ރައީސް މުއިއްޒު އިއްޔެ ވ. ރަކީދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ރައީސް މުއިއްޒަށް 'އޭޓީއެމް ދޮންބެ'ގެ ލަގަބު
އެއީ ވާނެ ކަމެކޭ އެއްވެސް މީހަކު ގަބޫލެއްނުކުރެ އެވެ. މީހަކު ހީ ވެސް ނުކުރެ އެވެ. އެކަން މީގެ ކުރިން ވެފައި އޮތީ ފުލޯކު ވާހަކަތަކުގައި ބުނެ އުޅޭ ކަހަލަ ބިލާހަކަށެވެ. ނިދީގައި ދައްކާލާ ހުވަފެނީ މަންޒަރަކަށެވެ.
އެކަމަކު 27 ޖޫން 1967ގައި އިނގިރޭސިވިލާތުގެ ލަންޑަންގައި ވުޖޫދުކުރި އޭޓީއެމްއަކީ، ލޮލުން ފެންނަ، އަތުން ހިފޭ އެއްޗެއްކަން ބައެއް ދިވެހިންނަށް ސާބިތުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އާދެ، އަމިއްލަ އެކައުންޓުގައި ހުންނަ ފައިސާ، އަމިއްލަ ކާޑަކުން، އަމިއްލައަށް ގޮސް ނެގޭނެ ވަސީލަތްތައް ނެތް ރަށްރަށުގައި އެ ވަސީލަތް ގާއިމުކޮށްދެއްވީ މި ރައީސެވެ. ޕްލާސްޓިކް ކާޑެއް މެޝިނަކަށް ލައްވާލާފައި ފިތްތަކަކަށް އޮބާލައިގެން ބޭނުން މިންވަރަކަށް ފައިސާ ނެގުމުގެ ނަސީބު ގެނެސްދެއްވި ރައީސެވެ.
އެ ލަގަބު ރައީސް މުއިއްޒުއަށް ދެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު އަސްލަމް އެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ ރައީސް މުއިއްޒުއަކީ 'އޭޓީއެމް ދޮންބެ' އެވެ.
"ލޮބުވެތި ރައްޔިތުން، ދެންމެ އެ ހުޅުވައިދިނީ އެ ތަން. މިއީ އަޅުގަނޑުމެން އެދުނު ގޮތް،" ވ. އަތޮޅު ރަށެއްގައި އިއްޔެ ޕީއެންސީއިން ބޭއްވި ޖަލްސާއެއްގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު އަސްލަމް ވިދާޅުވި އެވެ.
"ޝުކުރިއްޔާ އޭޓީއެމް ދޮންބެ." ރައީސް މުއިއްޒުއަށް އަތުން އިޝާރާތް ކުރައްވަމުން އަަސްލަމް ވިދާޅުވި އެވެ.
“Shukuriyyaa ATM dhonbe”
— Luke (@lucasjalyl) September 20, 2025
Some leaders build legacies by bringing civil rights, some by lifting people from poverty, others by driving decentralization, and then there is our ATM Dhonmbe
👏👏👏👏 pic.twitter.com/XansNIt7NE
މަލާމާތެއްތަ؟ ނޫނީ ތައުރީފުތަ؟
ބައެއް މީހުން ތިބީ އޭނާ ރައީސަށް އެ ކުރެއްވީ ތައުރީފެއްކަން، މަލާމާތެއްކަން ނޭނގި، އޮޅުން އަރާފަ އެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނީ އެކަހަލަ ނަމަކުން ނަން ދީފި ނަމަ ރޯން ވެސް ރޯނެ ކަމަށެވެ. ލަދުން ބޯހަލާކުވާނެ ކަމަށެވެ.
އެހެން މީހަކު އެއީ މަލާމާތެއްތޯ ނުވަތަ ތައުރީފެއްތޯ ޔަގީންކުރަން ސުވާލުކުރީ 'އެކްސް'ގައި ހިމެނޭ އޭއައި ޗެޓްބޮޓް 'ގްރޮކް'ގެ ގާތުގަ އެވެ. ގްރޮކް ބުނާ ގޮތުގައި ޕީއެންސީއަށް ނިސްބަތްވާ ބިލެއްދޫ ދާއިރާގެ މެމްބަރު އަސްލަމް އެ ކުރެއްވީ ތައުރީފަކަށް ވުރެ ބޮޑަށް މަލާމާތެކެވެ.
I'll cry if someone names me that https://t.co/XdZrdKix7V
— Zaha (@MariamZaha) September 20, 2025
It appears to be sarcastic criticism, contrasting grand legacies with the "legacy" of inaugurating ATMs, implying it's trivial. So, more of an insult than a compliment.
— Grok (@grok) September 20, 2025
މީގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް ވެސް ވަނަމެއްގެ ގޮތުގައި ފަހަތަށް ދޮންބެ ލާފައި ނަންނަން ކިޔާފައި އެބަހުއްޓެވެ. މި ސަގާފަތް ފެށުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އެމަނިކުފާނަކީ 'ފްލެޓު ދޮންބެ' ކަމަށް ވިދާޅުވި ހިސާބުންނެވެ. އެއީ ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓުތަކެއް އެޅުއްވުމާ ގުޅުވައިގެންނެވެ.
ނަޝީދަށް ފަހު ކުރު މުއްދަތަކަށް ރައީސްކަން ކުރެއްވި މުހައްމަދު ވަހީދު ހަސަނަށް ވަނަމުގެ ގޮތުގައި ދޮންބެއެއް ކީކަން އެނގިފައިނުވެ އެވެ. އެއަށްފަހު ވެރިކަމަށް ވަޑައިގަތް އަބްދުﷲ ޔާމީނަށް ބްރިޖު ދޮންބެއޭ ބައެއް މީހުން ކިޔައިއުޅެ އެވެ. އެއީ މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅުވާލި ކާމިޔާބު މަޝްރޫއަށްފަހު އެވެ.
ޔާމީނަށް ފަހު ރައީސްކަން ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަށް ބައެއް މީހުން ޑިގްރީ ދޮންބެ، ގޯތި ދޮންބެއޭ ވެސް ކިޔައި އުޅެ އެވެ. ޑިގްރީ ދޮންބެއަކީ ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީ ސްކީމެއް ތައާރަފްކޮށް، ގިނަ އަދަދެއްގެ މީހުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދެއްވުމުން ކިޔާ ނަމެކެވެ. އަދި ގޯތި ދޮންބެއަކީ ރަށްރަށުންނާއި އެތައް އަހަރަކަށް ފަހު މާލެ ސަރަހައްދުން މާލެ މީހުންނަށް ގޯތި ދޫކުރުމުން ކިޔައި އުޅޭ ނަމެކެވެ.
މިއަދު މި ހުންނެވީ 'ދިވެހީންގެ އޭޓީއެމް ދޮންބެ' އެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫން (ލޫކަސް) ޖަލީލް 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް ލީޑަރުން އެ ބޭފުޅުންގެ 'ލެގަސީ' ބިނާކުރެއްވީ އިޖުތިމާއީ ހައްގުތައް ކަށަވަރުކޮށްދެއްވައިގެން ކަމަށެވެ. ބައެއް އެހެން ބޭފުޅުން އެކަން ކުރެއްވީ ރައްޔިތުން ފަގީރުކަމުން ސަލާމަތް ކުރައްވައިގެންނެވެ. އަދި ބައެއް ބޭފުޅުން އެކަން ކުރެއްވީ ލާމަރުކަޒީ އުސޫލުތައް ކުރިއަރުވައިގެންނެވެ. އެކަމަކު ދެން މިހުންނެވީ އަހަރެމެންގެ 'އޭޓީއެމް ދޮންބެ' އެވެ.
މި ނަމާ މެދު ކަންބޮޑުވެ، ޕޯޑިއަމްގައި މެމްބަރު އަސްލަމް ރައީސަށް އެ ޖޯކު ޖެއްސެވީ ކީއްވެގެންތޯ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.
އެހެން މީހަކު ބުނީ އަސްލަމް، ރައީސްގެ ކުރިފުޅުމަތީގައި އެމަނިކުފާނަށް އެ ކުރެއްވީ މަލާމާތެއް ކަމަށެވެ.
"ގޯހެއް ނޫން. އޭޓީއެމް ދޮންބެ އޯ. ޕީއޯއެސް މެޝިނަކާއި ރަށު އެޖެންޓެކާއި ކޭޝް ކާޑަކުން ނިމެން ހުންނަ ކަންކަން ފަސް ލައްކައިގެ އޯޕަނިން ސެރަމަނީއަކަށް ވީމަ ބޮޑުވަރު މިއީ،" އައިޝަތު ލިއުޝާ ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.
😂 he is laughing at Muiz at his face. Goahehnoon. ATM bondbe yo. POS Machine akaa, rashu agentaka, cash card dakun nimen hunna kankan 5 lahkaige opening ceremony akah veema bodu varu mee. pic.twitter.com/SRemcCablr
— Aishath Liusha (@Ahsuil) September 20, 2025
'އޭޓީއެމް ދޮންބެ'އަށް ފާޑުކިޔާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ބައެއް މީހުން ބުނީ ރައީސްގެ ހަމައެކަނި މެގަ ޕްރޮޖެކްޓަކީ މިއީ ކަމަށެވެ. އެއީ އަގުބޮޑު ހަފްލާތަކާ އެކު އޭޓީއެމް ހުޅުވައިދިނުމެވެ.
"އޭޓީއެމް އެކަނި ބަހައްޓާލީމަ މެޖޯރިޓީ އެބަލިބޭ ބައެއް ރަށްރަށުން،" އެހެން އެކައުންޓަކުން ކޮމެންޓު ކޮށްފައިވެ އެވެ.
'އޭޓީއެމް ދޮންބެ' މި ނަން އިތުރަށް އިއްޒަތްތެރި ކޮށްދިނުމަށް ވެސް ބައެއް މީހުން މަސައްކަތް ކޮށްފައިވެ އެވެ. މިސާލަކަށް، އޭގެ ބަދަލުގައި 'އޭޓީއެމް ރަސްގެފާނު' ނުވަތަ 'އޭޓީއެމް ކިންގު' ފަދަ ނަންނަމެވެ.
ރައީސްގެ މި އޭޭޓީއެމް ދަތުރުފުޅުގައި މީގެ ކުރިން ހުޅުވާފައި ހުރި އޭޓީއެމްއެއް ވެސް ހުޅުވައިދެއްވިކަމަށް ބުނާ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ ބަޔަކު ގަސްތުގައި އެމަނިކުފާނަށް ދިން ލަނޑެއް ކަން ނުވަތަ އޭޓީއެމްއިން މަހުރޫމުވެފައިވާ ރައްޔިތުންނަށް އެ ހިދުމަތް ދެއްވަން ބޭނުންވެވަޑައިގަންނަވާ މިންވަރު ބޮޑުކަމުން، ވަޑައިގަތް ބާރުމިނުގައި ގޮސް ކުރިން ހުޅުވާފައި ހުރި އޭޓީއެމްއެއް ވެސް ހުޅުވައިދެއްވުނީ ކަމެއްނޭނގެ އެވެ.
'އޭޓީއެމް ދޮންބެ' ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ބީއެމްއެލްގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި ހުރީ:
-
138 އޭޓީއެމް
-
83 ސެލްފް ސާވިސް ބޭންކިން ސެންޓަރު
'އޭޓީއެމްއަކީ އަޅުގަނޑުމެންގެ ހިތުގެ ޝުއޫރު'
އެކަމަކު 'އޭޓީއެމް ދޮންބެ'ގެ އޭޓީއެމް މަޝްރޫއަށް ބައެއް މީހުން މަލާމާތް ކޮށް، ޖޯޖު ޖެހިޔަސް އެކަން ހިތުގެ ފުންމިނުން ބަލައިގަންނަ މީހުން ވެސް އެބަތިއްބެވެ.
"ރަކީދޫގައި ބެހެއްޓި އޭޓީއެމްއަކީ އަޅުގަނޑުމެންގެ ހިތުގެ ޝުއޫރު. ކުޑަ ރަށެއް، ބޮޑު ރަށެއް [ބެލުމެއް] ނެތި، ރަކީދޫއާ ދޭތެރޭ ރައީސް ބަހައްޓަވާ އަހަމިއްޔަތުކަން، އަޅުގަނޑުމެން ދެކެ ލޯބިވާކަން މިއަދު ފާޅުވެއްޖެ. އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކުރަން، ފަށްފަށުން ރައީސަށް ޝުކުރު ދަންނަވަން،" ސަރުކާރަށް ތާއީދުކުރާ ބަޔަކު ހިންގާ 'ދުވެލި އޮންލައިން'އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އަޅުގަނޑުމެން ވ. ފެލިދުއަށް ދާން ޖެހެނީ 1،500ރ. ހަރަދުކޮށްފައި. މިއެއް ނޫން އަޅުގަނޑުމެންގެ މިންވަރަކީ. މިހާރު އެހެރީ އަޅުގަނޑުމެންގެ މިންވަރު އަޅުގަނޑުމެންނާ ހަމައަށް އައިސްފައި. އަޅުގަނޑުމެން ގަބޫލުކުރަން، ތިން މީހުން ތިއްބަސް ހަމަ ކޮންމެ ރަށަކުން ވެސް ހިދުމަތް ލިބެން ޖެހޭނެކަން. މިހާރު އެހެރީ، އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކުރަން އޭޓީއެމްއަކީ އަޅުގަނޑުމެންނަށް ލިބިފައިހުރި ރަނުގެ ފުރުސަތެއްކަން."
އެއީ މީގެ ކުރިން އޭޓީއެމް ނެތް ރަށެއްގައި ދިރިއުޅޭ ރައްޔިތެއްގެ އިހުސާސް ހުރި މިންވަރެވެ. އެހެންވީމަ ރަނގަޅު ގޮތަކީ އޭޓީއެމް ބޭނުންކޮށްކޮށް ފޫހިވެފައި ތިބި މީހުން މަލާމާތުގެ ބަސްބަސް ނުބުނުމެވެ. ތަކެތީގެ އަގު ހެޔޮނުކޮށްދެވިދާނެ އެވެ. ޑޮލަރުގެ އަގު ތިރި ނުކުރެއްވިދާނެ އެވެ. ކަނޑުއަޑީގެ ޓަނަލެއް ވެސް ނާޅުއްވަފާނެ އެވެ. އެކަމަކު ޝައްކު ނުކުރައްޗެވެ. 'ދިވެހީންނަށް' އޭޓީއެމްގެ ރަން ޒަމާނެއް 'އޭޓީއެމް ދޮންބެ' ކަށަވަރުކޮށްދެއްވާނެ އެވެ. އެކައުންޓުން ނެގެން އޮންނަ އެންމެ ފަހު ނޫޓު ވެސް، އިރާދަކުރެއްވިއްޔާ ނެގޭނީ އޭޓީއެމްއަކުންނެވެ.
ކޮމެންޓް (1)
ތެފައާސާ.