އެއްބަސްވެ ދެބަސްވަމާ: ވެލީގެ ވައްކަން، ތިމާވެށީގެ ޖަރީމާ
ތަރައްގީ އޮންނަން ޖެހޭ ގޮތާ މެދު ހިޔާލު އެއްގޮތެއް ނުވާނެ އެވެ. ބައެއް މީހުންނަށް، ތަރައްގީއަކީ ކޮންކްރީޓެވެ. ބައެއް މީހުންނަށް ކޮންކްރީޓަކީ ގެއްލުމެކެވެ. އުމްރާނީ ތަރައްގީ ރާއްޖޭގައި މި ގެންނަނީ ގުދުރަތީ މާހައުލު ގުރުބާންކޮށްފަ އެވެ. ގަސް ކަނޑަ އެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ފަޅުން ހިއްކެން އޮތް ވަރަށް އެބަ ހިއްކަ އެވެ. ވަކިން ހުރި ފަޅުތައް ވެސް ހިއްކަމުން އެބަދެ އެވެ. ކުޅި ޗަސްބިންތައް ދަނީ ނައްތާލަމުންނެވެ.
މި ސަރުކާރުން ރަސްމީ ފާލަން ކުރިމަތީ މަގުގައި ތާރު އެޅީ، އެ މަގުގައި ހުރި ދުވަސްވީ ގަސްތައް ކަނޑާލައިފަ އެވެ. މިދިޔަ ސަރުކާރުން އަމީނީމަގު 'ޒަމާނީ އަމީނީ' މަގަށް ބަދަލުކުރަން ތާރު އެޅިއިރު ވެސް އެ މަގުގައި އެތައް އަހަރެއްވީ ބޮޑެތި ގަސްތައް ކަނޑާލި އެވެ. މި ނޫން ގޮތަކަށް މި ކަން ނުވެސް ކުރެވޭނެ ކަމަށް ސިޔާސީ ވެރިން ދަނީ ބުނަމުންނެވެ.
ކޮންކްރީޓް ތަރައްގީ މުހިންމު ވެގެން އުޅޭ އިރު ގުދުރަތީ މާހައުލުގެ ހަމަޖެހުން ވެސް މުހިންމެވެ. 'ބެލެންސް'އެއް ހޯދަން ޖެހެ އެވެ. ބަހުސްކުރަންވީ ވެސް ބެލެންސް ހޯދުމާ ގުޅޭ ގޮތުންނެވެ. ހިލައާއި ސިމެންތީގެ ތަރައްގީ ގެންނަން ވެށި ގުރުބާންކުރުމަކީ އިހުތިޔާރެއް ނޫނެވެ. ތިމާވެށި ހިމާޔަތްކުރުމަކީ ގާނޫނުއަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާއަކަށް ވެސް ވާތީ އެވެ.
ތިމާވެށި ހަލާކުނުކޮށް ތަރައްގީ ގެނެވިދާނެ ގޮތްތައް އެއީ މި ފަހަރުގެ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މައުލޫއެވެ. 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް ހޮސްޓްކުރި އެޕިސޮޑްގެ މެހެމާނަކީ ތިމާވެށި އެކްޓިވިސްޓެއް، މައީދު ޒާހިރެވެ.
މާލެއަކީ ގޯސް ނަމޫނާއެއް؛ ރިސޯޓްތަކަށް ބަލާލާ
މިއީ ކޮންމެ ދުވަހަކު ލޮލުން ފެންނަން ހުރި މަންޒަރެވެ. ކޮންމެ ދުވަހަކު ކުރަމުންދާ ތަޖުރިބާއެކެވެ. ކޮންމެ ދުވަހަކު ވެސް ލިބެން ހުރި ފިލާވަޅެވެ. މާލެ ތޮއްޖެހި، މާލޭގައި މީހުން ދިރިއުޅެމުންދާ ހާލަތެވެ. ކޮންމެ މަގެއްގައި ގާ އަތުރާފައި ހުއްޓަސް، ވިއްސާރަ މޫސުމެއްގައި މަގުތައް ފެންބޮޑުވެ އެވެ. މަގުތައް ހަނިކަމުން ދަތުރުކުރަން ދައްޗެވެ. ހިތްހަމަޖައްސާލަން ދާނެ ތަންތަން މަދެވެ. ގަސްގަހުގެ ހިޔާ ލިބޭލެއް ކުޑަ އެވެ.
ނަމަވެސް މީހުން ދިިރިއުޅޭ ރަށްރަށުން ތަރައްގީ ރޭވުމުގެ ނަމޫނާއަކަށް މި ނަގަނީ ވެސް މާލެ އެވެ. ކޮންކްރީޓް ތަރައްގީ އެވެ.
ޒާހިރަށް ގިނަ ރަށްރަށް މިހާރު ސިފަވަނީ ވެސް މާލޭގެ ގޮތުގަ އެވެ. ކޮންކްރީޓް ޖަންގައްޔެއް ގޮތަށެވެ. ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ މާފުއްޓާއި ދިއްފުށި މިސާލެއްގެ ގޮތުގައި ނެންގެވި އެވެ. އުސް އިމާރާތްތަކުން އެ ރަށްތައް ތޮއްޖެހިއްޖެ އެވެ. ގުދުރަތީ ރީތިކަމުގެ އެއްވެސް ކުލަވަރެއް ނެތެވެ.
އެއާ ހިލާފަށް ގިނަ ރިސޯޓްތައް ޒާހިރަށް ފެންނަނީ މާ ރަނގަޅަށެވެ. ރިސޯޓްތަކުގައި އޮންނަނީ ވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެކެވެ. ދޮންވެލި މަގުތަކެވެ. ހުސް ޖާގަތަކާއި ފެހި ގަސްތައް ގިނަވާނެ އެވެ. ހިލަބޮޑު ބަނދަރެއް ނެތަސް ލަފާފުރޭނެ ރަނގަޅު އިންތިޒާމެއް، މި ރިސޯޓްތަކުގެ ފަޅުތެރޭގައި ހަމަޖައްސާފައި ހުރެ އެވެ.
"ރިސޯޓްތަކުގެ ލޭންޑްސްކޭޕިން އަދި ކޮންސެޕްޓް ޑިޒައިންކޮށްފައި މި ހުންނަނީ ވަރަށް ރީތިކޮށް. ވަރަށް ކުޑަ ރިސޯޓްތައް ވެސް. މި ބުނަނީ ހަ ހެކްޓަރު އަށް ހެކްޓަރުގެ ރަށްރަށް ވެސް. އަހަރުމުން މީހުން ދިރިއުޅޭ ރަށްރަށް މި ބަދަލުވަނީ ކޮންކްރީޓް ޖަންގައްޔަށް. މި ދެބައިގައި މިހާ ބޮޑު ތަފާތެއް އެބަހުރި،" ޒާހިރު ވިދާޅުވި އެވެ.
ޒާހިރުގެ ވާހަކައަށް މައީދު ވެސް އެއްބަހެވެ. އެ ފަރަގު ސިފަކޮށްދެއްވުމަށް މައީދު މިސާލެއްގެ ގޮތުގައި ބޭނުންކުރެއްވީ ބ. އޭދަފުއްޓާއި އެ ރަށް ކައިރީ އޮންނަ ސޮނެވާފުށި ރިސޯޓެވެ. އޭދަފުއްޓަކީ ގަސް މަދު، ހޫނުގަދަ ރަށެކެވެ. އިމާރާތްތަކުން ތޮއްޖެހިފައިވާ، މަގުތައް ވެސް ހަނި ރަށެކެވެ. އެތައް ހާސް ފަތުރުވެރިންނަށް ހިދުމަތްދެމުން އަންނަ ސޮނެވާފުށި އެހެނެއް ނޫނެވެ.
"އެ ދެ ރަށް މަތިން ބެލިއަސް، އަރިމަތިން ބެލިއަސް އެ ފެންނަނީ ކިހާ ބޮޑު ފަރަގެއް. ސޮނެވާފުށި ރީތިކަމުން ރީތިކަން ބަލަން ދާން މީހުން ކުރާ ހަރަދާ. ރިސޯޓެއްގައި މި ހުންނަ ލަގްޒަރީސް މީހުން ދިރިއުޅޭ ރަށެއްގައި ކީއްވެ ނުވާން ވީ ވެސް؟" މައީދު ވިދާޅުވި އެވެ.
އޭނާ ދެކޭ ގޮތުގައި ރިސޯޓްތަކުގެ ނަމޫނާ މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ގެނެވޭނެ އެވެ. ރިސޯޓްތަކުގެ ފަޅެއް ނުހިއްކަ އެވެ. ހިތްގައިމު ވޯޓާ ބަންގަލޯސްތަކުން ފަތުރުވެރިންނަށް ހިދުމަތް ދޭތާ އެތައް ދަހަރެކެވެ.
"30 އަހަރަށް ގާތްވާ ސްޓްރަކްޗާސް އެބަހުރި. އެ ތަންތަން ރަނގަޅު. އެ ތަންތަނުގެ ފާހަނާގައި ފްލަޝްކުރެވޭ. ކަރަންޓު ވެސް ހުރޭ. ފަންކާ އާއި އޭސީ ވެސް ޖެއްސޭ. ފެން ވެސް ލެވޭ. ހިއްކުމުގެ ބަދަލުގައި ހެދޭނެ ގޮތްތައް ހުންނާނެ. ދިވެހިން ލޮލުން ދެކި، އަތުން ހިފާފައި ހުރީ މި ވޯޓާ ބެންގަލޯސްތައް،" މައީދު އިތުރަށް ތަފްސީލްކޮށްދެއްވި އެވެ.
ބިން ހިއްކުން މަދުކުރަން ޒާހިރު ވެސް ތާއީދެވެ. ނަމަވެސް އޭނާގެ ހިތުގައި އޮތް ސުވާލަކީ ވޯޓާ ބަންގަލޯސްގައި ދިރިއުޅުން އެއީ ކިހާ ރައްކާތެރިކަމަކަށް ވެދާނެތޯ އެވެ. އެއީ މިހާރު ވެސް ރިސޯޓްތަކުގައި ވަކި އުމުރުފުރާއަުން ދަށުގެ ކުދިން އެ ތަނުގައި ބަހައްޓަން ހުއްދަ ނުދޭތީ އެވެ. މުޅި ފަރު ފުނޑާލާ ގޮތަށް ހިއްކުމުގެ ބަދަލަކަށް އޮތީ އެ ކަން ހެއްޔެވެ؟
"އާންމުން ދިރިއުޅޭ ތަނެއްގައި ރައްކާތެރިކަން ވެސް ހުންނަން ވާނެތާ،" ޒާހިރު ވިދާޅުވި އެވެ.
ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ހޯދައި ދިރާސާކުރުމުން ހޯދޭނެ ކަންކަން ކަމުގައި މައީދު ގަބޫލުކުރައްވަ އެވެ. ނަމަވެސް މައްސަލައަކީ ސަރުކާރުތަކުން މި ކަމަށް ސީރިއަސްކަމެއް ނުދިނުމާއި މި ކަންކަން މާ ލުއިކޮށް ނަގާތީ އެވެ. ނޫނީ ހަރަދުތަކެއް ހިނގާނެތީ، ސިޔާސީ ވެރިން ބޭނުންވާ ކަންކަމަށް ދެން ހަރަދު ނުކުރެވިދާނެތީ އެވެ.
"ފަޅު ބޮޑެތި ރަށްރަށުގައި މުޅި ފަޅު ހިއްކާލުމުގެ ބަދަލުގައި ފަޅުމަތީގައި ދިރިއުޅެވޭނެ އެހެން ގޮތްތަކެއް އެބައޮތްތޯ ބެލިދާނެ. ކަންކަން ބެލުމުގެ ހިތްވަރު އަޅުގަނޑުމެންގެ [ސަރުކާރުތަކުގެ] ހުންނަން ވާނެ،" މައީދު ވިދާޅުވި އެވެ.
މި ކަމުގައި ނާއިފް ގަބޫލުކުރައްވާ ކަމަކީ ދިވެހިންގެ ވިސްނުމުގައި ވެސް މައްސަލައެއް އުޅޭ ކަމެވެ. ރަށްރަށުން މަގުތަކުގައި ތާރުއެޅުމާއި، ބިން ހިއްކުމާއި، ހިލޭ ގޯތި ދޫކުރުމާއި، ކޮންކްރީޓް އިމާރާތްތައް ގިނަކުރުމާއި، އެއާޕޯޓް އެޅުމަށް ޑިމާންޑްކުރާތީ ސަރުކާރުތަކުން އެ ކަމަށް ދީއްލާލަނީ އެވެ.
"ރައްޔިތު މީހާ ވެސް މީގައި ގޯސްވޭ. ރައްޔިތު މީހާ ޑިމާންޑްކުރަނީ ތާރު އަޅަން ވެސް. ކުޅި ޗަސްބިން ހިއްކަން ވެސް،" އޭނާ ވިދާޅުވި އެވެ.
ސިންގަޕޫރުން ނަގަންވީ ފިލާވަޅު: ގަހަކީ ތަރިކައެއް
ތަރައްގީގެ ވާހަކަ ދައްކާއިރު ސިންގަޕޫރު، ޓޯކްޔޯ، ދުބާއީގެ ވާހަކަ ނައިސް ނުދާނެ އެވެ. ދިވެހި ސަރުކާރުތަކުން ވެސް މި ރާއްޖެ ތަރައްގީގެ ސަފުގައި ނަމޫނާއަކަށް ބަލާ ކަމަށް ބުނާ އެއް ގައުމަކަށް އަބަދުވެސް ވަނީ ސިންގަޕޫރެވެ.
ސިންގަޕޫރަކީ އެއް ފަސްގަނޑަކަށް އޮންނަ، ގުދުރަތީ ވަސީލަތްތައް އެހާ ގިނަ ގައުމެއް ވެސް ނޫނެވެ. ރާއްޖެ އުފެދި މި އޮތް ގޮތާއި ސިންގަޕޫރާ ކިތަންމެހާ ވެސް ތަފާތެެވެ. ނަމަވެސް ސިންގަޕޫރުން ނެގިދާނެ ފިލާވަޅުތަކެއް ހުންނާނެވެ. އެ ފިލާވަޅުގެ އަލީގައި، ނަމަވެސް ރާއްޖެއަށް ރިއާޔަތްކޮށްގެން ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ހޯދިދާނެ އެވެ.
ވޮޑްކާސްޓްގައި ސިންގަޕޫރުގެ ވާހަަކަ ދެއްކެވީ ޒާހިރެވެ. ޒާހިރު ފާހަގަކުރެއްވި ގޮތުގައި ސިންގަޕޫރުގައި ގަހަކީ ގާނޫނުން ރައްކާތެރިކަން ދީފައިވާ އެއްޗެކެވެ. އެ ގައުމުގެ ގަސްތައް ބަލަނީ ތަރިކައެއް ގޮތަށެވެ. ގަހެއް ހެދެން ވަރަށް ދުވަސް ނަގާތީ، ގަހެއް ނުކަނޑާވާނެ ގޮތެއް ކޮންމެހެން ވެސް ހޯދާނެ އެވެ. ޒާހިރު ދެކެނީ ރާއްޖޭން ވެސް ކަންކުރަންވީ އެހެނެވެ.
އަދި ސިންގަޕޫރުގައި މަގުތައް ހަދާއިރު ވެސް މަގެއްގެ ދެ ފަރާތުން ގަސްތައް ބެހެއްޓުން ލާޒިމުކޮށްފައިވާ 'ހެރިޓޭޖް ރޯޑް ސްކީމް' ސިޔާސަތެއް ވެސް އޮވެ އެވެ.
"ކޮންމެ ގަހެއްގެ ދިރުމާއި ހާލަތު އަަހަރަކު އެއް ފަހަރު އެބަބަލާ. ގަސްތައް ހުންނަނީ ހިމާޔަތްކޮށްފައި ސިންގަޕޫރުގައި،" ޒާހިރު ވިދާޅުވި އެވެ.
ސިންގަޕޫރުގެ އިތުރުން ޒާހިރު މިސާލެއްގެ ގޮތުގައި ނެންގެވީ ޓޯކްޔޯ އެވެ. އެ ތަނުގައި ވެސް އިމާރާތެއް ޑިޒައިންކުރަން ޑިވެލޮޕަރުންނަށް ހަވާލުކުރާއިރުގައި އެ ސަރަހައްދެއްގައި ހުސް ޖަގާއާއި، ފެހިކަން ލިބޭނެ ގޮތްތައް ބަލާކަން ޒާހިރު ފާހަގަކުރެއްވި އެޗެ. ހާއްސަކޮށް ޓެރަސްމަތީގައި ގަސް ހައްދަން އޮންނަނީ ލާޒިމުކޮށްފަ އެވެ.
"އިމާރާތްތައް އަޅާއިރު ވަރަށް ބޮޑަށް ޑިވެލޮޕަރުންނަށް މަޖުބޫރުކޮށްފައި އޮންނަނީ ތިމާވެށި ރައްކާތެރި ކުރެވޭނެ ގޮތްތައް ހޯދައިގެން ގެންދަން،" ޒާހިރު ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ރަށެއްގެ ބިން ޕްލޭންކުރާއިރު ފެހި ޖާގައަކީ މުހިންމު ކަމެއްގެ ގޮތުގައި މައީދު ވެސް ގަބޫލުކުރައްވަ އެވެ. މައީދަށް ފުރަތަމަ ގޯހަކީ ވެސް އެ ވަރަށް ނުބަލައި ކަންކަން ކުރާތީ އެވެ. ގަހެއް ކަނޑާލާ ހިސާބަށް ދަނީ ވެސް، ގަސްތަކެއް އިންދާއިރު ވެސް ބަލަން ޖެހޭ ކަންކަން ނުބަލާތީވެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިޝާރާތްކުރެއްވީ ވިލިމާލޭގައި ބޮޑު ދެ ނިކަގަހެއް ކަނޑާލަން ސަރުކާރުން ނިންމި ނިންމުމަށެވެ. ނިކަގަހުގެ މޫތައް ގޭގޭގެ ސިޓިން ރޫމާއި ފާހާނާތަކަށް ގޮސް ދިރިއުޅޭން ދަތިވާވަރު ވުމަކީ ވަރަށް ދެރަ ކަމެއް ކަން މައީދު ވެސް ގަބޫލުކުރައްވަ އެވެ.
"ފުރަތަމަ ގަހެއް އިންދާރު އިރު ވެސް ބަލަން ޖެހޭ. އެ ތަނެއްގައި އިންދޭނީ ކޮން ބާވަތެއްގެ ގަސްތަކެއްތޯ. އެވެނި ބާވަތެއްގެ ގަސް އިންދީމައި ވާނީ ކިހިނެއްތޯ. ވަށައިގެންވާ މާހައުލަށް ވެސް ބަލަން ޖެހޭ. މީހުން އުޅޭ ގެތަކާއި ވިޔަފާރިތަކާއި، އިމާރާތްތައް ހުރި ގޮތެއް،" މައީދު ވިދާޅުވި އެވެ.
މިއިން ކަމަކަށް ނުބަލާ ގަހެއް އިންދައި، އެ ގަސް ބޮޑުވެ ދެން މީހުންގެ ތަކުލީފަކަށް ވުމުން ދެން ބަލަންވާނީ ގަސް ކަނޑާނުލާ ވާނެ ގޮތެއް އޮތްތޯ އެވެ. ނިކަގަސްތައް ކަނޑާނުލާ ވެސް މޫތައް ފެތުރުން ހުއްޓުވޭނެ ޓެކްނޮލޮޖީ މިއަދު ދުނިޔޭގައި ލިބެން އެބަހުއްޓެވެ. އެ ކަން ކުރެވެން އޮއްވައި ގަސްތައް ކަނޑާލުމަކީ ގޯހެއް ކަމުގައި މައީދު ގަބޫލުކުރައްވަ އެވެ.
އަތޮޅު ނިޒާމާއި ވެށި؛ މިއީ ޖީލުތަކުގެ ހައްގެއް
"ދިވެހިރާއްޖޭގެ ގުދްރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ގުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ." -- ގާނޫނުއަސާސީގެ 22ވަނަ މާއްދާ
ގާނޫނުއަސާސީން މި ތަސައްވަރުކޮށްދެނީ ރާއްޖެއަށް ގެންނަން ޖެހޭނީ ދެމެހެއްޓެނިވި ތަރައްގީ ކަމެވެ. މިއީ ނޫކަނޑުގެ އިގުތިސޯދު ދުނިޔެއަށް ވިއްކަން ފެށި ގައުމެވެ. ތިމާވެށި ރައްކާތެރިކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ގެންނަން 'ބްލޫ އިކޮނޮމީ' ޗެމްޕިއަންކުރަން ދުނިޔެއަށް ނުކުތް ގައުމެވެ.
"އިންސާނާ އަޅާ ކޮންމެ ފިޔަވަޅެއް އެއީ ތަރައްގީ. ނަމަވެސް ކޮންމެވެސް ވަރަކަށް ބަލާލައިގެން އެއިން ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދިއުމަށް މި ކިޔަނީ ދެމެހެއްޓެނިވި ތަރައްގީ،" މައީދު ވިދާޅުވި އެވެ.
ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހިމާޔަތްކުރުމަކީ ދައުލަތުގެ މައްޗަށް ވާޖިބަކަށް ވުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރަން ޖެހޭ އަނެއް ސަބަބަކީ ގާނޫނުއަސާސީން ދިވެހި ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ އެހެނިހެން މަދަނީ، ސިޔާސީ އަދި އިގުތިސޯދީ ހައްގުތައް ވެސް ކަށަވަރުކޮށްދިނުމަށެވެ.
"ސާފު ވައި ލިބުމަކީ ހައްގެއް. ދުޅަހެޔޮ ވެއްޓެއްގައި ދިރިއުޅުމަކީ ހައްގެއް. ހިތްފަސޭހަ، ހިތްހަމަޖެހޭ، ހިޔާ ލިބޭ މާހައުލެއް އެއީ ހައްގެއް. އަދި ހަމައެކަނި މި ޖީލުގެ ވެސް ހައްގެއް ނޫނޭ. އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެއް. މިއަދު އެބައޮތްތޯ އަޅުގަނޑުމެން އަންނަން އޮތް ޖީލަށް އެއްވެސް ގުދުރަތީ ވަސީލަތެއް؟" ސުވާލަކާއެކު މައީދު ވިދާޅުވި އެވެ.
މިއާއެކު ވޮޑްކާސްޓްގައި ދެކެވެން ފެށީ، ފަޅުތައް ހިއްކާ ވާހަކަ އެވެ. ފަޅުތައް ހިއްކަން ބޭނުންވާ ވެލި އެކި ހިސާބުތަކުން ނަގާ ހުސްކުރަމުންދާ ކަމެވެ. ވެއްޔަކީ އަލުން އާލާވާ އެއްޗެއް ނަމަވެސް އާލާވާން ނަގާ ވަގުތާއި ރާއްޖޭގެ ގުދުރަތީ ވެށީގެ ނާޒުކުކަމަށް ބަލާއިރު މިހާރު ވެލި ނަގަމުން ދަނީ 'ހައްދުފަހަނައަޅާދާ' މިންވަރަކަށެވެ. ވެއްޓަށް ބަރުދާސްތުނުކުރެވޭ ވަރަށެވެ.
ނާއިފް މި ކަމުގައި ފާހަގަކުރެއްވީ ވެލި ނަގާއިރު ވެލި ނެގި ތަނުން ވެލި ނެގުމުން އެ ސަރަހައްދެގެ ވަށައިގެންވާ ވެއްޓަށް ކުރާނެ އަސަރެއް ވެސް ނުބަލާ ކަމެވެ. އޭގެ އެއް މިސާލަކީ މި ސަރުކާރުގެ އެންމެ ބިޔަ ޕްރޮޖެކްޓް 'ރަސްމާލެ'އަށް ފުށިދިއްގަރުފަޅު ހިއްކުމަށްޓަކައި މާފުށި ކައިރި ފަޅުތަކުން ވެލި ނަގަމުންދާ ކަމެވެ.
"މާފުށި ބޭރުން ވެސް ވެލި ނަގައިގެން ރަސްމާލެ މިހާރު ހިއްކަމުން މި ދަނީ. މާފުއްޓަކީ ލޯކަލް ޓުއަރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ރަށެއް. މިހެން ވެލި ނަގަންޏާ، އެ ރަށުގެ ޓުއަރިޒަމް ހިންގަން ނަފާ ނަގަމުންދާ ގުދުރަތީ ވަސީލަތްތަކަށް މީގެ ސަބަބުން ކިހާ އަސަރެއް ކުރާނެ،" ނާއިފް ވިދާޅުވި އެވެ.
ތިމާވެށީގެ އިލްމު ހުންނެވި މައީދު ވިދާޅުވީ، ގުދުރަތީ އަތޮޅެއްގެ ތެރޭގައިވާ ކޮންމެ ވަސީލަތަކީ އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ދުވާ ނިޒާމެއް ކަމަށެވެ. އަތޮޅުގެ އެތެރޭގައި ހުރި ފަޅުތަކާއި، ފަރުތަކާއި ރަށްތައް ވެސް ހިމެނޭހެން ގުޅިލާމެހިފައިވާ ދުވާ ނިޒާމެކެވެ. އެއިން ކޮންމެ ވެސް އެއް ވަސީލަތަކާ ކުޅުނަސް މުޅި ނިޒާމަށް އޭގެ އަސަރުތަކެއް ކުރާނެ އެވެ.
"އެއް ތަންކޮޅުން ވެލި ނެގީމައި، އަނެއް މޫސުމުގައި އޮޔާވައިގެ ތެރެއިން ގެންދާ ވެލިކޮޅަށް އަސަރުކުރާނެ. އޭރުން އެއްކޮޅުން ތުނޑި ނުލަނީ މި. އަނެއްކޮޅުން ގިރާ މިންވަރު އިތުރުވަނީ. އަނެއް ރަށެއްގެ ފުއްޓަރު މި ހަލާކުވަނީ. އެއް ރަށެއްގެ ފަޅުތެރެއިން ވެލި ނެގީމައި މުޅި އަތޮޅުގެ ސޭންޑް ބަޖެޓާ މި ކުޅެވެނީ،" މައީދު ވިދާޅުވި އެވެ.
މައީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަަކަށް ބިން ހިއްކަން 38،000 އޮލިމްޕިކްސް ސްވިމިން ޕޫލް ހެދޭނެ ވެލި ނަގާފައިވާ ކަމަށެވެ.
ދޮންވެލި ގޮނޑުދޮށާއި ވިލުނޫ ރީތި މުދާކާއި، ފެހިކަންގަދަ ގަސްކަރަ ހިމެނޭ ގޮތަށް ހުރި މި ޖަޒީރާ ރަށްތަކަކީ ހަމައެކަނި މި ޖީލުގެ ހައްގެއް ނޫނެވެ. އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެކެވެ. އަހަރެމެންގެ ދަރިންނާއި ދަރިންގެ ދަރިން ވެސް އުޅެން އޮތް ތަނެވެ. ވެށި ހަލާކުނުކޮށް ތަރައްގީ ހޯދޭނެ ގޮތްތައް ބަލަން އެބަ ޖެހެ އެވެ.
ކޮމެންޓް (1)
ތިމާވަށި