ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޅަވިޔަނި ޓާޓަލް ފެސްޓިވަލް: މުއްސަނދި ހިޔާލުތަކާއި ވެށި ހިމާޔަތްކުރުމުގެ މައިދާނެއް

މި އަހަރުގެ ފެސްޓިވަލަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ ގިނަ ބައިވެރިން ހިމެނޭ ފެސްޓިވަލް
30 ސެޕްޓެމްބަރު 2025

މި މަހުގެ 6 ވަނަ ދުވަހު ރާއްޖޭގެ 13 ސްކޫލެއްގެ ދަރިވަރުން ޅ. ނައިފަރަށް ދަތުރުކުރި އެވެ. އޭގެ ތެރޭގައި ބ.، ރ.، ނ. އަދި އއ. އަތޮޅުން ދަތުރުކުރި ދަރިވަރުންނާއި މާލޭގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ވެސް ހިމެނެ އެވެ. އެ ކުދިން ނައިފަރަށް ދަތުކުރީ އެޓޯލް މެރިން ސެންޓަރާއި ނައިފަރު ޖުވެނައިލް އަދި ސިކްސް ސެންސަސް ކަނުހުރާ ރިސޯޓު ގުޅިގެން ނައިފަރުގައި ބާއްވާ ޅަވިޔަނި ޓާޓަލް ފެސްޓިވަލަށެވެ.

ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އެ ނޫން ގިނަ އަދަދެއްގެ ޖަމާއަތްތައް ބައިވެރިވާ މި ފެސްޓިވަލަކީ ތިމާވެށި ހިމާޔަތްކުރުމާއި ރާއްޖޭގެ މާހައުލާ ގުޅޭ މުހިންމު މައުލޫމާތުތައް ދަރިވަރުންނަށް ފޯރުކޮށްދީ، ދާއިރާގެ ސްޓޭކްހޯލްޑަރުން އެއް ތަނަކަށް ގެނެސް މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ. އެގޮތުން، މި މަހުގެ 5-6 އަކަށް ބޭއްވި ފެސްޓިވަލް ފެށީ ތިން ވަނަ އެޓޯލް މެރިން ސިމްޕޯޒިއަމްއާ އެކު އެވެ. ފެސްޓިވަލްގައި މައިގަނޑު ހަރަކާތްތައް އޮތީ ދެވަނަ ދުވަހު އެވެ.

މި އަހަރުގެ ފެސްޓިވަލަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ ގިނަ ބައިވެރިން ހިމެނޭ ފެސްޓިވަލެވެ. އެގޮތުން، ފެސްޓިވަލްގައި ބައިވެރިވި ގިނަ އަދަދެއްގެ ސްކޫލުތަކުގެ ދަރިވަރުންނާއި ނައިފަރުން އައި އާންމުން ހިމެނޭހެން 3000އަށް ވުރެ ގިނަ ބައިވެރިން ހިމެނޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އޭގެ އިތުރުން، 18 ޖަމިއްޔާއަކާއި ރިސޯޓުތަކާއި އެހެނިހެން ފަރާތްތަކުން ވެސް އެ ފެސްޓިވަލްގައި ބައިވެރިވި އެވެ.

ނައިފަރުގެ ވެލާ ބީޗުގައި އޮތް ފެސްޓިވަލްގެ މައި ސަރަހައްދަށް ވަނުމުގެ ކުރިން ހުރަސްކުރަން ޖެހުނީ އެކި ބާވަތްތަކުގެ ކާނާއާއި ބުއިންތައް ހުރި ސްޓޯލްތަކަށެވެ. އެ ސްޓޯލްތަކުގައި އެކި މީހުން ދިޔައީ ފެސްޓިވަލްގެ ބައިވެރިންނަށް އެ މީހުންގެ އުފެއްދުންތަކުގެ ރަހަ ބަލާލުމަށް ދައުވަތު ދީ ގޮވަމުންނެވެ. އެއާ އެކު، މުޅި ސަރަހައްދުގައި އޮތީ ހޭލަމޭލަކަމާއި ދިރުމެވެ.

ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހެނދުނުން ފެށިގެން އިރު އޮއްސެންދެން ފެސްޓިވަލް ކުރިއަށްދިޔަ އިރު، އެ ތަނުގައި ތައްޔާރުކޮށްފައި ހުރި ސްޓޭޖުގައި ފެސްޓިވަލްގައި ބައިވެރިވި ޖަމިއްޔާއަކުން މައުލޫމާތުން ފުރިގެންވާ ޕްރެޒެންޓޭޝަންތައް ދެމުން ދިޔަ އެވެ. އެ ޕްރެޒެންޓޭޝަންތަކުގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ދާއިރާގައި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކާއި އެހެނިހެން މައުލޫމާތުތައް ސްކޫލު ކުދިންނާއި ފެސްޓިވަލްގެ ބައިވެރިންނަށް ދިޔައީ ދެމުންނެވެ.

ފެސްޓިވަލް ކުރިއަށް ދިޔަ ސަރަހައްދުގައި ނައިފަރުގައި ހުންނަ ވެލާ ހިމާޔަތްކުރާ ސެންޓަރު ވެސް ހުންނަ އިރު، އެ ތަނުގައި ތިބި ވެލާތައް ބަލާލައި އެ ސޮރުމެން ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް އޮތީ ހުޅުވާލައިފަ އެވެ.

މެންދަރު ފަހުން އެ ސްޓޭޖުގައި ވަނީ ސްކޫލު ކުދިންގެ ސަގާފީ ނެށުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ މުބާރާތުން އެއްވަނަ ލިބުނީ ޅ. އަތޮޅު ސްކޫލަށެވެ. ދެވަނަ ބާ އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ލިބުނުއިރު، ތިންވަނަ ލިބުނީ އަފީފުއްދީން ސްކޫލަށެވެ.

ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މި އަހަރުގެ ޓާޓަލް ފެސްޓިވަލްގައި އެކި ސްކޫލުތަކުގެ ދަރިވަރުން ވަނީ ކުނިން ސްކަލްޕްޗާ ފަދަ ތަކެތި އުފައްދައިފަ އެވެ. އޭގެ ތެރެގައި ކުނިން އުފެއްދި މުރަކަ ފަރަކާއި މަންޓާ އަކާއި ރީނދޫ އުރަހަ ކަންނެއްޔަކާއި އިއްސެއް ވެސް ހިމެނެ އެވެ. އެ ސްކަލްޕްޗާތަކުގެ ތެރެއިން އެންމެ މޮޅު ސްކަލްޕްޗާ ހޮވާފައިވާއިރު، އެއްވަނަ ލިބުނީ ޅ. އަތޮޅު ސްކޫލުން ތައްޔާރުކުރި ރީނދޫ އުރަހަ ކަންނެލީގެ ސްކަލްޕްޗާއަށެވެ. ދެވަނަ ބާ އަތޮޅު އެޑިއުކޭޝަން ސެންޓަރުން އުފެއްދި ބޮޑު އިއްސަށް ލިބުނު އިރު، ތިންވަނަ ލިބުނީ ހުޅުދުއްފާރު ސްކޫލުން ތައްޔާރުކުރި ފަރެއްގައި ވެލައަކާއި ޖެލީފިޝްއެއް ފެންނަ ސްކަޕްޗާއަށެވެ.

އޭގެ އިތުރުން، ރިސައިކަލްކޮށްގެން ޕްލާސްޓިކާއި އެ ނޫން ވެސް ކުނީގެ ބާވަތްތައް ހިމަނައިގެން ސްކޫލު ކުދިން އުފެއްދި އެ ނޫން އުފެއްދުންތައް އެ ސްކޫލެއްގެ ސްޓޯލްގައި ދައްކާލާފައިވެ އެވެ. އޭގެ ތެރޭގައި ފްލާސްޓިކް ފުޅި އާއި އޭގެ މަތިތަކާއި އިލޮއްޓާއި ޕްލާސްޓިކް އެކި ކުނިތަކުން އުފައްދާފައި ހުރި ބޭނުންހިފޭ ޒާތުގެ ކުދިކުދި އާލާތަކާއި މޮޑެލްތައް ހިމެނެ އެވެ. އެ ސްޓޯލްތަކުގެ ތެރެއިން އެންމެ ފުރިތަމަ ސްޓޯލްތައް ހޮވާފައިވާއިރު، އެއްވަނަ ލިބުނީ، ޅ. އަތޮޅު ސްކޫލުގެ ސްޓޯލަށެވެ. ދެވަނަ ޅ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ލިބުނު އިރު ތިން ވަނަ ލިބުނީ މޭނާ ސްކޫލުގެ ސްޓޯލަށެވެ.

  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭގެ އިތުރުން ފެސްޓިވަލް ކުރިއަށްދިޔަ ބީޗުގައި ވެލިން ސްކަލްޕްޗާ އުފެއްދުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ. ހުރިހާ ޓީމަކުން ވެސް ކޮންމެވެސް ބާވަތެއްގެ ވެލައެއްގެ ސްކަލްޕްޗާ ހުދު އަދި ކަޅު ފަސް ބޭނުންކޮށްގެން އުފެއްދި އިރު، އެ މުބާރާތުން އެއްވަނަ ލިބުނީ ޅ. އަތޮޅު ސްކޫލުގެ ސްކަލްޕްޗާއަށެވެ. ދެވަނަ ބާ އަތޮޅު ސްކޫލަށް ލިބުނު އިރު ތިން ވަނަ ލިބުނީ ހިމަންދޫ ސްކޫލަށެވެ.

ފެސްޓިވަލް ފެށުމުގެ ކުރިން އެކި ޓީމުތަކަށް ހުޅުވާލައިގެން ވަނީ ޕްލާސްޓިކް ފުޅި އެއްކުރުމުގެ މުބާރާތެއް ވެސް ބާއްވައިފަ އެވެ. އެ މުބާރާތުގައި ޓީމުތަކުން ޖުމްލަ 7005 ކިލޯގެ ޕްލާސްޓިކް ފުޅި އެއްކުރިއެވެ. އެ މުބާރާތުން ވަނަތައް ލިބުނު ފަރާތްތައް ފެސްޓިވަލްގައި އިއުލާނުކޮށްފައިވާއިރު، ސްކޫލުތަކުގެ ތެރެއިން އެއްވަނަ ލިބުނީ 1216.85 ކިލޯގެ ފުޅި އެއްކުރި ކުޑަފަރީ ސްކޫލަށެވެ. 1009.5 ކިލޯއާއެކު ހުޅުދުއްފާރު ސްކޫލަށް ދެވަނަ ލިބުނުއިރު، 768.41 ކިލޯއާ އެކު ތިން ވަނަ ލިބުނީ އަފީފުއްދީން ސްކޫލަށެވެ.

ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެޓޯލް މެރިން ސިމްޕޯޒިއަމް: މައުލޫމާތުން ފުރިގެންވާ މާހައުލެއް

މި މަހުގެ 5 ވަނަ ދުވަހު އަށް ވަނަ ޅަވިޔަނި ޓާޓަލް ފެސްޓިވަލް ފެށީ ތިން ވަނަ އެޓޯލް މެރިން ސިމްޕޯޒިއަމްއާ އެކު އެވެ. ފެސްޓިވަލްގައި ބައިވެރިވި ޖަމިއްޔާތަކުން ވަނީ އެ ސިމްޕޯޒިއަމްގައި ނައިފަރުގެ ސްކޫލުތަކުގެ ދަރިވަރުން ވެސް އަޑުއަހަން ތިއްބެވެ.

އެ ސިމްޕޯޒިއަމްގެ ތެރެއިން ޕްރެޒެންޓޭޝަންތަކަށް ފަހު ވަނީ ސިމްޕޯޒިއަމްގެ ބައިވެރިންނަށް ސުވާލުކުރެވޭ ގޮތަށް ހުޅުވާލައިގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އިކޮލޮޖިކަލް ކަނެކްޓިވިޓީ އެންޑް އޯޝަން ހެލްތު، ކުނިން ކަނޑު ތަގައްޔަރުވުމުގެ މައްސަލަ ހައްލުކުރާނެ ގޮތްތަކާއި ކޮންސަވޭޝަންގެ ދާއިރާގައި މުޖުތަމައުތަކާއި ޒުވާނުން ބައިވެރިކުރުމާ ގުޅޭ ގޮތުން ވަކިވަކިން ޕެނަލް ޑިސްކަޝަން ބާއްވާފައިވެ އެވެ. އެ ތިން މައުލޫއަށް ސިމްޕޯޒިއަމްގައި ބައިވެރިވި ޖަމިއްޔާތަކުގެ ފަރާތުން ވަނީ ޕްރެޒެންޓޭޝަން ހުށަޅައިފަ އެވެ.

  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެގޮތުން "އިކޮލޮޖިކަލް ކަނެކްޓިވިޓީ އެންޑް އޯޝަން ހެލްތު" އެ މައުލޫއަށް ޕްރެޒެންޓޭޝަން ހުށަހެޅި ފަރާތްތަކަކީ:

  • އެޓޮލާގެ ފައުންޑިން ޑައިރެކްޓާ އޮފް ޓެކްނޮލޮޖީ އެންޑް ރިސާޗު އިސްމާއިލް ހޫދު ރިޒްވީ: މުރަކަތަކަށް ޖެހޭ ބަލިތައް ދެނެގަތުމަށް ހާއްސަ އޭއައި މޮޑެލްއެއް ތައްޔާރުކުރުމާއި އެކަމުގައި ދިމާވި ދަތިތައް

  • ސިކްސް ސެންސަސް ކަނުހުރާގެ މެރިން ބަޔޮލޮޖިސްޓް ޖޭމްސް ކޯޑަރީ: ކަނޑުތަކުގެ ސިއްހަތަށް ސީގްރާސްގެ މުހިންމުކަން

  • އެޓޯލް މެރިން ކޮންޒަވޭޝަންގެ ސީ ޓާޓަލް ބަޔޮލޮޖިސްޓް އާދަމް އާތިފް މުހައްމަދު: އީކޯ ސިސްޓަމްތައް ދެމި އޮތުމުގައި ވެލާގެ ދައުރާއި މުހިންމުކަން

  • ވެލާ ޕްރައިވެޓް އައިލެންޑުގެ މެރިން ބަޔޮލޮޖިސްޓް އެގްނެ ގްރިކޫޓް: ވެލާ ރިސޯޓުތަކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުރަކަ އާލާ ކުރާ ގޮތްތަކާއި މުރަކަ އިންދާ ޕްލެޓްފޯމްތަކާ ގުޅޭގޮތުން

  • މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ ޕްރޮޖެކްޓް ކޯޑިނޭޓާ އައިޝަތު މުފްލިހާ ޒިޔާދު: މެންގްރޯވް އާއި ސީގްރާސް އަދި ނިއުޓްރިއަންޓްސް ގުޅޭ ގޮތާ ބެހޭގޮތުން

  • މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޑީން އަހުމަދު ރިޔާޒް ޖައުހަރީ: ކަންނެލި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމާއި އޭގެ މުސްތަގުބަލާ ބެހޭގޮތުން

ކުނިން ކަނޑުތައް ތަގައްޔަރުވުމުގެ މައްސަލައަށް ހައްލެއް ހޯދުމާ ބެހޭ ގޮތުން ވާހަކަ ދެއްކީ:

  • ސީކްރެޓް ޕެރެޑައިސްގެ ޓުއާ ލީޑާ މުހައްމަދު ޝާކިރު: ކުދި މުޖުތަމައުތައް ގުޅިގެން ކަނޑުތަކަށް އަޅާ ކުނި އަޅާ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ދަ ވައިވްގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖާ މުހައްމަދު އަބްދުﷲ: ކަނޑަށް އަޅާ ކުނީގެ މައްސަލަ ހައްލުކުރުމުގައި ޒުވާނުން ބައިވެރިކޮށްގެން މަސައްކަތް ކުރުމާ ގުޅޭގޮތުން

ކޮންސަވޭޝަންގެ ދާއިރާގައި މުޖުތަމައުތަކާއި ޒުވާނުންގެ ދައުރުގެ މައުލޫއަށް ވާހަކަ ދެއްކީ:

  • • އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ސީ ޓާޓަލް ރޭންޖާ އަދި ކޮމިއުނިޓީ އޮފިސާ އިނާން އަހުމަދު: އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ކޮންޒަވޭޝަން ޕްރޮގްރާމުގެ ކާމިޔާބީތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން

  • މިޔަރު-ޝާކް ޕްރޮގްރާމްގެ ކޯ ފައުންޑާ އަދި އައުޓްރީޗް އެންޑް އެޑިއުކޭޝަން މެނޭޖާ ހަމްނާ ހުސެއިން: އާންމުންނާ ގުޅިގެން އިންޑޯ ޕެސެފިކް ލެޕަޑް ޝާކްތަކުގެ މައުލޫމާތު އެއްކުރުމާއި ހިމާޔަތްކުރުމާ ގުޅޭގޮތުން

  • މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ކޯޑިނޭޓާ އައިޝަތު ފިތުރާ: ލ. އަތޮޅުގައި ލާމަސީލު ލާމުގެ ނަމުގައި ހިންގާ ދަރިވަރުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކާއި އެ ޖަމިއްޔާގެ މަސައްކަތްތަކާ ގުޅޭގޮތުން

މި އަހަރުގެ ސިމްޕޯޒިއަމްގައި އާ ކުރިއެރުމަކަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ މުރަކައިގެ ބާވަތްތަކާއި އެއަށް ޖެހިފައިވާ ބަލިތައް ދެނެގަތުމަށް ދިވެހި ޒުވާނުންތަކެއް އުފެއްދި އޭއައި މޮޑެލް އެވެ. އެޓޮލާ ނަމަކަށް ކިޔާ ޖަމިއްޔާއަކުން އުފެއްދި އެ މޮޑެލްގެ އެހީގައި ފަސޭހަކަމާއެކު މުރަކައަށް ޖެހިފައިވާ ބަލި ޑައިގްނޯސްކޮށްލަ އެވެ. ހަމަކަނި ޖެހެނީ އެ މުރަކައެއްގެ ފޮޓޯ އަޕްލޯޑުކޮށްލާށެވެ. މި މޮޑެލް އުފެއްދި އެޓޮލާއަކީ ވިލާ ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންތަކެއް އުފެއްދި ޖަމިއްޔާއެކެވެ.

  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ނައިފަރުގައި ބޭއްވި ޅަވިޔަނި ޓާޓްލް ފެސްޓިވަލް 2025. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިމްޕޯޒިއަމްގެ ތެރެއިން އެ ޖަމިއްޔާގެ ފަރާތުން ވަނީ އެ މޮޑެލް އުފައްދަން ކުރި މަސައްކަތްތައް ކިޔައިދީފަ އެވެ. އެގޮތުން، އޭއައި މޮޑެލް ޓްރެއިން ކުރަން ބޭނުންވާ ޑޭޓާ ރާއްޖެއިން ހޯދަން ވަރަށް ދަތިވިކަން ފާހަގަކުރި އެވެ. އަދި ރާއްޖެއިން ލިބެން ހުރި ޑޭޓާ ހުރީ ވަރަށް ބޮޑަށް ބައިބައިވެފައިކަން ފާހަގަކޮށް، މުސްތަގުބަލުގައި ތިމާވެށި ހިމާޔަތްކުރުމަށް އެހީތެރިވެދޭނެ އެފަދަ މޮޑެލްތައް އުފައްދަން، ޑޭޓާ ރައްކާކޮށް، އާންމުކޮށް ބޭނުންކުރެވޭ ގޮތް ހެދުމުގެ މުހިންމުކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. އެ ޖަމިއްޔާގެ މޮޑެލްގެ މަސައްކަތްތައް ފުރިހަމަކުރީ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުގެ ޑޭޓާ ބޭނުންކޮށްގެންނެވެ.

މިހާތަނަށް އެންމެ ގިނަ ބައިވެރިންނާއެކު ކާމިޔާބުކަމާ އެކު ޅަވިޔަނި ޓާޓަލް ފެސްޓިވަލް ބާއްވާފައިވާއިރު، މިއީ ސްކޫލުތަކުގެ ދަރިވަރުންގެ ހިތްތަކުގައި ވެއްޓަށް އިތުރު ލޮތްބެއް ޖައްސައި ވެށި ހިމާޔަތްކުރާނެ ޖީލުތަކެއް އުފެއްދުމަށް މުހިންމު މަސައްކަތަކަށް ވެގެންދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް