މާލެ މަގުމަތީގައި މި ފަހުން ކުރި މުޒާހަރާ: ސަރުކާރުގެ ބައެއް ވެރިންނަށް ގޯސްވަނީ ޑިމޮކްރަސީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ޑިމޮކްރެސީ

ދައުލަތުގެ ގަދަރު ގެއްލުމުގެ ޒިންމާ 'ޑިމޮކްރަސީ'ގެ ބޮލަށް

ހޯމް މިނިސްޓަރު އަލީ އިހުސާން ގަބޫލުކުރައްވާ ގޮތުގައި ޑިމޮކްރެސީ ގެނައުމުގެ އަގެއްގެ ގޮތުގައި ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ވަނީ ވަނީ ގެއްލިފައި؛ އެކަމަކު ޑިމޮކްރަސީއަށް ކުރި ދަތުރުގެ ބައިވެރިން އެކަމާ އެއްބަހެއް ނުވެވޭ

ފުލުހުންގެ މުއައްސަސާ ހިންގަން ހަވާލުވެ ހުންނެވި ވަޒީރު އަލީ އިހުސާން ސިފަކުރެއްވި ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ އަގަކީ ފުލުހުން ފަދަ މުއައްސަސާތަކުގެ ކަރާމާތް ނަގައިލުމެވެ. ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ގެއްލުވައިލުމެވެ.

ބެލެވޭ ގޮތުގައި އިހުސާން އިޝާރާތްކުރައްވަނީ ފުލުހުންނާ މެދު ހިތްހަމަނުޖެހި ކުރާ މުޒާހަރާތަކާއި ފުލުހުން މުޒާހަރާ ރޫޅާލުމުން އެކަމާ މެދު ފާޅުކުރާ ނުރުހުންތަކަށެވެ.

"އަޅުގަނޑުމެން ރާއްޖެއަށް ޑިމޮކްރަސީގެ ތެރެއިން މިއައި ބޮޑު ބަދަލުގެ ތެރޭގައި އޭގެ އެއް ކޮސްޓަކީ އިންސްޓިޓިއުޝަންސްތަކުގެ އަގު ނުވަތަ އިންސްޓިޓިއުޝަންސްގެ ކަރާމާތް ނަގައިލުން. ސިޔާސީ ބޭނުމަކަށްޓަކައި އިދިކޮޅުގައި ތިބޭ އިރު ފުލުހުންނާ މި ދިމާކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާންގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލް އައްބާސް ޝަރީފް ވެސް މިފަދަ މޭރުމަކުން މި ފަހަކުން ވާހަކަ ދެއްކެވި އެވެ. "މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކުގެ ސަބަބުން ފުލުހުންނަށް އާންމުން ކުރި އިހުތިރާމާއި ގަދަރު ގުރުބާންކޮށްފައިވާ" ކަމަށް އޭނާ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އެ އިޝާރާތްކުރަނީ މި ފަހުން މާލޭގައި ކުރި މުޒާހަރާތަކުގެ އިތުރަށް ފެހި ގާނޫނުއަސާސީ އެކުލަވާލުމުގެ ކުރިއަށް އޭރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިންގި ހަރާތްތަކަށެވެ. މަގުމަތީ އެއްވުންތަކާއި މުޒާހަރާތަކެވެ. ހާއްސަކޮށް ޖަލުގައި ހިނގި އަނިޔާވެރި މަރުތަކާ ގުޅިގެން، ސިފައިންނާ ދެކޮޅަށް އޭރު މާލޭގައި ހިނގި 'ހަލަބޮލި' މުޒާހަރާތަކަށެވެ. 

މި ފަހުން ވެސް ފުލުހުންގެ ތަހުގީގަކަށް އިތުބާރު ނެތިގެން، ޒުވާނުންތަކެއް  މުޒާހަރާކުރަން ޖެހުނެވެ. ފުލުހުންނަށް ނިސްބަތްކޮށް ވަރަށް ހަރުކަށި ބަސްތަކާއި، ނުރުހުމުގެ ބަހުގެ އެތައް ހަމަލާތަކެއް މި އެއްވުންތަކުގައި ވެސް ދީފައިވެ އެވެ.

ނަމަވެސް ޑިމޮކްރެސީއަށް ކުރި ދަތުރުގެ ބައިވެރިންނަށް އިހުސާނާއި އައްބާސް މި ދައްކަވާ ވާހަކައަކަށް އެއްބަހެއް ނުވެ އެވެ އެވެ.

މިހާރުގެ ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ މެންބަރުކަން ކުރެއްވި ދިޔާނާ ސައީދު ވިދާޅުވި ގޮތުގައި އޭގެ ކުރިން އޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ވަރަށް މަދު ހައްގުތަކެކެވެ. ހުރިހާ ބާރުތަކެއް އޮތީ ރައީސްގެ މުށުތެރޭގަ އެވެ. ޑިމޮކްރެސީއަށް ކުރި ދަތުރަކީ މިހާރު މި ފެންނަ ގޮތަށް ގިނަ ހައްގުތަކެއް ހޯދުމަށާއި، ރައްޔިތުންގެ ބަސް އޮވެގެން ވެރިކަން ހިންގޭނެ ނިޒާމެއް ހޯދުމަށް ހިންގި ހަރަކާތްތަކެއް ކަމަށް ވިދާޅުވި އެވެ.

އެ ހަރަކާތްތަކުގެ މަގުސަދު ސާފެވެ. ހަގީގަތުގައި އަޑުއުފުލީ ދައުލަތުގެ މުއައްސަސާތައް ގަދަރުވެރިކަމާ އެކު ހިންގުމަށެވެ. އިންސާފު އޮތުމަށެވެ. ދައުލަތުގެ ހިދުމަތް އަދުލުވެރިކޮށް ފޯރުކޮށްދޭށެވެ. ބާރުގަދަ މީހުންގެ އާއިލާތަކާއި ނިކަމެތިންނަށް ވެސް އެއްހަމައަކުން ގާނޫނު ހިނގަން ޖެހޭނެ އެވެ. ގާނޫނުގެ ވެރިކަން ދެމެހެއްޓޭނީ އޭރަށެވެ.

"ނޫ ގާނޫނުއަސާސީގައި ހައްގުތަކުގެ ބާބުގައި ކޮންމެ މާއްދާއެއްގައި ވެސް އޮންނާނީ މި ވެނި ހައްގެެއް ލިބޭނީ ގާނޫނަކުން މަނާނުކުރަންޏާއޭ. އެއް އަތުން ހައްގެެއް ދިނިއްޔާ އަނެއް އަތުން ހައްގެެއް ނިގުޅައިގަންނަ ގޮތަށް. ހައްގުތައް ހޯދަން ކުރި މަސައްކަތެެއް އޭރު އެއީ،" ދިޔާނާ ވިދާޅުވި އެވެ.

'ޑިމޮކްރެސީއަށް ކުރި ދަތުރު'ގެ ފޮތް ލިއުއްވި މުސައްނިފް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވި ގޮތުގައި ފުލުހުންގެ ހިދުމަތާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް ފަދަ މުއައްސަސާތައް އުފެދުނީ ވެސް މަލްޓި-ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް އައި ހިސާބުންނެވެ.

"ދިވެހި ފުލުހުންގެ މުއައްސަސާ 1 ސެޕްޓެމްބަރު 2004ގައި އުފެއްދީ ވެސް، ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު، 7 އޮގަސްޓް 2008ގައި އުފެއްދީ ވެސް ޑިމޮކްރަސީއަށްޓަކައި ދިވެހީން ކުރި މަސައްކަތްތަކުގެ ސަބަބުން،" ޑިމޮކްރަސީ ގެންނަން އިސްލާހީ ހަރަކާތްތައް ހިންގި ދުވަސްވަރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މުހައްމަދު އެކްސްގައި ލިއުއްވާފައިވެ އެވެ.

12-13 އޮގަސްޓް 2004ގައި ޖުމްހޫރީ މައިދާނަށް އެއްވި އެއްވުމަކީ ސިޔާސީ އިސްލާހީ ދަތުރުގެ އެންމެ ފުރަތަމަ ބޮޑު އެއްވުން

ޑިމޮކްރަސީއަކީ މުޖުތަމައުގެ ތޮބީއަތެއް

ތަފާތު ހިޔާލުތައް އަބަދުވެސް އުޅޭނެ އެވެ. އެއްގޮތް ހިޔާލުތަކުގެ މީހުން އަބަދުވެސް އެކުގައި މަސައްކަތްކުރާނެ އެވެ. ހިޔާލު ތަފާތުވި ނަމަވެސް އެއްބަސްވެވޭ ވަކި އެއް އަމާޒެއް އޮތް ނަމަ، އެ ގޮތަށް ދެކޭ މީހުން ވެސް އެކުގައި މަސައްކަތްކުރާނެ އެވެ.

ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރަސީ ވެސް ހިނގަނީ މިހެންނެވެ. ގާނޫނީ ހައިސިއްޔަތު ލިބިގެން، ގާނޫނީ ވަކި އޮޅިގަނޑެއްގެ ތެރެއިިން ޕާޓީތައް ހިންގާ މިފަދަ ނިޒާމެއް ނެތަސް އެއީ ތޮބީއީ ގޮތުން ކޮންމެ މުޖުތަމައެއް ވެސް ހިނގާނެ ގޮތެވެ.

މިހާރުގެ ގާނޫނުއަސާސީ އެކުލަވާލި ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވި ގޮތުގައި ސިޔާސީ ވަކި ފިކުރުތަކުގެ މީހުން އެއްވެގެން ވަކި ހަރަކާތް ހިންގުމަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވެސް ހިނގި ކަމެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުރިން ސިއްރުން ކުރަމުން އައި ކަމެއް ރަސްމީކޮށް، ގާނޫނެއްގެ ތެރެއިން ހިންގަން ފެށީ އެވެ.

"ސިޔާސީ ޕާޓީއަކީ އިންސާނީ ތޮބީއަތުގައި އޮންނަ ކަމެއް. ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން އެކުގައި ބަޔަކު ތިބެ ކުރާ މަސައްކަތަކީ ސިޔާސީ ޕާޓީ. އިންސާނުން ތަނެއްގައި އުޅެންޏާ ސިޔާސީ ގޮތުން ހިޔާލު އެއްގޮތް ބަޔަކު މަސައްކަތްކުރާނެ،" އެމްޑީޕީގެ ފުރަތަމަ ރައީސްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އިބްރާ، ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، ވިދާޅުވި އެވެ.

އިބަރާހިމް އިސްމާއިލް (އިބްރާ)، 'ދައުރު'އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިޔާސީ ގޮތުން ހިޔާލުފާޅުކުރުމާއި މުޒާހަރާ ކުރުމަކީ ވެސް ހަމަ އެ ބީދައިން މުޖުތަމައުގެ ތޮބީއަތެކެވެ.

ދައުލަތުގެ އިންތިޒާމު ތަރުތީބުކުރެވިފައިވާ ގޮތާ މެދު ނުރުހޭ ބަޔަކު އަބަދުވެސް ތިބޭނެ އެވެ. ދައުލަތުން އެވެނި ކަމެއް ތަރުތީބު ކުރަނީ ބޭއިންސާފުން ކަމުގައި ދެކިގެން، އިހުތިޖާޖާއި މުޒާހަރާއިން އެ ކަމެއް ރަނގަޅުކުރަން އުޅުމަކީ މުޅި ދުނިޔޭގެ ތާރީހުގައި ފެންނަން އޮތް ކަމެވެ. ކޮންމެ މުޖުތަމައެއްގެ ތޮބީއަތް މިހާރު އޮތް ގޮތެވެ.

ފުލުހުންނާއި އެހެނިހެން މުއައްސަސާތަކުގެ ގަދަރު އޮންނާނީ އެ މުއައްސަސާތަކުން ކުރާ މަސައްކަތުގައި އިންސާފުވެރިކަން އޮތް ވަރަކުންނެވެ. އިންސާފާއި ދުރުން ހިނގާ ނަމަ އެ އަޑު ކޮންމެވެސް ބަޔަކު އުފުލާނެ އެވެ. އެ ބުނާ ޑިމޮކްރަސީ ހިނގާނެ އެވެ.

ފެންނަން އޮތް އެއް ހަގީގަތަކީ، ޒުވާން އަންހެނަކު ނުވަ ވަނަ ބުރީގެ ފެންލައިޓުން ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގުގެ ދުވެލި ރަނގަޅުވީ މުޒާހަރާތަކަށް ފަހު ކަމެވެ. ސަރުކާރުގެ މަގާމުތަކުގައި ތިބި ޒުވާނުންތަކަކަށް ސީރިއަސް ތުހުމަތުތަކެއް އޮވެގެން މަގާމުން ދުރުކުރީ މުޒާހަރާތަކުން ޒުވާނުންތަކެއް އުފެއްދި ޕްރެޝަރުންނެވެ.

ދިޔާނާ ވެސް ވިދާޅުވީ ކަމެއް ގޯސްކޮށް ހިންގާ ކަމަށް ވަންޏާ މުޒާހަރާ ކުރާނެ އެވެ. ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ގެއްލުނީ އެކަށީގެންވާ ގޮތެއްގައި އެ މުއައްސަސާތައް ނުހިނގާތީ ކަމަށް ދިޔާނާ ވިދާޅުވި އެވެ. އޭގެ ނުރުހުން ރައްޔިތުން ފާޅުކުރާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ ސަރުކާރުތަކުން ވެސް އެއީ މުޖުތަަމައުގެ ތޮބީއަތް ކަން ގަބޫލުކުރުން ކަމަށް ވިދާޅުވި އެވެ.

"ބައެއް ފަަހަރު ބަސް ބުނާ އިރުގައި ތަންކޮޅެއް ހަރުކޮށް ބަސް ބުނެވޭ ފަހަރު ވެސް އަންނާނެ. ބައެއް ފަހަރު އެއީ އެންމެ އިންސާފުން އެންމެ ތެދަށް ކިޔޭ ފާޑެއް ވެސް ނޫން. ފާޑުކީމައި ސަރުކާރުތަކުން ބަލަންވީ އޭގެ ވަށައިގެންވާ ރައްޔިތުންގެ ކަންބޮޑުވުމަށް. އެ ކަންބޮޑުވުމަށް ހައްލެއް ގެންނަން، ފާޑުކިޔުމަކާ ހިތްހަނުޖެހުމަށް ވުރެ،" ދިޔާނާ ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީ އެވެ. އޭރަށް ސަރުކާރާ މެދު ރައްޔިތުން ހިތްހަމަނުޖެހުން އޮތް ވަރު އެނގޭނެ އެވެ. ހިތްހަމަނުޖެހެނީ ކޮން ކަންކަމަކާ ކަން ފެންނާނެ އެވެ. ދެން އަންނަ އިންތިހާބެއްގެ ކުރިއަށް އެ ކަން ރަނގަޅުކޮށް ތާއީދު ދެމެހެއްޓޭނީ ވެސް އޭރަށެވެ.

ދުސްތޫރީ އޮނިގަނޑު ދިރާސާކުރުމުގެ މަސައްކަތް ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ދިޔާނާ ވާހަކަ ދައްކަވަނީ ( ފޮޓޯ/ ވޮއިސް)

ޑިމޮކްރަސީގެ އިދިކޮޅަކީ ހުދުމުހުތާރުކަން

ރަނގަޅު ވާހަކައެކެވެ. ނިޒާމުގައި އިސްލާހުކުރަން ޖެހޭ ކަންކަން ވަރަށް ގިނަ އެވެ. ޑިމޮކްރަޓިކް ނިޒާމަކުން ރައްޔިތުންގެ ދިރިއުޅުމަށާއި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރާ މެދު ތަސައްވުރުކުރި ވަރާ ގާތަށް ވެސް އަދި ނުދެވެ އެވެ.

'ޑިމޮކްރަޓިކް' ގާނޫނުއަސާސީގައި ރަނގަޅު ކުރަން ޖެހޭ ކިތަންމެ ކަމެއް ވެސް ހުރެ އެވެ. ވޯޓުލުމާއި ސިޔާސީ ހަރަކާތް ހިންގުމުގައި މި ގެންގުޅޭ ސަގާފަތުގައި ވެސް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަ ހުއްޓެވެ. ވެރިން ވެރިކަން ހިންގަމުންދާ ގޮތާއި ވައްޓަފާޅީގައި އަދިވެސް ބަދަލުވާންވީ އެތައް ކަމެކެވެ.

އެކަމަކު މި ފެންނަ ގޯސްތައް އެ ހިނގަނީ ޑިމޮކްރެސީގެ ސަބަބުންނޭ ނުބުނެވޭނެ އެވެ. އަދި އޭގެ ހައްލަކީ ޑިމޮކްރެޓިކް ނިޒާމު އުވާލުމެއް ވެސް ނޫނެވެ. ޕާޓީތައް އުވާލުމެއް ވެސް ނޫނެވެ. މުޒާހަރާކުރުމާއި އިހުތިޖާޖުކުރުމުގެ ހައްގު ހަނިކުރުމެއް ވެސް ނޫނެވެ. ޑިމޮކްރެސީ އުވާލައިގެން ދެން ގެނެވޭނީ ހުދުމުހުތާރު ސިފަތަކުގެ ވެރިކަމެކެވެ.

މިހާރު ވެސް ބާރުތައް ބެހިފައިވާ ނިޒާމަކަށް ވުރެ 'ހުރިހާ ބާރެއް މުށުތެރޭގައި ހުރި ރައީސްއަކާއި އޭނާ އައްޔަންކުރާ ކަތީބުން'ގެ ޒަމާން ރަނގަޅޭ ވެސް ބުނާ ތަން އެބަ އިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވެ އެވެ. ރަށްރަށުގެ ވެރިކަން ރަށްރަށަށް ހިންގަން ދިނުމުގެ ނިޒާމު ކަމުނުދާހެން ހީވެގެނެވެ.

އެކަމަކު އެ ދުވަސްވަރަށް އަނބުރާ ދިއުމުގެ ނަތީޖާއަކީ ސިއްރުން ދައުލަތް ހިނގުމެވެ. ހިނގާ ގޯސްތަކުގެ ވާހަކަ އެއްވެސް ވަރަކަށް ދެއްކުމުގެ ފުރުސަތު ނުލިބުމެވެ. ބަސް ބުނުން ހުއްޓުވައިގެން ވެރިކަން ހިންގުމުގެ ނަތީޖާއަކީ ވެރިކަން ހިންގުމުގައި ރައްޔިތު މީހާގެ ދައުރު ގެއްލުމެވެ.

"ރައްޔިތުންގެ ޝުއޫރު ފާޅުކުރުން. ދައުލަތުގެ ކަމެއް ގޯސްކޮށް ހިނގާ ކަމަށް ގަބޫލުކުރެވިގެން އެ ކަން ހަމަ މަގަށް އެޅުވުމަށް މުޒާހަރާކުރުން. އެއީ ޑިމޮކްރަސީއެއްގެ އެންމެ އަސާސީ ކަންކަން. އެ ކަންކަން ހަނިކުރުމަށް ވުރެ، ވިސްނޭ ސްމާޓް ސަރުކާރަކުން ކުރާނެ ކަމަކީ އެއަށް ޖާގަދީގެން ޑިމޮކްރަސީ ހަރުދަނާކުރުން،" ދިޔާނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބެއްގައި މީހަކު ވޯޓުލަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ހަގީގަތުގައި ކުރަންވީ ކަމަކީ ޑިމޮކްރަޓިކް ނިޒާމު އުވާލުމެއް ނޫނެވެ. ޑިމޮކްރަޓިކް ނިޒާމު ހަރުދަނާކުރުމެވެ. ދައުލަތުގެ ފައިސާ ޒިންމާދާރުކޮށް ހަރަދުކުރަން މަޖުބޫރުވާނެ ގޮތްތަކެއް ނިޒާމުގެ ތެރެއަށް ގެނައުމެވެ. ޖުޑިޝަރީއަށް ހަގީގީ މިނިވަންކަން ލިބޭނެ ގޮތަށް ގާނޫނުއަސާސީގެ އޮނިގަނޑު އިސްލާހުކުރުމެވެ. ދައުރުގެ މެދު ތެރެއިން ވެސް ރައްޔިތު މީހާގެ ބާރު ހިނގާނެ ގޮތެއް މީގެ ތެރެއަށް ގެނަައުމެވެ. ޑިމޮކްރެސީ އިތުރަށް ބާރުވެރިކުރުމެވެ. 

މަދަނީ ހައްގުތަކާއި ސިޔާސީ އިލްމުގެ ދާއިރާއިން ބޭރުގެ ޔުނިވާސިޓީތަކުގައި ތަގުރީރުކުރައްވާ ޑރ. އަހުމަދު ޝަހީދު ގަބޫލުކުރައްވާ ގޮތުގައި ވެސް ރާއްޖޭގެ ޑިމޮކްރަސީގެ ފޭރާން އެހާ ވަރުގަދައެއް ނޫނެވެ. ކުދި ސިޔާސީ ޕާޓީތަކަށް ހައްގު ނެތުމާއި، ވެރިކަން ލިބުމަށް ފަހު ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ވެރިކަން ހިނގަމުން ދިޔުމަކީ އަސްލު މައްސަލަ އެވެ.

"އެމްޑީޕީން އިސްވެ އޭރު ވަކި އަދަދަކަށް މެންބަރުން ތިބެން ލާޒިމުކޮށް، ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުން ބައިވަރު ފައިސާ ލިބޭ ގޮތަށް މި ހަމަޖެއްސީ. ކުދި ޕާޓީތައް ދުއްވާލީ ހަމަ. ޑިމޮކްރަސީ މި ހިނގަނީ ތަފާތު ފިކުރުތަކުގެ ގިނަ ޕާޓީ ވެސް އޮވެގެން،" އާ ގާނޫނުއަސާސީއަށް ފަހު ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝަހީދު ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ގެއްލުނީ އެ ކަމުގެ ޒިންމާ ހަވާލުކުރާ ވެރިންގެ ސަބަބުންނެވެ. އެ ޒިންމާ 'ޑިމޮކްރަސީ'ގެ ބޮލަށް ޖަހާނެ ޖާގައެއް ނެތެވެ. 

ކޮމެންޓް (4)

ސިކުނޑި

11 ޖޫން 2025
ފުރަތަމަ ޕެރެގްރާފް ކިޔާލީމާ ހިތަށް ސިފަވެގެން ދިޔައީ 7 ފެބްރުވަރީ! އެއީ ފުލުހުންނާއި ސިފައިންގެ ލަގަން ކެނޑުނުދުވަސް! އެ ދެ މުއައްސަސާގެ ކަރާމާތް ނަގާލީ ޚުދު އެމީހުން އަމިއްލައަށް! އެކަމުގައި ބައިވެރިވި މީހުންނާމެދު ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކީ، އޭގެ ފަހުންވެސް ސްޓޭޓް ސްޕޮންސަރޑް އެތައް ޖަރީމާއެއްގައި ޔުނީފޯމު އެޅި މީހުން ބައިވެރިވުން! އެކަން ޑިމޮކްރަސީގެ ބޮލުގައި އެޅުވުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ! ރާއްޖެއަށް ގެނެވުނު ޑިމޮކްރަސީ ޅަފަތުގައި ޕެރަލައިޒް ކޮށްލީ 7 ފެބްރުވަރީގެ ހާދިސާ! އޭގެފަހުން އައި ކޮންމެ ސަރުކާރަކުންއައީ ޑިމޮކްރަސީ "ރޭޕް" ކުރަމުން! އެކަން އެންމެ ރަނގަޅަށް އެނގިލައްވާނެ އެއްބޭފުޅަކީ ދާޚިލީވަޒީރު! އޭރުވެސް ޑިމޮކްރަސީ އޮތީ ރޮއެރޮއެ! މިއަދުވެސް މި ގޯސްވީ ޑިމޮކްރަސީ!!
3 1

ދުރުމި

11 ޖޫން 2025
@ސިކުނޑި ތި 7 ފެބްރުއަރީ އައި އިރު މޑޕ ން މިގައުމު އޮތީ ކޮރަޕްޝަނާއި ވައްކަމާއި ދީނަށް ފުރައްސާރަ ކުރަމުން ގޮސް ގައުމު ސަލާމަތް ނުވަާ ހިސާބަށް ދުއްވާލާފަ . ހަޤީގަތަށް ބުނާ މީހަކު ވިއްޔާ ބުނާނީ 7 ފެބްރުއަރީއަކީ ދެވަނަ ނަސްރުގެ ދުވަހޭ
2 3

ސިކުނޑި

12 ޖޫން 2025
@ދުރުމި ނާސިރު ދިޔައީ ހުރިހާ ބިމެއް ކާލައިގެން! މައުމޫނު ދިޔައީ ދިވެހީން އަޅުވެތިކޮށްފައި، ނަޝީދު ގެއްލުވާލީ އިސްލާމީ ވަހުދަތު، ޔާމީނު ވިއްކާލީ ހުރިހާ ފަޅުތަކެއް! އިބްރާހީމް ގެންދިޔައީ ދައުލަތުގެ ޚަޒާނާ! ސިޔާސީ މީހުން ދައްކާ ސިޔާސީ ވާހަކައަކީ އަޑުއަހައި އެއާއިމެދު ސިކުނޑިން ވިސްނަންޖެހޭ ވާހަކަތައް!
2 1

ދުރުމި

11 ޖޫން 2025
ޑިމޮކްރަސީގެ ނަމުގައި އައި މޑޕ އަށް 2008 ގައި ވެރިކަން ހަވާލު ކުރީ މިގައުމުގައި ހުރި އުނި ކަންތަށް އިސްލާހު ކުރަން . އެކަމަކު ހުރިހާ ކަމެއް ގޯސް ކުރީ ޑިމޮކްރަސީގެ ބޯޑު އަޅުވައިގެން މޑޕ ން
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް