ފިހާރަތަކުގައި ވިއްކަން ހުރި ބައެއް ބާވަތްތަކުގެ މުދާ. (ދައުރު ފޮޓޯ)

މުދާ ވިއްކާ އަގު ޖަހަން ލަދުގަންނަނީތަ؟

މުދާ ވިއްކާ އަގު ޖެހުމަކީ ގާނޫނުން ލާޒިމްކޮށްފައި އޮންނަ ކަމެކެވެ. އެކަމަކު ބައެއް ފިހާރަތަކުން ފެންނަނީ އެއްޗެއް ނުޖަހާ އަގު ޓެގުތަކާއި މުޅިން އެހެން މުދަލެއްގެ އަގު ޖަހާފައި ހުންނަ ތަނެވެ. އަދި ބައެއް ފިހާރަތަކުގައި އެއް ގޮތަކަށް ވެސް އަގު ނުޖަހަނީ އެވެ.
14 ޑިސެމްބަރު 2025
10

އެއީ މާލޭގެ އެންމެ މަޝްހޫރު އެއް ސުޕަމާކެޓެވެ. ފިހާރައިގެ ދިގަށާއި ހުރަހަށް ޖަހާފައި ހުރި ހަރުގަނޑުތަކުގެ މަތިން ފެށިގެން ތިރިއަށް ނެތް ބާވަތެއްގެ މުދަލެއް ނެތެވެ. މުދާ އެތުރުމާއި ތަރުތީބު ކުރުމުގެ 'ކޮރިއަގްރަފީ'އަށް ސަތޭކައިން ސަތޭކަ އެވެ.

އެކަމަކު އެ ބޮޑު ފިހާރައިން ވަރަށް މުހިންމު އެއްޗެއް މަދުވެ އެވެ. ތަރި ބުރައިގެންދާހާ އަލިގަދަ ބޮކިތަކުގެ އަލީގައި ވެސް ހަމަ އުޅެއުޅެ ނުފެނުނީ މުދާ ވިއްކާ އަގުތަކެވެ. ހަމަ އެއް ގޮތަކަށް ވެސް އަގު ނުޖަހަނީ އެވެ. ލަދުން، ކަންނެތްކަމުން ނުވަތަ ހަމަ ގަސްތުގައި އޮޅުވާލުމުގެ ނިޔަތުގައި ނުޖަހަނީ ކަމެއް ނޭނގެ އެވެ.

މުދާ ހަރުގަނޑުތަކުގެ 'ކޮރިއޮގްރާފަރުން'ގެ ގާތުގައި އަގު އެހިޔަސް ގިނަ ފަހަރު އެ މީހުންނަށް ވެސް ބުނެދޭކަށް ނޭނގެ އެވެ. ދެން އެ އެއްޗެއް ހިފައިގެން ދާނީ ކައުންޓަރަށެވެ. އޭނާގެ ވަގުތާއި އަހަރެންގެ ވަގުތާއި ކޭޝިއަރާއި ބިލު ދައްކަން ގޮސް ކިއޫގައި ތިބޭ މީހުންގެ ވަގުތު ވެސް ބޭކާރެވެ.

  • ފިހާރައެއްގައި އަގު ނުޖަހާ ވިއްކަން ހުރި ބައެއް މުދާ. (ދައުރު ފޮޓޯ)
  • ފިހާރައެއްގައި އަގު ނުޖަހާ ވިއްކަން ހުރި ބައެއް މުދާ. (ދައުރު ފޮޓޯ)
  • ފިހާރައެއްގައި އަގު ނުޖަހާ ވިއްކަން ހުރި ބައެއް މުދާ. (ދައުރު ފޮޓޯ)
  • ފިހާރައެއްގައި އަގު ނުޖަހާ ވިއްކަން ހުރި ބައެއް މުދާ. (ދައުރު ފޮޓޯ)

ހުސް ލޭބަލް އަދި ގޯސް ލޭބަލް

އެކަމަކު އެއީ އަދި އެއް މައްސަލަ އެވެ. ބައެއް ފިހާރަތަކުގެ މުދާ ހަރުގަނޑުތަކުގައި ތަތްކޮށްލާފައި ހުންނަނީ ހުސް ކަރުދާސް ކޮޅެކެވެ. ދެން އޭގައި އަގު ޖަހަންވީ އަހަރެމެން، ކަސްޓަމަރުން ހެއްޔެވެ?

ހުސް ލޭބަލްކޮޅާ ހިސާބުން އަދި މިކަން ނިންމާލެވޭކަށް ނެތެވެ. ދެން މި ހުންނަނީ މުދާ ރެކުގައި ގޯސް ލޭބަލް ޖަހާފައި ހުންނަ ފިހާރަތަކެވެ. އެއްޗެއް ގަންނަ ހިތުން އަގު ބަލައިލާއިރު ޖަހާފައި މި ހުންނަނީ މުޅިން އެހެން މުދަލެއްގެ އަގެވެ. މިކަހަލަ ގޯސް ލޭބަލްތަކުގެ އެތައް މިސާލެއް ދެއްކިދާނެ އެވެ.

  • ފޮޓޯއިން ފެންނަނީ އެކި ބްރޭންޑްތަކުގެ ބޮޑީސްޕްރޭ ފުޅި ނަމަވެސް ރެކުގައި ޖަހާފައިވަނީ އެހެން ބްރޭންޑެއްގެ އަގު ޓެގު. (ދައުރު ފޮޓޯ
  • ފޮޓޯއިން ފެންނަނީ އެކި ބްރޭންޑްތަކުގެ ބޮޑީސްޕްރޭ ފުޅި ނަމަވެސް ރެކުގައި ޖަހާފައިވަނީ އެހެން ބްރޭންޑެއްގެ އަގު ޓެގު. (ދައުރު ފޮޓޯ
  • ބޭރު ބްރޭންޑެއްގެ ބީފް އާއި ޗިކަން މަސްދަޅުތަކެއްގައި ޖަހާފައިވަނީ އެންޒީ މަސްދަޅުގެ އަގު. (ދައުރު ފޮޓޯ)

ދަތްކޮއްޓި ފުޅިތަކާ ދިމާލުގައި ކަފަބުރުގެ އަގު ޖަހާފައި ހުރި ތަން ފެނުމުން ސިކުނޑި ދަނީ ސުމަކަށެވެ. ވިކްސް ބާމު ފުޅީގެ އަގު ބަލައިލާއިރު އަރައިގެންދަނީ ޓައިގާ ބާމުގެ ދިލަގަނޑެވެ. 'ނިވިއާ މެން' ފުޅިތަކުގެ އަގު ޓެގު، ނިވިއާ ވިމެން ފުޅިތަކުގެ ކައިރީގައި ޖެހުމުން އެ އޮތީ ޖިންސު އޮޅުވާލެވިފަ އެވެ.

ސެންސޮޑައިންގެ 55ރ.ގެ އަގު ޓެގު މަތީގައި، 20 ވަރަކަށް ރުފިޔާއަށް ވިއްކާ ކޮލްގެޓު ފުޅިތައް ފޮނިވެލާފައި ޖައްސާލައިގެން އެ ތިބީ ދަތްޕިލަ އަތަށް ނަގައިގެންނެވެ. އެކަމަކު އެ ލޭބަލަށް ބަލައިފި މީހަކު ހިނިނައިސްފި ނަމަ އަންނާނީ ރުޅި އެވެ.

ކޮލްގެޓް ފުޅިތަކާ ދިމާލުގައި ސެންސޮޑައިންގެ އަގު ޓެގު. (ދައުރު ފޮޓޯ)
ދަތްކޮއްޓި ފުޅިތަކުގެ އަގާ ދިމާލުގައި ޖަހާފައިވަނީ ކަފަބުރުގެ އަގު. (ދައުރު ފޮޓޯ)

އެހެން ރެކެއްގައި ހުރީ އެކި ބްރޭންޑްތަކުގެ ކިރު ދަޅާއި ޕެކެޓު ޖަހާފަ އެވެ. އެކަމަކު އެ ހުރިހާ އެއްޗަކާ ދިމާލުގައި ވެސް ޖަހާފައި ހުރި އޯލްޑަންބާގާގެ 'ޔުނިވާސަލް' އަގުކޮޅެކެވެ.

އަނބު ޖޫސް ފުޅީގައި އޮރެންޖު ޖޫހުގެ އަގު ޖެހިޔަސް ހަމަ ހިލާ އޮރެންޖުގެ ހުތް ރަހައެއް ނުލާނެ އެވެ. ހަމަ އެ ގޮތަށް، މާސް ޗޮކުލެޓާ ދިމާލުގައި ސްނިކާސްގެ އަގު ޖެހިޔަސް ހަމަ އެންމެ ބަދަންކޮޅެއް ވެސް އެ ޗޮކުލެޓުން ހަފައެއް ނުލެވޭނެ އެވެ.

މިކަމުގައި އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އަތުރާ މީހަކު ފަރުވާކުޑައީ އެވެ. އެހެން ނޫން ނަމަ އަނެއް ގޮތަކީ، ފިހާރަ ބަންދުކޮށް، ބޮކިތައް ނިވާލުމުން ޖޫސްފުޅިތަކާއި ޗޮކުލެޓުތަކާއި ދެން ހުރި ސާމާނު ވެސް ދެފައި ޖަހާފައި މުޅި ފިހާރައިގައި ދުވެ، ހިތު ހުރި ހަރުގަނޑަކަށް ގޮސް އަރަނީ އެވެ.

ބިލަށް އަރުވާލަނީ ހަމަ އަސްލު އަގު؟

އަގު ޓެގު ނެތުމާއި ގޯސް އަދި ހުސް އަގު ޓެގުތަކުގެ ސަބަބުން ނުކުންނަނީ ދާދި އެއް މައްސަލައެކެވެ. ބިލަށް އަރާ ވަރު އަންދާޒާ ކޮށްލަން ދަތިވުމާއި ބިލު ނުހޯދާ ނަމަ، ފައިސާ ދެއްކޭ ނުދެއްކޭ ވަރު ނޭނގުމެވެ. ދެން ހަމަ ކޮންމެ ފަހަރަކު އިންފްލޭޝަނާ އެކު ތަކެތީގެ އަގު ބޮޑީއޭ ކިޔައިގެން ތިބެވިދާނެ އެވެ.

އެކަމަކު ބިލަށް ފާރަވެރިވެ، ބައި ރުފިޔާއަށް ވެސް ދޫނުކުރާ މީހުންނަށް އެހެން އޮޅުވާލަން އުނދަގޫވާނެ އެވެ. އެއީ ހަމަ އެއް ވަނައިގެ މީހުންނެވެ. ވިޔަފާރިވެރިން މަކަރުހަދާ ނަމަ ނުވަތަ އަގު ފޮރުވައިގެން އުޅޭ ނަމަ ދެން ކުރެވެން އޮތް ކަމަކީ އެއީ އެވެ.

މިކަހަލަ، ބިލަށް ފާރަވެރި އެކުވެރިޔަކަށް މިފަހުން ދިމާވި ކަމެކެވެ. ހަމަ ބޮޑު ސުޕަމާކެޓެކެވެ. ކައުންޓަރުގައި ހުރީ މިފަހުން ވެއްދި، ކަންކަން އަދި ދަސްކުރަމުން އަންނަ ނޭޕާލު މުވައްޒަފެކެވެ. އޭނާއަށް ކައުންޓަރަށް އެރުނު ގޮތަކީ އަދި މުޅިން އެހެން ވާހަކައެކެވެ.

އެކުވެރިޔާ އެރޭ ސަލާމަތްވީ ކަސްޓަމަރުންނަށް ފެންނަ ގޮތަށް، އަގު އަރާތީ އެވެ. މުދާ އެންޓާ ކުރާއިރު ފިތްކަނޑައިގެންދާހާ އަގު ބޮޑެވެ. ބައެއް ފަހަރު ގިނައިން ވެސް އެންޓާ ކުރަނީ އެވެ. ކައުންޓަރުގެ ދެ ފަރާތުން ދައްކާ ވާހަކަ އެކަކު އަނެކަކަށް ނޭނގި، ސުލްހަ ކުރަން އަންނަން ޖެހުނީ އެހެން މީހަކަށެވެ. އެއީ ވެސް ދިވެއްސެއް ނޫނެވެ.

އެވަރުން ވެސް ބިލު އޮތީ ގޯސްކޮށެވެ. ބިލުކޮޅު ހޯދައިގެން ބެލިއިރު އިތުރަށް 20ރ. އޮތީ އަތުލާފަ އެވެ. ބައެއް މީހުންނަށް އެއީ ދެން އެންމެ 20ރ. އެވެ.

"އެ 20ރ. ހޯދަން ވެގެން އަހަރެންގެ ހަޔާތުން 30 މިނެޓު ބޭކާރު ވެގެންދިޔައީ. އެ ރޭ ފިހާރައިގެ ސޭލްސް ނިންމީމަ އަނބުރާ ލިބުނީ،" އޭނާ ބުންޏެވެ.

"އެކަމަކު ވެސް ދެން އޯކޭ. މިއަދު އެ 20ރ.ގެ ބޭނުން ޖެހުނު."

އޭނާއަށް 30 މިނެޓު މަޑުކޮށްލެވުނުކަން ނަސީބެކެވެ. ގިނަ މީހުން އުޅެނީ ބިޒީ، ދިރިއުޅުމެކެވެ. އަބަދުހެން ލައިނުގަނެގެން އުޅޭ މީހަކަށް އެންމެ މިނެޓަކު ވެސް އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވާނެ އެވެ. އަނެއްކޮޅުން މުދާ ގަނެފައި ބިލުކޮޅު ހޯދަނީ ކިތައް މީހުން ހެއްޔެވެ? ގޯސް އަގެއް ދެއްކުނަސް ގިނަ ފަހަރަށް މީހުންނަށް ނުވެސް އެނގެ އެވެ.

އެހެން މީހަކަށް ދިމާވި ކަމެކެވެ. އޭނާ ދިޔައީ އަދި އަހަރު ނުފުރޭ އޭނާގެ ދަރިފުޅަށް ކަމުދާ ނެޕީ ބްރޭންޑުގެ ބޮނޑިއެއް ގަތުމަށެވެ. އާންމުކޮށް ގަންނަ ފިހާރައިން ހުސްވެފައި ހުރުމުން އޭނާއަށް ވަންނަން ޖެހުނީ އާ ފިހާރައަކަށެވެ. އެ ތަނުން ފާހަގަވީ ކުރިން ބުނި މައްސަލަ އެވެ. އެއްވެސް މުދަލެއްގައި އަގު ޖަހާފައި ނެތެވެ.

އެ ގަޑީގައި އެކަމާ މާ ބޮޑަށް ނުވިސްނައި  އޭނާ ބެލީ އަވަހަށް ނެޕީބޮނޑި ގަނެވޭތޯ އެވެ. އެކަމަކު ކައުންޓަރަށް ގޮސް އެންޓާ ކޮށްލިއިރު އާންމުކޮށް ގަންނަ އަގަށް ވުރެ 35ރ. އަގުބޮޑެވެ. ދެ ލޯ ބޮޑުވިޔަސް އެ ނުގަނެ ފަރުޖެއްސޭކަށް ނެތެވެ.

މި މައްސަލަ ފާހަގަވަނީ ހަމައެކަނި ސުޕަމާކެޓުތަކުން އެކަންޏެއް ނޫނެވެ. އެކަމަކު ބައެއް ކަންމަތީ ފިހާރަތަކުން ފެންނަ މަންޒަރު މުޅިން ތަފާތެވެ. ގަލަމަކުން ވިޔަސް، މާކަރަކުން ވިޔަސް ސާފުކޮށް، ފެންނަހެން މުދަލުގެ އަގު ޖަހާފައި ހުރެ އެވެ. ކިތަންމެ ކުޑަ އެއްޗެއް ވިޔަސް، ކިލޯ ކިރައިގެން ވިއްކާ މޭވާ އާއި ތަރުކާރީ ވިޔަސް ހަމަ އެގޮތަށެވެ.

ކަންމަތީ ފިހާރައެއްގައި މުދާ ވިއްކާ އަގު ސާފުކޮށް، ފެންނަ ގޮތަށް ޖަހާފައި. (ދައުރު ފޮޓޯ)
ކަންމަތީ ފިހާރައެއްގައި މުދާ ވިއްކާ އަގު ސާފުކޮށް، ފެންނަ ގޮތަށް ޖަހާފައި. (ދައުރު ފޮޓޯ)

ވިސްނަންވީ ކަމަކީ؟

މިކަމުގައި ފިހާރަތަކުން ވިސްނަންވީ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އަގުޖެހުމަކީ އެއް ގޮތަކަށް ވެސް އިހުތިޔާރީ ކަމެއް ނޫނެވެ. އެއީ ގާނޫނުން މުދާ ވިއްކާ ފަރާތްތަކަށް ލާޒިމްކޮށްފައި އޮންނަ ކަމެކެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ފުރަތަމަ ދެ އަކުރު ހާއްސަކޮށްފައި ވަނީ މިކަމަށެވެ. އެ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގައި "ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެ" އެވެ.

މުދަލުގެ އަގު ސާފުކޮށް އެނގޭ ގޮތަށް ހުރިކަމަށް ބެލެވޭނެ ހާލަތްތައް، އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވެ އެވެ. އެއީ:

  • 1-

    މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ ޕްރިންޓުކޮށް ނުވަތަ ހަރުކޮށްފައިވުން؛ ނުވަތަ އެ ނޫން ވެސް ގޮތަކަށް އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުން

  • 2-

    1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަނެއްގައި އަގު ހަރުކޮށްފައި ވީނަމަވެސް، އެ އަގަކީ އެ މުދަލެއްގެ އަގުކަން އެނގޭ ގޮތަށް ހުރުން

  • 3-

    އެ މުދަލަކާ ގުޅޭ ލީފްލެޓް، މަޖައްލާ ނުވަތަ ކެޓަލޮގެއްގައި އެއީ އެ މުދަލުގެ އޭރުގެ އަގުކަން އެނގޭ ގޮތަށް ނުވަތަ އެ އަގަކީ ވަކި މުއްދަތެއް ވަންދެން ހިނގާނެ އަގެއް ކަމަށް ބަޔާންކޮށްފައި ހުރުން

ގާނޫނުގައި އެހެން ލިޔެފައި އޮތް ނަމަވެސް، ބައެއް ފިހާރަތަކުން މުދަލުގައި އަގު ޖަހާފައި ހުންނަ ގޮތުންނާއި އެއް ގޮތަކަށް ވެސް އަގުނުޖަހައި ހުންނާނީ އެ ގާނޫނު ތަންފީޒު ކުރެވޭތޯ ސުވާލު އުފެދެ އެވެ.

އެހެންކަމުން މި ކަމުގައި ދެން ސަމާލުވާންވީ ކަސްޓަމަރުންނެވެ. ބިލަށް ފާރަވެރިވާ އެކުވެރިޔާ ދޭ ނަސޭހަތަކީ، މާ ބޮޑު ކަމަކަށް ނުހަދައި، ބާޒާރުކޮށްފައި ބިލުކޮޅު ނެގުމަށެވެ. އަދި ގަންނަ މުދަލަށް ދެއްކެނީ ރަނގަޅު އަގުތޯ ބަލައި ރަނގަޅަށް ޗެކު ކުރުމަށެވެ.

ކޮމެންޓް (10)

ޠަަހު

15 ޑިސެމްބަރު 2025
ވީބީގެ އާއްމުކަމެއް
2 0

ސިކުނޑި

15 ޑިސެމްބަރު 2025
އެސްޓީއޯ ސުޕަމާޓް ކަހަލަ މަދު ދެތިން ތަނެއްގައި ރަނގަޅަށް ވިޔާފާރި ކުރިޔަސް ރާއްޖޭގެ ގިނަ ފިހާރަތަކުގައި ވިޔާފާރި ކުރަނީ ބިދޭސީން މާރުކޭޓް ގޮޅި ހިންގާ ބީދައިން! ބޮޑެތި މާރޓްތަކުގައި އެތިބެނީ މުޅިތަން މެނޭޖްކުރަން ބޭރުމީހުން! އެމީހުން ހަދަނީ ހަދާނެ އެއްޗެއް! އައިސްކްރީމް މެލްޓްވީމާ އަނެއްކާ ގަނޑު ކޮށްލާފަ ބަހައްޓަނީ! މުއްދަތުހަމަވާ އެއްޗެހި ރެކްގެ ފަހަތަށްލަނީ! މިކަންކަން ހައްލު ކުރެވޭނި ވިޔާފާރިއަކީ ޚިދުމަތެއް ގޮތުގައި ދެކިގެން ކުރަން ފެށި ދުވަހަކުން! މޮޅު އުކުޅުތައް ބޭނުންކޮށްގެ ވިޔާފި ކުރިއެރުވޭހެން ހީވިޔަސް ހަގީގަތަކީ މުދަލާއި ފައިސާއަކީ ﷲ ދެއްވާ އެއްޗެއްކަން! އެކަން މިހާރު ގިނަ މީހުން ހަނދާން ނުހުންނަނީ!
1 0

ޟފހ5

15 ޑިސެމްބަރު 2025
މިކަހަލަ އެއްޗެހި ލިޔާއިރު މީގެ އަނެއްކޮޅުވެސް ހިމަނަންވާނޭ. އަގު ނުޖެހީމާ އަޅާ ފިޔަވަޅަކީ ކޮބާކަން،، ތަންފީޒު ކުރަން އެއްވެސް ކަމެއް އިދާރާތަކުން ކުރޭތޯ،،، ގުޅުން ހުރި އިސް ފަރާތްތަކުގެ ބަހެއް..ފަދަ
4 0

ސަރީފް

14 ޑިސެމްބަރު 2025
ފެމިލީ މާރޓް ގަ އާއްމު ކަމެއް
2 0

ޔަގީންބެ

14 ޑިސެމްބަރު 2025
ވަރަށްގިނަ ފިހާރަތަކުން ގަސްދުގަ އަގު ނުޖަހާ ހުރޭ. އެއީ ސާމާނު ނަގައިގެން ކައުންޓަރުގަ ހުރެ ވަކި އެއްޗެއްގެ އަގު ނުބަލާ ޕޭކުރާނީ ކިއު ބޮޑުވީމަ. ދެން މާފަހުން ބެލީމަ މިއެގެނީ ރެންޑަމްކޮށް މަކަރު ހަދަން ބަެއެއް ފިހާރަތަކުން މިހެން އަގުނުޖަހާކަން. މިއީ ނޭގި ކުރާ ކަމެއްނޫން
6 0

އަލިބެއްޔާ

14 ޑިސެމްބަރު 2025
މައުމޫނު ދައުރުގައި މާލޭގައި ވިޔަފާރިކުރާތަންތަން އިނިސްފެކްޓްކުރަން ޓރޭޑްމިނިސްޓްރީގެ އިނިސްޕެކްޓަރުން ކިޔާ ބަޔަކު ކޮންމެ މަހަކު އެއްދުވަހު ފިހާރަ ތަކަށްގޮސް އެތަންތަން ހިންގަނީ ގާނޫނާ ގަވާއިދާ އެއްގޮތަށްތޯބަލާ އެގޮތަށްނުހުންނަ ތަންތަން ވަގުތުން ބަންދުކުރޭ. މިހާރު އެމިނިސްޓްރީ އަކުން އެކަހަލަކަން ކަންތަކެއްނުބަލާ. ޗެކެއްނުކުރޭ. އެކަމަކު އޭރަށްވުރެ ގިނަ ފާޑުފާޑުގެ ނަންނަމުގައި ތިބޭ މުއައްޒިފުން މިހާރުމާގިނަ. ހުރިހާވެސް މައްސަލައަކީ އިކޮނޮމިކް މިނިސްޓްރީގެ އިހުމާލު.
12 0

ތެފައާސާ.

14 ޑިސެމްބަރު 2025
އެއްޗެހީގެ އަގު އުފުލޭ ވަރުން އަގު ޖެހުމާއި ނުކުޅަދާނަވީކަންނޭގެ. އެކަމަކުވެސް މިއީ ވަރަށް ސީރިއަސް، އަދި އަވަސް ހައްލެއް ބޭނުންވާ މައްސަލައެއް.
6 0

ހަސަން32433

14 ޑިސެމްބަރު 2025
އަގު ބަޔެއް ފިހާރަތަކުން ނުޖަހަނީ އަގުތައް ބަދަލުވާލޭ އަވަސްކަމުން ،، ނަމަވެސް މިއީކީ ހުއްޖަތެއް ނޫން އަގު ނުޖަހަން ،، ގިނަފަހަރު ފިހާރާގެ ވެރި ދިވެހި މިހާ ހުންނަނީ ފިހާރަށް ބޭރު މީހުންނަށް ދޫކޮއްލާފައި ، އަދި ފިހާރަތަކުގެ ރެގިއުލޭށަން ބަލާނެ މުއައްސަސާއެއް ނެތީމަ މިކަން މިހެންވަނީ..
8 3

ޚަޝޯގީ

14 ޑިސެމްބަރު 2025
@ހަސަން32433 އަގު ނުޖަހަނީ ހަމަ މަކަރުވެރި ކަމުން.
8 0

މޫސަ އިސްމާޢީލް

14 ޑިސެމްބަރު 2025
@ޚަޝޯގީ ޤަވާޢިދު ހަދަމުންދާ ސަރުކާރުން އައި.ޖީ.އެމް.އެޗްގައި ދަޢުލަތުން ފޭރުމަށް ހިންގާ އައިނު ފިހާރައިން ވިއްކާ އެއްޗެތީގައިވެސް ހުންނަނީ އަގު ނުޖަހާ. ފުރަތަމަ އެމީހުނަށް އަގުޖަހަން އެންގަންޖެހޭނީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް