އާޓެމިސް 2ގެ އޮރަޔަން އުޅަނދުގައި ހަރުކުރި ހީޓް ޝީލްޑް ބެލުމުގެ މަސައްކަތް 2020ގައި ކެނެޑީ ސްޕޭސް ސެންޓަރުގައި ކުރިއަށް ދަނީ: މި ހީޓް ޝީލްޑަށް ލިބުނީ ކޮން ކަހަލަ ގެއްލުމެއް ކަމެއް އަދި ސާފެއް ނޫން (ފޮޓޯ/ނާސާ)

އާޓެމިސް

އޮރަޔަންގެ ހީޓް ޝީލްޑާ މެދު ކަންބޮޑުވުން އުފެދުނީ ކީއްވެ؟

މައްސަލައަކީ 2022ގައި އިންސާނުންނާ ނުލައި ކުރި ދަތުރުގައި އޭގެ ހީޓް ޝީލްޑަށް ލިބުނު ގެއްލުން. އޭގެ ސީދާ ހަގީގަތް ނޭނގުނަސް ހަމަ އެ ވައްތަރުގެ ހީޓް ޝީލްޑް ބޭނުންކުރީ ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް އުޅަނދު ވަންނަ ގޮތަށް ބަދަލު ގެނެސްގެން
14 އޭޕްރީލު 2026

އެއްވެސް ނުރައްކަލެއް ނެތި އާޓެމިސް 2ގެ ފަޅުވެރިން މިދިއަ ހޮނިހިރުދުވަހު ދުނިޔެއަށް އައި ނަމަވެސް އެ އެސްޓްރޮނޯޓުން ހަނދަށް ދަތުރުކުރި އޮރަޔަން އުޅަނދުގެ ހީޓްޝީލްޑާ މެދު އޮތީ ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދިފަ އެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ހަނދުގެ ސަރަހައްދަށް އިންސާނުން ކުރި ދަތުރު، އިންސާނުންގެ އާ އީޖުތަކާއި ހޯދުންތަކަށް ބަލާއިރު ފުރިހަމަ އެވެ. ނަމަވެސް ޖައްވަށް ކުރާ ދަތުރުތަކުގެ ނުރައްކާ ކުޑައެއް ނޫނެވެ. ހާއްސަކޮށް ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަންނަ އިރު ދިމާވާ ގަދަ ހޫނެވެ.

އާޓެމިސް 2ގެ ހަތަރު އެސްޓްރޮނޯޓުން:

  • ރީޑް ވައިޒްމަން، މިޝަން ކޮމާންޑަރު

  • ވިކްޓާ ގްލޯވާ

  • ކްރިސްޓީނާ ކޯޗް

  • ޖެރެމީ ހެންސަން (ކެނެޑާ ސްޕޭސް ސެންޓަރު)

އާޓެމިސް 2ގެ ފަޅުވެރިން ވަނީ އޭގެ ކުރިން އިންސާނުންނަށް ކުރެވިފައި ނުވާ ބައެއް ކަންކަން، ނުވަ ދުވަހަށް ދެމިގެން ދިޔަ ދަތުރުގައި، ހާސިލްކޮށްފަ އެވެ. މިސާލަކަށް:

  • ހަނދުުގެ އަނދިރި ފަރާތަށް އިންސާނުން ދަތުރުކުރި ފުރަތަމަ ފަހަރު

  • 406،771 ކިލޯމީޓަރު (252،756 މޭލު): ދުނިޔެއާ އެންމެ ދުރަށް ދިޔަ ރާސްތާ. އޭގެ ކުރިން އެހާ ދުރަށް އިންސާނުން ދަތުރުކޮށްފައެއް ނުވޭ

  • 40 މިނިޓް: ހަނދުގެ އަނދިރި ފަރާތުން ހުރަސްކުރި ދަތުރުގައި ދުނިޔެ އާއި އޮރެޔަންގެ މުވާސަލާތީ ގުޅުން ކެނޑުން

ދުނިޔެއާ ދުރަށް ގޮސް އެނބުރި ދުނިޔެއަށް އަންނަ އިރު އުޅަނދު ވެއްޓޭ ހަލުވިމިން ވެސް މައްޗަށް ދެ އެވެ. ސްޕީޑް ބާރުވުމަކީ އުޅަނދުގެ ވަށައިގެން އިތުރު ހޫނު އުފެއްދުމެވެ. އާދައިގެ ހޫނެއް ނޫނެވެ. އޮރަޔަން، ނުވަތަ އޭގެ ހަތަރު އެސްޓްރޮނޯޓުން އެއަށް ދިން ނަމުން ނަމަ 'އިންޓަގްރިޓީ'، އެޓްފޮސްފިއާގެ ތެރޭގައި ގާތްގަނޑަކަށް ހަ މިނިޓް ދަތުރުކުރީ 2،777 ޑިގްރީ ސެލްސިއަސްގެ ގަދަ ހޫނުގަ އެވެ. މިއީ އިރުގެ ސަތަހައިގެ ހޫނުމިނުގެ ދެބައި ކުޅަ އެއްބަ އެވެ.

ހީޓް ޝީލްޑް ހަދާފައި ހުރީ ކިހިނެއް؟

އޮރަޔަންގެ ހީޓް ޝީލްޑް ހެދީ މިހާތަނަށް އިންސާނުން ހަނދަށް ފޮނުވި އެޕޯލޯ މަޝްރޫއުގައި ވެސް ބޭނުންކުރި އާލާތުންނެވެ. ނަމަކީ އެވްކޯޓް އެވެ. ހީޓް ޝީލްޑްގައި އޭގެ 180 ބްލޮކް ހަރުކޮށްފައި ހުރެ އެވެ. މިއީ ގަދަ ހޫނުގައި ވިރިގެން ދާ ގޮތަށް ހަދާފައި ހުންނަ އެއްޗެކެވެ. އެގޮތަށް އެ އަނދުމުން އުޅަނދުގެ އަސްލު މައިގަނޑު އޮނިގަނޑާ ހަމައަށް ހޫނުކަން ނުގޮސް މައިތިރިކުރެވެ އެވެ.

އެޓްމޮފިސްއާގެ ތެރެއިން ކުރިމަތިވި ގަދަ ހޫނުގައި އާޓެމިސް 1ގެ އޮރަޔަންގެ ހީޓްޝީލްޑް އޮތް ގޮތް: ބައެއް ތަންތަން ހުރީ ވެއްޓިފައި (ފޮޓޯ/ނާސާ)

ނަމަވެސް އާޓެމިސް 1ގައި އޮރަޔަން އެނބުރި ދުނިޔެއަށް ވެއްޓުނު އިރު ހީޓް ޝީލްޑްގެ ބައެއް ބައިތައް ހުރީ ވިރިގެން ދިއުމުގެ ބަދަލުގައި ތަންތަންކޮޅުން ވެއްޓިފަ އެވެ. އެގޮތުން ސަތޭކައެއްހާ ދިމާލުން އެ މައްސަލަ ފާހަގަކުރެވުނެވެ.

ނާސާއިން އޭގެ ތަހުގީގެއް ހިންގި އެވެ. އެ ތަހުގީގުގައި ނިންމުނީ ކޮންމެވެސް ގޮތަކުން ހީޓް ޝީލްޑްގެ އެކި ހިސާބުތަކުގައި ގޭސްތަކެއް އުފެދުނީ ކަމެވެ. އޭގެ ސަބަބުން އެ ބައިތައް ހޫނުގައި މަޑުމަޑުން ވިރިގެން ދިއުމުގެ ބަދަލުގައި ތަންތަންކޮޅުން ނެއްޓުނީ އެވެ.

ކުރިއަށް އޮތް ތަނުގައި އެވްކޯޓްގެ ފޯމިއުލާ ބަދަލުކުރަން ނިންމި އެވެ. އެއީ ގަދަ ހޫނުގައި އެފެދޭ ގޭސްތައް ހައްޔަރުނުވެ، ފަސޭހައިން ބޭރުވާނެ ގޮތަކަށެވެ.

އާޓެމިސް 1ގެ ދަތުރަށް ފަހު 2022ގައި އޮރަޔަން ދުނިޔެއަށް އައުމުން ކަނޑުން އެ ނަގައިގެން ގެންގޮސް ނާސާގެ މަރުކަޒެއްގައި ބާއްވައިގެން ތަހުލީލުތައް ކުރަނީ (ފޮޓޯ/ނާސާ)

ނަމަވެސް އާޓެމިސް 2ގެ ހީޓް ޝީލްޑްގައި އާ ފޯމިއުލާގައި ތައްޔާރުކުރާ އެވްކޯޓް ބޭނުންކުރާނެ ފުރުސަތެއް ނެތެވެ. އެ ނިންމުން އައިއިރު އާޓެމިސް 2ގެ އޮރަޔަންގައި ހީޓް ޝީލްޑް ވަނީ ހަރުކޮށްފަ އެވެ. އާ ހީޓް ޝީލްޑެއް ހަރުކުރުން ނުވަތަ އޮރަޔަންގެ ޑިޒައިން ބަދަލުކުރަން އުޅެފި ނަމަ އާޓެމިސް ޕްރޮގްރާމް އަނެއްކާވެސް އެތައް އަހަރަކަށް ފަހަތަށް ޖެހޭނެ އެވެ.

ނާސާއިން ވަނީ ހީޓް ޝީލްޑުން އެވްކޯޓްގެ ބްލޮކެއް ނައްޓައިގެން ހިނގައްޖެ ނަމަ ދެން ވެދާނެ ގޮތް ވެސް ދެނެގަނެފަ އެވެ. އެނގުނީ އެގޮތަށް އޭގެ ބައެއް ނެއްޓުނަސް، ހީޓް ޝީލްޑްގައި ހިމެނޭ ކާބަން ފައިބާ އާއި ޓައިޓޭނިއަމް ފަށަލަ ފޫދުއްވާލާފައި ފަޅުވެރިންނާ ހިސާބަށް ހޫނުކަން ނުދާނެ ކަމެވެ. އެވްކޯޓްގެ ބްލޮކްތައް ހަރުކުރަނީ ކާބަން ފައިބާ އާއި ޓައިޓޭނިއަމް ފަށަލައިގެ މަތީގަ އެވެ.

ދުނިޔެއަށް ވަންނަ ގޮތް ބަދަލުކުރި

ހީޓް ޝީލްޑް ބަދަލުކުރެވެން ނެތުމުން ނާސާއިން ނިންމީ އާޓެމިސް 1ގައި ބޭނުންކުރި ގޮތް ނޫން އެހެން ގޮތަކަށް އެޓްމޮސްފިއާގެ ތެރެއަށް އޮރަޔަން ވައްދާށެވެ.

އާޓެމިސް 1ގައި ބޭނުންކުރީ އޮރަޔަން ފުރަތަމަ އެޓްމޮސްފިއާގައި ޖެހިފައި ސީދާ ތިރިއަށް ނުވެއްޓި ދުރަށް ފުންމައިގެން ދާ ގޮތަށެވެ. މިސާލަކަށް މޫދަށް ގާކޮޅެއް ހޫރާލުމުން ފެނުގައި ޖެހިފައި މައްޗަށް އަރާފައި އަނެއްކާ ޖެހޭ ފަދައިންނެވެ. އެހެން ހެދުމުން އޮޓްމޮސްފިއާގެ ތެރޭގައި، އެ ގަދަ ހޫނުގައި، އުޅަނދު ހޭދަކުރާ ވަގުތު ގިނަވެ އެވެ.

އާޓެމިސް 2ގެ އޮރަޔަން ޕެސިފިކް ކަނޑަށް ވެއްޓެނީ: ހަތަރު އެސްޓްރޮނޯޓުންނަށް ނުރައްކަލެއް ކުރިމައްޗެއް ނުވޭ

އެ ވަގުތު ކުޑަކުރަން އާޓެމިސް 2ގައި އެޓްމޮސްފިއާގެ ތެރެއަށް އޮރަޔަން ސީދާ ވަންނަނީ އެވެ. އެއީ އެޕޯލޯ މަޝްރޫއުގައި ވެސް ފަޅުވެރިންގެ އުޅަނދު ދުނިޔެއަށް އައި ގޮތެވެ. އޭރުން ގަދަ ހޫނުގައި ހޭދަކުރާ ވަގުތު މަދުވެ، ހީޓް ޝީލްޑަށް ވެސް ބާރު ކުޑަވެ އެވެ.

އާޓެމިސް 2ގެ ފަޅުވެރިން ވަނީ ސަލާމަތުން އެނބުރި ދުނިޔެއަށް އައިސްފަ އެވެ. އެކަމަކު ހީޓް ޝީލްޑަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އަދި ސާފެއް ނުވެ އެވެ. ނާސާއިން އެކަން ހާމަކުރާނީ ހުރިހާ ކަމެއް ބެލުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް