ރައީސް މުއިއްޒު، އިމިގްރޭޝަންގެ އިވެންޓެއްގައި - (ފޮޓޯ/ރައީސް އޮފީސް)

ބިދޭސީންނާ އަމާޒުކޮށް ރައީސްގެ މި އެންގެވުމަކީ ނަސްލީ ތަފާތުކުރުމެއް

ގައުމުގެ އަމަންކަން ގެއްލެނީ ވަކި ގައުމެއްގެ ބައެއްގެ ސަބަބުން ކަމަށް، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ވެސް ވިދާޅެއް ނުވެވޭނެ؛ އެ ކަން އެ ގޮތަށް ސިފަކުރައްވައި ވާހަކަ ދެއްކެވުން އެކަނި ވެސް ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވޭ
18 ޑިސެމްބަރު 2025
5

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލުކުރަން ޖެހޭ ކަމެކެވެ. ކުށްކުރާ ބިދޭސީން ހުއްޓުވަން ވެސް ޖެހެ އެވެ. އެކަމަކު މި މުޖުތަމައުގައި ކުށްކުރާ ބަޔަކަށް އުޅެނީ ބިދޭސީން އެކަނި ހެއްޔެވެ؟ ވަކި ވަގުތުތަކެއްގައި މަގުމަތީގައި އުޅޭ ބިދޭސީންނާ އެކަނި އަމާޒުކޮށް ސުވާލުކުރުމުން ކުށްކުރުން ހުއްޓުވޭ ހެއްޔެވެ؟

"ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވާ ނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި،"

ރައީސް މުހައްމަދު މުއިއްޒު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގެވި އެންގެވުމަކީ މިއީ އެވެ. ދިވެހިން ނޫނީ ދެން މި މުޖުތަމައުގައި އުޅޭ މީހުން ވަކި ވަގުތުތަކެއްގައި މާލޭ މަގުމަތީ އުޅެންޏާ ހުއްޓުވައި ސުވާލުކުރުމަށް ރައީސް އެންގެވީ އެވެ.

އެ ކަން ކުރަން ޖެހުނު ސަބަބަކަށް ރައީސް ލިއުއްވީ، "ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ،" ކަމަށެވެ.

ނަމަވެސް ރޭގަނޑު ދަންވަރު މަގުމަތީ ގޮތްގޮތަށް އުޅެނީ ބިދޭސީން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް މަސްތުގެ ހާލަތުގައި، މި މާލޭގެ މަގުމަތިން ދަންވަރު ވަގުތު ފެންނަ ދިވެހިން މަދެއް ނުވާނެ އެވެ. 

ބިދޭސީ މަސައްކަތްތެރިންތަކެއް ސިމެންތި ބަސްތާތަކެއް އުފުލަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިއްޔެ ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރީ މުޅީން ވެސް ދިވެހީންނެވެ. އެއީ މުޅިން ވެސް ކުށުގެ ވެށިން ހައްޔަރުކުރި ބައެއްކަން، ކޯޓު އަމުރުތަކުން އެނގެ އެވެ. އެ ތަނުން އެކަކަކީ މަގުމަތިން ފުލުހުން ސުވާލުކުރަން އުޅުމުން، ފުލުހުންގެ ދައުރަށް ހުރަސްއަޅައި މާރާމާރީ ހިންގި ކަމަށް ބުނާ މީހެކެވެ. އެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުން ކޯޓަށް ހުށަހެޅި ކަން، ކޯޓު އަމުރުން އެނގެ އެވެ.

ބުނަން މި އުޅޭ ވާހަކައަކީ ދަންވަރުގެ ވަގުތު މަގުމަތީ ގާނޫނާ ހިލާފު ކަންކަން ކުރަނީ ވަކި ބިދޭސީން އެކަންޏެއް ނޫނެވެ. ދިވެހީން ވެސް، ބިދޭސީން ވެސް އުޅެ އެވެ. ދަންވަރު ވަގުތު ބަޔަކު ގާނޫނާ ހިލާފު ކަމެއް ކުރާ ކަމަށް ޝައްކުކުރެވެންޏާ ފުލުހުން މިހާރު ވެސް ސުވާލުކުރެ އެވެ. ދެން ކުރަން ޖެހޭނެ ކަމަކީ، ފުލުހުންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ.

ބޮޑު ގޯހެއް؛ މުއާހަދާތަކާ ވެސް ހިލާފް

ރައީސްގެ އެ އެންގެވުމުން ރާއްޖެ މި ގެންދަވަނީ ޒަމާންތަކެއް ފަހަތަށެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ދައުވާކުރާ، އދ.ގެ ހިިއުމަން ރައިޓްސް ކައުންސިލްގެ ނައިބުރައީސްކަން ކުރި ނަމަވެސް ރާއްޖޭން މި ފެނުނީ ޒަމާންތަކެއް ކުރިން ބައެއް ގައުމުތަކުން މި ފެނުނު ނަސްލީ ތަފާތުކުރުމެވެ.

ދެކުނު އެފްރިކާގައި ނެލްސަން މަންޑޭލާ ނުކުންނަން ޖެހުނީ މިފަދަ ތަފާތުކުރުމަކާ ދެކޮޅަށެވެ. އޭރު އެފްރިކާގައި ކުށްކުށަށް އަދަބު ދެނީ ކަޅު ނަސްލުގެ މީހުންނަށް އެކަންޏެވެ. ހައްގުތަކާއި ހިދުމަތްތައް ނުދީ، ނަމަވެސް ކުށުގެ ތުހުމަތު އޮންނަނީ އެ ނަސްލަށް އެކަންޏެވެ. ރައީސްގެ އެ އެންގެވުމަކީ، މި ޒާތުގެ ނަސްލީ ތަފާތުކުރުމެކެވެ.

މާރުކެޓް ސަރަހައްދުގައި ބިދޭސީން ހިންހަމަ ޖައްސާލަން މަޑުކޮއްލައިގެން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔުނައިޓެޑް ނޭޝަންސް އިން އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ވުޖޫދުކުރަން ޖެހުނު ސަބަބަކީ ވެސް ބައެއް ގައުމުތަކުން މި ފެނުނު ނަސްލީ ތަފާތުކުރުމެވެ. އެއިން ބައެއް މުއާހަދާތަކަކީ ރާއްޖޭން ވެސް ބައިވެރިވެފައިވާ މުއާހަދާއެކެވެ. ރައީސްގެ އެ އެންގެވުން، މިފަދަ ބައެއް މުއާހަދާތަކާ ވެސް ހިލާފެވެ.

އެއިން އެއް މުއާހަދާއަކީ ވެސް ނަސްލީ ތަފާތުުކުރުން ގެންގުޅުމާ ދެކޮޅަށް އޮންނަ މުއާހަދާއެވެ. "އިންޓަރނޭޝަނަލް ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން" އެވެ.

އެ މުއާހަދާގައި ބައިވެރިވާ ދައުލަތްތަކުން އަމަލުކުރުން ލާޒިމުވާ ކަންކަމަކީ:

  • ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ލޯކަލް ފެންވަރުގައި ހުންނަ ތަންތަނުން ވެސް ވަކި ފަރުދަކާއި، ނުވަތަ ޖަމާއަތަކާ މެދު ނަސްލީ ތަފާތުކުރުންތައް ގެންގުޅުމުގެ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ

  • މުއާހަދާގައި ބައިވެރިވާ ދައުލަތަކުން ނުވަތަ ގައުމަކުން، އެއްވެސް ފަރުދަކާ ނުވަތަ ޖަމާއަތަކާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލެއް ސްޕޮންސާކޮށް، އަދި ދިފާއުކޮށްގެން ވެސް ނުވާނެ

  • ނަސްލީ ތަފާތުކުރުމަށް ޖާގަދޭ އެއްވެސް ސިޔާސަތެއް، ގާނޫނެއް، ގަވާއިދެއް، އަދި އުސޫލެއް އޮވެގެން ނުވާނެ؛ އަދި އެފަދަ އޮނިގަނޑެއް އޮތްނަމަ ވަގުތުން ބާތިލްކުރަން ޖެހޭނެ 

  • ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށާއި، ޕްރޮމޯޓްކޮށް ހިންގުމުގެ ސިޔާސަތުތައް ހުންނަން ވާނީ ނަސްލީ ތަފާތުކުރުންތައް އުފެދުމާއި ނަސްލީ ބައިބައިވުންތަކާ ދެކޮޅަށް

ރައީސް މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގައުމުގެ އަމަންކަން ގެއްލެނީ ވަކި ގައުމެއްގެ ބައެއްގެ ސަބަބުން ކަމަށް، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ވެސް ވިދާޅެއް ނުވެވޭނެ އެވެ. އެ ކަން އެ ގޮތަށް ސިފަކުރައްވައި ވާހަކަ ދެއްކެވުން އެކަނި ވެސް ވެސް މި މުއާހަދާގައި އިގުރާރުވެފައިވާ ކަންކަމާ ހިލާފުވެ އެވެ.

އަދި ގާނޫނު ތަންފީޒުކުރުމުގެ ބާރު އޮންނަ ބަޔަކަށް ވަކި ނަސްލެއްގެ ބަޔަކަށް އަމާޒުކޮށް ބާރު ހިންގުމަށް އެންގެވުމަކީ މާ ބޮޑު ގޯހެކެވެ. ފުލުހުންގެ ބާރު ހައްދެއް ނެތް ވަރަށް ދިނުމުގެ ޖާގަ އެކެވެ. އެއްވެސް، ކޯޓު އަމުރެއް، ވޮރެންޓެއް ނެތް ގޮތަށް ވަކި ބަޔަކު ހުއްޓުވައި އެ މީހުނާ އަމާޒުކޮށް އެތައް ކަމެއް ކުރަން ދެވޭ ޖާގަ އެކެވެ.

އެމެރިކާ ފުލުުހުން ގެންގުޅުނު 'ސްޓޮޕް އެންޑް ފްރިސްކް' ޓެކްޓިކްސް ފަދަ ކަމެކެވެ. އެމެރިކާގެ ކޯޓުތަކުގައި ވެސް މި ކަމާ ގުޅިގެން ބަހުސް ބޮޑުވި އެވެ. އަދި ގަބޫލުކުރެވޭ ސަބަބަކާ ގުޅިގެން ނޫނީ ހުއްޓުވައިގެން ނުވާނެ ކަން ވެސް އެ ގައުމުގެ ކޯޓުތަކުން ނެރެފައިވާ އަމުރުތަކުގައިވެ އެވެ. އެ ގޮތަށް ސުވާލުކުރެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ކަނޑައެޅި އިރު ވެސް ގަބޫލުކުރެވޭ ސަބަބެއް އޮތުމަށް އެ ގާނޫނުއަސާސީގައި ބަޔާންކުރާ ކުރުމަށް ވަރަށް ބޮޑަށް ބާރު އެޅި އެވެ.

ދިވެހި ފުލުހުންނަށް ވެސް މީހަކަށް ބަލާލާފައި އެއީ ބިދޭސީއެއް ކަން ނޭނގިދާނެ އެވެ. ފުލުހުން ވެސް ޖެހޭނީ ބިދޭސީއެއް ކަމަށް ބެލެވޭ، ބޭރު މީހެއްހެން ހީވާ ކޮންމެ މީހަކު ވެސް ހުއްޓުވާފައި އެއީ ބިދޭސީއެއްތޯ ބެލުމެވެ. އެއީ އަދި އަމަން ބެލެހެއްޓި، ކުށް މަދުކުރެވޭނެ ގޮތެއް ވެސް ނޫނެވެ. 

ރައީސްގެ މި އިރުޝާދަށް، ސަރުކާރުގައި ވިސްނޭ އަދި އިލްމު ހުރި ކޮންމެ ވެސް ބަޔަކު ލަފައެއް އަރުވަން އެބަ ޖެހެ އެވެ.

ކޮމެންޓް (5)

ޙުއްބުލްވަޠަން

18 ޑިސެމްބަރު 2025
މިގައުމު ހަލާކު ކުރީ މިގައުމަށް ދެހާސް އަށްވަނަ އަހަރތު ފާވި ބައެއް. އެމީހުންނަކީ ޣައްދާރުން. ކޮން ގައުމެއް ދުނިޔޭގައި އޮތީ ހާކުކުޅުން އުޅޭހެން އުޅެވޭ؟ މިގައުމުގައި ތިބި ހުރިހާ ގަވާއިދާ ޚިލާފު ބިދޭސީން ބޭރުކުރަންވީ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމަށް އެތެރެވެފައި ތިބި ބިދޭސީންގެ ވާހަކަ ދައްކަވާ. ދިވެހިރާއްޖެ ކުޑަ ވީމާތަ މިގައުމުގެ ވަލިއްޔުލްއަމްރު ހަނު ހުންނަވަން ޖެހެނީ؟ ރައީސް ޑރ. މުޢިއްޒު ޒިންދާބާދު!
2 2

ސިކުނޑި

18 ޑިސެމްބަރު 2025
ލިޔުންތެރިޔާ މައުޟޫ ރަނގަޅު! އެކުން މިކަހަލަ ދެ އުޅި އެއްނުވާ ވާހަކަތައް ގިނަވަނީ، އާންމު ފަރުދުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވާތީ! މިކަމުގައި، ސަރުކާރުގެ ސިޔާސަތު އޮތީ ރަނގަޅަށް! އެ ސިޔާސަތު އިޚްލާސްތެރި ކަމާއެކު ތަންފީޒު ކުރީމާ ނަތީޖާއަކަށްވާނީ އެފަދަ ކަންކަން ހުއްޓުން! މާލޭގައި އުޅޭ ބިދޭސީމީހާ ހުއްޓުވައިގެން ބެލުމުގެ ބަދަލުގައި ރެގިއުލޭޓް ކުރަންވީ ބޭރުމީހުން ގެނެސް ގެންގުޅުމުގެ އުސޫލުތައް! މިހާރުވެސް ރާއްޖޭގައި އުޅޭ ބަނގްލަދޭޝް މީހުން އެބަގެނޭ މީހުން! އުސޫލެއްގެ ގޮތުން ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބަނގްލަދޭޝް މީހުން ގެނެވެނީ!
3 1

ތުރާލެކޭ

18 ޑިސެމްބަރު 2025
ކަލޭމެން ނޫސްވެރިން ބޭރުގައުމުތަކަށްގޮސް ވިިސާނެތި ހުއްދަނުނަގާ ވިޔާފާރިކޮށް ދަންވަރު ހިތައްއެރިހާގޮތަކަށް ބޭރުގައުޅެވޭތޯ ބަލާފަ އެނބުރި އާދެވޭތޯ ފުރަތަމަ ބަލަންވީ.
8 3

ނަސްލު

18 ޑިސެމްބަރު 2025
ރައީސް ކޮން ނަސްލެއްގެ ވާހަކަ ބުނުއްވާފަ އޮތީ؟
6 1

ހިމާރުލްގައުމު

18 ޑިސެމްބަރު 2025
އާން ކަލޭމެން ކަހަލަ މިނިވަން ނޫސްވެރިންގެ ބލވރކމ ހެދި މި ގައުމުގަ އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވޭނެ. ބަންގާޅީންނަށް އެވެރިންގެ ގައުމުގަ ނޫޅޭވޭހާ މިނިވަންކޮށް މިތަނުގަ އުޅެވެން ޖެހޭނެ. މުންޑު ދަށު ގުޅަވެސް ހެދެން ޖެހޭނެ
9 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް