5 ޖުލައި 2026: ޗޯރު ބާޒާރު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ނޯތު ހާބަރުގެ ސެކިއުރިޓީން މަސް ބާނަން؛ ކެމެރާތަކުގެ ކުރިމަތީގައި 'ޗޯރު ބާޒާރު'
ރ. އަލިފުށީގެ ފެހިވިލާއަށް ފޮނުވަން މީހަކު ގަނެފައި އޮތް ލަންޒާ ބްރޭންޑުގެ ތިން ތަނުން ކެއްކޭ އުނދުނެކެވެ. މިހާރު އެ އޮތީ މާލޭގެ މަސް މާރުކޭޓާ އިންވެގެން އޮންނަ މޫސާ އިބްރާހިމް ދީދީ ގޯޅީގަ އެވެ. ފޮށިން ނުވެސް ކަނޑައި، ހަމަ ދެންމެ ގަނެގެން ގެނައި އާ ކަމުގަ އެވެ.
މިހާރު އެ އުނދުނަކީ އެ ގޯޅީގައި ހިންގާ ބާޒާރުގައި ވިއްކަން ބާއްވާފައި އޮތް އެއްޗެކެވެ. އާންމުން ކިޔާ ނަމުން ނަމަ އެއީ 'ޗޯރު' ބާޒާރެވެ.
އޭގެ އަސްލު އަގަކަށް ވާނީ ގާތްގަނޑަކަށް 1،200ރ. އެވެ. ފަހަތުން އެއް ސުމެއް ކަނޑާލުމުން އެއީ މި ބާޒާރުން އެ އުނދުން ގަންނަން ލިބޭނެ އަގެވެ. މިތަނުން ވިއްކާ ތަކެތި އަގުހެޔޮ ކަމުން މީހުން ތިބެނީ ފުނިޖެހިފަ އެވެ. އެއީ ކޮން ގޮތަކުން ހޯދައިގެން ވިއްކާ މުދަލެއްތޯ އެކަކު ވެސް ނާހަ އެވެ.
ބޮޑުތަކުރުފާނު މަގުން އައިސް ވަންނައިރު މި ގޯޅީގެ ދެ ފަރާތުން ފެންނާނީ ހުސް މިކަހަލަ ސާމާނެވެ. ކަލްކިއުލޭޓަރާއި ހެޑްފޯނެވެ. ޗާޖަރު ވާގަނޑާއި ފޯނާއި ފޯނުތަކުގެ ކަވަރުތަކެވެ. ތައްޓާއި ތެލި ސެޓުން ފެށިގެން ގޮސް ކުޑަކުދިން ކުޅޭ ސާމާނު ވެސް މިތަނުގައި އެ ހުރީ ސޭލު އަޅުވާފަ އެވެ.
މި ބާޒާރުގެ ވިޔަފާރި ހިނގާ ގޮތް ބަލަހައްޓައިގެން ހުއްޓާ ބޭރު މަގުން މަގު ހުރަސްކޮށްލާފައި އެ އައީ މިތަނުގެ ވިޔަފާރިވެރިއެކެވެ. ކޮތަޅެއް ފުރެންދެން މުދާ އަޅައިގެން، ސްޓޮކު އާ ކުރުމަށެވެ. އެ ސާމާނު ގެނެސް ބެހެއްޓީ އެ ގޯޅީގެ އަރިމަތީގައި އޭނާއަށް ވީ ޖާގައިގަ އެވެ. އޭނާގެ ފިހާރައަކީ އެއީ އެވެ.
ވައްކަމުގެ ގެއްލުން ދެ މަހުން ވެސް ފޫނުބެއްދޭ
'ޗޯރު ބާޒާރު'ގެ ކަންކަން ހިނގާ ގޮތް ކިޔައިދެމުން ނޯތު ހާބަރުގެ ބޯޓަކުން ވާހަކަދެއްކި ފަޅުވެރިޔަކު ބުނީ، ފަޅުވެރިން ނިދުމުން ބޯޓަށް އަރާ 'ބަލި' ކުދިންތަކެއް އެ ސަރަހައްދުގައި އުޅޭ ކަމަށެވެ.
އޭނާގެ ނަމާއި ބޯޓުގެ ނަން ސިއްރުކުރީ، އެ ކުދިންގެ ފަރާތުން އިތުރު އުނދަގުލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.
މުދާ އުފުލާ ބޯޓުފަހަރުގައި އުޅޭ މީހުން އެ ކުރާ ދަތުރާއި ދުވާލުދާ ހަތަރުދަމު ބުރަ މަސައްކަތް ކުރުމަށްފަހު ކިރިޔާ ހުސް ވަގުތެއް ލިބެނީ ރޭގަނޑަށެވެ. ފެންވަރާލައިގެން ފޯނާ ކުޅެން ޖައްސާލެވޭ ގަޑިއަކީ އެއީ އެވެ. އެކަމަކު ނިދުމުގެ ކުރިން ކުޅޭނެ ވަރަކަށް ކުޅެ، ގުޅާނެ މީހަކަށް ގުޅުމަށްފަހު އެ ފޯނު ބޮޑު ފޮއްޓަށް ލައި، ތަޅުލާން ޖެހޭނެ އެވެ.
"ކިރިޔާ ވެސް ނިދާއިރު ފޯނު ނުފޮރުވާ އޮއްވާ ނިދިއްޖެއްޔާ ހޭލާއިރު ނޯންނާނެ ފޯނެއް. ދެން އެ ފޯނަށް ގުޅީމަ ކިޔާނެ ތިޔަ ގުޅުއްވި ފޯނު މިވަގުތު ވަނީ ނިއްވާލާފައޭ. ދެން އެހިސާބުން އެ ނިމުނީ،" ފަޅުވެރިޔާ ބުންޏެވެ.
"ޔަގީނުން ވެސް ދެ މަހުން ފޯނެއް ގަންނަން ޖެހޭނެ. ގެރެންޓީ."
ބޯޓުފަހަރަށް އަރައި، ވަގުން ނަގަނީ ފޯނު އެކަންޏެއް ނޫނެވެ. ރަށްރަށަށް ފޮނުވަން ބަރުކޮށްފައި ހުންނަ އަގުބޮޑެތި މުދާ ފޮށިގަނޑުގަނޑު ވެސް ގެންދަނީ އެވެ. ތަޅު އަޅުވާފައި ހުރެއްޖެ ނަމަ އެ ތަޅު ވެސް ކީހާލަނީ އެވެ.
"މިސާލަކަށް ބަލާ ސިނގިރޭޓު ކޭހެއް ގެއްލިއްޖެއްޔާ އެއީ 117،000ރ. އަހަރެމެންގެ އެއް ދަތުރު، ދެ ދަތުރުން ވެސް ކަވަރެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.
"އެންމެންގެ މުސާރަ އާއި ހުރިހާ ހަރަދުތަކެއް ކަނޑާފައި އެއް ލައްކަ ރުފިޔާ ޖީބަށް ލާކަށް ނުލިބޭ. ސާޅީހަކަށް ފަންސާހަކަށް ހާސް ރުފިޔާ މި ލިބެނީ ފައިދާއަކަށް. އެ ލިބޭއިރު ކިތައް ދުވަހުން އެއްކަލަ މީހާއަށް އެ ލާރި ދެވޭނީ. އަހަރެމެންގެ ޒިންމާގައި އޭތި އޮންނާނީ."
ސެކިއުރިޓީން މަސް ބާނަން؛ ކެމެރާތައް 'ނިދިފައި'
ވައްކަމުގެ އުނދަގޫ ނޯތު ހާބަރުގެ ބޯޓުފަހަރަށް މިހާ ބޮޑަށް ކުރިމަތިވާއިރު، އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެ އޮންނަނީ އެމްޕީއެލްއިންނެވެ. މައްސަލައަކީ އެކަން ނުކޮށްދެވޭތީ އެވެ.
ސެކިއުރިޓީން މަސްއޫލުވެ އުޅެނީ، ފަޅުވެރިން ބުނާ ގޮތުގައި އެމީހުންނާ ހަވާލުވެފައި އޮންނަ ޒިންމާ ފިޔަވައި މުޅިން އެހެން ކަންކަމުގަ އެވެ. އެމީހުންގެ މާ ބޮޑު ޒިންމާއެއް ނޯވެ އެވެ. އެކަމަކު ޓެކްސް ފައިސާއިން ބަރާބަރަށް ބޮޑު މުސާރައެއް ލިބެ އެވެ.
"އެތާ ހުންނާނެ ސެކިއުރިޓީ ޕޯސްޓެއް ހަދާފައި. އެންމެ އެތެރޭ ކަނުގައި. އެ ސެކިއުރިޓީންގެ ޒިންމާއަކީ އެތަނުން މަސް ބާނައިގެން، ނޫނީ މާރުކޭޓުން މަސް ގަނެގެން ގޮސް އެތަނުގައި ކައްކައިގެން ކެއުން،" ބަނދަރުގެ ސެކިއުރިޓީ ކަންކަމުގެ ދޯހަޅި މިންވަރު ބަޔާންކޮށްދެމުން ފަޅުވެރިޔަކު ބުންޏެވެ.
"ކިތައް ކޭސް ސިނގިރޭޓާއި އަގުބޮޑެތި މުދާ ބޯޓުން ގެއްލެނީ. އެމީހުން [ވަގުން] ބޭނުން ބޯޓަކަށް އަރަންވީ. އަޅައެއް ނުލާނެ، ނުވެސް އަހާނެ. އެކަމަކު އޭގެން މީހަކަށް އަޅުގަނޑުމެން ކަމެއް ކޮށްފިއްޔާ ސެކިއުރިޓީން އަންނާނެ ދުން ޖަހާފައި."
އެހެން މީހަކު ބުނި ގޮތުގައި މުޅި ތަން ފެންނަ ގޮތަށް ކެމެރާ ނުވެސް ހުންނަނީ އެވެ. އަދި ހުއްޓަސް، ގިނަ ފަހަރު ކެމެރާތަކަކީ 'ނިދާފައި' ހުންނަ އެއްޗެއް ކަމަށެވެ.
"މިވަރަށް ވައްކަން ކުރާއިރު ނުފެންނާނީ ކެމެރާ ނިދާފައި ހުރީމައެއްނެ؟" އޭނާ ބުންޏެވެ.
ތަފާތު ސެކިއުރިޓީ ނިޒާމެއް؛ ވަގުން ބަނދެވެނީ އޮޓޯއިން
އެމްޕީއެލްގެ ސެކިއުރިޓީން އަޅާނުލާތީ ފަޅުވެރިންނަށް މަޖުބޫރު ވަނީ އަމިއްލައަށް ފިޔަވަޅުތަކެއް އެޅުމަށެވެ. މިފަދަ ބައެއް މަންޒަރުތައް އެކި ފަހަރު މަތިން ސޯޝަލް މީޑިއާއަށް ވެސް ތިލަވެފައި ހުންނާނެ އެވެ. ރުޅި ކޮންޓްރޯލް ނުވާ ފަހަރުފަހަރު ބޮޑެތި އަނިޔާ ވެސް ވަގުންނަށް ދީފައި ހުރެ އެވެ.
"ބައެއް ފަހަރު ހުންނާނެ ތަނބުގައި ވެސް ބަނދެފައި. އެކަމަކު އެއީ އޮޓޯއިން ބަނދެވިފައި. އަހަރެމެން ބަނދެފައެއް ނޫން،" ބޯޓުފަހަރަށް އަރާ ފަޅުވެރިންނަށް ބައެއް ފަހަރު 'ދިމާވާ' ހާލަތްތައް ކިޔައިދެމުން އެ ފަޅުވެރިޔާ ބުންޏެވެ.
ފަޅުވެރިން ވަގުންނަށް އަދަބު ދީ، ގާނޫނު އަމިއްލައަށް ތަންފީޒުކުރުން ދިފާއު ކުރަނީކީ ނޫނެވެ. އެކަމަކު އެހިސާބަށް ކަންކަން ދާން ޖެހޭ ދެ ސަބަބެއް އެބައޮތެވެ.
ފުރަތަމަ ކަމަކީ ބޯޓުފަހަރުގައި ހުންނަ މުދަލަކީ، ބޯޓަށް އަރުވާ ހިސާބުން ފެށިގެން އެ ލިބެންޖެހޭ މީހަކަށް ރައްދުކޮށްދިނުމާ ހަމައަށް އެ ބޯޓެއްގެ ޒިންމާގައި އޮންނަ އެއްޗެކެވެ. އެކަކު އެ ބުނީ ސިނގިރޭޓުގެ ކޭހެއްގެ އަގާއި ގެއްލިއްޖެ ހާލަތެއްގައި އޭގެ އަގު ދައްކަން ހޭދަވާ މުއްދަތެވެ. ތަކުރާރުކޮށް ވައްކަން ކުރާތީ ފަޅުވެރިން ވެސް ބައެއް ފަހަރު ކޮންޓްރޯލުން ނައްޓަނީ އެވެ.
އަނެއް ކަމަކީ ކަމާބެހޭ ފަރާތްތަކުން މާ ބޮޑު ސަމާލުކަމެއް މިކަމަށް ނުދިނުމެވެ. ބޯޓަކުން އެއްޗެއް ވަގަށް ނެގުމުން ފުރަތަމަ ރިޕޯޓު ކުރަނީ އެމްޕީއެލްގެ ސެކިއުރިޓީ ޕޯސްޓަށެވެ. އެތަނުން އެމީހުން ފޮނުވާލަނީ ހެޑު އޮފީހަށެވެ. ހެޑް އޮފީހުން ފޮނުވާލާނީ ވިލީ ފުލުހަށެވެ. ފަޅުވެރިން ތިބެން ޖެހެނީ ދާންވީ ތަނެއް ނޭނގިފަ އެވެ.
ސީސީޓީވީ ފުޓޭޖެއް ބަލައިދޭން އެދިއްޖެ ނަމަ އެއީ އަވަސް ރަހުމަތެއްގައި ވާނެ ކަމެއް ނޫނެވެ.
'ބަލި ކުދިން' ބުނަނީ ކީކޭ؟
ފަޅުވެރިންގެ ތުހުމަތުތަކާ ބެހޭގޮތުން ޗޯރު ބާޒާރުގައި ވިޔަފާރިކުރާ 'ބަލި ކުދިން' ބުނަނީ ކީކޭ ހެއްޔެވެ؟
ސުލައިމާން (އަސްލު ނަމެއް ނޫން)އަކީ ޗޯރު ބާޒާރުގެ ވިޔަފާރިއެކެވެ. އޭނާގެ 'ފިހާރަ' ކުރިމަތީގައި ހުރެ، ކޮންމެވެސް ވަރަކަށް އެތަނުގެ ކަންކަމާއި އޭނާގެ ހާލަތު ހިއްސާކުރި އެވެ.
އޭނާއަކީ ސްކޫލު ދައުރުން ފެށިގެން މަސްތުވާތަކެތީގެ އަޅަކަށް ވެ، އެ ވަބާއިން ސަލާމަތް ނުވެވިފައި ހުރި މީހެކެވެ.
ފުރަތަމަ ހުކުމް އައީ ކޮވިޑު ދުވަސްވަރުގަ އެވެ. ޑްރަގު މައްސަލައެއްގައި ހުކުމްކޮށް، ފަރުވާގެ ފުރުސަތުގައި ފޮނުވާލީ ރީހެބަށެވެ.
އެކަމަކު ރީހެބުން އައި ފަހުން އަނެއްކާ ވެސް މަގުއޮޅި، ކައްސާލީ އެވެ. މިހާރު އެ ހުރީ ރަށުގައި ހުއްޓާ މާލެ ގެނެސް، ދެ ވަނަ ފަހަރަށް ރީހެބަށް ދާންޖެހިފަ އެވެ. އެކަމަކު ދެވެނީ ކިޔޫ ނަންބަރު ޖެހުނީމަ އެވެ. އިންތިޒާރުގައި ހުއްޓާ އަނެއްކާ ވެސް ހާވިޔާވީ އެވެ.
އޭނާ އެކި ރޭރޭ ނިދަނީ އެކި ތަންތަނުގަ އެވެ. ބައެއް ރޭތަކުގައި އެކުވެރިޔެއްގެ ގެއެއްގަ އެވެ. އަނެއްބައި ރޭތަކުގައި ތަންމަތި އަޅަނީ ރަސްފަންނުގަ އެވެ. ނޫނީ މާލެ ތެރެއިން ކޮންމެވެސް އެހެން ތަނެއްގަ އެވެ.
ދެން އޮތީ އޭނާ ކުރާ ވިޔަފާރީގެ ވާހަކަ އެވެ.
އަހަރެން: ދުވާލަކު ކިހާވަރެއްގެ އާމްދަނީއެއް ލިބޭ؟
އޭނާ: ރަނގަޅު ދުވަސްދުވަހު 1،000ރ. ވެސް ލިބޭ. ދަށްކޮށް ދަންޏާ 200-300ރ. ބަލާ ދެން އެވަރޭޖުކޮށް ގާތްގަނޑަކަށް 500ރ. ދުވާލަކަށް ޖެހޭނެ ކަމަށް.
އަހަރެން: ކިހާވަރަކަށް ތި ހެލްމެޓު ވިއްކަނީ؟
އޭނާ: އެއްޗެއް 50ރ.އަށް
އަހަރެން: ބޫޓެއް ކިހާވަރަކަށް؟
އޭނާ: 100ރ.އަށް. އެއީ ސޭފްޓީ ބޫޓު
އެކަމަކު އެތަނުގެ ވިޔަފާރި މޮޑެލް އޮންނަ ގޮތުން އޭނާ ހޮވައިގެން ގެންނަ މުދާ އޭނާ އަތުން ގެއްލުމުގެ ފުރުސަތު ވެސް އޮވެ އެވެ.
މި މީހުން މުދާ ވިއްކަން އަތުރާފައި ހުންނަނީ ޖެހިޖެހިގެންނެވެ. ކިރިޔާ ދުރަށް ޖެހިލާފައި ދެން އަންނައިރު ކޮންމެވެސް އެއްޗެއް ގެއްލިދާނެ އެވެ.
އެ މީހުން ކުރަނީ ހުއްދަ ވިޔަފާރިއަކަށް ނުވާތީ އެކަން ހުއްޓުވަން ފުލުހުން ނާދޭތޯ ވެސް ސުވާލުކުރީމެވެ.
"ނޫން، ދޭތެރެއަކުން 'ކޮޕުން' އައިސް އަހަރެމެން ފޮނުވާލާނެ. ދެން އެމީހުން ދާއިރަށް އަހަރެމެން އައިސް އެއްޗެހި އަތުރަނީ،" އޭނާ ބުންޏެވެ.
އޭނާ ވިއްކަން މުދާ ހޯދަނީ ކިހިނެއް، ކޮން ތަނަކުން ހެއްޔެވެ؟ އެއީ ކުރިމަތީގައި ހުރި ބޯޓުފަހަރުންތޯ އޭނާ ގާތުގައި ސުވާލުކުރީމެވެ.
ސުލައިމާން އެކަމަށް ކުރީ އިންކާރެވެ. އެކަމަކު އެއީ އޭނާގެ ވާހަކަ އެވެ. އެތަނުގައި ތިބޭ އެހެން މީސްމީހުން މުދާ ހޯދާ ގޮތެއް އޭނާއަށް ކިޔައެއް ނުދެވެނޭ އެވެ.
"މީހުން އުކާލާ އެއްޗެހި މިތަނުން ވިއްކަނީ. މުޅިން ހަލާކުނުވަނީސް އުކާލާ އެއްޗެހި،" އޭނާ ބުންޏެވެ.
ސުލައިމާން ބުނާ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއްވާކަން ޗޯރު ބާޒާރުން ފެނުނު މަންޒަރުތަކުން އެނގެ އެވެ. ބައެއް މީހުން ތަންތަނުން ހޮވައިގެން ގެންނަ ސާމާނު ފޮޅާ ސާފުކޮށް، އޮފު އަރުވައި، 'ޔޫސްޑް ލައިކް ނިއު' ކޮންޑިޝަނަށް ބަދަލުކުރަނީ ވެސް އެތަނުގައި ތިބެގެންނެވެ.
އެކަމަކު ވެސް އެތަނުގައި ހުރި ހުރިހާ މުދަލަކީ ހޮވައިގެން ގެންނަ ސާމާނެއް ނޫނެވެ. 'ޔޫސްޑް ލައިކް ނިއު' ތަކެއްޗާ އެއްވަރަށް 'ބްރޭންޑް ނިއު' ސާމާނު ވެސް އެބަހުއްޓެވެ.
ރ. އަލިފުށި، ފެހިވިލާގޭގެ ނަން ޖަހާފައި އޮތް އުނދުނަކީ އޭގެ މިސާލެކެވެ. އޭގެ ފޮށިގަނޑު ބަންދުކުރަން އެޅި ޓޭޕުގަނޑު ވެސް އޮތީ އޮތް ގޮތަށެވެ.
އެ އުނދުން ވިއްކައިގެން އޭގެ އާ ވެރިމީހާ ފައިދާ ހޯދާނެ އެވެ. އެ ގަންނަން ކުރާ ހަރަދެއް ވެސް ނޯންނާނެ އެވެ. ދައުލަތަށް ދައްކަން ޖެހޭ ޓެކުހެއް ވެސް ނޯންނާނެ އެވެ. އެކަމަކު އޭގެ އަސްލު އަގު، ހަގީގީ ވެރިމީހާއަށް ދައްކާނީ ބޯޓުގެ ވެރިފަރާތުންނެވެ.
ކޮމެންޓް (1)
ަހައްޓޭ