ތިލަފުށި ކުނި ފުނިން ފުރުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުނީގެ މައްސަލަ

ތިލަފުށި ފުރިގެން ބަންޑުންވަނީ؛ ކުނި އުކުމުގައި ގޮތް ހުސްވެއްޖެ

ރާއްޖޭގެ ހުރިހާ ދިމާލަކުން ބޮޑެތި ޕްރޮޖެކްޓުތަކުގައި އުފެދޭ ކުނި ގެނެސް ޖަމާކުރަނީ ތިލަފުއްޓަށް. ނަމަވެސް އެތަނަށް ގެންދާ ކުނި ނައްތާނުލެވުމުގެ ސަބަބުން އިތުރު ކުނި ނެގެންދެވޭ މިންވަރަށް ތިލަފުށި ވަނީ ފުރިފައި
1 ގަޑިއިރު ކުރިން
3

މީގެ ތިން އަހަރު ކުރިން، މާޗު 2023ގައި ތިލަފުއްޓަށް ގޮސް، ތިލަފުށި ބަލައިލުމުގެ ފުރުސަތު ލިބުނެވެ. އެ ރަށުގެ ލޭންޑްމާކުގެ ގޮތުގައި އޮންނަ ބޮޑު 'ކުނި ފަރުބަދަ' ވެސް ވަރަށް ކައިރިން ފެނުނެވެ.

އެކަމަކު އޭގެ ތިން އަހަރު ފަހެވެ. 'ދައުރު'ގެ ޓީމުން މިދިޔަ ބުރާސްފަތި ދުވަހު ތިލަފުއްޓަށް ކުރި ދަތުރުގައި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އެންމެ ކުނި ފަރުބަދައެއް ނޫނެވެ. އެފަދަ އެތައް ކުނި ފަރުބަދަ އުފެދި، މުޅިން ތަން އޮތީ ބޮއްސުންލާފަ އެވެ. ކުނިތައް ފުރިގެން ބަންޑުންވެފަ އެވެ.

އެ ފަރުބަދަތަކަށް ވަކިވަކިން ނަން ވެސް ދެވިދާނެ އެވެ. 'ބާ ދަގަނޑު ފަރުބަދަ' އާއި ތަންތަނުން އުފުރައި، ބިމުން ލުހެލައިގެން ގެނެސް ޖަމާކޮށްފައި ހުރި 'ގަސް ބުޑު ފަރުބަދަ' އެވެ. ވެމްކޯ އޮޕަރޭޝަންސް ސެންޓަރުގެ އެތެރޭގައި، އުޅަނދުތަކުން ނައްޓާފައި ހުރި ފުރޮޅުތަކުން އުފުލިފައި ހުރި 'ޓަޔަރު ފަރުބަދަ'އެއް ވެސް ފެނުނެވެ. އެތާ ކުރިމަތީގައި ހުރީ އެ މަގުން ދަތުރުކުރާ މީހުންނަށް ނުރައްކަލަކަށް ވެފައި ހުރި ކޮންކްރީޓު ފަރުބަދައެކެވެ. ހީވަނީ ދެންމެ ދެންމެ ބޮލަށް ވެއްޓިދާނެހެންނެވެ.

ތިލަފުށި ކުނި ފަރުބަދައެއްގެ ތިރިއަށް ޖަމާކޮށްފައިހުރި ބާ ޓަޔަރުތަކެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

'މައްސަލައިގެ ފެށުން؛ ބަދަލުކުރި ގަވާއިދު'

އެންމެ ތިން އަހަރުގެ ތެރޭގައި ތިލަފުށީގެ ހާލަތު މިހާ ގޯސްވީ ކީއްވެގެންކަމާ މެދު އެކި މީސްމީހުންނާ ސުވާލުކުރީމެވެ. އެންމެން ވެސް ދެނީ މައިގަނޑު އެއް ޖަވާބެވެ. މިކަން ފެށުނީ 'ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު'އަށް 2021 ވަނަ އަހަރު ގެނައި އިސްލާހެވެ.

އެ އިސްލާހުގައި ގެނައި ބަދަލަކީ، އެ ގަވާއިދުގެ 5.3.3 މާއްދާ އުނިކުރުމެވެ. އެ މާއްދާގައި އޮތީ ކުނި އުކާލަން ކަނޑައަޅާފައިވާ ތަނެއް އެ ސަރަހައްދުގައި ނެތް ނަމަ، ކާބޯތަކެއްޗާއި ބަޔޯޑީގްރޭޑަބަލް ވޭސްޓު ކަނޑަށް (އަތޮޅުގެ ބޭރު ކަނޑަށް) އެޅިދާނެ ކަމަށެވެ.

ތިލަފުށި ކުނި ފުންޏެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެ މާއްދާ އުނިކުރަން ޖެހުނީ، ބައެއް ރިސޯޓުތަކުގެ ވިޔާނުދާ ކަމުންނެވެ. އެ މާއްދާއިން ބާރު ލިބިގެން، އެ މާއްދާ ބަހަނާއަކަށް ދައްކައިގެން ރިސޯޓުތަކުން ފާޅުކަން ބޮޑު ގޮތެއްގައި މޫދަށް ކުނި އަޅަމުންދާތީ އެ މައްސަލަ ބޮޑުވެގެންނެވެ. އެ މާއްދާ އުވާލުމުން ތިލަފުއްޓަށް ކުނި ގެނައުން ނޫން ގޮތެއް ނެތެވެ.

ނަމަވެސް ދުރާލާ އެކަމަށް ތައްޔާރުވެފައި ނެތުމުން އުފަންވީ، މިހާރު ތިލަފުށިން އެ ފެންނަ މައްސަލަ އެވެ. ތިލަފުއްޓަށް ބާރުބޮޑުވެ، ފުރިގެން ބަންޑުންވަނީ އެވެ. މިހާރު އެތަނުގައި ހުރީ އެންމެ ކުނި ފަރުބަދައެއް ނޫނެވެ. ބޮޑު ކުނި ފަރުބަދަ ވަށައިގެން އެފަދަ އެތައް ކުދިކުދި ކުނި ފަރުބަދަ އެ އަންނަނީ އުފެދެމުންނެވެ.

"މި ރާއްޖޭގައި އެބަ ހިނގާ، 7 ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންވެސްޓްމަންޓު. ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތައް. އެ މަޝްރޫއުތަކުން އުފެދޭ ކުނި އަޅަން މި އޮންނަނީ ތިލަފުށި އެކަނި،" ކޮންސްޓްރަކްޝަން ސިނާއަތުގެ ވިޔަފާރިވެރިޔަކު، ނަން ނުޖަހަން ޝަރުތުކޮށް، 'ދައުރު'އަށް ވިދާޅުވި އެވެ.

"މިހާ ބައިވަރު، ބޮޑެތި އިންވެސްޓްމަންޓުތައް އައިއިރުގައި އެކަމަށް ތައްޔާރުވެފައި ނެތީ. ކުނި އުކާނެ ކެޕޭސިޓީއެއް ނެތް."

ތިލަފުށީގެ ކުނި ފަރުބަދައެއް: ތިލަފުށީގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް މިފަދަ ކުނި ފަރުބަދަތަކުން ކުނި ފައިބައިގެންފާނެކަމުގެ ބިރު އޮވޭ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ތިލަފުށީގެ މަގެއްގެ އެއް ކައިރިއަށް ކުނި ޖަމާކޮށްފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތިލަފުށި ނޫނަސް ވެމްކޯއިން ސަރަހައްދީ ބަނދަރުތަކެއް ހިންގަ އެވެ. އެކަމަކު އެ ރީޖަނަލް ސެންޓަރުތަކުގައި ވެސް އޮތީ ޖާގައިގެ ދަތިކަމުގެ މައްސަލަ އެވެ.

"މިސާލަކަށް ކުޅުދުއްފުށީގައި ހުންނަ ވެމްކޯ ޓްރާންސްފާ ސްޓޭޝަނަށް ގޮސް ކުނި އަޅައިފިއްޔާ އެތަން ފުރޭނެ. ދެން އެ ރަށުގައި އުފެދޭ ކުނި އުކާނީ ކޮން ތަނަކަށް؟،" އޭނާ ވިދާޅުވި އެވެ.

އެހެންވެ ރިސޯޓު ޑިވެލޮޕްމަންޓް ފަދަ ބޮޑެތި މަޝްރޫއުތަކުގައި އުފެދޭ ކުނި އުކަން ތިލަފުށި ނޫން އިތުރު ތަނެއް ނޯވެ އެވެ.

ކުނި އުކަން 5 ލައްކައެއްހާ ރުފިޔާ؛ އެ އަގު ދިނަސް ކުނި އުކޭނެ ގޮތެއް ނެތް

ރާއްޖޭގެ ހުރިހާ ދިމާލަކުން ކުނި ބާޖުތައް ތިލަފުއްޓަށް މިސްރާބު ޖަހަން މަޖުބޫރުވެފައި އޮތް ނަމަވެސް، މިހާރު އެތަނުގެ ހާލަތު އޮތް ގޮތުން ކުނި އުކަން ކައިރިކޮށްލުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި ބާޖަކަށް ކައިރި ކުރެވެނީ ވެސް ވެމްކޯއިން ހުއްދަ ދީގެންނެވެ. އެ ހުއްދަ ދިނުމުގެ ކުރިން ވެމްކޯއިން އެ ކުނި އަޅަން ޖާގަ ހަދަން ޖެހެ އެވެ. އަދި ބާޖު ކައިރިކުރާ ފަހުން ވެސް ޖާގަ ހެދުމުގެ މަސައްކަތް ކުރަން މަޖުބޫރުވެ އެވެ. ނަތީޖާއަކަށް ވަނީ އެކަމަށް އެތައް ދުވަހެއް ހޭދަވެ، އަތުން ބޮޑު ހަރަދެއް ހިނގުމެވެ.

"ތިލަފުއްޓަށް ކައިރި ކުރާ ފަހުން ބާޖެއްގެ ކުނި ހުސްކުރަން އެބަ ނަގާ 10 ދުވަސް،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ބާޖެއްގެ ކުއްޔަކީ ދުވާލަކު 30،000ރ. (މާކެޓު ރޭޓު)

  • ކުނި ހުސްކުރަން 10 ދުވަސް ނަގާތީ ބާޖުގެ ކުއްޔަށް 300،000ރ. ހަރަދުވޭ

  • ވެމްކޯއިން ބާޖެއްގެ ކުނި ހުސްކުރަން ފީއެއްގެ ގޮތުގައި 130،000ރ. އާއި 150،000ރ.އާ ދެމެދުގެ އަގެއް ނަގާ

  • އެހެންކަމުން ކުނި އުކަން 500،000ރ.އާ ގާތްކުރާ އަދަދަކަށް ހަރަދުކުރަން ޖެހޭ

  • ކުނި އުކަން ދާ ހަރަދަށް ވުރެ ބާޖާއި ޓަގުގެ ކުއްޔަށް ބޮޑު އަދަދެއް ހަރަދުވޭ

'ދައުރު' ޓީމުން ތިލަފުއްޓަށް ކުރި ދަތުރުގައި ކޮންމެވެސް ވަރަކަށް އެ މަންޒަރު ވަނީ ފެނިފަ އެވެ. ވެމްކޯއިން އޮޕަރޭޝަންގައި ގެންގުޅޭ މަދު ވެހިކަލްތަކުން އެއްޗެއް ބޭނުންކޮށްގެން ކުނި ފުނިތައް ހާވައި، އެއް ތަނުން ކުނި ނަގައިގެން އެހެން ތަނަކަށް ގެންދެ އެވެ.

ކުނި އަޅާނެ ޖާގަ ހަދަން ކުނި ފުންޏެއް ހާވާ މަންޒަރު: އެއް ތަނުން އަނެއް ކުނި ބަދަލުކޮށްގެން ނޫނީ އިތުރު ކުނި އެޅޭނެ ޖާގައެއް ތިލަފުށީގައި މިހާރު ނެތް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހާލަތު މިހާރު އޮތީ، ކުނި އުކަން ބޭނުންވާ މީހަކު ނުވަތަ ކުންފުންޏަކުން ފައިސާ ދިނަސް، ވެމްކޯއަށް ކުންޏާ ހަވާލުނުވެވޭ ހިސާބުގަ އެވެ.

"ތިލަފުށީގެ ދެބައިކޮށްފައި އެއްބަޔަށް ކުނި އަޅައިގެން ވެސް ވެމްކޯއަށް މިކަން މެނޭޖެއް ނުކުރެވޭ،" ތިލަފުއްޓަށް ކުރި ދަތުރުގައި އެތަނުން ވާހަކަދެއްކި މީހަކު ބުންޏެވެ.

"އަމިއްލައަށް ކުނި ގެނެސްގެން ވެސް އަޅާނެ ތަނެއް ނުދައްކާ. ވެމްކޯއިން ފައިސާ ވެސް ބޭނުންވޭ. އެކަމަކު ފައިސާ ދީގެން ވެސް މިކަން ކުރެވޭނެ ގޮތެއް ނެތް. އެމީހުން ބުނާ އަގެއް ދީގެން، މިހާ އަގުބޮޑުކޮށް ވެސް މިކަން ކުރާނީ މުހިންމު ކަމަކަށް ވީމަ ދޯ؟"

އެކަން މުހިންމު ވަނީ، އޭނާ ބުނި ގޮތުގައި، މޫދަށް ކުނި އަޅައި، ތިމާވެއްޓަށް ގެއްލުންދޭން ބޭނުން ނުވާތީ އެވެ.

"އެކަމަކު އަހަންނަކީ ދިވެއްސަކަށް ވީމަ އެ ވިސްނުން އޮންނަނީ. ރާއްޖޭގައި ޕްރޮޖެކްޓުތައް އެބަ ހިންގާ އެކި ގައުމުތަކުގެ މީހުން ވެސް. އެމީހުންނަށް ކޮން ރާއްޖެއެއް، ކޮން ތިމާވެއްޓެއް އޮންނާނީ؟ އެމީހުންނަށް މުހިންމު ވާނީ ސުންގަޑިއަށް އެ ޕްރޮޖެކްޓެއް ނިންމުން."

ތިލަފުށީގައި މަސައްކަތްކުރަން އުޅޭ މީހެއް. އޭނާގެ ފަހަތުން އެ ފެންނަނީ ޕްލާސްޓިކް ކުނި ފުންޏެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭގެ މިސާލެއްގެ ގޮތުގައި ބޭރު ކުންފުނިތަކުން މިހާރު ތަރައްގީ ކުރަމުން އަންނަ ބައެއް ރިސޯޓުތަކުގެ ނަން ވެސް އޭނާ ބުންޏެވެ. ނަމަވެސް އެއީ ކަށަވަރު ނުވާ މައުލޫމާތަކަށް ނުވާތީ އެ ނަންތައް ހާމަ ކުރެވޭކަށް ނެތެވެ.

"މި ތަންތަނުން އުފެދޭ ކުނި ކޮބާ؟ ގައިމު ވެސް ތިލަފުއްޓަކަށް ނުގެނޭ. އެހެން ތަނެއް ނެތް ކުނި އުކޭނެ. ދެން ކޮން ތަނަކަށް އެ އަޅަނީ،" އެ ކުންފުނިތަކުން ކުނި އަޅަނީ މޫދަށް ކަމަށް ތުހުމަތުކޮށް އޭނާ ބުންޏެވެ.

އަނެއްކޮޅުން އެ ތަނަކުން ކުނި ބޭރުކުރަން އަންގައި، ކްލައިންޓުންގެ ފަރާތުން ކުރިމަތިވާ ޕްރެޝަރު ވެސް ކުޑައެއް ނޫނެވެ.

"ދެ ކޮޅުން ވެސް ޕްރެޝަރުގައި މަސައްކަތް ކުރަން މި ޖެހެނީ. ކްލައިންޓުން ރުޅި އާދޭ އެތަނަކުން ކުނި ބޭރު ނުކޮށްގެން. އެކަމަކު ބޭރުކޮށްގެން ވަކި ކޮން ތަނަކަށްތޯއޭ ގެންދަނީ؟" އޭނާ ބުންޏެވެ.

އޭނާ ވެސް ހިއްސާކުރީ ކުނި ނައްތާނުލެވި، ތިލަފުށި ފުރުމުގެ ކަންބޮޑުވުމެވެ. ކުނި އުކަން ހިނގާ ހަރަދު ބޮޑުވުމެވެ. ތިލަފުއްޓާ ކައިރި ކުރެވެނީ ވެސް ވެމްކޯއަށް ދޭން ޖެހޭ ފީ ދެއްކުމަށް ފަހު އެވެ. ދެން އެއަށް ފަހު ތިލަފުށީގައި ބާޖު ބާއްވައިގެން އޮވެ، އެތައް ދުވަހަކާއި ހަރަދެއް އެކަމަށް ހޭދަވެ އެވެ.

"ކުރިން ބާޖެއްގެ ކުނި އުކަން ނަގަނީ 74،000ރ. މިހާރު އޭގެ ދެ ގުނަ، 148،000ރ. އެބަ ނަގާ. އެ އަދަދަށް ފައިސާ ދީގެން ވެސް ކުނި އުކޭނެ ގޮތެއް ނެތް،" އޭނާ ބުންޏެވެ.

"އެއް ބާޖުގެ ކުނި ގެނެސްގެން އެ ހުސްކުރަން ވެސް އެތައް ދުވަހެއް އެބަ ނަގާ. އިތުރު ދެ ބާޖުގެ ކުނި ރިސޯޓުގައި އުފެދޭއިރު ވެސް މިތަނުން އެކަތި ހުސް ނުވޭ."

"ނުކުރެވޭ ސަބަބެއް ކަމަށް މި މީހުން (ވެމްކޯއިން) ބުނަނީ މީހުން ނެތޭ، ވެހިކަލް ނެތޭ، ކުނި އަޅާނެ ޖާގައެއް ނެތޭ."

ތިލަފުށީގެ މަގެއްގައި ޕިކަޕެއް ދުއްވާފައިދަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ބުނީ ވެހިކަލްތަކަކީ މައްސަލަ ދިމާވާނެ އަދި މަރާމާތުކުރަން ޖެހޭ ތަކެތި ކަމަށެވެ. އެހެންކަމުން އެކަން ކުރާނެ މެކޭނިކުން ވެސް ވެމްކޯގައި ތިބެން ޖެހޭނެ އެވެ.

"އެކަމަކު މިތާ މި އޮންނަ ގޮތަކީ ވެހިކަލް ހަލާކުވީމަ ހަލާކުވީ. ދެން އެ މަރާމާތު ކުރެވޭނެ ގޮތެއް ނޯވޭ. އެހެންވީމަ ވެހިކަލެއް ނުހުންނާނެއެއްނު؟" އޭނާ ބުންޏެވެ.

"އަނގަ ތަރައްގީވީ. އިތުރު ކަމެއް ނުވޭ."

ކުރެވޭ ކަމަކީ 'ކެޕްސޫލ'ް ކުރުން

ތިލަފުށީގެ ކުނި ފަރުބަދައިގެ ދެކުނަށް އޮންނަ މަގުން ދާއިރު ފެންނަނީ އަދި ތަފާތު މަންޒަރެކެވެ. ކުނި ފަރުބަދައިގެ ކުރިމައްޗަށް ވާ ގޮތަށް، ސަފަކަށް ރީތިކޮށް އަތުރާފައި ހުރި ހުދު ބަސްތާތަކެކެވެ. މިއީ ޕްލާސްޓިކު ކުނި ފިއްތައި، 'ކޮމްޕެކްޓު' ކުރުމަށް ފަހު ރީސައިކަލް ކުރަން ބަންދުކޮށްފައި ހުންނަ ބަސްތާތަކެވެ.

އެ ސަފަށް ނަޒަރު ހިންގާލާއިރު އެ ބަސްތާތަކުގެ މުޅި ހަޔާތް އޮތީ ފެންނާށެވެ. މިފަހުން ޖެހި ބަސްތާތައް ރީތިކޮށް ހުއްޓަސް ދެން ހުރި ބަސްތާތަކުގެ ދޭތެރެއިން ހުރީ ގަހާއި ބުރު ފަޅާފަ އެވެ. އެއީ ޖެހިގެން ހުރި ބަސްތާތައް ހަލާކުވެ، ކުނިބުނި އޮތީ ފައިބާފަ އެވެ. އެއަށް ފަހު ހުރި ކުނި ފުނީގައި ބަސްތާ ފެންނަން ވެސް ނެތެވެ.

  • ތިލަފުށީގައި ކޮމްޕެކްޓުކޮށްފައިވާ ކުނި ބަސްތާތައް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ބަސްތާތައް ގިނަ ދުވަސްވެގެން ގޮސް ހަލާކުވާން ފަށާފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • މުޅިން ހަލާކުވެފައިވާ ކެޕްސޫލް ނުވަތަ ބަސްތާތަކެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ތިލަފުށީގެ މަގަކުން ޕިކަޕެއް ދުއްވާފައިދަނީ. ފަހަތުން ފެންނަނީ ގިނަ ދުވަސްވެގެން ގަހާއި ބުރު ފަޅާފައިހުރި ކެޕްސޫލްތަކެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ކަމަކަށް އޮންނަނީ 'ކެޕްސޫލް' ކުރުން (ބަސްތާ ޖެހުން). ކެޕްސޫލް ކޮށްފައި އެ ތަކެތި ނައްތާނުލެވި ހުއްޓާ ހަލާކުވެ، އަނެއްކާ އަލުން ކެޕްސޫލް ކުރަނީ. ނިމުމެއް ނެތް ޕްރޮސެސްއެއް. ދެމެހެއްޓެނިވި ގޮތެއްގައި ކެޕްސޫލްކުރުން،" ތިލަފުށިން ބައްދަލުވި މީހާ ބުންޏެވެ.

މިކަމުގެ ވެސް މަގްސަދު ގެއްލި، ނިމުމެއް ނެތް ގޮތުގައި ކެޕްސޫލް ކުރުމަކީ، އޭނާ ބުނި ގޮތުގައި، ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ.

ހައްލަކީ ކޮބާ؟

ކުރިން ވާހަކަދެއްކި ވިޔަފާރިވެރިޔާ ވިދާޅުވާ ގޮތުގައި ތިލަފުށިން ކިރިޔާ ވެސް ޖާގައެއް ލިބެން އޮތީ ކުނި އަންދައިގެންނެވެ. އެކަމަކު އިންސިނަރޭޓަރެއްގެ ވާހަކަ ދައްކާތާ ވެސް އެތައް އަހަރެއް ވީއިރު، އޭނާ ވިދާޅުވީ، އެކަން އޮތީ ނުކުރެވި ކަމަށެވެ. ހަމަ ކުނި ގެނެސް ޖަމާކުރަމުން ކުރަމުން، އިތުރު ފަރުބަދަތަކެއް އުފައްދަނީ އެވެ.

ބައެއް ރިސޯޓުތަކުގައި ކުނި އެންދޭ ވަސީލަތްތައް ހުރި ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި، ތަރައްގީކުރަމުން އަންނަ ރިސޯޓުތަކުގައި އެ ތަކެއްޗެއް ނުހުންނާނެ އެވެ. އެހެންކަމުން ކުނި ހިފައިގެން އަންނަން ޖެހެނީ ތިލަފުއްޓަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ތިލަފުއްޓަށް އޮބިނޯވެގެން ވެމްކޯއިން އިތުރު ފަޅެއް ދޭން ވެސް ސަރުކާރުގައި އެދުނު. ވަރަށް ދަތީގައި ވެމްކޯއިން ވެސް އެ އުޅެނީ. މުވައްޒަފުން ގަނަ ތެޅެނީ،" އޭނާ ވިދާޅުވި އެވެ.

"އަސްލު މައްސަލައަކީ ސަރުކާރުން މި މައްސަލައަށް އެއްވެސް އިސްކަމެއް، އަހަމިއްޔަތުކަމެއް ނުދޭތީ."

އޭނާގެ އެދުމަކީ ވީހާ ވެސް އަވަހަށް ސަރުކާރުން ތިލަފުށީގެ ދަތިކަމާއި ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. މޫދަށް ކުނި އަޅަން ބޭނުންނުވާ ކޮންމެ މީހެއްގެ ވެސް ކަންބޮޑުވުމަކީ އެއީ އެވެ.

ގްރީން ޓެކްސްގެ ފެހިކަން ތިލަފުއްޓަކުން ނުފެނޭ

ގްރީން ޓެކުހަކީ ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން، އެމީހަކު ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ނަގާ ތިމާވެށީގެ ޓެކުހެކެވެ.

އެ ޓެކުހުން ލިބޭ ފައިސާއިން ހަރަދުކުރާ ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުމުން ފެށިގެން ގޮސް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި ކުނި މެނޭޖުކުރުން ވެސް ހިމެނެ އެވެ.

ގްރީން ޓެކްސްއިން ސަރުކާރަށް ލިބޭ އާމްދަނީ ކޮބާ ހެއްޔެވެ؟ ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އެންމެ ފަހުގެ މައުލޫމާތަކަށް ފެންނަން ހުރީ ހުސްވި މެއި މަހުގެ ތަފާސްހިސާބުތަކެވެ. އެ މުއްދަތާ ހަމައަށް އެކަނި ވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ އެވެ. މި ފައިސާއިން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟

ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ޖަމާކުރަނީ 'ގްރީން ފަންޑު' ކިޔާ ފަންޑަކަށެވެ. މި ފަންޑު ހިންގައި ބަލަހައްޓާ ސްޓިއަރިން ކޮމިޓީގައި ހިމެނެނީ:

  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީ (ކޮމިޓީގެ ޗެއާ)

  • ފިނޭންސް މިނިސްޓްރީ

  • ޓޫރިޒަމް މިނިސްޓްރީ

  • ގައުމީ ޔުނިވާސިޓީ އެމްއެންޔޫ

  • ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ

  • ފިޝަރީޒް މިނިސްޓްރީ

  • ކްލައިމެޓް ޗޭންޖު 

މީގެ ކުރިން ގްރީން ފަންޑުގެ ތަފާސްހިސާބުތައް ކޮންމެ މަހަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން ޝާއިއުކުރަމުން އައިސްފައިވެ އެވެ.

ނަމަވެސް ޑިސެމްބަރު 2025ގެ ފަހުން އެއްވެސް ރިޕޯޓެއް މިނިސްޓްރީގެ ވެބްސައިޓުގައި ފެންނާކަށް ނެތެވެ.

ހަމައެކަނި 2025ގެ ނަންބަރުތަކަށް ބަލާއިރު:

  • ގްރީން ފަންޑަށް 2.2 ބިލިއަން ރުފިޔާ އެ އަހަރު ލިބުނު

  • ހަރަދުކުރީ 275 މިލިއަން ރުފިޔާ

  • މިދިޔަ އަހަރު ފެށުމުގެ ކުރިން ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ ހުރި

  • މިދިޔަ އަހަރު ނިމުނުއިރު އެ ފަންޑުގައި ހުރީ 3.6 ބިލިއަން ރުފިޔާ

މިދިޔަ އަހަރު ކުރި ހަރަދުތައް ކެނޑުމަށް ފަހު ވެސް އޭގެ ކުރީ އަހަރުގެ ނިޔަލަށް ހުރި ބެލެންސަށް 2 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

އެ ފަންޑާ ގުޅޭ ރިޕޯޓުން ދައްކަނީ އެކި ރަށްރަށުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ހެދުމާއި މިހާރު ހުރި އެފަދަ މަރުކަޒުތައް އަޕްގްރޭޑުކުރަން އެ ފަންޑުން ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެކަމަކު ތިލަފުށިން ދައްކަނީ މުޅިން ތަފާތު މަންޒަރެކެވެ. ކުނި އުކާނެ، އަދި ނައްތާލާނެ އިތުރު ތަނެއް މި ރާއްޖޭގައި ނެތިގެން ހުރިހާ ބާރެއް އެ ކުރަނީ ތިލަފުއްޓަށެވެ. މުވައްޒަފުން އަވަދިވެއްޖެ އެވެ. އުޅަނދުތައް ހަލާކުވެއްޖެ އެވެ.

އިތުރުވަނީ އެ ރަށުގައި ހުރި ކުނި ފަރުބަދަތަކެވެ. ގްރީން ފަންޑުގެ ފެހިކަން ތިލަފުއްޓަކަށް ނުފޯރަ އެވެ. އެ ތަނުން ފެންނަން އޮތީ، އެކުގައި ދިޔަ ނޫސްވެރިޔާ ބުނި ފަދައިން، ސަރުކާރުގެ 'ހޮޅި ނޫ' ތަރައްގީ އެވެ.

ކޮމެންޓް (3)

profile-image-placeholder

02599

33 މިނިޓު ކުރިން
މަޓީ އޮންނާނެ ބުނެފައ ރިސޮޓްތަކަށް ކުނި އުކާލާކަށް ނޭންގޭނޭ. ހުރިހާ ކަމެއް ސަރުކާރު ބޮލަށް ނުޖަހަާ އެވެސް ބަލާބަލަ. އެންމެ ބޮޑެތި ކުށްތައް އެމީހުންކުރާއިރު އެމީހުން ކައިރީ ހޭ ވެސް އަހާ ނުލާ އަބަދު ސަރުކާރޭ ސަރުކާރެ ކިޔާތީ މައްސަލަ ހައްލު ނުވަނީ. މަޖިލީހޭވެސް ނުކިޔާވިއްޔަ.

ސިކުނޑި

42 މިނިޓު ކުރިން
ސަރުކާރުން ކަންކަމަށް ފޯކަސް ނުކުރެވޭކަން މީގެން ދޭހަވަނީ! މައިގަނޑު ސަބަބަކީ ރައީސް އަމިއްލައަށް ހުރިހާކަމެއް ކުރަން އުޅުން، އެހެންޏާ ކަންކަމަށް އިސްކޮށްފައިތިބި ވެރިން ރައީސަށް އެއްބާރުލުން ނުދިނުން! ހުރިހާ ދުއްޕާނެއް ރައްޔިތުންނަށް! ދުއްޕާނަކަށްވެގެން ހޯދި ވެރިކަން ދޯޕާނަކަށް ވެގެން މި ނިމެނީ! ކޯއްޗެ ޗެއަހަދަނީ؟!

އާދަނު

1 ގަޑިއިރު ކުރިން
އެއީ ރައީސް އޮފީހާ މަޖިލީހަށް ކުނި އެއްކުރާތީ ވާގޮތް. އަދި ތިމާވެއްޓާ ބެހޭ ވުޒާރާއަށްވެސް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް