ކުރުނބާ މޯލްޑިވްސް: މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު
ޓޫރިޒަމަށް 50: ދިވެހިންގެ އަތުން ރިސޯޓު ވިޔަފާރި ގެއްލިފައި
މީގެ 50 އަހަރު ކުރިން މަދު ދިވެހިންތަކެއްގެ ބުރަ މަސައްކަތުން، ވަރަށް ސާދާކޮށް ފެށި ނަމަވެސް ރާއްޖެއަކީ މިހާރު ފަތުރުވެރިކަމުގައި މުޅި ދުނިޔެއަށް ވެސް މިސާލު ދައްކާ ތަނެކެވެ. އެކަމަކު އޭރާ އަޅާބަލާއިރު ރާއްޖޭގެ 'ޕްރޮޑަކްޓް އިމޭޖު' ރީތިވެ، ރާއްޖެ މުއްސަނދިވި ނަމަވެސް، އެ މުއްސަނދިކަމުގައި ދިވެހިންގެ މާ ބޮޑު ހިއްސާއެއް ނެތެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް މި އަހަރު އައި އިރު، އަމިއްލަ ފަސްގަނޑުގައި ރިސޯޓު ވިޔަފާރިއެއް ފެށޭނެ ގާބިލުކަން، މަދު ދިވެހިންގެ ނޫނީ ނެތެވެ. ރިސޯޓުތަކުގެ މަތީ ފަޑީގައި ތިބީ ބިދޭސީންނެވެ. ނުވަތަ ބޭރު ގައުމުތަކުގެ ފްރެންޗައިސް ބްރޭންޑްތަކެވެ. އެއީ ރާއްޖެ އިން މިލިއަނުން، ބިލިއަނުން ބޭރުވާ ފައިސާ އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ވެސް ހިއްސާ ކުރާ ކަންބޮޑުވުމެކެވެ.
އޭރު ހުރީ މަދު ކަންކަން، އެކަމަކު ޝަކުވާއެއް ނެތް
ރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ބާނީން އެއްތަންވެ، މި ސިނާއަތުގައި ރާއްޖެ ކުރި ދަތުރުގެ ވާހަކަ އާއި އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރަން ބޭއްވި ޓޯކް ޝޯގައި މީގެ 50 އަހަރު ކުރިއާ މިހާރާ އަޅާކިޔުއްވި އެވެ.
"އޭރު ކަންކަން ވަރަށް 'ސިމްޕަލް'. އޭރު ހުންނާނީ ޝަވާ ބާތު ލާފައި ހުންނަ ކޮޓަރިއެއް އެކަނި. އެކަމަކު ވެސް މީހުން ގަޔާވި، ނެޗުރަލް ކަމުން،" ރާއްޖެއަށް ފުރަތަމަ ފަތުރުވެރިންގެ ގުރޫޕު ގެނައި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ޖޯޖު ކޯބިން ވިދާޅުވި އެވެ.
މިހާރާ ހިލާފަށް އޭސީގެ ބަދަލުގައި އޭރު ބޯމަތީގައި ހުންނަނީ ފަންކާއެކެވެ. ފަތުރުވެރިންނަށް މިހާރު ރާއްޖޭގައި ބައިވަރު ކަންކަން ތަޖުރިބާ ކުރެވެން ހުރި ނަމަވެސް، ކޯބިން ވިދާޅުވީ، އޭރު ކުރާނެ މާ ގިނަ ކަންކަމެއް ނުހުންނަ ކަމަށެވެ. އޭރު އޮންނަނީ ޑައިވިން އާއި މަސް ބޭނުމާއި ވޯޓަ ސްޕޯޓްސްގެ މަދު ހަރަކާތްތަކެކެވެ.
ސާދާ ފެށުމަކުން ރާއްޖެއަށް ލަގްޒަރީ ދަރަޖަ ލިބުނީ ކިހިނެއް؟
ރާއްޖޭގެ ރިސޯޓުތަކުން ކޮޓަރިއެއް ކުއްޔަށް ދޫކުރާ އަގު އުފުލުނީ، ފަތުރުވެރިކަމުގެ އެއް ބާނީ މުހައްމަދު އުމަރު (އެމްޔޫ) މަނިކު ވިދާޅުވި ގޮތުގައި ކުރުނބާ ވިލެޖު ދެވަނަ ފަހަރަށް ތަރައްގީ ކުރުމުންނެވެ. ކުރުނބާ ވިލެޖުގެ ނަން ކުރުނބާ މޯލްޑިވްސްއަށް ބަދަލުކުރީ އެ ހިސާބުންނެވެ.
އަމިއްލައަށް ރައްކާ ކުރެއްވި ފައިސާ އާއި ބޭންކު ލޯނާއި ސިންގަޕޫރުގެ ކްރެޑިޓަރުންގެ އެހީ ހޯއްދަވައިގެން، ދަތި އުނދަގޫތައް ހުރަސް ކުރެއްވުމަށް ފަހު އެ ރިސޯޓު ތަރައްގީ ކުރީ، އޭރުގެ ޒަމާނީ ވަސީލަތްތަކާ އެކު ފަސް ތަރީގެ ފެންވަރުގަ އެވެ.
"އޭގެ ކުރިން 23 ޑޮލަރަށް ދޫކުރި ކޮޓަރިއެއްގެ އަގު، 150، 200 ޑޮލަރަށް ބޮޑު ކުރީ،" ޔުނިވާސަލް އެންޓަޕްރައިސަސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މަނިކު ވިދާޅުވި އެވެ.
"ދެން އެންމެން ވެސް ދިޔައީ އެ މަގުން. ނަސީމް ހެއްދެވީ ގިރާވަރު. އަފީފް ހެއްދެވީ މީރުފެންފުށި. ގާސިމް ވެސް އޭރު ރިސޯޓު ތަރައްގީ ކުރައްވަނީ. އެކަކު ވެސް ފަހަތަކަށް ނުބަލަން."
ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓް ކުރި ފުރަތަމަ ބޭރުގެ ޗެއިންއަކީ ހިލްޓަން އެވެ. ހިލްޓަން ރާއްޖެއަށް ގެނައީ ފަތުރުވެރިކަމުގެ އެއް ބާނީ ހުސައިން އަފީފު (ޗަމްޕާ އަފީފު) އެވެ.
"ހިލްޓަން ހުޅުވި ދުވަހު، ހިލްޓަންގެ ސައުތު އީސްޓް އޭޝިއާގެ ރައީސް އެއް ޖުމުލައިން ވިދާޅުވީ އެ ދުވަހުން ފެށިގެން އިންޓަނޭޝަނަލް މާކެޓުގެ އިތުބާރު ރާއްޖެއަށް ލިބުނީ ކަމަށް. އެއީ ވަރަށް ބޮޑު ތެދެއް،" އަފީފު ވިދާޅުވި އެވެ.
ހިލްޓަން ބްރޭންޑުން އެޅި ފިޔަވަޅުގެ ފަހަތުން، ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ރާއްޖެއަށް އައުމަކީ، އަފީފު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަން މިއަދު އޮތް ހިސާބަށް އާދެވުނު ސަބަބެވެ.
އެއީ، މިކަމުގެ ޕްރޮފެޝަނަލް ކަންކަން ދަސްވީ އެ ބްރޭންޑްތައް ރާއްޖެ އައުމުންނެވެ. އަފީފު ވިދާޅުވީ، ހޮޓެލް/ރިސޯޓު މެނޭޖަރަކަށް ވީ އިރު، އޭގެ ކުރިން ހޮޓަލެއްގައި ދުވަހަކު ވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. އޭރު ވެސް އަދި ބޭރުގެ ހޮޓެލް ޗެއިންތައް ރާއްޖެ އައި އިރު ވެސް އަފީފް އުޅުއްވީ ކަންކަން ދަސް ކުރެއްވުމުގަ އެވެ.
ބޭރުގެ ޗެއިންތައް އައުމުގެ ކުރިން، އަފީފް ވިދާޅުވި ގޮތުގައި، ހޮޓެލް ނުވަތަ ރިސޯޓުތައް ހިންގަން ތިބީ ގާތްތިމާގެ މީހުންނެވެ.
"ބޭބެ ހުރެދާނެ މެނޭޖަރަކަށް. ބޮޑުބޭބެ ހުރެދާނެ ހައުސްކީޕަރަކަށް. އެކަހަލަ ގޮތަކަށް އޭރު އޮތީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ވަކި ހިސާބަކުން މި ސިނާއަތަށް ޕްރޮފެޝަނަލިޒަމް ބޭނުންވާ ކަމާއި އެހެން ދަރަޖައަކަށް ދާން ޖެހޭކަން އަފީފްމެންނަށް ވެސް އެނގުނެވެ. އެކަމުގެ މިސާލު ފެނުނީ އެ ވިދާޅުވި ބޭރުގެ ބްރޭންޑުތައް ރާއްޖެ އައުމުންނެވެ.
މިއީ ދިވެހިންގެ ޖީބުން ކުރެވޭ ކަމަކަށް ހަދަން ޖެހޭ
ހިލްޓަންގެ ރައީސް އާއި އަފީފު އެ ވިދާޅުވި ގޮތަށް ބޭރުގެ ބްރޭންޑުތައް އައުމުން ރާއްޖޭގެ ޓޫރިޒަމަށް އޮތް އިތުބާރު ބޮޑުވެ، ރާއްޖޭގެ ދަރަޖަ އުފުލިއްޖެ އެވެ. ނަމަވެސް އެއީ އަގަކާ ނުލައި ކުރެވުނު ކަމެއް ނޫނެވެ. މަދު ދިވެހިންތަކެއް އިސްވެ ތިބެ ފެށި ކަމެއް ނަމަވެސް، އެކަމަށް ވާސިލުވުމުގައި ބޭރުގެ ފަރާތްތަކުގެ ދައުރު ވަރަށް ބޮޑެވެ. ނަތީޖާއަކަށް ވީ، ގޮތަކަށް ބުނާ ނަމަ، ދިވެހިން އަމިއްލައަށް މި ސިނާއަތަށް ވަދެވޭނެ ދޮރުތައް ބަންދުވުމެވެ. ލަގްޒަރީ ލޭބަލްގެ އަގަކީ، އެއީ ކަމަށް ވެސް ވެދާނެ އެވެ.
"ދިވެހިންނަށް، ދިވެހިންގެ އަތުގައި [ރިސޯޓު ވިޔަފާރި] ނުހިފެހެއްޓުނު،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވި އެވެ.
ރިސޯޓެއް ހެދުމުގެ ހަރަދު ބޮޑު ކަމުން، އެއީ އޭނާ ވިދާޅުވި ގޮތުގައި، އާދައިގެ ދިވެހިންނަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. ރިސޯޓު މަޝްރޫއުތައް މުޅިން ކަހަލަ ގޮތަކަށް ލިބެނީ ބޭރު މީހުންނަށެވެ.
"އަފީފު، މަނިކު ގާސިމު، ސަން ސިޔާމު ކަހަލަ މަދު ބައެއް ތިބީ. އާދައިގެ މީހުން ތިބީ މި އިންޑަސްޓްރީއަށް ވަދެވޭ ޕޮޒިޝަނެއްގައެއް ނޫން،" ނަސީމް ވިދާޅުވި އެވެ.
ނަސީމްގެ ވާހަކަ ދެން އަމާޒު ކުރެއްވީ، އެ ޓޯކް ޝޯގެ އޯޑިއެންސްގައި ތިބި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަަކަށް ނޫނެވެ. އަދި އެ ތަނުގައި ތިބި މި ދާއިރާގައި މަސައްކަތް ކުރާ މީހުންނަކަށް ވެސް ނޫނެވެ. އޭނާއާ ޖެހިގެން ހުންނެވި އެ ޓޯކް ޝޯގެ ހޯސްޓު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށެވެ.
"މިއީ ކޮންމެހެން ބަލަން ޖެހޭ، ވަރަށް ސީރިއަސް މައްސަލައެއް. މިއީ [ރިސޯޓު ވިޔަފާރި ފެށުމަކީ] ދިވެހިންގެ ޖީބުން ނުދެއްކޭ ވަރުގެ އަގެއް ގޮތުގައި އޮވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
"މީގެ ފައިދާ ދިވެހިންނަށް، ދިވެހި ވިޔަފާރިވެރިންނަށް ހޯދައިދޭން ބޭނުން ނަމަ، މިއީ ކުރެވޭ ވަރުގެ ކަމަކަށް ހަދަން ޖެހޭ."
ގާނޫނުތައް ހުރީ ދިވެހިން އަމިއްލައަށް މިކަން ނުކުރެވޭ ގޮތަށް
ނަސީމްގެ ވާހަކައިގެ އަނެއް ފަރާތް އެމްޔޫ މަނިކު ދެއްކެވި އެވެ. އެކަމަކު، ނަސީމްގެ ވާހަކަތަކާ އޭނާ ވެސް މުޅިން ދެކޮޅެއް ނުހައްދަވަ އެވެ.
މަނިކު އިޝާރާތް ކުރެއްވީ ޓޫރިޒަމާ ގުޅޭ ގޮތުން ހަދާފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށެވެ. ގޮތަކަށް ބުނާ ނަމަ، ގަވާއިދުތަކުން ވެސް އޮތީ ދިވެހިން މި ވިޔަފާރިއަށް ވަނުމަށް ހުރަސް އަޅާފަ އެވެ.
"އޭރު އަހަރެމެންނަށް މިކަން ކުރެވުނީ، އަހަރެމެން [އަމިއްލައަށް] މެނޭޖްމަންޓް، ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކްޝަން ވެސް ކުރީ. މިހާރު އެހެން ނުހެދޭނެ،" އެމްޔޫ މަނިކު ވިދާޅުވި އެވެ.
"މިނިސްޓްރީން ސެޓު ކޮށްފައި ހުރި ސްޓޭންޑަޑްތަކާއި ހަދާފައި ހުރި ގަވާއިދުތަކުގެ ހަރުކަށި ކަމުން، މިއީ ވަރަށް ހަރަދު ބޮޑު ކަމެއް."
އޭނާ ވިދާޅުވީ، މިސާލަކަށް ކުރިން 20 ނުވަތަ 30 މިލިއަން ޑޮލަރުން ރިސޯޓެއް ތަރައްގީ ކުރެވުނު ނަމަވެސް މިހާރު އެކަމަށް ހިނގާ ހަރަދު 50 ނުވަތަ 60 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.
"ދެން ކިހިނެއް ރިސޯސަސް ނެތި ދިވެއްސަކު އަމިއްލައަށް މި ކަން ކުރާނީ؟ އިންޓަނޭޝަނަލް ޗެއިންއަކުން މެނޭޖު ކުރިޔަސް އެކަމަކު އޯނަޝިޕެއް ނުދާނެ،" މަނިކު ވިދާޅުވި އެވެ.
މި ސިނާއަތުގެ ބައެއް މީހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މަނިކު އެ ވިދާޅުވީ ގާތްގަނޑަކަށް 60 ކޮޓަރީގެ ރިސޯޓެއް، ފަސް ތަރީގެ ލަގްޒަރީ ފެންވަރަށް ތަރައްގީ ކުރަން ހިނގާ ހަރަދެވެ.
ދިވެހިން ރުއްސަން ލޯކަލް ޓޫރިޒަމް
ފަތުރުވެރިކަން ފުޅާވެ، ގަވާއިދުތަކާ އެކު ސަރުކާރުން މިކަމުގެ ތެރެއަށް ވަންނަމުން ދިޔަ ވަރަކަށް، ރިސޯޓުތަކުގެ އިސް ސަފުން ދިވެހިން ދިޔައީ ދުރުވަމުންނެވެ. އެކަމާ ގުޅޭ ގޮތުން ތާ އަބަދު މީހުން ޝަކުވާ ވެސް ކުރެ އެވެ. އަމިއްލަ ފަސްގަނޑުގައި މި ސިނާއަތުން މަންފާއެއް ހޯދަން ކުރި އާދޭހަށް ސަރުކާރުން ދިން ޖަވާބަކީ ލޯކަލް ޓޫރިޒަމެވެ.
ޓޫރިސްޓު ގެސްޓްހައުސް ހިންގުމުގެ ގަވާއިދެއް އެކުލަވާލައިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ޓޫރިސްޓު ގެސްޓްހައުސްއެއް ހުޅުވީ 2010ގަ އެވެ. މިވީ 12 އަހަރުގެ ތެރޭގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ފައްކާވެގެން ގޮސް، މިކަމުގައި އުޅޭ މީހުންގެ ޖީބުތަކަށް ޑޮލަރު އެބަ ލިބެ އެވެ. ޓޫރިޒަމްގެ ބާނީން ވެސް ރާއްޖޭގެ ގެސްޓްހައުސްތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރެއްވި އެވެ.
އެކަމަކު ރިސޯޓު ވިޔަފާރި އާއި ގެސްޓްހައުސް ވިޔަފާރިއަކީ މުޅިން ދެ ކޮންސެޕްޓެކެވެ. އެއީ ދެ ވިޔަފާރިއެކެވެ. ބެޑް ކެޕޭސިޓީއަށް ބެލިޔަސް، ހިދުމަތުގެ އަގަށް ބެލިޔަސް، ހިނގާ ހަރަދާއި ލިބޭ އާމްދަނީއަށް ބެލިޔަސް އެ ދެ ވިޔަފާރީގެ ފަރަގު ބޮޑެވެ. ރިސޯޓަކަށް ވުރެ ގެސްޓްހައުސްއަކަށް ކުރަން ޖެހޭ އިންވެސްޓްމަންޓު ކުޑަ އެވެ. އެހެންކަމުން، ނަސީމު އެ ވިދާޅުވާ "މިއީ ދިވެހިންގެ ޖީބުން ކުރެވޭ ކަމަކަށް ހަދަން ޖެހޭ" ވާހަކައަށް ސަރުކާރުން ހޯދާފައި އޮތް ހައްލަކީ ގެސްޓްހައުސް ޓޫރިޒަމް ކަމަށް ވެދާނެ އެވެ. އެކަމަކު އަދިވެސް، ދިވެހިން އަމިއްލައަށް ރިސޯޓު ވިޔަފާރިއަށް ވަދެވޭނެ ފަސޭހަ ގޮތެއް ނެތެވެ.
މަނިކު ވިދާޅުވި ހުރަސްތައް ގަވާއިދުގައި ހުރި ގޮތަށް ބަހައްޓާފައި، ގެސްޓްހައުސް ގަވާއިދަށް އިތުރު ލުއިތަކަކާ އެކު، މި އަހަރު ފެށުނު ތަނާ، ގޭގޭގައި ފަތުރުވެރިން ބޭތިއްބޭ ގޮތަށް ސަރުކާރުން އަނެއްކާވެސް ތައާރަފު ކުރީ އާ ކޮންސެޕްޓެކެވެ. ހޯމް ސްޓޭއަކީ ވެސް ފަތުރުވެރިކަމުގެ ވިޔަފާރިން ބައެއް ނުލިބިފައި ތިބި މީހުންނަށް ސަރުކާރުން ފަހިކޮށްދިން ފުރުސަތެކެވެ. އެކަމަކު އެ ހިދުމަތް އަދި އުޅެނީ ހިނގައިނުގަނެގެންނެވެ.
ސުވާލަކީ، ދިވެހިންގެ އަމިއްލަ ފަސްގަނޑުގައި ދިވެހިންނަށް ހައްގުވާ މިންވަރަކީ ހަމައެކަނި ލޯކަލް ޓޫރިޒަމްތޯ އެވެ. ނަސީމު އެ ވިދާޅުވާ ގޮތަށް، މަދު ދިވެހިންތަކެއް ފިޔަވައި އަމިއްލައަށް ރިސޯޓެއް ތަރައްގީ ކުރެވޭނެ ބަޔަކު މި ތަނުގައި ނެތެވެ. މިކަމުގައި ވެސް އޮތީ ބޭރަށް ބަރޯސާވުމެވެ. ގަވާއިދުތަކުން ވެސް ބާރު ދެނީ އެ ގޮތަށެވެ.
ފަތުރުވެރިކަމުގެ ބާނީން ދެއްކެވި ވާހަކަތަކާ މެދު، މިނިސްޓަރު މައުސޫމް ވިދާޅުވީ، ޓޫރިޒަމް ޑިވެލޮޕްމަންޓް ފައިނޭންސިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވިދާނެ މައުލޫއެއް ކަމަށެވެ. އަދި އެ ބޭފުޅުން މި ކަމުގައި ހިއްސާ ކުރެއްވި ހިޔާލުތަކަށް ޝުކުރު އަދާކުރެއްވި އެވެ. މިކަން ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލާ މެދު ހަތަރު ބާނީންގެ ވެސް އުންމީދު އެބައޮތެވެ. އެ ބޭފުޅުން ވިދާޅުވީ އެ ބޭފުޅުންނަށް "މި ސިނާއަތް މި ދޫކޮށްލެވެނީ ގާބިލު ޖީލަކަށް" ކަމަށެވެ.
ކޮމެންޓް (1)
އއހުމަދުސަލީމް