ހަސަން ޒިޔަތު، ފަސްޓް ނެޝަނަލްގެ އޮފީހުގައި: އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާގެ އަމިއްލަ ކުންފުނިތަކުގެ ހިއްސާ ވިއްކުމަކީ އާންމުންނަށް ލިބޭނެ ފައިދާއެއް ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ޓޫރިޒަމްގެ ދިވެހި ބޮޑެތި ކުންފުނިތަކުގެ ހިއްސާ އާންމު ދިވެހިންނަށް ވިއްކަފާނެތަ؟
މުހިންމު ނުކުތާތައް
ހިއްސާ ވިއްކައިގެން ކުންފުނިތަކުގެ ހިންގުން ވެސް ރަނގަޅު ކުރެވޭނެ
ރިސޯޓްތައް ހިންގާ ބޮޑެތި ކުންފުނިތަކުގެ ހިއްސާ ގަންނަން އާންމުން ތިބޭނީ ތައްޔާރަށް
އަލަށް ދޭ ރިސޯޓްތަކުގެ ހިއްސާ ވިއްކަން މަޖުބޫރުކުރެވިދާނެ
މި ފަހުން ދިވެހި ނޫސްވެރިންގެ ވަފުދަކުން އިންޑިއާއަށް ކުރި ދަތުރެއްގައި ބޮމްބޭ ސްޓޮކް އެކްސްޗޭންޖްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޝްރީ ނާޔަން މެހުތާ ވިދާޅުވި އެއް ވާހަކައިން އުފެދޭ ސުވާލެއް އެބަ އޮތެވެ: ރާއްޖޭގެ ޓޫރިޒަމްގެ މުއްސަނދި ދިވެހި ކުންފުނިތަކުގެ ހިއްސާ އާންމު ދިވެހިންނަށް ވިއްކަފާނެ ހެއްޔެވެ؟
މި ސުވާލު އުފެދެނީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ފައިދާ އެންމެ ބޮޑަށް ހޯދާ ރިސޯޓްތަކުގެ މައި ކުންފުނިތަކުގެ ހިއްސާގައި ބައިވެރިވުމުގެ ފުރުސަތު އާންމު ދިވެހިންނަށް ދީފާނެތޯ ކުރިންސުރެ ކުރަމުން އަންނަ ބަހުސްތަކާ ގުޅިގެންނެވެ. އެ ބަހުސް އިގުތިސާދީ ތަޖުރިބާކާރުންނާއި އާންމުންގެ ތެރޭގައި ވެސް އޮވެ އެވެ.
ދިވެހި ޓޫރިޒަމް ފުޅާވެ، އެއް ރިސޯޓްގެ ވެރިޔާ/ކުންފުނި، ދެ ރިސޯޓުން، ތިން ރިސޯޓުން މިލްކުކުރަމުން ގޮސް، މިހާރު ދުނިޔޭގެ ފެންވަރުގެ ބޮޑެތި ވިޔަފާރިތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ޓޫރިޒަމްގެ ފިރުކުމުގެ ތެރެއިން ނުކުމެ، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމްއަކަށް ރާއްޖެ ބަދަލުވެއްޖެ އެވެ. އެ މުއްސަނދިކަމުގެ ފައިދާ ސީދާކޮށާއި ނުސީދާކޮށް ދިވެހިންނަށް މިހާރު ވެސް ލިބެ އެވެ. އެކަމަކު ޓޫރިޒަމްގެ މައި ކުންފުނިތަކުގެ ހިއްސާ އާންމުންނަށް ވިއްކުމަކީ އެ ފައިދާގައި ބައިވެރިވުމުގެ ފުރުސަތު އެއަށް ވުރެ ވެސް ފުޅާކުރުމެވެ.
ނާޔަންގެ ހިޔާލަކީ، ރިސޯޓްތައް ތަރައްގީކުރާ އިރު އެ ރިސޯޓެއްގެ، މިސާލަކަށް %5-10 ހިއްސާ އާންމުންނަށް ވިއްކަން މަޖުބޫރުކުރުމެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި އެއީ ނުވާވަރުގެ ކަމެއް ވެސް ނޫނެވެ. އެކަމަކު މިހާރު ހަދާފައި ހުރި ރިސޯޓްތައް އެ 'މަޖުބޫރުކަމުގައި' ނުހިމެނޭނެ އެވެ. ކުރިއަށް އޮތް ތަނުގައި ދޫކުރާ ބައެއް ރިސޯޓްތަކުން، އެ ރިސޯޓް ހަދަން ބޭނުންވާ އިންވެސްޓްމަންޓްގެ މިންވަރަށް ބަލައި، އާންމުންނަށް ހިއްސާ ވިއްކަން މަޖުބޫރުކުރެވޭނެ ގޮތެއް ހޯދިދާނެ ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
ހިއްސާގެ ބާޒާރަށް ވަނުން މުހިންމު
ފަސްޓް ނެޝަނަލްއަކީ ރާއްޖޭގައި ވަރަށް ފަހުން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދާނެ މަގުތައް ދައްކައިދިނުމާއި ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުކުރާނެ ގޮތްތައް ތަނަވަސްކޮށްދިނުމެވެ.
ފަސްޓް ނެޝަނަލްގެ ސީއީއޯ އަދި ކުރީގެ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު، މިދިއަ ހަފުތާގައި 'ދައުރު'ގެ ޕޮޑްކާސްޓެއް ކަމަށްވާ 'ސީދާ'ގައި ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވި އެވެ. އޭނާއަށް ދެންނެވި އެއް ސުވާލަކީ، ނާޔަން ވިދާޅުވި ގޮތަށް، ރިސޯޓްތަކުގެ ހިއްސާ ވިއްކަން މަޖުބޫރުކުރެވިދާނެތޯ އެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ މިހާރު [ރިސޯޓްތައް ތަރައްގީކޮށްފައި ހުރި] ޕްރައިވެޓް ކުންފުނިތަކަށް ސަރުކާރަށް މަޖުބޫރުކުރުވުމަކީ ޕްރެކްޓިކަލް ކަމަކަށް ވެދާނެހެން،" ހަސަން ވިދާޅުވި އެވެ. އެކަމަކު ނާޔަންގެ ބައެއް ވާހަކަތަކަށް އެއްބަސްވެވަޑައިގަންނަވަމުން އޭނާ ވެސް ވިދާޅުވީ އަލަށް ރިސޯޓް ތަރައްގީކުރަން ރަށްރަށް ދޫކުރާ އިރު އެކަހަލަ ޝަރުތެއް ކުރެވިދާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ރަށްތައް ދޫކުރާ އިރު އެގޮތަށް ލާޒިމްކުރެވިދާނެ ވަކި އަދަދެއްގެ ޕަސެންޓެއް ދޭން އާންމު ރައްޔިތުންނަށް، އެ ކުންފުނިތަކުން ވިއްކަން ޖެހޭނެއޭ،" ހަސަން ވިދާޅުވި އެވެ.
އަމިއްލަ ކުންފުނިތަކުގެ ހިއްސާ ވިއްކަން މަޖުބޫރުކުރުވުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި އެއީ ހުޅުވިފައިވާ އިގުތިސާދެއްގައި ރަނގަޅު ގޮތެއް ވެސް ނޫން ކަމަށް، ތަޖުރިބާކާރުން ދެކެ އެވެ. ނަމަވެސް ރާއްޖޭގެ މުއްސަނދިކަމުގައި އާންމު ދިވެހިންނަށް ހިއްސާކުރެވޭނެ މަގު ތަނަވަސްކުރުމަކީ ވިޔަފާރީގެ ރަނގަޅު އުސޫލެއްގެ އިތުރުން، ތަފާތު ހިޔާލުތަކާ އެކު އެ ކުންފުނިތައް ކުރިއަރަން ވެސް ލިބޭ އިތުރު ބާރެކެވެ.
ހަސަން އޭގެ މިސާލުތައް ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމުންނަށް ހިއްސާ ވިއްކުމަކީ ކުންފުނި ހިންގާ ގޮތަށް ވަރަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް ގެންނަން ވެސް ލިބޭ ފުރުސަތެކެވެ.
މިހާރު ދިވެހި ވިޔަފާރިތައް މެޗުއާވެފައި އޮތް ހިސާބުން އަޅުގަނޑުމެންނަށް ފެންނަނީ ކުންފުނިތައް ޕަބްލިކަށް ފްލޯޓްކުރާ [ހިއްސާ ވިއްކާ] މަންޒަރު.
"ދައުލަތުގެ ޕަބްލިކް ލިސްޓެޑް ކުންފުނިތަކުގެ ހިންގުން ރަނގަޅުވެ، ހަރުދަނާވެގެން ދިޔަ ވަރަށް ބޮޑަށް، [ހިއްސާ ނުވިއްކާ ހިންގާ ދައުލަތުގެ ކުންފުނިތަކަށް ވުރެ]،" ހަސަން ވިދާޅުވި އެވެ.
"ހަމަ އެގޮތަށް ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް ވެސް ގަވާނަންސް ޕޮއިންޓް އޮފް ވިއުއަކުން ވިސްނާފައި، [ހިއްސާ ވިއްކުމުން] އެއީ ވެސް އެއް އޭރިޔާ އެ ބޭފުޅުންގެ ހިންގުން ހަރުދަނާވެގެންދާނެ."
އޭގެ ފައިދާ އެ ކުންފުނިތަކަށް ވެސް އެހާމެ ބޮޑުވުން އެކަށީގެންވެ އެވެ. މިސާލެއްގެ ގޮތުން ހަސަން ވިދާޅުވީ ބޭރުގެ މާލީ ބާޒާރުން ފައިސާ ހޯދަން އިތުރު ފަސޭހަތަކެއް ވާނެ ކަމަށެވެ.
އެކަމަކު ޓޫރިޒަމްގައި ރާއްޖޭގެ އަމިއްލަ ބޮޑެތި ކުންފުނިތަކުން ބޭނުންވާ ފައިސާ މިހާރު ވެސް އެ ގެންދަނީ ހޯދަމުންނެވެ. އެހެންކަމުން އާއިލީ ނުވަތަ ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައި ހުރި ބޮޑެތި ކުންފުނިތަކުން ކޮންމެހެން އާންމުންނަށް ހިއްސާ ވިއްކައިގެން، އިންވެސްޓްމަންޓްތަކަށް ފައިސާ ހޯދަން ޖެހޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ވެސް ހަސަންގެ އެބަ އޮތެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހި ބޮޑެތި ކުންފުނިތަކުގެ ފުރަތަމަ ޖެނެރޭޝަން މިހާރު މި އޮތީ ނިމޭ ހިސާބަށް ގޮސްފަ އެވެ. ދެ ވަނަ ޖެނެރޭޝަން ނުވަތަ، ރިސޯޓްތަކުގެ މިހާރުގެ ވެރިންގެ ދަރިންގެ އަތްމައްޗަށް ކުންފުނިތައް ބަދަލުވަމުން އެބަ ދެ އެވެ.
ހަސަން ވިދާޅުވި ގޮތުގައި ކުންފުނިތައް އެހެން ހިސާބަކަށް ގެންދެވޭތޯ އެ ކުންފުނިތަކުގެ ބާނީން ވަރަށް ބޮޑަށް ވިސްނާނެ އެވެ.
"އެ ސްޓޭޖަކީ ހަގީގަތުގައި ކެޕިޓަލް މަކެޓަށް ފްލޯޓްކުރާ ސްޓޭޖް،" ދުނިޔޭގައި ވެސް ވިޔަފާރި ބަދަލުވަމުން އަންނަ ގޮތަށް ނަޒަރު ހިންގަވަމުން ހަސަން ވިދާޅުވި އެވެ.
"ރާއްޖޭގެ ވަރަށް ގިނަ ކުންފުނިތައް މިހާރު މި އޮތީ އެ ސްޓޭޖަށް އައިސް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."
ރާއްޖޭގައި މިހާރު ވެސް އަމިއްލަ ބޮޑެތި ކުންފުނިތަކުން އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އާ އިންވެސްޓްމަންޓްތައް އެބަ ހަދަ އެވެ. އެ ކުންފުނިތަކުގެ މުއްސަނދިކަން އޮތީ ކިހާ ވަރެއްގައިކަން އާންމުންނަށް ނޭނގެ އެވެ. ހިއްސާގެ ބާޒާރުގައި ނެތް ނަމަ، އެއީ އެނގެން ޖެހޭ މައުލޫމާތުތަކެއް ވެސް ނޫނެވެ. ސަރުކާރަށް ބަރާބަރަށް ޓެކްސް ދައްކާ ހަދާ ކަމަށް ވަންޏާ، އެ ކުންފުނިތަކުގެ ސިއްރުތައް އޮންނާނީ ސިއްރެއްގެ ގޮތުގަ އެވެ.
އެކަމަކު ހަސަން ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ކޮންމެވެސް ވަރެއްގެ ހިއްސާއެއް އާންމުންނަށް ވިއްކާލުމުން ކުންފުނިތަކުގެ ހިސާބުތައް އާންމުވާނެ އެވެ. އަދި އެ ކުންފުނިތަކުގެ ބޯޑަށް، އާއިލާ ނުވަތަ ރަހުމަތްތެރި ބާނީން ނޫން އެހެން ބަޔަކަށް ފުރުސަތު ލިބި، ތަފާތު ވިސްނުންތަކަކަށް ވެސް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަވާނަންސް ރަނގަޅު މިވަނީ ތަފާތު ޕާސްޕެކްޓިވް ބަޔަކު [ވެސް ތިބީމާ]. ޕަބްލިކަށް ހިއްސާ ވިއްކާލީމާ އެ މީހުންގެ [އާންމުންގެ] މީހަކު ވެސް ބޯޑުގައި އިންނަވާނެ ނޫންތޯ،" ހަސަން ވިދާޅުވި އެވެ.
"އެހެންވީމާ އެކައުންޓެބްލް ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ނޫންތޯ. އިންޓަނޭޝަނަލް ފައިނޭންޝަލް މާކެޓަށް ދާއިރު އަޅުގަނޑުމެންގެ ކުންފުނިތަކުން އެބަ ޖެހޭ ގަވާނަންސް [ހަރުދަނާކުރަން.]"
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު އެމްޓީޑީސީ އުފެއްދީ ދިވެހި އާންމު ރައްޔިތުންނަށް ޓޫރިޒަމް ދާއިރާގައި ބައިވެރިވެވޭނެ ގޮތް ހަދާށެވެ. އެކަމަކު އެ ކުންފުނި އެއްވެސް 'އެއްޗަކަށް ނުވެ' އޮތީ ބޮޑެތި ބައެއް މަހުޖަނުން ގިނަ އަދަދަކަށް ހިއްސާ ގަނެ، އަދި އެންމެ އަހަރަކުން އޭގެ 80 ޕަސެންޓް އަނބުރާ ހޯދުމުންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ފެނުނު ވިޔަފާރީގެ ވަރަށް ހިތާމަވެރި މަންޒަރެކެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ހިނގި ކަމެއް ވެސް ނޫން ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
ހަސަން ވިދާޅުވި ގޮތުގައި ޓޫރިޒަމްގައި ރަނގަޅަށް ހިންގާ ކުންފުންޏެއްގެ ހިއްސާ ވިއްކާ ނަމަ އެއީ އާންމު ރައްޔިތުންނަށް ފައިދާއެކެވެ. އަދި އެތައް ބަޔަކު ތިބޭނީ ގަންނަން ވެސް ތައްޔާރަށް ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ.
"ދެކޮޅަށް ވިސްނާ ކަމަށް ވިޔަސް ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. މިހާރު ދިވެހި ވިޔަފާރިތައް މެޗުއާވެފައި އޮތް ހިސާބުން އަޅުގަނޑުމެންނަށް ފެންނަނީ ކުންފުނިތައް ޕަބްލިކަށް ފްލޯޓްކުރާ [ހިއްސާ ވިއްކާ] މަންޒަރު."
އެކަމަކު އެއީ އަދި އުއްމީދެކެވެ. އެ ކުންފުނިތަކުން އެ ފުރުސަތު ދީފި ނަމަ އެ ވާނީ ތާރީހީ ވަރަށް ބޮޑު ބަދަލަކަށެވެ. ޝުކުރުވެރިވާން ޖެހޭ ފަދަ ނިންމުމަކަށެވެ.
ކޮމެންޓް (2)
މުހައްމަދު
ހިތަދޫ 2