ރަސްދޫގެ އަނބު ގަހެއްގައި އަނބު އަޅާފައި: ވާލުގެ އުނދަގޫ މި ގަސްތަކަށް ބޮޑު (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
އަނބު ހޯދަން ވާލާ އެކު ކުރާ ހަނގުރާމަ: ނިމުމެއް ނެތް، ސަލާމަތެއް ނެތް
އދ. ރަސްދޫ - ނިދާފައި އޮއްވާ ސިއްސައިގެން ގޮސް ހޭލެވުނީ ފުރާޅުމައްޗަށް އަނބެއް ވެއްޓި ޖެހުނު ބާރު އަޑަށެވެ. މިއީ ރޭ މި ގޮތަށް ހޭލެވުނު ފަސް ވަނަ ފަހަރެވެ. ދެން އިވުނީ މަންމަ ނުކުމެ، އަނބު ގަހުގައި ހަރުކޮށްފައި އިން 'ޑަގަނާ' ތަޅުވައިގަތް އަޑެވެ. ބިޔަ ގަހުގެ މެދުތެރޭގައި ހަރުކޮށްފައި އިން، ޑަބިޔަލުން ހަދާފައިވާ ޑަގަނާގެ ވާގަނޑަށް ދަމާލައި ތަޅުވައިގަނެ އަޑުގަދަކޮށްލުމާ އެކު، ކީސް އަޑު ގޮއްވާލާފައި ވާތައް އުދުހިގެން ދިޔަ އެވެ.
މަންމަ ގެއަށް ވަދެ ހަމަނުޖެހި އުޅެނިކޮށް، ވާލެއްގެ ސަބަބުން އަނެއްކާވެސް ފުރާޅު މައްޗަށް އަނބެއް ވެއްޓުނެވެ.
މިއީ ކޮންމެ އަނބު މޫސުމެއްގައި ވެސް އާދަ އެވެ. ދޮންވެ ފައްކާވަމުންދާ އަނބުތަކަށް ފާރަލަމުންދާ އެ ގަހުގެ ވެރިންނާއި ވާ ކުރާ، ނިމުމެއް ނެތް ހަނގުރާމައެކެވެ.
މި ރަށުގެ އެހެން ގެއެކެވެ. ދަންވަރު ގަޑީގައި ދެމަފިރިން އޮށޯވެލައިގެން ތިބީ، އަނބު ގަސްދޮށުގައި ބަހައްޓާފައި ހުރި ދެ ފަތްޖެހި އެނދުގަ އެވެ. ފިރިހެން މީހާ ގަދަ ގުގުރީގައި ނިދާފައި އޮތް އިރު، ތާއްޔާ ޖެހެމުން ދިޔަ އަންހެން މީހާގެ އަތުގައި އޮތީ ގަހުގައި ހަރުކޮށްފައި ހުރި ޑަގަނާގެ ވާގަނޑެވެ. ކޮންމެ ދެ މިނިޓަކުން ކަހަލަ ގޮތަކަށް އޭނާ އެ ޑަގަނާ ތަޅުވައިގަންނަ އިރަށް، ކީސް އަޑު ގޮއްވަމުން ވާތައް ގަހުން އުދުހިގެން ދެ އެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުގައި މުޅި ހިސާބުގަނޑު ގުގުމާލާފައި އޮންނަނީ ޑަބިޔާ ޑަގަނާގެ އަޑާއި ވާލުގެ އަޑެވެ.
އެކަމަކު އެއީ ދެމަފިރިން ޑިއުޓީ ބަހައިގެންނާއި ނިދި މަހުރޫމްކޮށްގެން ނަމަވެސް އަނބު ހޯދަން އެ މީހުން ވާ ގުރުބާނީއެކެވެ.
އަނބު ގަސްތައް ގިނަ ރަސްދޫގެ މީހުން ބުނާ ގޮތުން، ވާލުން އެ ގަސްތައް ސަލާމަތްކުރަން ލައްކަ މަސައްކަތް ކުރެވިއްޖެ އެވެ. އެކަމަކު ހުރިހާ ކަމެއް ވެސް ދަނީ ފަނުފުލުންނެވެ. ވާ ޖައްސާތީ، ގަހުގައި ލައިޓް ހަރުކުރުމުން ހޫނުވެގެން މާ އަވަހަށް އަނބުތައް ހަރުވަނީ އެވެ. ރަށުގައި ހުންނަ ބިޔަ އަނބު ގަސްތަކުގެ ވަށައިގެން ދާ އެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެތައް ފޫޓަކަށް ހެދިފައި ހުންނަ ގަހުގެ މަތީގައި މަޅިފަތި ޖެހުމުން ދެންވާ އުނދަގޫ މާ ބޮޑެވެ. މަޅިފަތީގައި ވާ ޖެހި، މަރުވުމުން އެ ނުނެގި ކުނިވަނީ އެވެ.
މީހަކު ބުނިހާ ގޮތެއް ހަދައިގެން ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެންމެ ފަހުން އޮތް ގޮތަކީ، ވާ ފެއްސުމަށް މެނުއަލްކޮށް މަސައްކަތް ކުރުމެވެ. ހޭލައި ތިބެގެން، ގަހުގައި ހަރުކޮށްފައި ހުންނަ ޑަބިޔާގަނޑުގައި ތަޅައިގެން ވާ ފެއްސުމެވެ.
އެއީ ވެސް ވަކި ނިމުމެއް އޮތް ކަމެއް ނޫނެވެ. ޑަގަނާ ހަލުވައިގަންނައިރަށް، އޭގެ އަޑަށް ވާތައް އުދުހިގެން ދެ އެވެ. ދެން ހަމަ ގަސްމަތީ އުދުހިއުދުހިފައި އަނެއްކާވެސް ޖައްސަ އެވެ. އެކަން ގަހުގެ ވެރިންނަށް އެނގުނު ނަމަވެސް އެ މީހުން ދެކޭ ގޮތުގައި، އެކަމުން ވެސް އަނބުގެ ކޮންމެވެސް ވަރެއް ސަލާމަތް ކުރެވޭނެ އެވެ. ވާލު ފަހެތި ކެއިއްޔާ، 10 އަނބު ސަލާމަތް ކުރެވޭނެ ނޫން ހެއްޔެވެ؟
ފުވައްމުލަކުގައި ވެސް ހަމަ މި ހަނގުރާމަ
މި ފަހުން ކޮންމެ އަނބު ސީޒަނެއްގައި، ފުވައްމުލަކުގެ މުހައްމަދު ނޫރީ (ނޫރީބެ)ގެ ހިތަށް ވަރަށް ތަދުވެ އެވެ. ހެނދުނު ހޭލައިގެން، ދަނޑުމައްޗަށް ދާއިރު، މުޅި ބިންމަތި ފުރާލާފައި އޮންނަނީ ވާ ކައިފައި ބިންމައްޗަށް ވައްޓާލާފައި ހުންނަ އަނބުތަކުންނެވެ. ހުސް އެއްބުރި ކާލާފައި ހުންނަ ދޮން އަނބެވެ.
"ވަރަށް ހިތަށް ތަދުވޭ ކޮއްކޯ. ވަރަށް ހިތުގައި ޖެހޭ،" 13 އަނބު ގަސް ހުންނަ ނޫރީ، 'ދައުރު'އަށް ކިޔައިދިނެވެ.
"އެކަމަކު ކީއްކުރާނީ؟ މި ނޫން ގޮތެއް ނެތް."
މީގެ ކުރިން އޭނާގެ އަނބު ދަނޑުތަކުން ބޮޑު ނަފައެއް ހޯދަ އެވެ. ރަނގަޅު މޫސުމެއްގައި 4،000-5،000 އަނބު ބާޒާރަށް ނެރެ އެވެ. އެކަމަކު މިހާރު އެ ގަސްތަކުން ނޫރީއަށް ލިބެނީ، އޭގެ ދެބައިކުޅަ އެއްބައި ކަމަށް އޭނާ ބުންޏެވެ.
"ހަމައެކަނި ދޮން އަނބެއް ނޫން. ހަމަ ހަރުވެލާއިރަށް އެބަ ކައިފައި، ގަސްދޮށަށް ވައްޓާލާ،" ނޫރީ ޝަކުވާކުރި އެވެ.
ވާލުގެ އުނދަގުލުން ސަލާމަތްވުމަށް ނޫރީ ވެސް ވަރަށް މަސައްކަތް ކޮށްފި އެވެ. މީގެ ކުރިން އޭނާގެ އެންމެ މުޖައްރިބު އުކުޅަކީ ވާގަނޑެއްގައި ދަގަނޑު ބޮޑު ބުޅިއެއް ހަރުކޮށް، ގަހުގައި އެލުވުމެވެ. ކުރިން އޭގައި ވާ ޖެހުނު ނަމަވެސް، ނޫރީގެ ބަހުން ނަމަ، އެ ދަންތުރައިގައި ޖެހޭ ވަރަށް ވުރެ ވާތައް މިހާރު މާ 'ސްމާޓް' ވެއްޖެ އެވެ. އެއްގޮތަކަށް ވެސް އެ އުކުޅު މިހާރު މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ.
ވާ އެންމެ ބޮޑަށް ކޮންޓްރޯލް ވަނީ ބަޑި ޖަހައި، އެ މަރައި މަދުކޮށްގެންނެވެ. އެންމެ ފަހުން މިދިޔަ ސަރުކާރުގައި އެމްއެންޑީއެފުން ގޮސް ބަޑި ޖަހައި ވާ މެރި ފަހުން ފުވައްމުލަކުގައި ވާލުގެ އުނދަގޫ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތެވެ. އެކަމަކު މިހާރު، ނޫރީ ބުނިގޮތުގައި، އެކަން ވަނީ ހައްދުފަހަނަޅާފަ އެވެ.
މި މައްސަލައިގައި ނޫރީގެ ޝަކުވާތައް ގިނަ އެވެ. ރާއްޖޭގެ އެންމެ ގިނައިން އަނބު ގަސް ހައްދާ ރަށުން، ވާލާ ހެދި އެކަށީގެންވާ ނަފައެއް ނުލިބުމެވެ. އެކަން ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ނުކުރުމެވެ.
ވާ ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތުމުން، ނޫރީ އާއި ފުވައްމުލަކުގެ ގިނަ މީހުން މިހާރު ތިބީ، އެކަމުން އަތް ދޫކޮށްލައިގެންނެވެ. ވާ ކައިފައި ބާކީ ހުރި އެއްޗެއް ބޭނުން ކުރަން ނިންމައިގެންނެވެ. އެ މީހުން ވެސް ދެކޭ ގޮތުގައި، އަނބު ފަދަ މޭވާތައް ސަލާމަތް ކުރަން، ވާލާ ކުރަން ޖެހެނީ ނިމުމެއް ނެތް ހަނގުރާމައެކެވެ.
ރަސްދޫގައި އެކަން އަހަންނަށް އެބަ ތަޖުރިބާކުރެވެ އެވެ. އަނބުތައް ސަލާމަތްކުރަން މީހުން ކުރާ ހަނގުރާމަ އެވެ. އަނބުތައް ކާން ވާތައް ކުރަމުން އަންނަ ހިތްވަރެވެ.
ކޮމެންޓް (2)
އަހްމަދު
މައިބޭ