ކޭ2-18 ބީ ގުރަހައަކީ ދުނިޔެއަށް ވުރެ ނުވަ ގުނަ ބަރުދަން މަތި، އަދި ދުނިޔެއަށް ވުރެ 2.6 ގުނަ ބޮޑު ގުރަހައެއް

ސައިންސް

ކާއިނާތުގައި ދިރުން ވަނީ ހަމައެކަނި ދުނިޔޭގައިތޯ އުފެދޭ ސުވާލަށް ޖަވާބު ލިބެން ކައިރިވެއްޖެ

ކޭ2-18 ބީ ގްރަހައިން ފެނިފައިވާ ކެމިކަލްތަކަކީ ބިމުގައި ހަމައެކަނި ދިރުންތަކުން އުފައްދާ ކެމިކަލްތަކެއް ކަމަށްވާތީ، ކާއިނާތުގައި ދިރުން ހުރީ އެކަނިތޯ ދުނިޔޭގައިތޯ އުފެދޭ ސުވާލަށް ޖަވާބު ހޯދުމުގައި ކައިރި ހިސާބަކަށް އާދެވިފައިވާކަމަށް ސައިންޓިސްޓުން ބުނޭ
18 އޭޕްރީލު 2025

ތަރިތަކުގެ މެދުގައި ދަތުރުކުރާ ކުޑަ ގްރަހަކުން އުފެދޭ މޮލެކިއުލްތަކެއްގެ ނިޝާނުން މުޅި އިންސާނީ ތާރީހު ބަދަލުވެދާނެ ހަބަރެއް ޓެލެސްކޯޕެއްގެ ބިއްލޫރި ލޮލުން ފެނިއްޖެ އެވެ. ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ފަރުމާކުރި ލޮލުން ދުނިޔެއިން 124 އަލިއަހަރު ދުރުގައިވާ ކޭ2-18 ބީ ގްރަހުގެ ޖައްވުގައި ދިރުން އުފައްދާ ބާވަތެއްގެ ކެމިކަލްތަކެއް ފެނިފައިވެ އެވެ. މިއީ އިންސާނީ ތާރީހުގެ އެންމެ މުހިންމު ހޯދުންތަކުގެ ތެރެއިން ހޯދުމެއްތޯ އެނގުމުގެ އިންތިޒާރުގައި ސައިންޓިސްޓުން ތިބީ ހިމޭންވެފަ އެވެ. ވަރުގަދަ ތަފާސްހިސާބުގެ ހެކިތަކެއް ދައްކާގޮތުގައި މި ކެމިކަލްތަކަކީ ދުނިޔޭގައި، ހަމައެކަނި ދިރުންތަކުން އުފައްދާ ކެމިކަލްތަކެކެވެ. ސައިންޓިސްޓުން ކިޔާގޮތުގައި "މިއީ އިރުގެ ނިޒާމުން ބޭރުގައި ދިރުން އޮތްކަމުގެ އެންމެ ވަރުގަދަ ހެއްކެ"ވެ.

އަޅުގަނޑުމެންގެ އިރުގެ ނިޒާމުން ބޭރުގައި އެހެން ދިރުންތަކެއް ވެދާނެކަމުގެ ވަރުގަދަ ހެއްކެއް ކޭ2-18 ބީ ގްރަހައިން ފެނިފައިވާކަމަށް ފަލަކީ އިލްމުވެރިން މިވަނީ ބުނެފަ އެވެ. މި ގްރަހައިން ފެނިފައިވާ ދެބާވަތެއްގެ ކެމިކަލް، މިހާތަނަށް އެނގިފައިވާ ގޮތުގައި، އުފައްދަނީ ދުނިޔޭގައި އުޅޭ ދިރުންތަކުންނެވެ.

  • ޖޭމްސް ވެބް ޓެލެސްކޯޕް މެދުވެރިކޮށް ދުނިޔެއާ 124 އަލިއަހަރު ދުރުގައިވާ ކޭ2-18 ބީ ގްރަހަ ދިރާސާކުރުމުން، ދުނިޔޭގައި ހަމައެކަނި ދިރުންތަކުން އުފައްދާ ދެ ބާވަތެއްގެ ކެމިކަލްގެ ހެކި ފެނިފައިވެއެވެ. މިއީ ކާއިނާތުގެ އެހެން ތަނެއްގައި ދިރުން އޮތްކަމަށް މިހާތަނަށް ފެނިފައިވާ އެންމެ ވަރުގަދަ ހެއްކެވެ.

މިއީ އިންސާނީ ތާރީޚުގެ ބޮޑު ބަދަލެއް ކަމަށް ވެދާނެ

ޑައިމެތިލް ސަލްފައިޑް (ޑީއެމްއެސް) އަދި ޑައިމެތިލް ޑައިސަލްފައިޑް (ޑީއެމްޑީއެސް) މި ދެ ބާވަތުގެ ކެމިކަލަކީ ދުނިޔޭގެ ބިމުގައި، މައިގަނޑު ގޮތެއްގައި ކަނޑުގެ ފައިޓޯޕްލޭންކްޓަން އުފައްދާ ކެމިކަލްތަކެކެވެ. ޖޭމްސް ވެބް ޓެލެސްކޯޕަށް މި ކެމިކަލްތައް ފެނުމަކީ ކާއިނާތުގެ އެހެން ހިސާބުތަކުގައި ވެސް ދިރުން އުފެދިފައި އޮވެދާނެކަމުގެ ނިޝާނެއް ކަމަށް ވިޔަސް، މިއީ އެ ގުރަހާގައި ދިރުން އޮތްކަމުގެ ޔަގީން ހެއްކެއް ނޫނެވެ.

މިއީ އަޅުގަނޑުމެންގެ އިރުގެ ނިޒާމުން ބޭރުގައި ދިރުން އޮތްކަމުގެ މިހާތަނަށް ފެނިފައިވާ އެންމެ ވަރުގަދަ ހެކި. އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާ އެކު މިކަމާ ދޭތެރޭ ދެކެނީ. އަޅުގަނޑުމެން އަމިއްލަ ނަފްސަށް ސުވާލުކުރަން ޖެހޭ މި ސިގްނަލަކީ ހަގީގަތުގައި ވެސް ސިގްނަލެއްތޯ އަދި އޭގެ މާނައަކީ ކޮބައިތޯ.

ކޭމްބްރިޖް ޔުނިވާސިޓީގެ އެސްޓްރޯފިޒިސިސްޓް ޕްރޮފެސާ ނިއްކު މަދުސޫދަން

"މިއީ އަޅުގަނޑުމެންގެ އިރުގެ ނިޒާމުން ބޭރުގައި ދިރުން އޮތްކަމުގެ މިހާތަނަށް ފެނިފައިވާ އެންމެ ވަރުގަދަ ހެކި. އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާ އެކު މިކަމާ ދޭތެރޭ ދެކެނީ. އަޅުގަނޑުމެން އަމިއްލަ ނަފްސަށް ސުވާލުކުރަން ޖެހޭ މި ސިގްނަލަކީ ހަގީގަތުގައި ވެސް ސިގްނަލެއްތޯ އަދި އޭގެ މާނައަކީ ކޮބައިތޯ،" މި ދިރާސާގެ މަސައްކަތް އިސްކޮށް ކުރެއްވި ކޭމްބްރިޖް ޔުނިވާސިޓީގެ އެސްޓްރޯފިޒިސިސްޓް ޕްރޮފެސާ ނިއްކު މަދުސޫދަން ވިދާޅުވި އެވެ.

 ކޭމްބްރިޖް ޔުނިވާސިޓީގެ އެސްޓްރޯފިޒިސިސްޓް ޕްރޮފެސާ ނިއްކު މަދުސޫދަންގެ އިންޓަވިއު

ޚިޔާލު ތަފާތުވުން އެބަހުރި

"މިހާރުން ފެށިގެން 10 ވަރަކަށް ދުވަސް ފަހުން، މިއީ ދިރުން ހުރި ކާއިނާތެއް އިންސާނުންނާ ހަމައަށް ގާތްވި ވަގުތުކަމަށް އެނގިދާނެ. ހީވަނީ ކާއިނާތުގައި އަޅުގަނޑުމެން އެކަނި ތިބިތޯ އެނގުމުގެ ދޮރު ހުޅުވިގެންދާ ވަގުތެއް ކަމަށް ވެދާނެ،" މަދުސޫދަން ވިދާޅުވި އެވެ.

ނަމަވެސް އެހެން ބައެއް ސައިންޓިސްޓުން މި ހޯދުންތަކާ މެދު ޝައްކުކުރެ އެވެ. ކޭ2-18 ބީ ގްރަހުގައި ޖުމްލަކޮށް ދިރުން ހުރުން އެކަށީގެންވާ ހާލަތްތަކެއް ހުރިތޯ އަދި ބިމުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ފައިޓޯޕްލޭންކްޓަން އުފައްދާ ޑީއެމްއެސް އަދި ޑީއެމްޑީއެސްއަކީ ދިރުން ހުރިކަމުގެ ނިޝާންކަމަށް ބެލެވިދާނެތޯއާ މެދު އަދިވެސް ސުވާލު އުފެދެ އެވެ.

  • ބަރްން ޔުނިވާސިޓީގެ ފިޒިކްސް އިންސްޓިޓިއުޓްގެ ޑރ. ނޯރާ ހާނީ ވިދާޅުވެފައިވަނީ "ދިރުން އެއީ އެއް އޮޕްޝަނެއް، އެހެންނަމަވެސް އެއީ ގިނަ އޮޕްޝަންތަކުގެ ތެރެއިން އެންމެ އޮޕްޝަނެއް... އަޅުގަނޑުމެން ދިރުން އޮތްކަމަށް ބުނުމުގެ ކުރިން އެހެން ހުރިހާ ގޮތްތަކެއް ދޫކޮށްލަން ޖެހޭނެ."

މި ގުރަހައަށް މިފަދަ ކެމިކަލެއް އަތުވެދާނެ އެހެން ގޮތްތަކެއް ވެސް ވިސްނޭކަމަށް ސައިންޓިސްޓުން ފާހަގަކުރެ އެވެ. މިގޮތުން ކޮމެޓްތަކުން އެ ކެމިކަލް އެ ގްރަހައަށް އާދެވިދާނެ އެވެ. ނަމަވެސް މިއީ ވަރަށް އެކަށީގެންނުވާ ކަމެކެވެ. އަދި ހޫނު ފެނުން، އަލިފާން ފަރުބަދަތަކުން ނުވަތަ ގުގުރުމާއި ވިދުވަރުން ވެސް މިފަދަ ކެމިކަލް އުފެދިދާނެކަމަށް ވިސްނޭކަމަށް ސައިންޓިސްޓުން ބުނެ އެވެ.

މި ގްރަހައިގެ މައުލޫމާތު

ކޭ2-18 ބީ ގްރަހަކީ ލިއޯ ތަރިމަތީގައި ހިމެނޭ، ދުނިޔޭގެ މާސް އަށްވުރެ ނުވަ ގުނަ ބޮޑު، އަދި ދުނިޔެއަށް ވުރެ ސައިޒްގެ ގޮތުން 2.6 ގުނަ ބޮޑު ގްރަހައެކެވެ. މި ގްރަހަ ދަތުރުކުރަނީ އިރަށް ވުރެ ދެބައިކުޅަ އެއްބައި ކުޑަ ކޫލް ރެޑް ޑްވާފް ތަރިއެއްގެ ދިރުން ހުރި ހެބިޓަބަލް ޒޯންއެއްގަ އެވެ. ހަބަލް ސްޕޭސް ޓެލެސްކޯޕުން 2019ގައި މި ގްރަހައިގެ ޖައްވުގައި ފެނުގެ އަސަރު ފެނިފައިވާކަމަށް ބުނުމާ އެކު، ސައިންޓިސްޓުން މިއީ އިރުގެ ނިޒާމުން ބޭރުގައި ދިރުން އުފެދުން އެންމެ އެކަށީގެންވާ ތަން ކަމަށް ބުނެފައިވެ އެވެ.

މި ގުރަހައަކީ ބޮޑެތި ކަނޑުތަކެއް އޮންނަ، ދިރުން އުޅެވޭ ގްރަހެއްކަމަށް ކޭމްބްރިޖް ދިރާސާ ޓީމުން ދުށް ނަމަވެސް، މިކަމާ މެދު އެންމެން އެއްބަހެއްނުވެ އެވެ. އަނެއްބައި މީހުން ބުނާގޮތުގައި މިއީ ގޭސް ގުރަހައެއް ނުވަތަ ފެނުގެ ބަދަލުގައި މެގްމާ ކަނޑުތަކެއް އޮންނަ ގުރަހައެކެވެ.

ޓެކްސަސް ޔުނިވާސިޓީގެ އެސްޓްރޯފިޒިސިސްޓް ޑރ. ކެރޮލީން މޯލީ ވިދާޅުވި ގޮތުގައި ގްރަހެއްގެ ޖައްވު ބެލުމުން ދިރުން ހުރިކަމުގެ ސީދާ ހެއްކެއް ނުލިބިދާނެ އެވެ.

  • "މި ދާއިރާގައި އަންޑާ-އެޕްރީޝިއޭޓެޑް މައްސަލައެއް އެބަ އޮތް... ޓެކްނޯސިގްނެޗާތައް، މިސާލަކަށް ތަހުޒީބީ ބައެއްގެ ކިބައިން ލިބޭ މެސެޖެއް އިންޓާސެޕްޓްވުމުން ދިރުންހުރިކަމުގެ މާ ރަނގަޅު ހެއްކަކަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

މި ގުރަހައަކީ ދުނިޔެއާ 120 އަލިއަހަރު ދުރުގައި އޮންނަ ގްރަހަކަށް ވުމާ އެކު، ކައިރިން ދިރާސާކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް ޕްރޮފެސަރު މަދުސޫދަން ވިދާޅުވާގޮތުގައި މިއީ މައްސަލައެއް ނޫނެވެ.

"ފަލަކީ އިލްމުގައި، ސުވާލަކީ އެތަނަށް ދިއުމެއް ނޫން. އަޅުގަނޑުމެން މަސައްކަތްކުރަނީ ހަޔާތީ ގާނޫނުތަކަކީ ކާއިނާތުގައި އާންމު އެއްޗެއްތޯ ބެލުމަށް. އަޅުގަނޑު މިކަން ދެކެނީ މަސް ހިފަން މޫދަށް އެރުމުގެ ގޮތުގައެއް ނޫން،" މަދުސޫދަން ވިދާޅުވި އެވެ.

  • އޯޕަން ޔުނިވާސިޓީގެ ޕްލެނެޓަރީ ސައިންޓިސްޓް ޑރ. ޖޯ ބާސްޓޯއިން ވެސް ވިދާޅުވީ މިއީ މުހިންމު ހޯދުންތަކެއް ކަމަށެވެ. 

  • "ދިރުން ހުރިކަމުގެ ހެއްކާ ގުޅޭ އެއްވެސް ކްލެއިމަކަށް އަޅުގަނޑުގެ ޝައްކު ލެވެލް އަބަދުވެސް 11ގައި ހުންނަނީ. މިއީ އެހެން ދިރުންތައް ކާއިނާތުގައި ނެތްކަމަށް އަޅުގަނޑު ދެކޭތީއެއް ނޫން، ނަމަވެސް މިފަދަ މުހިންމު އަދި ބޮޑު ހޯދުމަކަށް ހެކީގެ ބުރަދަން ވަރަށް މަތިވާން ޖެހޭނެކަމަށް ދެކޭތީ. އަޅުގަނޑު ނުދެކެން މި ފަހުގެ މަސައްކަތް އެހާ މަތީ ފެންވަރަށް ފޯރާކަމަކަށް،" ބާސްޓޯއިން ވިދާޅުވި އެވެ.

ޕްރޮފެސަރު މަދުސޫދަން ވިދާޅުވާގޮތުގައި މިއީ ދުނިޔެ ފިޔަވައި ކާއިނާތުގެ އެހެން ދިމަދިލާލުގައި ވެސް ދިރުން ހުރިކަން އެނގެން ގާތްވަމުން އައުމެވެ.

"މިއީ ޓާނިން ޕޮއިންޓެއް ކަމަށް ވެދާނެ. ކާއިނާތުގައި ދިރުން އޮތީ ހަމައެކަނި ދުުނިޔޭގައިތޯ އުފެދޭ އަސާސީ ސުވާލަށް ޖަވާބުދިނުމުގެ ގާބިލުކަން އަޅުގަނޑުމެންނަށް ލިބުނީމާ،" އޭނާ ވިދާޅުވި އެވެ.

ދިރާސާގެ ގޮތްތައް

ދިރާސާއިން އެނގުނު ގޮތުގައި މި ގުރަހައިގެ ދިރުންތަކުން އުފައްދާ ކެމިކަލްތައް ހުރީ ބިމުގައި ހުންނަ ވަރަށްވުރެ އެތައް ހާސް ގުނަ މަތީގަ އެވެ. މި ނަތީޖާތައް ޝާއިއުކޮށްފައިވަނީ "ދި އެސްޓްރޯފިޒިކަލް ޖާނަލް ލެޓާސް"ގަ އެވެ. މި ހޯދުންތަކުގައި "ތްރީ-ސިގްމާ" ލެވެލްއެއްގެ ސްޓެޓިސްޓިކަލް ސިގްނިފިކަންސް ހުރި ކަމަށް ދައްކަ އެވެ. އެނޫން ގޮތަކަށް ބުނާ ނަމަ މި ނަތީޖާ އަންނަން ޗާންސް 0.3% އެވެ. ނަމަވެސް މިއީ ފިޒިކްސްގެ ދާއިރާގައި ހޯދުންތަކާ މެދު ދެކޭއިރު ގޯލްޑް ސްޓޭންޑަޑަށް ވުރެ ދަށް މިންވަރެކެވެ. 

"މި މޮލެކިއުލްތައް އުފެއްދުމަށް އަޅުގަނޑުމެންނަށް ނޭނގޭ ޕްރޮސެސްތަކެއް ހުރެދާނެ. ނަމަވެސް އަޅުގަނޑު ނުދެކެން ބަޔޮލޮޖީ ނުހިމަނައި މިކަން ދޭހަކޮށްދެވޭނެ ޕްރޮސެސްއެއް އޮތް ކަމަކަށް،" ޕްރޮފެސަރު މަދުސޫދަން ވިދާޅުވި އެވެ.

ކާއިނާތުގައި ހުރި ދިރުންތައް ހޯދުމުގެ ގޮންޖެހުންތައް

އިންސާނުންނަށް އަދި ސީދާ ގޮތެއްގައި މި ގުރަހައުގެ ކަންކަން ބެލޭނެ އެއްވެސް ގޮތެއް ނެތެވެ. ސަތޭކަ ވިހި އަލިއަހަރަކީ ވަރަށް ދުރެވެ. މި ގުރަހައިގެ ފޮޓޯއެއް ވެސް ނުނެގޭނެ އެވެ. ރޮބޮޓިކް ސްޕޭސްކްރާފްޓެއް ވެސް ނުފޮނުވޭނެ އެވެ. ނަމަވެސް ސައިންޓިސްޓުންނަށް މި ގުރަހައިގެ ބޮޑުމިނާއި ޑެންސިޓީ އަދި ފިނިހޫނުމިން ލަފާކުރެވޭނެ އެވެ. އަދި އޭގެ ކެމިކަލް މޭކަޕް ވެސް ވަޒަންކުރެވޭނެ އެވެ.

މި ގުރަހަ ހޯދުނީ އެ ނިސްބަތްވާ ތަރީގެ ކުރިމަތިން ދަތުރުކުރާއިރު އެވެ.  އެންމެ ފަހުގެ އޮބްޒަވޭޝަންތަކުގައި، ޑީއެމްއެސް އަދި ޑީއެމްޑީއެސްއިން އެބްޒޯބްކޮށްފައިވާ ވޭވްލެންތުތައް ކުއްލިއަކަށް ދަށްވި ތަން ފެނިފައިވެ އެވެ. 

މި ހޯދުންތަކުން ދިރުން އޮތްކަމުގެ ޔަގީންކަން ލިބުނުކަމަށް ބުނެވެން ނެތް ނަމަވެސް، ކާއިނާތުގައި އެހެން ދިރުންތަކެއް އޮތްތޯ ބެލުމުގެ ދިރާސާގައި މިއީ ގާތަށް އެޅުނު ފިޔަވަޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް