އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕް) އަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ތަށި، ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސްގެ އަތުން ދޭ އިރު، ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް (ކ) ގައި

ރަސްމިއްޔާތަށް އެކަނި 3 މިލިއަން، ކުޅުންތެރިން 'ހުސްއަތާ'

ދިވެހި ކުޅުންތެރިން/އެތުލީޓުންނަށް މާލީ އެހީތެރިކަމެއް ނުދީ ހިތްވަރު ހޯދައެއް ނުދެވޭނެ
19 މާރިޗު 2022

ބައެއް ފަހަރަށް ސަރުކާރުތަކުން ކުރާ ކަމަކީ ކުލަބޮކިތަކުން އުފާވެރިކަން ގެނެސްދިނުމެވެ. އާންމުން އެ އުފާ ލިބިގަނެ އެވެ. ސަރުކާރުން ކޮށްދިން 'އެ ސަޅި' ކަންތަކަށް ޝުކުރުވެރިވެ އެވެ.

މިދިއަ ހުކުރު ވިލޭރޭ ރާއްޖޭގެ ކުޅިވަރުގެ ތަރިން އެނބުރި ގެއަށް އެދިޔައީ ވެސް އެފަދަ ހާލެއްގަ އެވެ. މީގެ ކުރިން ސަރުކާރުން ކުޅިވަރަށް ހާއްސަކޮށްގެން އެހާ ބޮޑު އެވޯޑް ހަފުލާއެއް ބާއްވާފައެއް ނުވެ އެވެ. ސްޓޭޖް ހަދަން ގާތްގަނޑަކަށް ދެ ހަފުތާ އެވެ. ރޮބާޓޯ ކާލޯސް ފަދަ ބޭރުގެ މަޝްހޫރު ތަރިން ތިއްބެވެ. އެ މީހުންގެ އަތުން ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އެވޯޑް ލިބިގަތެވެ.

މަރުހަބާ އެވެ. އެކަމަކު އެތައް މިލިއަން ރުފިޔާއެއްގެ ރަސްމިއްޔާތު އެ ނިމުނީ ދިވެހި ކުޅިވަރު ތަރިންނަށް އަސްލު ލިބެންވާ އެހީތެރިކަން ނުލިބި އެވެ: މާލީ އެހީތެރިކަމެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވަނީ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓު،" ކަމަށެވެ. އޭނާގެ އެ ވާހަކަ އައީ ކުޅިވަރު އެވޯޑަށް 30 މިލިއަން ރުފިޔާ ހޭދަކުރިކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި އެރުވުމުންނެވެ. ތެދެކެވެ. އެއީ މާ ބޮޑު އަދަދެކެވެ. އެކަމަކު ޔަގީނުން ވެސް އެރޭގެ ހަފުލާއަށް 3 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރި އެވެ. އެއީ އެވަރުގެ އިވެންޓަކަށް ބަލާ ނަމަ އާދަޔާ ހިލާފު އަދަދެކެވެ: ހާއްސަކޮށް ރާއްޖޭގެ ކުޅިވަރު ތަރިންނަށް، އޭގެ ތެރެއިން އެއްވެސް އެއްޗެއް މާލީ އެހީއެއްގެ ގޮތުގައި ނުލިބި އެވެ.

ކުޅިވަރަށް އަމާޒުކޮށް މިހާތަނަށް އެންމެ ގިނަ ދުވަހު އެވޯޑް ދެމުން އައީ، ސިވިލް ކޯޓުގެ ހުކުމަކާ އެކު 2016 ގައި ނެރުން ހުއްޓާލި 'ހަވީރު'ންނެވެ. އޭގެ ފަހުން 'މިހާރު' އެވެ. 'ހަވީރު'ގައި ކުޅިވަރުގެ އެވޯޑެއް، އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް 1994 ގައި ތައާރަފުކުރި 'ރަން ބޫޓު'އާ އެކު ދޭން ފެށި އިރުންސުރެ އަމަލީ ގޮތުން މަސއްކަތްކުރަމުން އައި މީހެއްގެ ހައިސިއްޔަތުން ކުރެވުނު ވަރަށް ބޮޑު ތަޖުރިބާއެއް އެބަ އޮތެވެ. އެއީ ހަމައެކަނި ތައްޓަކުން، ނުވަތަ މެޑެއްޔަކުން، ނޫން ނަމަ ސެޓްފިކެޓަކުން، ދިވެހި ކުޅިވަރު ތަރިންގެ އަގު ވަޒަންކުރުން ރަނގަޅު ނޫން ކަމެވެ. އެއަށް ވުރެ ބޮޑަށް އެ ކުޅުންތެރިން/އެތުލީޓުންނަށް މާލީ އެހީތެރިކަމެއް ބޭނުންވެ އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މެޗެއް ފެށުމުގެ ކުރިން: އެންމެ ގިނަ ލާރި ލިބެނީ ފުޓްބޯޅައިން ކަމަށް ބުންޏަސް ގިނަ ކުޅުންތެރިންނަށް ބަރާބަރަށް މަހު މުސާރަ ވެސް ނުލިބޭ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހަވީރު ސްޕޯޓްސް އެވޯޑްސްއަކީ އެ ރޮނގުން ވަރަށް ކާމިޔާބު، އަދި ހަވީރުގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންއަށް، ކުޅިވަރު ކުރިއަރުވައި، ދެމެހެއްޓުމުގެ ރޮނގުން ގައުމީ ޝަރަފްވެރިކަމުގެ އިނާމު ވެސް ހައްގު މަސައްކަތެކެވެ. 'ހަވިރު'ގެ ނަމަށް އިތުބާރުކޮށް އެވޯޑްގައި ބައިވެރިވި ވިޔަފާރިތަކުން ދިން މާލީ އެހީގެ ބޮޑު ބައެއް ހޭދަކުރީ އެވޯޑް ހޯދާ ކުޅުންތެރިން/އެތުލީޓުންނަށެވެ.

އެ އެވޯޑަކީ އޭގެ ޒާތުގައި ވަރަށް ބޮޑަށް ތަރައްގީވަމުން އައި އިވެންޓެކެވެ. އެވޯޑް ދެމުން އައި ކުޅިވަރުތަކުން ގަދަ ތިން ކުޅުންތެރިން ސްޓޭޖަށް އަރާ ގޮތަށް ހަމަޖެއްސި ފަހުން ނިންމީ ދެވަނަ އާއި ތިން ވަނައަށް ވެސް ފައިސާގެ އިނާމު ދޭ ގޮތަށެވެ. 'ހަވީރު' ހުއްޓާލި އިރު އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާއަށް 35،000ރ، އެއް ވަނަ ވޮލީބޯޅަ ކުޅުންތެރިޔާއަށް 30،000ރ ދިނެވެ. ރަން ބޫޓަށް ވެސް 25،000ރގެ ފައިސާގެ އިނާމެއް ލިބެ އެވެ.

ފަހުން އެ އެވޯޑްގައި 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ހާއްސަ ބައެއް ތައާރަފުކުރީ ވެސް ފައިސާގެ އިނާމާ އެކު އެވެ. އޭގެ އިތުރުން އެހެން ސްޕޮންސަރުން މެދުވެރިކޮށް މުޅި އަހަރަށް ބޭނުންވާ ވަރަށް ގިނަ ސާމާނާއި އެހީތެރިކަން ވެސް، ކުޅުންތެރިންނަށް ލިބެ އެވެ. މިސާލަކަށް މެޑިކަލް އިންޝުއަރެންސާއި ކުޅެން ބޭނުންވާ ސާމާނު ފަދަ އެއްޗިއްސެވެ.

ކޮވިޑް-19 ލައްވާލުމުގެ ކުރިން 'މިހާރު'ން އެވޯޑް ބޭއްވި ދެ އަހަރު ވެސް އެކަން ކުރީ އެގޮތަށެވެ.

ރާއްޖޭގެ ކުޅުންތެރިންނާއި އެތުލީޓުން އަމިއްލައަށް ވެސް ވަރަށް ބޮޑު ހޭދައެއް ކުރެ އެވެ. ތަމްރީންތަކަށް ބޭނުންވާ ސާމާނެވެ. ކެއުމާއި ބައެއް ކަހަލަ ސަޕްލިމެންޓެވެ. އެހެންކަމުން އެ ކުޅުންތެރިން/އެތުލީޓުންނަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ، ގެއަށް ގެންދަން ދޭ ދަގަނޑުގަނޑަކުން ނޫނެވެ. މާލީ ކޮންމެވެސް ކަހަލަ އެހީތެރިކަމެއް އޭގައި ނުބާއްވާހާ ހިނދަކު، ދިވެހި ކުޅުންތެރިން/އެތުލީޓުންގެ އަގު އެންމެ ރަނގަޅަށް ވަޒަންކުރެވޭ ގޮތެއް ނުވެ އެވެ.

ރާއްޖޭގެ އެއް ވަނަ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ދުވަނީ: ތަމްރީން ހަދަން ބޭނުންވާ ސާމާނާއަށް ނިސްބަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ ސަރުކާރުގެ ރަނގަޅު ފެށުމެކެވެ. ނަމަވެސް އެ ފެށުން އައީ، މިނިސްޓަރު މަހުލޫފްގެ ހުންނަ މިޒާޖާ އެއް މިސްރާބެއްގަ އެވެ: އަސްލު ކަމަށް ވުރެ ދެއްކުންތެރިކަން ބޮޑުކުރުމެވެ. އެވޯޑް ހަފުލާއަށް 3 މިލިއަން ރުފިޔާ ހޭދަނުކޮށް މިލިއަނެއްހާ ރުފިޔާ އިން ރާއްޖޭގެ ނިސްބަތުން ވަރުގަދަ ސްޓޭޖަކާއި ވަރުގަދަ ލައިޓިން އާއި ވަރުގަދަ ސައުންޑެއް ހެދިދާނެ އެވެ. އޭގެ ތެރޭގައި 500 މީހުންގެ ކެއުން ވެސް، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް ހިމަނައިގެންނެވެ. އަނެއް 2 މިލިއަން، ކުޅުންތެރިންނަށް ބަހާލި ނަމަ ވެސް، އެވޯޑް ލިބުނު ކޮންމެ ކުޅުންތެރިޔަކަށް މަދުވެގެން 20،000ރ.ގެ މާލީ އެހީތެރިކަމެއް ދެވުނީހެވެ.

ސަރުކާރުން ކުރާ މި ކަހަލަ ކަންކަން ހަމައެކަނި ދެއްކުންތެރިކަމަށް ދޫކޮށްލައިގެން ނުވާނެ އެވެ. އެކުރާ ހޭދައިން އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތަކަމާ މެދު ވިސްނުމަކީ ވެސް، ސަރުކާރުގެ ޒިންމާއެކެވެ.

ދެން އަންނަ އެވޯޑެއްގައި އެގޮތަށް މިސްރާބު ބައްޓަންކުރުން ރަނގަޅެވެ. އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމުން ޔަގީނުން ވެސް މި އެވޯޑް، މިފަހަރަށް ވުރެ ބޮޑުކޮށް ބޭއްވުން ކައިރި އެވެ.

‏މަހުލޫފް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ '30 މިލިއަން ރުފިޔާ އަށް އަޅުގަނޑުމެން މީގެ 6 އިވެންޓު ބާއްވާނަން' ކަމަށެވެ. އެއީ ތެދެކެވެ. އޭރުން އިވެންޓަކަށް 5 މިލިއަން ރުފިޔާ ޖެހެ އެވެ. އަދި "އިވެންޓް" އެ މާނަކުރެއްވީ ހަމައެކަނި ތިން ގަޑިއިރުގެ ރަސްމިއްޔާތަށް ކަމަށް ވާ ނަމަ، އާއެނކެވެ: ބޮޑުވަރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް