އެއްބަސްވެ ދެބަސްވަމާ: އެލްނީނިއޯގެ އަސަރުތަކަށް ދުރާލާ ތައްޔާރުވުން ނޫން ގޮތެއް ނެތް

އެންމެ ފަހުން ކުރިމަތިވި އެލްނީނޯތަކުގައި ރާއްޖޭގެ މުރަކަތަކުގެ %90 ހަލާކުވެގެން ދިޔައިރު މި އަހަރުގެ ފަހުކޮޅަށް ނޫނީ އަންނަ އަހަރުގެ ކުރީކޮޅަށް މާ ބާރުގަދަ އެލްނީނޯއެއް ކުރިމަތިވާނެ ކަމަށް ސައިންސުވެރިން އަންދާޒާކޮށްފައިވޭ
1 ގަޑިއިރު ކުރިން

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑެވެ. 90،000އަކަ ކިލޯމީޓަރުގެ މި ރާއްޖޭގައި ހިކިފަސްގަނޑަކީ އެންމެ298 އަކަ ކިލޯމީޓަރެވެ. ރާއްޖޭގެ %99.7 އެއީ ކަނޑެވެ. އިގުތިސޯދީ ހަރަކާތްތަކާއި އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް ވެސް ބަރޯސާވެފައި މި އޮތީ މި ކަނޑަށެވެ. މަސްވެރިކަމާއި، ފަތުރުވެރިކަން ގުޅިފައި މި އޮތީ ކަނޑާއި ކަނޑުގައިވާ ފަރުތަކާއި އެ ފަރުތަކުގައިވާ މުރަކަތަކަށެވެ.

މި ގުދުރަތީ ރީތިކަމަކީ ހަމައެކަނި މި ގައުމުގެ ރަމްޒުތަކެއް ނޫނެވެ. އެއީ ގައުމުގެ ފާގަތިކަމާއި ތަނަވަސްކަމުގެ މައިގަނޑު ބިންގަލެވެ. އެހެންނަމަވެސް، ރާއްޖެއާ އެތައް ހާސް ކިލޯމީޓަރެއް ދުރުގައިވާ ޕެސިފިކް ކަނޑުން އުފަންވާ މޫސުމީ ހާދިސާއަކަށް މި ތިން ވަސީލަތް ވެސް އެކީއެކަށް ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ބާރު އެބަ އޮތެވެ. އެލްނީނިއޯ މި ކިޔަނީ އެ ހާދިސާއަށެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސޯދުގެ ނާރެހެވެ. އެ ސިނާއަތް ބަރޯސާވެފައި މި އޮތީ ކުލަކުލައިގެ ފަރުތަކަށެވެ. މަސްވެރިކަމަކީ ގައުމުގެ ލޭނާރެވެ. މަސްވެރިކަން ވެސް ބަރޯސާވެފައިވަނީ ދިރުމުން ފުރިގެންވާ މި ކަނޑުތަކަށެވެ. މިއާއެކު މޫސުމީ ބަދަލުތަކަކީ މިހާރު ހަމައެކަނި ސައިންސަށްވުރެ ފުޅާކޮށް، އާމްދަނީއާއި، ވިޔަފާރިތަކާއި، ގައުމުގެ ކުރިމަގާއި، ތަރައްގީ ހިމެނޭ ގޮތަށް ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ހައްސާސް ސުވާލެކެވެ.

'ދައުރު'ން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި މި ހުކުރު ދުވަހު ގެނެސްދިން މައުލޫއަކީ ވެސް އެލްނީނިއޯއާއި އެއިން ކުރާނެ އަސަރުތަކަށް ރާއްޖެ ތައްޔާރުވުމެވެ. އެލްނީނޯ ކުރިމަތިވާ ގޮތާއި އޭގައި ހުރި އަސަރުތަކާ ގުޅޭ ސައިންސްގެ ވާހަކަ ދައްކަން މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ، މެޓް އޮފީހުގެ މޫސުމާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ތައުމީނާ އަބްދުލްކަރީމެވެ.

އެލްނީނޯއަކީ ކޮބައި؟

ވޮޑްކާސްޓް ފައްޓަވަމުން ތަހުމީނާ ފުރަތަމަ ސާފުކޮށްދެއްވީ އެލްނީނޯއަކީ ކޮބައި ކަމެވެ. އަދި އެ އަަސަރު އުފެދޭ ތަނާއި އުފެދޭ ގޮތެވެ.

"އެލް ނީނިއޯ" އަކީ އިކުއެޓޯރިއަލް ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ބައިގެ ލޮނުގަނޑުގެ ހޫނުމިން، އާދައިގެ މިންވަރަށްވުރެ މައްޗަށް ދިއުމުގެ ސަބަބުން ދުނިޔޭގެ ޖައްވީ ހިނގުމަށާއި މޫސުމަށް އަންނަ ބޮޑު ބަދަލެކެވެ.

މި ގުދުރަތީ ހާދިސާ އާންމުކޮށް ކޮންމެ 2 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްގައި ތަކުރާރުވެއެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމާއި، ހަނަފާވުމުގެ އިތުރުން ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވެ ފަރުތައް ހުދުވުން ފަދަ ނޭދެވޭ އަސަރުތައް ކުރިމަތިވެއެވެ. 

ކޮންމެ އެލްނީނިއޯއެއްގައި ވެސް ނޭދެވޭ އަސަރުތަކެއް ކުރާއިރު މި އަހަރުގެ ފަހުކޮޅުން ފެށިގެން އަންނަ އަހަރުގެ ކުރީކޮޅު މާ ބާރުގަދަ އެލްނީނޯއެއް ކުރިމަތިވާނެ ކަމަށް ސައިންސުވެރިން އަންދާޒާކޮށްފައިވެ އެވެ. އެއީ 1950ގެ ފަހުން ދެކޭނެ އެންމެ ބާރުގަދަ އެލްނީނިއޯ ކަމަށްވެ އެވެ.

ބާރުގަދަ އެލް ނީނިއޯގެ ޓައިމްލައިން (2026–2027):

  • ފެށުން ހަލުވިވުން، 2026 ގެ މެދުތެރެ : ޕެސިފިކް ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދައިގެ މިންވަރަށްވުރެ މައްޗަށް ގޮސް، އެލް ނީނިއޯގެ ރަސްމީ މިންގަނޑުތަކަށްވުރެ ހޫނުމިން މަތިވާން ފެށުން

  • އެންމެ ބާރުގަދަވާ ދުވަސްވަރު، އޮކްޓޯބަރު - ޑިސެމްބަރު 2026 : މި ހާދިސާ އޭގެ އެންމެ އުދަރެހަށް ދާނެ ކަމަށް ބެލެވެނީ މި ދުވަސްވަރު އަދި މެދުތެރޭ ޕެސިފިކްގެ ކަނޑުގެ ހޫނުމިން އާންމު މިންވަރަށްވުރެ 2 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދާނެ

  • މޫސުމީ އާދަޔާޚިލާފު ބަދަލުތައް، 2027 ގެ ކުރީކޮޅު : ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޫސުމީ ގޮތުން ކުރާ އަސަރުތައް އޭގެ އެންމެ ނުރައްކާ ދަރަޖައަށް ދިއުމާއި މި ހޫނުގެ ސަބަބުން 2027 ވެގެންދާނީ ތާރީޚުގައި ވެސް ދުނިޔެ އެންމެ ހޫނުވި އަހަރަށް ކަމަށް ބެލެވޭ

  • އިގުތިސޯދަށް ކުރާ ދިގުދެމިގެންދާ އަސަރު، 2028 އާ ހަމައަށް : ދަނޑުވެރިކަމާއި ފެން ލިބުމުގެ ދަތިކަމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު މައްޗަށް ދިއުން ފަދަ އިގުތިސޯދީ ލޮޅުންތައް 2028 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ.

ރާއްޖޭގެ ފަރުތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/ ނޫރާއްޖެ)

ދިވެހި ފަރުތައް ނުރައްކަލެއްގައި

އެލް ނީނިއޯ ކުރިމަތިވާ ކޮންމެ އަހަރަކީ ވެސް ރާއްޖޭގެ ނާޒުކު ފަރުތަކަށް އޭގެ ނޭދެވޭ އަސަރު ސީދާ ގޮތުން ފޯރާ އަހަރެކެވެ. ތައުމީނާ އަބްދުލްކަރީމް ވެސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ބާރުގަދަ އެލް ނީނިއޯ ހާދިސާތަކުގައި ފަރުތަކަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެ ގޮތުން 1997-1998 ވަނަ އަހަރު ކުރިމަތިވި ބާރުގަދަ އެލް ނީނިއޯގެ ސަބަބުން ރާއްޖޭގެ ތިލަ ފަރުތަކުގެ (ހާއްސަކޮށް 5 މީޓަރަށްވުރެ ތިލަ ހިސާބުތަކުގެ) %98 މުރަކަ ވަނީ ހުދުވެ، ހަލާކުވެފަ އެވެ. އަދި އޭގެ ފަހުން 2007-2008 ވަނަ އަހަރު އައި އެލް ނީނިއޯގައިވެސް %90 މުރަކައަށް އޭގެ ނޭދެވޭ އަސަރުކުރި އެވެ.

ފަރުތަކުގެ ދިރުން ނެތިގެންދާން މެދުވެރިވާ ސައިންޓިފިކް ސަބަބު ތައުމީނާ ވަނީ ވަރަށް ތަފްސީލްކޮށްދެއްވައިފަ އެވެ. ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާޚިލާފަށް މަތީގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމުން، މުރަކަތަކަށް ބޭނުންވާ މުހިންމު ކުލައާއި ހަކަތަ ފޯރުކޮށްދޭ "އެލްގޭ" މުރަކަތަކުން ބޭރުވެގެންދާ ކަމެވެ. މީގެ ސަބަބުން މުރަކަތަކުގެ ދިރުން ގެއްލި، ހުދުވެ، އެންމެ ފަހުން މަރުނުވި ނަމަވެސް ވީރާނާވާ ހާލަތަށް ގެންގޮސްދެ އެވެ.

މި ގޮތަށް ހަލާކުވާ ފަރުތައް އަލުން އިއާދަވެ، ކުރީގެ ދިރުމަށް ރުޖޫޢަވުމަށް ގާތްގަނޑަކަށް 10 އަހަރު ދުވަހުގެ ދިގު މުއްދަތެއް ނަގައެވެ.

އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، އެލް ނީނިއޯގެ އަސަރުތައް މިހާރު ފެންނަމުންދާ ދުވެއްޔާއި އޭގެ ފުންމިނެވެ. ކުރިން ތިލަ ފަރުތަކަށް އެކަނި އަސަރުކުރި ނަމަވެސް، ފަހުގެ ތާރީޚުގައި ފެނުނު ބަދަލުތައް ތައުމީނާ ސިފަކުރެއްވީ މިފަދައިންނެވެ.

"އެލްނީނިއޯގެ ސަބަބުން ގެއްލުންތައް މި ވަނީ ހަމައެކަނި ތިލަފަރުގައި ހުންނަ މުރަކަތަކަށް އެކަންޏެއް ނޫން. ފަހުގެ ތާރީހުތަކުގައި 2015-2016 އެލްނީނިއޯއިން ފާހަގަކުރެވިފައިވޭ ތަންކޮޅެއް ފުން ފަރުތައް، 7 މީޓަރާއި 13 މީޓަރާ ދެމެދުގެ ފުން ފަރުތަކަށް ވެސް އަސަރުކޮށްފައިވޭ،" ތަހުމީނާ ވިދާޅުވި އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި، ހަމަހަމަ ކައިރިކައިރީގައި އެލްނީނިއޯގެ ނޭދެވޭ އަސަރުތައް ފެންނަމުންދާ ކަން ހަމަ ފާހަގަކޮށްލަން ޖެހޭ

ތަހުމީނާ އަބްދުއްކަރީމް / މެޓް އޮފީހުގެ ސީނިއާ މީޓްރޮލޮޖިސްޓް

ކައިރިކައިރީގައި މިފަދަ ބާރުގަދަ މޫސުމީ ލޮޅުންތައް އައުމަކީ، ފަރުތަކަށް އަލުން އިއާދަވުމަށް ލިބޭ ވަގުތު ކުޑަވެ، ރާއްޖޭގެ މުޅި ކަނޑުގެ ދިރުންތަކުގެ ނިޒާމު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެކެވެ.

އިގުތިސޯދަށް އަސަރުކުރާނެ، ދުރާލާ ފިޔަވަޅުތައް އަޅަން ޖެހޭ

އެލް ނީނިއޯގެ ނޭދެވޭ އަސަރުތައް ފަތުރުވެރިކަމާ ގުޅިފައިވާ ފަރުތަކަށް އެކަނި ފޯރައިގެން ނިމެނީއެއް ނޫނެވެ. ރާއްޖޭގެ ދެވަނަ ސިނާއަތް ކަމުގައިވާ މަސްވެރިކަމަށް ވެސް މީގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަންނާނެ ކަމަށް ތައުމީނާ ވިދާޅުވި އެވެ.

ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއެކު އޮއިވަރު ބަދަލުވެ، މަސްތައް ހޯދާ ދަތުރުކުރާ މިސްރާބުތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ މައިގަނޑު އަސާސް ކަމުގައިވާ އެންވެރިކަމަކީ ފަރުތަކުގެ ދިރުމާ ސީދާ ގުޅިފައިވާ ކަމަކަށްވާއިރު، ފަރުތައް ހަލާކުވުމުން އެން ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑެވެ.

މިފަދަ ބޮޑު މޫސުމީ ކާރިސާއަކުން ގައުމުގެ އިގުތިސޯދާއި ދިރިއުޅުމުގެ ވަސީލަތްތައް ސަލާމަތްކުރެވޭނީ މިހާރުން މިހާރަށް ރޭވުންތެރި ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެލް ނީނިއޯގެ މައުލޫމާތު ދުރާލާ ހޯދައި، އޭގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ސަރަހައްދުތައް ނުވަތަ "ހޮޓްސްޕޮޓްތައް" ދެނެގަތުން މުހިންމު ކަން ތަހުމީނާ ވެސް ފާހަގަކުރެއްވި އެވެ.

މަސް ދޯންޏެއް މަސްވެރިކަމުގައި (ފޮޓޯ- އަސްދާނު ދޯނި)

މި ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، މުރަކަ އިންދުމާއި އާޓިފިޝަލް ރީފް (އިންސާނުން ތައްޔާރުކުރާ ފަރުތައް) އުފެއްދުން ފަދަ އިއާދަކުރުމުގެ މަސައްކަތްތައް އަވަސްކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ ގިނަ ދުވަސް ނަގާނެ ކަމެއް ނަމަވެސް، ލަސްނުކޮށް ފަށަންޖެހޭ މުހިންމު ގައުމީ މަސައްކަތެކެވެ. 

"ދުރާލާ އަޅުގަނޑުމެން އެލްނީނިއޯއާ ބެހޭ މައުލޫމާތުތައް ލިބިގަނެ ދުރާލާ އެޅެން ހުރި ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު. މުރަކަ ހަލާކުވުމުގެ ކަންތައް މުރަކައިގެ ނުރައްކާ ހުރި ސަރަހައްދުތައް ދެނެގަނެ އެ ސަރަހައްދުތަކަށް ފޯކަސްކޮށްެގެން ވާހަކަ އިންދުން ކަހަލަ ޕްރޮގްރާމްތައް ކުރިއަލާ ރޭވިދާނެ،" ތަހުމީނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް