ކޮރަޕްޝަން

ރާއްޖެއަކީ ހިޔާނާތާއި ޓެރަރިޒަމް އަދި ޑްރަގު ފައިސާގެ ހާއްޔެއް

އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ)އިން ރާއްޖެއާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓުގައި ބުނާ ގޮތުގައި ގާނޫނުތަކެއް ހެދިފައި ހުރި ނަމަވެސް، ތަންފީޒު ކުރުން އޮތީ ބަލިކަށިކޮށް
20 ޑިސެމްބަރު 2025
4

ރާއްޖޭގެ އިގްތިސާދަށް ކަޅު ފައިސާ ވަނުމަށް ފަހު ދެން ވަނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ އެ ފައިސާ އިގްތިސާދުގެ ތެރޭގައި ދައުރު ވަނީ ކިހިނެއް ހެއްޔެވެ؟

އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ)އިން ރާއްޖެއާ ގުޅޭ ގޮތުން އެކުލަވާލައި މިދިޔަ އޮކްޓޫބަރުގައި އާންމުކުރި 'އެންޓި-މަނީ ލޯންޑަރިން އެންޑް ކައުންޓާ ޓެރަރިސްޓް ފައިނޭންސް މެޝާސް'ގެ އިވެލުއޭޝަން ރިޕޯޓުގައި ބުނެދޭން މަސައްކަތް ކޮށްފައިވަނީ ކަޅު ފައިސާގެ އާމްދަނީ ހޯދާ ބައެއް ގޮތްތަކާއި މާލީ ނިޒާމަށް އޮޅުވާލައިގެން އެ ފައިސާ ދައުރުކުރާ ގޮތްތަކެވެ.

އެ ރިޕޯޓުން ދައްކާ މަންޒަރަކީ މިފަދަ ކަންކަން ހުއްޓުވަން ރާއްޖޭގައި ގާނޫނުތަކެއް ހަދާފައި ހުރި ނަމަވެސް، އެ ގާނޫނުތައް ތަންފީޒު ނުކުރެވި، ކަޅު ފައިސާ ދައުރުވާން ދޫކޮށްލެވިފައި ހުންނަ ކަމެވެ.

ކަޅު ފައިސާ ވަންނަ ގޮތްތައް

ގަވާއިދާ ހިލާފަށް އާމްދަނީ ހޯދައި، މަނީ ލޯންޑަރިން އާއި ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑު ކުރުން ފަދަ ނުރައްކާތަކަށް ރާއްޖެ ހުށަހެޅިފައިވާ ބައެއް ގޮތްތަކަށް އޭޕީޖީގެ ރިޕޯޓުގައި އަލިއަޅުވާލި އެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އާމްދަނީ ހޯދާ މައިގަނޑު ގޮތްތަކަކީ:

  • މަސްތުވާތަކެތި އެތެރެކުރުން

  • ހިޔާނާތުގެ ކުށްތައް

  • ރާވައިގެން ހިންގާ އެކިއެކި ކުށްތައް

  • މަކަރާއި ހީލަތް

ރާއްޖެއަކީ މަސްތުވާތަކެތި އުފައްދާ ގައުމެއް ނޫން ނަމަވެސް، މި ވިޔަފާރިއަށް ރާއްޖެ ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ގުދުރަތީ ގޮތުން ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮތް ތަނެވެ. އަދި މަނީ ލޯންޑަރިންގެ މުއާމަލާތްތަކަށް ވެސް ރާއްޖެ ހުށަހެޅޭ އެއް ސަބަބަކީ އެއީ އެވެ. އެއާ އެކު:

  • މަސްތުވާތަކެތީގެ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ވިޔަފާރީގައި ރާއްޖެއަކީ ކެނަބިސް، ހެރޮއިން އަދި ކޮކެއިން ފަދަ ބާވަތްތައް ޓްރެފިކްކުރަން ބޭނުންކުރާ ޓްރާންސިޓް ޕޮއިންޓެއް

  • އެ ވިޔަފާރީގައި ދިވެހި ގޭންގުތަކާއި ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ކުށްކުރާ ނެޓްވޯކުތަކާ ދެމެދު ގުޅުން އޮވޭ

  • ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގާ ބިދޭސީން ގަވާއިދާ ހިލާފަށް، ރެގިއުލޭޓު ނުކުރެވި އޮތް ސެކަންޑްރީ މާކެޓެއްގައި ފައިސާ ޓްރާންސްފާ ކުރާ ހިދުމަތްތައް ދީ، ފޮރިން އެކްސްޗޭންޖުގެ ވިޔަފާރިކުރޭ

ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް މިދިޔަ މެއި މަހު އަތުލައިގަތް މަސްތުވާތަކެތި. (ފޮޓޯ/ ކަސްޓަމްސް)

ރިޝްވަތާއި ހިޔާނާތަށް ބަލާއިރު، މީޑިއާ ރިޕޯޓުތަކާ ހަވާލާދީ އޭޕީޖީއިން ބުނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިނާޔާތް އާންމުވެފައިވާ ކަމަށެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ 2020 ރިޕޯޓަކާ ހަވާލާދީ، ޕަބްލިކް ޕްރޮކިއުމަންޓުގެ ގަވާއިދުތަކުގައި ހުރި ހުސް ޖާގަތަކުގެ ސަބަބުން ހިޔާނާތުގެ އަމަލުތައް ހިންގުމުގެ ފުރުސަތު ބޮޑުވާ ކަމަށް އޭޕީޖީއިން ބުނެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ 2023ގެ އަހަރީ ރިޕޯޓާ ހަވާލާދީ އޭޕީޖީއިން ބުނީ ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންސް (ޕީއީޕީ)އިން ހިނާޔާތުގެ އަމަލުތަކުގައި ބައިވެރިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެފަދަ މީހުން ހިޔާނާތާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން މެދުވެރިއެއްގެ ގޮތުގައި އާއިލީ ގުޅުން އޮންނަ މީހުންނާއި ތިން ވަނަ ފަރާތްތަކުގެ ބޭނުން ވެސް ކުރާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެމްއެމްއޭ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑުކުރާ ގޮތްތަކަށް ބަލާއިރު:

  • އެ ފައިސާ ޖެނެރޭޓު ކުރަނީ ބޭރުގެ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮންނަ ދިވެހިން، ރާއްޖޭގައި ތިބެގެން

  • ފައިސާ ހޯދާ ގޮތްތަކުގެ ތެރޭގައި އާއިލާ މީހުންނާއި މި ފިކުރުގެ މުއްސަނދި ވިޔަފާރިވެރިން ދޭ ފައިސާ އާއި ކުށްކުރާ ގޭންގުތަކާއި ބޭރުގައި ހަރަކާތްތެރިވާ އައިސިސްގެ ނެޓްވޯކުތައް ހިމެނޭ

  • މި ފައިސާއިން ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާއި ދަތުރުގެ ހަރަދާއި ތަމްރީން އަދި މިފަދަ ޖަމާއަތްތަކުގެ ތިބޭ މީހުންގެ އާއިލާއަށް ހަރަދުކުރޭ

ފައިސާ ދައުރުކުރަނީ ކިހިނެއް؟

އޭޕީޖީގެ ރިޕޯޓުން ބުނާ ގޮތުގައި ފައިސާ ދައުރުކުރަން ރަސްމީ އަދި ނުރަސްމީ  ޗެނަލްތަކެއް ބޭނުންކުރެ އެވެ.

އޭގެ ތެރޭގައި ނަގުދު ފައިސާގެ މުއާމަލާތްތަކާއި 'ކްރޮސް-ބޯޑާ' ކޭޝް މޫވްމަންޓުތަކާއި ހުއްދަ ނެތި ހިންގާ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ހިމެނެ އެވެ.

ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮތުމާ އެކު ރެމިޓެންސް ހިދުމަތަށް ބޮޑު ޑިމާންޑެއް އޮވެ އެވެ. އަދި އެއާ އެކު ގަވާއިދާ ހިލާފަށް ހިންގާ މިފަދަ ހިދުމަތް ދޭ ވިޔަފާރިތަކުގެ ބޮޑު ނެޓްވޯކެއް ވަނީ އުފަންވެފަ އެވެ. އޭޕީޖީއިން ބުނާ ގޮތުގައި މި ނެޓްވޯކުތައް މޫލާފައިވާ ހަގީގީ މިންވަރު ދެނެގަނެވިފައެއް ނުވެ އެވެ.

ޓެރަރިޒަމްއާ ގުޅުން ހުރި ކަންކަމުގައި ފައިސާ ދައުރުކުރަނީ އިތުރު ފަރާތެއް މެދުވެރިކޮށެވެ. އެކަން ހުއްޓުވަން ދަތިވާ އެއް ސަބަބަކީ އެއީ އެވެ.

ފައިސާ އެކްސްޗޭންޖް ކުރާ ތަނެއް. (ދައުރު ފޮޓޯ)

މި ކަންކަން އެނގުނަސް ނުހުއްޓުވޭ

އޭޕީޖީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކަމާ ބެހޭ ފަރާތްތަކަށް ވެސް އެނގެ އެވެ. ނަމަވެސް ގާނޫނުގައި ހުންނަ 'ލޫޕްހޯލް'ތަކާއި އިތުރު އުކުޅުތައް ބޭނުންކޮށްގެން މިފަދަ އަމަލުތައް ހިންގާ މީހުން ސަލާމަތް ވަނީ އެވެ.

އެގޮތުން ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންތައްތަކަކީ:

  • ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތައް ރަނގަޅަށް ނުބެލެހެއްޓޭ

  •  މިފަދަ ޖަމިއްޔާތައް މެދުވެރިކޮށް މަނީ ލޯންޑަރިން އާއި ޓެރަރިސްޓު ޖަމާއަތްތަކަށް ފަންޑުކުރުމުގެ ފުރުސަތު ބޮޑު

  • ނޮން ޕްރޮފިޓް އޯގަނައިޒޭޝަންސްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ދަފްތަރުގައި 3،231 ޖަމިއްޔާ ހިމެނޭއިރު، އެ ޖަމިއްޔާތަކުގެ ކަންކަން ބަލަހައްޓަން ތިބީ 8 މުވައްޒަފުންނާއި ދެ ވަކީލުން

  • ގަވާއިދާ ހިލާފަށް ކުރާ މަނީ އެކްސްޗޭންޖު ވިޔަފާރިތަކާއި ރެމިޓެންސް ހިދުމަތް ދޭ ތަންތަނަށް ހުއްޓުވަން  އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭ

  • ރިއަލް އެސްޓޭޓު ސިނާއަތުގެ މުހިންމު ފްރޭމްވޯކުތައް ނެތުން 

  • ރިއަލް އެސްޓޭޓް އެޖެންޓުންގެ ބަދަލުގައި މި ސިނާއަތުގެ މުއާމަލާތްތައް ހިންގަނީ ސީދާ އެ މަޝްރޫއެއްގެ ޑިވެލޮޕަރުން

  • ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންސް (ޕީއީޕީ)އިން ކުރާ މުއާމަލާތްތައް  ރަނގަޅަށް ނުބެލެހެއްޓުން ނުވަތަ އެކަށީގެންވާ ވަރުގެ ކޮންޓްރޯލެއް ނެތުން

މިކަންކަން ހުއްޓުވަން އޭޕީޖީއިން ދޭ ލަފަޔަކީ، ނުރަސްމީ ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ މާލީ ނެޓްވޯކުތައް ހުއްޓުވަންވީ އެވެ. ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންސްއަކީ ގާނޫނުން ފިޔަވަޅު ނޭޅޭ ބަޔަކަށް ނުހަދަންވީ އެވެ. ހިނާޔާތާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރާ މައްސަލަތައް ބަލައި، އެފަދަ މައްސަލަތަކަށް އިސްކަން ދިނުމެވެ. އަދި މަނީ ލޯންޑަރިން އާއި މިފަދަ އަމަލުތަކުގެ ނުރައްކާ ބޮޑު ދިމަދިމާލަށް މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާން ޖެހެ އެވެ.

އޭޕީޖީގެ ރިޕޯޓުން ކުރަހައިދޭ މަންޒަރަކީ މަނީ ލޯންޑަރިން އާއި ޓެރަރިސްޓު ޖަމާއަތްތަކަށް ފަންޑުކުރުން ފަދަ ކަންކަން ހުއްޓުވަން  ގާނޫނުތައް ވަރުގަދަ ކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް، އެވަރުން ނުފުދޭ ކަމެވެ.

ބޭނުންވަނީ ތަންފީޒީ ވަރުގަދަ ފިޔަވަޅުތަކެކެވެ.  އެހެން ނޫން ނަމަ މިހާރު ވެސް ރާއްޖެއަށް އޮތް، ޓެރަރިޒަމަށް ފަންޑު ކުރުމާއި  ހިޔާނާތާއި މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ ދައުރުކުރާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި އޮތް ނުރައްކާ ކުރިއަށް އޮތް ތަނުގައި މާ ފުޅާވާނެ އެވެ. އޭޕީޖީއިން ސަމާލުވާން އެދި ރާއްޖެއަށް ދޭ އިންޒާރަކީ އެއީ އެވެ.

ކޮމެންޓް (4)

ސިކުނޑި

21 ޑިސެމްބަރު 2025
މީހުން މިކަން ކުރަން ބޭނުންވާހާ ހިނދަކު ރާއްޖޭން މިކަން ހުއްޓުވައެއް ނުލެވޭނެ!
0 0

މަހުޖަނު

21 ޑިސެމްބަރު 2025
މާމޮޅު ރިޕޯޓެއްނޫން ތިޔައީ، އެމީހުން އެރިޕޯޓް ރާއްޖެއަށް ފޯކަސް ކުރީ ރާއްޖެ ބަދުނާމުކުރަން. މީ ހުރިހާ ގައުމެއްގަވެސް ކުރާ ނުބައިކަމެއް. ނުހައްގުން ފައިސާ ހޯދައި މުއްސަނދިވާން. ކަލޭމެންވެސް ނުޖެހޭނެ ކޮންމެހެން މިހަކަލަ ރިޕޯޓުތައް ލިޔާކަށް. އެނގޭމީހަކަށް އެނގޭނެ ހުރިހާއެއްޗެއް. މީވަކީ އޭޝިޔާގަ ހިނގާކަމެއްނޫން. ޔޫރަޕުގަވެސް ހިނގާ ކަމެއް. އެމެރިކާގެ ގައުމުތަކުގަވެސް. ދަސްކުރަނީވެސް އެމީހުންގާތުން. ބަލާބަލ އެމެރިކާ އުޅޭވައްތަރު. ގައުމުތަކުގެ ފައިސާއާ މުދަލާ އެ ހިފަހައްޓާ އެމީހުންގެ އަމިއްލަ އެއްޗަކަށް ހަދަނީ. ދެންވަކީން ކުދިގައުމުތަކުން ނުކޮށް ތިބޭނެތަ
3 6

ފަގީރު ކޮއެ

21 ޑިސެމްބަރު 2025
@މަހުޖަނު އިގެ ވާހަކައެއް. ހުރިހާ ގައުމަކުން ކުރާ ކަމެއް. ރާއްޖޭގެ މަސްލަހަތު އިސްކުރާ ބައެއް މިކަހަލަ ރިޕޯޓު ނުލިޔާނެ. އެހެންޏާ ވެރިކަމާ ޕާޓީ ބަދަލުވިޔަސް ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުން ނުހުއްޓޭނެ. ގައުމަށް ލިބޭ ކޮންމެ ގެއްލުމެއް ބަދުނާމެއް ސަފާކުރާނީ އާއްމު މީހާ. އެލީޓުންނެއް ނޫން
1 0

ޏަމްސާ

20 ޑިސެމްބަރު 2025
ވެރިންގެ ވެރިކަން 3 ބާރޯ….
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް