18 ޖަނުއަރީ 2025: ބައްޕައެއް 2 ކުދިން ގޮވައިގެން ހަވީރު ހިނގާލަން ނިކުމެފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބޯހިޔާވަހިކަން

އެކަނިވެރި ބަފައެއްގެ ޝަކުވާ: މި ފްލެޓު ސްކީމުން ފުރުސަތެއް ނެތް

މި ސަރުކާރުން މާލޭއިން ފްލެޓު ދޫކުރަން މިއަދު ފުރުސަތު ހުޅުވާލާ ސްކީމުގައި އެކަނިވެރި މައިންނާއި ބަފައިންނަށް ވަކިން ކެޓަގަރީއެއް އޮވޭ. ނަމަވެސް ޕޮއިންޓު ދިނުމުގައި ޒިންމާ އާއި ވާޖިބު އަދާކުރާ މިންވަރު ނުބަލައި، ދިރިއުޅެނީ އެއް އެޑްރެހެއްގައިތޯ ބަލައިގެން ޕޮއިންޓު ދޭތީ އެ ފުރުސަތު ގެއްލޭ

މަސައްކަތުން އަވަދިވެ، އަމިއްލަ ހިޔާލުތަކަށް ވަގުތެއް ވުމާ އެކު އަހްމަދު (އަސްލު ނަމެއް ނޫން)ގެ ސިކުނޑި ވަށާލަނީ ކޮންމެ މަހަކު ކުރަން ހުންނަ ހަރަދުތަކެވެ. އެކަމަކު ދިރިއުޅުމަކީ ވެސް އެއީތާ އެވެ.

ދަރިންގެ ސްކޫލާއި ޓިއުޝަން ފީތަކެވެ. މިދިޔަ އަހަރު ހެޔޮވަރު އެކަމަކު ކުރިއަށް އޮތް އަހަރަށް ހެޔޮވަރު ނުވާނެ އަންނައުނާއި ފައިވާންތަކެވެ. އެކުދިންނަށް ކޮންމެހެން ބޭނުންވާނެ ރީތިވާ ސާމަނާއި ހިތްހަމަޖައްސާލަން ގެންގުޅޭ ކޫސަނި ތަކެއްޗެވެ. އެކަމަކު އަހްމަދަށް އެކުދިންނާ އެކު ދިރިއުޅެވެނީ މިހެން ކުރާ ހަރަދުތަކުންނެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލެވެނީ ހަފްތާއަކު ގިނަވެގެން ދެ ދުވަހު އެވެ.

އަހްމަދަކީ 90ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން މިއަދާ ހަމައަށް ވެސް މާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ. މީގެ އަހަރުތަކެއް ކުރިން ރޫޅުނު ޒަވާޖީ ހަޔާތް ވެސް ބިނާކުރީ މި މާލޭގަ އެވެ. އެކަމަކު މިވީ 34 އަހަރުގެ ތެރޭގައި މި މާލޭގައި އޭނާގެ އަމިއްލަ ތަނެކޭ ކިޔާފައި ދައްކާނެ ފުލެޓެއް، ގޯއްޗެއް ނުވަތަ އެންމެ ތަށިމުށިގަނޑެއް ވެސް ނެތެވެ.

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް. (ދައުރު ފޮޓޯ)

ދެން ބައެއް މީހުން ބުނެފާނެ އެވެ. "އަމިއްލަ ރަށަށް" ދޭބަލާށެވެ. އެކަމަކު އަދާކުރާ ވަޒީފާ ދޫކޮށްލާފައި، އުޅެ ބޮޑުވި ތަން ދޫކޮށްލާފައި އައިޑީ ކާޑުގައި އޮންނަ، އެ ބުނާ އަމިއްލަ ރަށަށް ގޮސް ވަންނާނެ ތަނެއް ވެސް ހުރީއެއް ނޫނެވެ. ސަރުކާރުތަކުން ބޯހިޔާވަހިކަމަށް ފުރުސަތު ހުޅުވާލާ ކޮންމެ ފަހަރަކު ކުރިމަތިލެވެނީ އެހެންވެ އެވެ.

އެކަމަކު ކޮންމެވެސް ކަމަކާ ހުރެ ދުވަހަކު ވެސް ފްލެޓެއް ލިބޭ ވަރެއް ނުވެ އެވެ. ދެން އޮތީ މި ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރަން މިއަދު ފުރުސަތު ހުޅުވާލާ ސްކީމުގެ ވާހަކަ އެވެ. އަހްމަދު ކަހަލަ އެކަނިވެރި ބަފައިންނަށް މި ސްކީމުން ވެސް ލިބޭނެ ފަރުވާއެއް، ހައްލެއް ނެތެވެ.

ޝަރުތުތައް ކިޔައި، ޕޮއިންޓު ލިބޭނެ އަދަދުގެ އަންދާޒާއެއް ކޮށްލާއިރު އަހްމަދަށް މިފަހަރު  ވެސް ފްލެޓު ނުލިބެންވީ ސަބަބެއް ނެތެވެ. އަސާސީ ހުރިހާ ޝަރުތުތަކެއް ހަމަވެ އެވެ. އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް ވަކިން ކެޓަގަރީއެއް ވެސް އެބަ އޮތެވެ. އޭނާގެ ދެ ކުދިންނަކީ، އެ ކެޓަގަރީގައި ބުނާ ފަދައިން 18 އަހަރު އަދި ނުފުރޭ ދެ ކުދިންނެވެ. އެކަމަކު ގޯސްވަނީ އެންމެ ކަމަކާ ހުރެ އެވެ. ޕޮއިންޓު ދިނުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ މި އިބާރާތްކޮޅެވެ:

"ދަރިންނާ އެކު ދިރިއުޅެމުންދާ ނަމަ."

މި ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގައި އާއިލާގެ ހާލަތަށް ޕޮއިންޓު ދޭ މިންގަނޑު.

މާނައަކީ ކިތަންމެ ހަރަދެއް ކުރިޔަސް، ދަރިންނާ ވަކިން ދިރިއުޅޭ ނަމަ، މިފަހަރުގެ ސްކީމްގައި އެ ކެޓަގަރީއަށް އަހްމަދު ޝަރުތު ހަމައެއް ނުވާނެ އެވެ. މި ސްކީމުގައި އެކަނިވެރި ބަފައިންނަށް ޕޮއިންޓު ދެނީ ދަރިންނާ އެކު، އެއް އެޑްރެހެއްގައި ދިރިއުޅޭ ނަމަ އެވެ. ދަރިންގެ ހައްގުގައި އެމީހުން އަދާކުރަން ޖެހޭ ޒިންމާތަކަށް އޮތީ ސުމެކެވެ. ޒިންމާ އަދާކުރިޔަސް، ނުކުރިޔަސް އެއް ގެއެއްގައި އުޅޭ ނަމަ ފުލްކޮށް ޕޮއިންޓު ލިބޭނެ އެވެ. އަބަދުވެސް މިކަހަލަ ދެއުޅިއެއް ނުވާ ކޮންމެވެސް ޝަރުތެއް ކޮއްޕާލާފައި އޮންނާނެ އެވެ.

މިފަހަރުގެ އުސޫލުގައި ބުނާ ގޮތުން ނަމަ އެންމެ ގިނަވެގެން މީހަކަށް ލިބޭނީ 140 ޕޮއިންޓެވެ. އަހްމަދު ޖަހާ ހިސާބުން ދައްކާ ގޮތުގައި އޭނާއަށް 100 އަށްވުރެ ގިނަ ޕޮއިންޓު ލިބޭނެ އެވެ. އެކަމަކު ދަރިންނާ ތަފާތު އެޑްރެހެއްގައި ދިރިއުޅޭތީ ކިރިޔާ ވެސް ހަމަވާނީ 90 ޕޮއިންޓެވެ. އަނެއްކޮޅުން މި ކެޓަގަރީގެ ދަށުން ދޭން ނިންމާފައިވަނީ މުޅި ޖުމްލަ 100 ފްލެޓެވެ.

ގިނަ ފަހަރު ކައިވެނިތައް ރޫޅިގެންދާއިރު ދަރިން ހަވާލުކުރަނީ އެ ދަރިންގެ މަންމައާ އެވެ. ބައްޕައިން އުފުލަނީ ހަރަދު ކުރުމުގެ ޒިންމާ އެވެ. މި ބުނަނީ އެކަން އޮންނަންވާ އެންމެ ރަނގަޅު ގޮތް ނޫނަސް، ކަން ހިނގާ ގޮތުގެ ވާހަކަ އެވެ. ކުދިން ތަރުބިއްޔަތު ކުރުމާއި އެ ކުދިންނާ އެކު ވަގުތު ހޭދަކުރުމަކީ މައިންނާއި ބަފައިން ވެސް ކުރަން ޖެހޭ ކަމެކެވެ. މަޝްވަރާކޮށްގެން، ދަރިންގެ ކަންކަން ހަމަހަމަކޮށް ބަހާލައިގެން ކުރާ މީހުން ވެސް އުޅެ އެވެ. ހަމަ އެގޮތަށް ޒިންމާތަކުން ރެކި، އެއްވެސް ހަރަދެއް ނުކުރާ ބައްޕައިން ވެސް އުޅެ އެވެ.

"ހުރިހާ ވެސް މައްސަލައަކީ އެކަހަލަ މީހުން. އެ މީހުންގެ އުނދަގޫ އަހަރެމެންނަށް ވެސް މި ޖެހެނީ،" އަހްމަދު ބުންޏެވެ.

އޭނާ ބުނާ ގޮތުގައި ކައިވެނި ރޫޅުނު ފަހުން މިއަދާ ހަމައަށް އައިއިރު ދުވަހަކު ވެސް އޭނާގެ ދަރިންނަށް ބޭނުންވާ އެއްވެސް ކަމެއް، ހަރަދެއް އުނިކޮށްފައެއް ނޯންނާނެ އެވެ. ކޮންމެ މަހަކު އެކުދިންގެ ކަންކަން ހަމަޖައްސަން އެކުދިންގެ މަންމައަށް ވަކިން ފައިސާ ފޮނުވަ އެވެ. އަދި އޭގެ އިތުރަށް ކުދިންނަށް ބޭނުންވާ އަމިއްލަ ތަކެއްޗާއި ސްކޫލަށާއި ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ވެސް ބަލަހައްޓަނީ އޭނާ އެވެ.

ބެލެނިވެރިޔަކާ އެކު ދަރިވަރެއް ސްކޫލަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މަހަކަށް 15،000ރ.އަށް ވުރެ ބޮޑު އަދަދެއް އެ ކުދިންނަށްޓަކައި ހޭދަކުރާ ވާހަކަ ބުނީ ކަލަ ގޮވާކަށް ނޫނެވެ. އެއީ އޭނާ އުފަލުން ކުރާ އަދި ކޮށްދޭން ޖެހޭ ކަމެކެވެ. އިތުރު ކައިވެންޏެއް ނުކޮށް މިއަދާ ހަމައަށް ހުރި ސަބަބަކީ ވެސް އެއީ އެވެ. އެ ކުދިންނަށް ކުރާ ހަރަދުން އެންމެ ފައިސާ ފޮއްޗެއް ވެސް މަދުކުރަން ބޭނުންނުވާތީ އެވެ.

ދެން އޮތީ އެ ކުދިންނާ އެކު ހޭދަކުރާ ވަގުތެެވެ. ކޮންމެ ހަފްތާ ބަންދެއް ހޭދަކުރަނީ އެ ކުދިންނާ އެކީގަ އެވެ. އެކަމަށް އެ ކުދިންގެ މަންމަ ވެސް ހުރަހެއް ނާޅަ އެވެ. ހުރަސް އަޅަންވީ ސަބަބެއް ވެސް ނެތެވެ. އެކަމަކު މި ފްލެޓު ސްކީމުގައި ބުނާ ގޮތަށް، އެ ކުދިން ދިރިއުޅޭ އެޑްރެހުގައި އޭނާ ދިރިއުޅޭނެ ގޮތެއް އޭނާއަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. ކައިވެނި އޮތީ މާ ކުރިން ރޫޅިފަ އެވެ. ކުދިންގެ މަންމަ އެހެން ކައިވެންޏެއް ކޮށްގެން އުޅޭތާ ވެސް އަހަރުތަކެއް ވެދާނެ އެވެ.

"އަހަންނަކީ ދަރިންނަށް ވަގުތު ދޭ މީހެއް. ހަރަދުކުރާ ބައްޕައެއް،" މި ވާހަކަތައް ކިޔައިދެމުން އޭނާ ބުންޏެވެ.

"ސަރުކާރަކުން [ދަރިންނަށް ހަރަދުކުރާކަން] ބަލަން ބޭނުންވާ ނަމަ، ބެލޭނެ ބައިވަރު ގޮތްތައް އެބަހުރި."

"ބައެއް މީހުން އެބަ ތިބޭ ކޯޓަށް ދައްކަން ޖެހޭ އަދަދު އެކަނި ދީފައި، ވަރަށް ހިނިއައިސްފައި ވެސް. އެކަމަކު އެވަރުގެ އަދަދެއް ދީގެން ކިހިނެއް ދަރިންގެ ހުރިހާ ކަމެއް ހަމަޖައްސަނީ؟ އަހަރެން ކުރީގެ އަންހެނުންނާ ވާހަކަދައްކައިގެން މުޅިން ވެސް ކޯޓުން ބޭރުން ހުރިހާ ހަރަދެއް މި ކުރަނީ. އޭނާ ވެސް މިކަމަށް ހެކިވާނެ. ބޭންކިން ސިސްޓަމް ތެރެއިން ވެސް މިކަން ސާބިތުކޮށްދެވޭނެ."

އޭނާގެ މި ކަންބޮޑުވުންތައް މީގެ ކުރިން ރައީސް އޮފީހާ ހަމައަށް ވެސް އޮތީ ގެންގޮސްފަ އެވެ. ހަމަ އެ ކިޔައިދިން ހުރިހާ ވާހަކައެއް ހިމަނައިގެންނެވެ.

"އަޅުގަނޑު ފަދަ، ދަރިންގެ ހައްގުގައި، ދަރިންނަށް ފާގަތި މުސްތަގްބަލެއް ހޯދައިދޭން މަސައްކަތްކުރާ ބައްޕައިންނަށް އޮތީ ކޮން ފުރުސަތެއްތޯ؟" ރައީސް އޮފީހުގެ އެކި 'ބޭފުޅުންނަށް' މެސެޖުކޮށް، އެންމެ ފަހުން ޕޮލިސީ ކޮމިޓީއާ ހަމައަށް ފޮނުވި މެސެޖެއްގައި އަހްމަދު ސުވާލުކޮށްފައިވެ އެވެ.

"އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު އެދެނީ ޕޮއިންޓު ދިނުމުގައި ދިރިއުޅޭ އެޑްރެހަށް އެކަނި ނުބައްލަވައި، މާލީ ގޮތުން އަޅުގަނޑުމެން [އެކަނިވެރި ބަފައިން] އަދާކުރަން ޖެހޭ ޒިންމާ އާއި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރޭތޯ ބަލާ ގޮތަށް އުސޫލު ރިވިއުކޮށްދެއްވުން."

އެކަމަކު އޭނާގެ އެ ކަންބޮޑުވުމަށް ލިބުނު އެދެވޭ ޖަވާބެއް ނެތެވެ. މިއަދު މި ސަރުކާރުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިރު އުސޫލު އޮތީ އޮތް ގޮތަށެވެ. ސުވާލަކީ އެއީ އުސޫލު އެކުލަވައިލިއިރު އިބާރާތުގެ ކުށެއް ބާއެވެ؟ ނުވަތަ އެ ބުނާ ގޮތަށް، އެޑްރެހަށް ބަލައިގެން މިކަން ކުރާ ނަމަ، ޝަރުތު ހަމަވާނީ އެކަނިވެރި ކިތައް ބަފައިން ހެއްޔެވެ؟

އަދި އެއް ސުވާލު އެބަ އޮތެވެ. ކައިވެނިކޮށްގެން، ދަރިންނާ އެކު އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ހުރިހާ މައިންނާއި ބަޕައިންގެ ތެރެއިން އެބައެއްގެ ދަރިންގެ ކަންކަން ބަރާބަރަށް ކުރަނީ ކިތައް މީހުން ހެއްޔެވެ؟ އަދިވެސް ހަމަ މުހިންމު ވަނީ އެޑްރެސް ހެއްޔެވެ؟

ކޮމެންޓް (4)

ހުޒޭމު

22 ޖެނުއަރީ 2026
އަހްމަދު ޝަރުތު ހަމަވާ އެހެން ކެޓެގަރީއަކުން ތޯތި / ފުލެޓް ހޯދަން ހުށަހެޅުން ބުއްދިވެރިއީ. އެކެއްގެ ދަރިން ބަލަން ވަރިވެފައިވާ ދެ ފަރާތަށް ގޯތި/ފުލެޓް ދިނުމީ ވެސް ހަމަޖެހޭ ކަމެއްނޫން.
1 0

މި ސުވާލު ކޮށްދީބަ

19 ޖެނުއަރީ 2026
1. އުސޫލު ނަންބަރު 2025/G-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓް ދޫކުރުމުގެ އުސޫލު) ގެ 11 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައި ބަޔާންކުރަނީ މައިންބަފައިންގެ ނިޔާވުމުން ތަރިކައިން އެއްވެސް ގޯއްޗެއް ލިބެން ނެތުންތޯ މާނައަކީ، މައިންބަފައިންގެ ބިން އޮވެއްޖެ ކަމުގައި ވާނަމަ، ފްލެޓް އަށް ޝަރުތު ހަމަ ނުވަނީތޯ
0 0

ސިކުނޑި

18 ޖެނުއަރީ 2026
އަހުމަދުގެ ޝަކުވާ ކުރަން ނުޖެހޭ ހާލަތެއް ޔައުނީ ދަރީންނާއެކުގައި އުޅޭނަމަ، އެ ޝަކުވާ ކުރާނެ އެހެން މަރިޔަމެއް ނުވަތަ ޚަދީޖާއެއް ނަމަވެސް އުޅޭނެ. ރަނގަޅު ގޮތަކީ ދަރީންނާއި އެއްކޮށް އުޅުން! ނުވަތަ، ދަރިންގެ ހައްގުގައި މައިމީހާއަށް ފްލެޓެއް ލިބޭތޯ ދުއާކުރުން!
2 2

ސައި

18 ޖެނުއަރީ 2026
@ސިކުނޑި އެ ބުނި އެއްޗެއް ވިސްނޭތަ މިހިރަ ކޮހާ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް