12 އަހަރުން ދަށުގެ ފަސް ކުދިންނާ އެކު ހަމްދާ މި ގޭގައި ދިރިއުޅޭތާ ނުވަ އަހަރު ވެއްޖެ (ފޮޓޯ/މަމްސް އެއިޑް)

ވީރާނާވެފައިވާ މިގޭގެ ހަތަރު ފާރު ތެރޭން ފެންނަނީ ހިތްވަރުގަދަ މައެއްގެ ފަޅު ދިރިއުޅުން

ހަމްދާގެ އެންމެ ބޮޑު އެއް އުންމީދަކީ ޅައުމުރުންސުރެ އޭނާއަށް ނުލިބުނު އުފާވެރި ދިރިއުޅުމާއި، ގެއްލުނު ތައުލީމު އޭނާގެ ފަސް ދަރިންނަށް ފުރިހަމައަށް ހޯދައިދިނުން؛ މި އާއިލާއަށް އެހީވާން 'މަމްސް އެއިޑް' އިން ވަނީ ފައިސާ ހޯދަން ފަށާފައި

މިއީ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ 'މަމްސް އެއިޑް'ގެ ކެއާ ލިސްޓުގައި ރަޖިސްޓާވެފައިވާ އާއިލާތަކުގެ ތެރެއިން ދަތި ހާލުގައި ދުވަސްތައް ހޭދަކުރަމުން ދާ، އަދި ގެވެށި އަނިޔާ ތަހައްމަލު ކޮށްފައިވާ، މުޖުތަމައުގެ އެހީއަށް ބޭނުންވެފައިވާ އާއިލާއެއްގެ ވާހަކަ އެވެ.

މި ވާހަކަ އާޓިކަލުގައި ހިމަނާފައި މިވަނީ އެ އާއިލާއާ ހަވާލާދީ، މަމްސް އެއިޑްއިން ހިއްސާކޮށްފައިވާ ޕޯސްޓުގައިވާ ވާހަަކަތަކަށް ބަލައިގެންނެވެ. އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މި އާއިލާގެ ވާހަކަ ހިއްސާކުރުމުގެ މަގްސަދަކީ މިހާރު ދިރިއުޅެމުންދާ ހާލަތުން އަރައިގަތުމަށް އާންމުންގެ އެހީ އެ އާއިލާއަށް ހޯދައި ދިނުމެވެ.

އަބަދުވެސް އަނިޔާ

އެންމެ ކުޑައިރުން ފެށިގެންވެސް ހަމްދާ (އަސްލު ނަމެއް ނޫން) ބޮޑުވަމުން އައީ އާއިލާގެ މާ ބޮޑު އެހީތެރިކަމަކާ ނުލަ އެވެ. ވަރަށް ކުޑައިރު، އޭނާގެ މައިންބަފައިންގެ ކައިވެނި ރޫޅުނެވެ. ނަތީޖާއަކީ މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯތްބާއި އަޅާލުމުން މަހުރޫމުވެ، އުމުރުން 10 ވަރަަކަށް އަހަރުގައި، އަނިޔާތަކާ ކުރިމަތިލާން ޖެހުމެވެ. އަމިއްލަ ގޭތެރެއިން އާއިލާ މީހެއްގެ ފުށުން، ޅައުމުރުގައި ޖިންސީ ގޯނާއާ ވެސް ކުރިމަތިވި އެވެ.

ލިބެން ޖެހޭ ރައްކާތެރިކަން އޭނާގެ ބަލަދުވެރިންގެ ފަރާތުން ނުލިބުމުން، ގޭތެރޭގެ ވާހަކަތައް ހަމްދާ ހިއްސާކުރަނީ ރައްޓެހިންނާ އެވެ. އެހެންވެ، ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރަން ފެށުމުން، އުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށް، އެންމެ ރަނގަޅަށް ކިޔެވޭ ގޮތެއް ވެސް ނުވި އެވެ.

އުމުރުން 18 އަހަރުވުމާ އެކު އޭރު ރައްޓެހިވެގެން އުޅުނު މީހާއާ ކައިވެނިކޮށް، ދިރިއުޅުން އޭނާގެ ރަށަށް ބަދަލުކުރީ ވެސް އެ އަނިޔާތަކުން ސަލާމަތްވުމަށެވެ. އޭރު ހަމްދާގެ އުންމީދަކަށް ވީ ގޭތެރެއިން ލިބެމުން ދިޔަ، އަނިޔާ އާއި މަހުރޫމުވަމުންދިޔަ ލޯބި، ކައިވެންޏަކުން ހޯދުމެވެ. އެކަމަކު އެ ލޯބި އޭނާއަށް ލިބުނީ ކައިވެނީގެ ކުރީކޮޅު އެކަންޏެވެ.

އާމްދަނީ ހޯދަން މަސައްކަތް ނުކޮށް، ފިރިމީހާ އަބަދު އޮންނަނީ ގޭގަ އެވެ. ގާތްގާތުގައި ހަތަރު ކުދިން ލިބުނުއިރު، ގިނަ ދުވަސްދުވަހު ކާން ޖެހެނީ ގޭގެއިން ކާއެތިކޮޅު ހޯދައިގެންނެވެ. އެހެންވެ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އިތުރުވި އެވެ. ފިރިމީހާގެ އުޅުމެއް ނެތި، ބީރައްޓެހި ރަށެއްގައި ހަމްދާ އެކަނިވި އެވެ.

ހަމްދާ ބަދިގޭގައި މަސައްކަތެއްގައި (ފޮޓޯ/މަމްސް އެއިޑް)

ފިރިމީހާ ބޭނުންވީމާ މަހަށް ހިނގައިދާނެ އެވެ. މަހަށް ގޮސް ލިބޭ މަދު ފައިސާކޮޅުގެ ވެސް ބޮޑު ބައެއް ފިރިމީހާ ހޭދަކުރަނީ ރަށްޓެހިންނާ އެކު އަރާ ކޮފީތަކާއި، އޭނާގެ އެހެނިހެން ކަންކަމަށެވެ. ގޭގެ ހަރަދަށް ދެނީ ގާތްގަނޑަކަށް 800ރ އެވެ.

އެއަކުން ހަތަރު ކުދިންގެ ހަރަދެއް ނުހިފެހެއްޓެ އެވެ. ގިނަ ދުވަސްދުވަހު ކުދިންގެ ތައުލީމީ ކަންކަން ހަމަޖައްސައި، ހައިހޫނުކަން ފިލުވަނީ ސަލާންޖަހައިގެންނާއި، ހެޔޮ އެދޭ މީހަކު ދިއްކޮށްލާ މަދު އެއްޗަކުންނެވެ. ފަސްވަނަ ދަރިފުޅަށް ބަލިވެ އިންއިރު، ފިރިމީހީ އެހެން އަންހެނުންނާ ވާހަކަ ދައްކާ، އެމީހުންނަށް ހަރަދުކުރާކަން ފަޅާއަރައިފި އެވެ. އެކަން ހުއްޓާލުމަށް އެދި ވާހަކަދައްކާ ކޮންމެ ފަހަރަކު ފިރިމީހާގެ ފުށުން އަނިޔާއާ ކުރިމަތިލާން ޖެހެ އެވެ. ނަމަވެސް ހަމްދާ އުންމީދު ކުރަމުން ދިޔައީ ކޮންމެވެސް ދުވަހަކުން ފިރިމީހާއަށް ވިސްނި، ހަމްދާ އާއި ކުދިން ކައިރިއަށް އަންނާނެ ކަމަށެވެ.

އަންހެނުންނަށް ފައިސާދީގެން އެމީހުން ކައިރިއަށް ދާކަން އެނގިގެން ސުވާލުކުރި ދުވަހެއްގައި އެކަމާ ރުޅިގަދަވެ ކަރުގައި ހިފާ ހޫރާލި އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅިޔަސް، މައްސަލަ ފަހުން ދޫކޮށްލީ އެވެ. އެއީ އެއްވެސް މީހެއްގެ އެހީއަކާ ނުލައި ކުދިންގެ ކަންކަން ކުރަމުން ދިޔައިރު، ކޯޓަށް ގޮސް އެ ހުރިހާ ކަމެއް ކުރަން އުނދަގޫ ވާތީ އެވެ.

އެކަމަކު އޭގެ ފަހުން ފިރިމީހާގެ ފުށުން ލިބެމުން ދިޔަ އަނިޔާ އާއި ނަފުރަތު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ކުދިންގެ ކުރިމަތީ އަނިޔާ ކުރުމާއި ހަޑިހުތުރު ބަހުން ހަމްދާއާ ދިމާލަށް އެއްޗެހި ގޮވާ ޒުވާބު ކުރުން އާންމު ކަމަކަށް ވި އެވެ. އެ ހާލުގައި ވެސް އެ ކައިވެނިމަތީ ކެތްކޮށްގެން އުޅެމުންދަނިކޮށް، ފަސްވަނަ ދަރިފުޅު ވިހަން ވަރަށް ގާތްވެފައި އިންދައި އޭނާ ވަރިކުރި އެވެ. ވަރިކޮށްފައި ދިޔަ ފަހުން ދަރިންގެ ހާލު ބަލާލަން ވެސް ގުޅާލަނީ މަދު ފަހަރަކު އެވެ.

"މިފަޅު ގޭގައި އަހަރެމެން އުޅޭތާ މިހާރު މިވީ ނުވަ އަހަރު. ކިތަންމެ ރެޔަކު، މާދަމާ އެކުދިންގެ ކަންކަން ކުރާނީ ކިހިނެއްކަން ނޭނގި ގޮތް ހުސްވެފައި އަހަރެން އޮންނަން. މިއަދު އަހަރެން އެންމެ ހިތްދަތި ވަނީ މާދަމާ ވެސް އަހަރެން ބަލި އެނދުގައި އޮށޯންނަން ޖެހިއްޖެ ނަމަ،  ދޮށީ ދަރިފުޅަށް ވިސްނާލާފައި. އެންމެ 12 އަހަރުގައި ހަތަރު ކޮއްކޮގެ ޒިންމާ އެކުއްޖާ ނަގާނީ ކިހިނެއް؟" އަސަރާ އެކު އޭނާގެ ހާލަތު ކިޔައިދެމުން ހަމްދާ ބުންޏެވެ.

"ގޭގައި ކާނެ އެއްޗެއް ނެތި ހަމައެެކަނި ޖޫސްތައްޓެއް ނޫނީ ކަޅުސައި ތައްޓެއް ބޮއެގެން ވެސް ސުކޫލަށް ދާ ދުވަސްތައް މަދެއް ނުވާނެ. ކުދިންގެ ބައްޕަ އެކުދިންނަށް ހަރަދު ކޮށްލާނެ ރުފިޔާއެއް ދިއްކޮށްލާނީ މަދު ފަހަރަކު." 

ހަމްދާ އެންމެ ކަންބޮޑުވަނީ، އޭނާ ނެތް ދުނިޔެއެއްގައި އެކުދިން ބިކަވެ އަޅާލާނެ މީހަކު ނެތި، އެއިން ކުއްޖަކަށް މީހެއްގެ ފަރާތުން އަނިޔާއެއް ލިބިދާނެތީ އެވެ.

ހަމްދާގެ އެންމެ ދޮށީ ދަރިފުޅު ބަދިގޭގައި މަސައްކަތެއްގައި (ފޮޓޯ/މަމްސް އެއިޑް)

ބޭނުންވަނީ ދަރިންނާ އެކު އުފާވެރި ދިރިއުޅުމެއް

މިއަދު ހަމްދާ ދިރިއުޅެމުންދަނީ އެ ކުދިންނާ އެކު އޭނާގެ ފިރިމީހާ އެއްލާލާފައި ދިޔަ ފަޅު ގޭގަ އެވެ. އެ ފަޅުކަން މަތީގައި ނުވަ އަހަރު އޭނާ ހޭދަކުރީ ކެތްތެރިކަމާ އެކު އެވެ. ހަމްދާ ބުނިގޮތުގައި މިއަދު އޭނާ އެންމެ ބޭނުންވަނީ ދަރިންނާ އެކު، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެކެވެ.

ޅައުމުރުގައި އޭނާއަށް ނުލިބުނު ދިރިއުޅުމުގެ އުފާ އެކުދިންނަށް ހޯދައިދޭން އޭނާ ބޭނުންވެ އެވެ. ޅައުމުރުގައި އޭނާއަށް ގެއްލުނު ތައުލީމުގެ ފުރުސަތު، އެ ދަރިންނަށް ހޯދައިދީ، ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން ވެސް ހަމްދާ ހުރީ އަޒުމްކަނޑައަޅައިގެންނެވެ.

"ވަރަށް ފަހުން މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކޮށް، މިހާރު އަޅުގަނޑުގެ ބަލި މިއަންނަނީ ރަނގަޅުވަމުން. ސުކޫލް ހުންނަނީ މިއުޅޭ ގެއާ ވަރަށް ދުރުގައި. ކުޑަ މީހާ އުރައިގެން، ދަބަސްތައް އުފުލައިގެން ސުކޫލު ދޮށަށް ދާން ވަރަށް ބުރަ. މިހާރު އެހެންވެ ވަރަށް ބޭނުން ކުދިން ލައިގެން ދުއްވޭ ކަހަލަ ބައިސްކަލެއް ވިޔަސް ގަންނަން. އޭރުން ކުޑަ މީހާ ދެން ތިބި ކުދިން ކައިރީގައި ބާއްވާފައި ވެސް ސުކޫލުދޮށަށް ގޮސްފައި އަވަހަށް އާދެވޭނެ،" ހަމްދާ ބުންޏެވެ.

ކުޑަ ކުދިންތަކެއް ގޮވައިގެން އެހެން މީހެއްގެ އެހީތެރިކަމެއް ނެތި އުޅެން ޖެހުމުން އާމްދަނީ ލިބޭނެ މަސައްކަތެއް ވެސް ހަމްދާއަކަށް ނުކުރެވެ އެވެ. ދަތިވާ ފަހަރުތަކުގައި ކިރިޔާ ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަނީ ހަމްދާގެ ބޮޑުދައިތަ އެވެ.

ކުދިންނާއި ގޭގެ ހުރިހާ ކަމެއް ހަމްދާ ކުރަނީ، އެކަނިވެރި މައިންގެ އެލަވަންސް ގޮތުގައި ލިބޭ 5،000ރ އިންނެވެ. ގޭގެ ބިލުތަކާއި، ކުޑަ ދެ ކުދިންނަށް ބޭނުންވާ ނެފީ އާއި ކިރުދަޅު ފަދަ ތަކެތި ގަނެފައި އިތުރު ހަރަދުތަކަށް ހަމްދާގެ އަތުގައި މާ ބޮޑު އެއްޗެއް ނޯވެ އެވެ. ބިލުތައް ނުދެއްކިއްޖެ ނަމަ ކުދިން ގޮވައިގެން ތިބެން ޖެހެނީ ކަނު އަނދިރީގަ އެވެ. ފެން ކަނޑާލައިފި ނަމަ ފެން ނަގަން ހުރީ ނަޖިސް ފެންވަޅެކެވެ.

ހަމްދާގެ އެންމެ ކުޑަ ދަރިފުޅާއެކު އެ ގޭގެ ކޮޓަރިއެއްގައި(ފޮޓޯ/މަމްސް އެއިޑް)

މަމްސް އެއިޑްއިން ބުނި ގޮތުގައި، ހަމްދާ، އޭނާގެ ކުދިންނާ އެކުގައި ދިރިއުޅެމުންދާ ގޭގެ ހާލަތު އެ ޖަމިއްޔާއިން ބެލިއިރު، ފަޅު ގެއެއްގައި ވޭތުވެ ދިޔަ ނުވަ އަހަރު ހޭދަކުރަމުން އެ އަންނަނީ ހިތްދަތި ކަމުން ފުރިގެންވާ، ނިކަމެތި ދިރިއުޅުމެކެވެ. އެ ގޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ބާވެ ވީރާނާވެފައިވާ މަންޒަރެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި:

  • ބޮޑުވަމުން އަންނަ ހަތަރު އަންހެން ކުދިން ތިބި އިރު، ގޭގެ ބޭރު ދޮރާއި ކުޑަދޮރުތައް ވެސް ހަލާކުވެ، އެ އާއިލާއަށް އެ ގޭގައި އެއްވެސް ރައްކާތެރިކަމެއް ނެތް 

  • ބަދިގެ އާއި ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި ބަހައްޓާނެ ޖާގައެއް ނެތް

  • ގޭގެ ފެންވަޅު އިންނަނީ ޖަންކްޝަނާއި ވަރަށް ކައިރީގައި. ޖަންކްޝަނުން ލީކުވެ ވަޅު ފެނާ ގުޅޭ ގޮތް ބައެއް ފަހަރު ދިމާވޭ 

  • ނަޖިސް ފެންވަޅެއް ހުރުމުން ސަޕްލައި ފެން ބޭނުންކުރަން ޖެހޭތީ ފެން ބިލަށް ބޮޑު އެއްޗެއް އަރާ 

  • 10 ފޫޓުގެ ކުޑަ ކޮޓަރިއެއްގައި ހަމްދާ އާއި ފަސް ކުދިން ނިދަނީ ވަރަށް ދަތި ހާލުގައި

ހަމްދާގެ 12 އަހަރުން ދަށުގެ ފަސް ކުދިން ތިބޭ؛ އެ ކުދިން ނިދުމަށް އެކަށީގެންވާ ތަނެއް ވެސް އެ ގޭގައި ނެތް(ފޮޓޯ/މަމްސް އެއިޑް)

އެހެންކަމުން، މަމްސް އެއިޑުން ވަނީ ހަމްދާގެ ނަމުގައި ފައިސާ ހޯދަން ފަށާފަ އެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، އެ ފަންޑްރައިޒިންގެ އަމާޒަކީ:

  • އެ އާއިލާއަށް އެއް އަހަރު ދުވަހަށް ބޭނުންންވާ ކާބޯތަކެއްޗާއި ކުދިންގެ ސުކޫލު އިންޓަވަލް ފޯރުކޮށްދިނުން 

  • ގެއަށް ކޮންމެހެން ބޭނުންވާ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ހޯދައިދިނުން 

  • ކުދިން ގޮވައިގެން ސްކޫލު ދޮށަށް ދިއުމަށް ފަސޭހަ ކޮށްދިނުމަށް ބައިސްކަލެއް ހޯދައިދިނުން 

  • ހަތަރު ކުދިންގެ އެއް އަހަރު ދުވަހުގެ ޤުރުއާން ފީ އާއި ޓިއުޝަން ފީ ދެއްކޭނެ މަގު ފަހިކޮށް ދިނުން

  • މިކަންކަމަށް ބޭނުންވާ ފައިސާގެ އެހީގެ އަދަދަކީ 134،000ރ.

"އަޅުގަނޑުމެންގެ މި އެހީގެ ސަބަބުން، ހަމްދާއަށް މިހާރު ލިބެމުންދާ އެކަނިވެރި މައިންގެ އެލަވެންސް ކޮންމެވެސް ވަރަކަށް ރައްކާކުރެވި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެން ދިއުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އުންމީދު. މި އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން ބޭނުންވަނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީތެރިކަން،" މަމްސް އެއިޑުން ބުންޏެވެ. 

މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މަމްސް އެއިޑްގެ ނަންބަރު: 7349393، 7349392އަށް ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދަން އެ ޖަމިއްޔާއިން އެދެ އެވެ.

އެހީގެ ފައިސާ ޖަމާކުރުމަށް:

  • 7730000562469 (މަމްސް އެއިޑުގެ ރުފިޔާ އެކައުންޓް)

  • 7730000562470 (މަމްސް އެއިޑުގެ ޑޮލަރު އެކައުންޓު)

އިތުރު އާޓިކަލް

އިތުރު އާޓިކަލް