްތަކުން ދޭ އެހީ ނުލިބިގެން ކަމެއް، އެފްއޭއެމަކުން ނުބުނެ އެވެ. އެ އެސޯސިއޭޝަންގައި އެފަދަ އެއްވެސް މައްސަލައެއް އުޅޭކަމަކަށް ވެސް ފާޅުގައި އެއްބަހެއް ނުވެ އެވެ.