ބޮޑު ރަށް ދޫކޮށްލާފައި އެއްފަސްކުރަން މި ނެގީ ކުޑަ ރަށް

މިހާރު އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައެޅި ރަށްރަށް އެކަމަށް ހޮވީ ކައުންސިލްތަކާއި ރަށްރަށުގެ މީހުންނާ ވެސް މަޝްވަރާކުރުމެއް ނެތި
24 ނޮވެމްބަރު 2024
11

މުހިންމު ނުކުތާތައް

އަތޮޅުގައި ބިން ބޮޑުކުރެވޭ ގޮތަށް ހުރި އެހެން ރަށްރަށުގެ މީހުންގެ ޝަކުވާ ބޮޑު

މިނިސްޓްރީން ބުނީ މުޅި ޕްލޭން ފުރިހަމަވާނީ އާބަން ޑިވެލޮޕްމެންޓް ގާނޫނު ފާސްވެ ތަންފީޒުކުރަން ފެށުމުން ކަމަށް

މިހާރު ކަނޑައަޅާފައިވާ ހުރި ބައެއް ރަށްރަށުގައި އެފަދަ ތަރައްގީއަކަށް ބިން ލިބޭކަށް ވެސް ނެތް

އާބަން ސެންޓަރުތަކުގެ ގޮތުގައި ހަތް ރަށެއް އިއުލާންކޮށްފި އެވެ. ސަރުކާރުން ބުނާގޮތުގައި މި ސެންޓަރުތަކުގެ ބޭނުމަކީ އާބާދީ އެއްފަސްކުރުމެވެ. ކޮންމެ އާބަން ސެންޓަރަކަށް 10،000 މީހުންގެ މަގުންނެވެ. 

އެކަމަކު އާބަން ސެންޓަރުތައް ކަނޑައެޅި ގޮތާ މެދު އާންމުންގެ ތެރޭގައި ޝަކުވާ ބޮޑެވެ. ސުވާލުތައް ވެސް ގިނަ އެވެ. އެ ރަށްތައް ހޮވީ ކޮން ކަމަކަށް ބަލާފައިކަމެއް ސާފެއް ނުވެ އެވެ.

ވަރަށް ބިން ކުޑަ ރަށްތަައް ވެސް މީގެ ތެރޭގައި ހިމެނޭ އިރު 10،000 މީހުން އެ ރަށްތަކަށް އެއްފަސްކުރުން ހަމަޖެހޭ ކަމަކަށް ވާނެ ހެއްޔެވެ؟ މި ސުވާލު އުފެދޭ ސަަބަބަކީ އާބަން ސެންޓަރުގެ ރަށް ހިމެނޭ އަތޮޅުގައި ވެސް އެއަށް ވުރެ ބިން ބޮޑެތި ރަަށްރަށް އޮތުމުންނެވެ.

އާބަން ސެންޓަރުގެ ގޮތުގައި އިއުލާންކުރީ ބައެއް އަތޮޅުތަކުގެ ވެރިކަންކުރާ ރަށެވެ. މި ރަށްރަށް ވެރިކަންކުރާ ރަށުގެ ގޮތުގައި ކަނޑައެޅި ޒަމާނާއި މިއަދުގެ ހާލަތު ތަފާތެވެ. އަތޮޅުގެ ވެރިކަންކުރާ ރަށަށް ވިޔަސް، މިއީ އަލުން ވިސްނައި ގޮތެއް ނިންމަން ޖެހޭ ކަމެކެވެ.

މި ހަތް އާބަން ސެންޓަރަކީ އެންމެ އުތުރުގެ ހަތަރު އަތޮޅުގެ ޑިވެލޮޕްމަންޓް ޒޯނާއި މާލެ ސަރަހައްދާއި އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ޑިވެލޮޕްމަންޓް ޒޯނުގެ އިތުރަށް ސަރުކާރުން ތަރައްގީގައި އެންމެ އިސްކަން ދޭނެ ރަށްތަކެވެ.

އާބަން ސެންޓަރުގެ ގޮތުގައި އިއުލާންކުރި ރަށްތައް:

  • މެދު އުތުރުން ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު

  • މެދު ރާއްޖޭން އދ. މަހިބަދޫ

  • މެދު ދެކުނުން ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ

އަތޮޅުގައި ބިން/އާބާދީ ބޮޑު އެހެން ރަށްތައް

1. އުނގޫފާރު، ދުވާފަރު 

ރ. އަތޮޅުގެ ވެރިކަންކުރާ އުނގޫފާރުގެ އާބާދީއަކީ 1،852 އެވެ. ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގައި ދިރިއުޅެނީ 1،754 މީހުންނެވެ. ރަށުގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 1،531 އެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ޗާޓުން ދައްކާ ގޮތުގައި އުނގޫފާރުގެ ބޮޑުމިނަކީ 36.15 ހެކްޓަރެވެ. ފަޅު ހިމެނޭ ގޮތަށް ރަށުގެ ބޮޑުމިނަކީ 107 ހެކްޓަރެވެ.

ރ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ ދުވާފަރެވެ. ދުވާފަރުގެ އާބާދީ 5،000އަށް އަރަ އެވެ. ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގައި ދިރިއުޅޭ މީހުުންގެ އަދަދު 3،321 އެވެ. ދިރިއުޅޭ ދިވެހިންގެ އަދަދަކީ 3،188 އެވެ.

ދުވާފަރުގެ ބޮޑުމިނަކީ 54.65 ހެކްޓަރެވެ. ފަޅު ހިމެނޭ ގޮތަށް ރަށުގެ ބޮޑުމިނަކީ 246 ހެކްޓަރެވެ.

ބިމުގެ ގޮތުން ބަލަންޏާ ފައިނަކީ ވެސް މާ ފުރުސަތު ފަހި ރަށަކަށް ވެދާނެ އެވެ. ފައިނަކީ 61.80 ހެކްޓަރުގެ ބިން އޮތް ރަށެކެވެ. ނަމަވެސް ތިމާވެށީގެ ގޮތުން ހާއްސަ އެ ރަށުގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ ޒިންމާއެއް ވެސް އޮވެ އެވެ. 

އުނގޫފާރު

2. މަހިބަދޫ، މާމިގިލި

އދ. އަތޮޅު ވެރިކަންކުރާ މަހިބަދޫގެ އާބާދީއަކީ 2،633 އެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގައި ދިރިއުޅެނީ 2،580 މީހުންނެވެ. ރަށުގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 2،022 އެވެ.

މަހިބަދޫގެ ބޮޑުމިނަކީ 23.6 ހެކްޓަރެވެ. ފަޅު ހިމެނޭ ގޮތަށް ރަށުގެ ބޮޑުމިނަކީ 65 ހެކްޓަރެވެ.

މަހިބަދޫގައި އިތުރަށް ގެދޮރު އަޅައި، ހިދުމަތް ދޭނެ ތަންތަން ހަދަން ބިން ނެތުމުން ރަށުގެ ދެކުނަށް އޮތް ފަޅެއް ދޭން ވެސް ސަރުކާރުން ނިންމާފައިވެ އެވެ. އެ ފަޅުގެ ބޮޑުމިނުގައި 340 ހެކްޓަރު ހުންނަ އިރު އޭގެ ތެރެއިން 125 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް މާ ފުންވެފައި ހިއްކަން އުނދަގޫވާނެ އެވެ. ހަރަދު ވެސް ބޮޑުވާނެ އެވެ.

އދ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ 3،200 އަށް ވުރެ ގިނަ މީހުންނާ އެކު މާމިގިއްޔެވެ. ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގައި ދިރިއުޅެނީ 2،800 މީހުންނެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 2،303 އެވެ.

އެއާޕޯޓަކާއި ވިޔަފާރި ބަނދަރެއް ވެސް އޮންނަ މާމިގިލީގެ ބޮޑުމިނަކީ 191 ހެކްޓަރެވެ. އެއް ފަޅެއްގައި ދެ ރިސޯޓާއި މީހުން ދިރިއުޅޭ ރަށެއް ކަމަށްވާ ފެންފުށި ހިމެނެ އެވެ. އިތުރު ދެ ފަޅުރަށް ވެސް ހިމެނެ އެވެ. އެ ފަޅު 3،000 ހެކްޓަރަށް ވުރެ ބޮޑެވެ.

އދ. މާމިގިލި. (ފޮޓޯ/ވިލާ އިންޓަނޭޝަނަލް އެއާޕޯޓް މާމިގިލި)

މާމިގިލި ކައުންސިލްގެ ރައީސް އިމާދު ފާރޫގު ވިދާޅުވީ އެވަރުގެ ނިންމުމެއް ސަރުކާރުން ނިންމުމުގައި 'ކުޑަމިނުން' އދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށްފައި ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"މަހިބަދޫއަށް ވުރެ މާމިގިލީގައި މިކަން ކުރަން ބިން މާ ބޮޑަށް ވެސް އެބަ އޮތް. އަނެއްކާ ގައުމު މިހާ އިގުތިސޯދީ ގޮތުން ދަށް ވަގުތެއްގައި ދައުލަތުން ފަޅެއް ހިއްކައިގެން، އެހާ ބޮޑު ހަރަދެއް ކޮށްގެން މިކަން ކުރަންވީ ސަބަބެއް ނުފެނޭ،" އިމާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ގިނަ ރަށްރަށުން ވެސް ގަބޫލުކުރާނެ، މާމިގިލީގައި ފުރުސަތު ބޮޑުކަން. މި ރަށްރަށުގެ މީހުނާއި ކައުންސިލްތަކާ މަޝްވަރާކޮށްފައި މިވަރުގެ ކަމެއް ނިންމަން ވާނީ."

މާމިގިއްޔަކީ ކުރިން ވެސް އެހެން އާބާދީއެއް އެއްފަސްކުރުމުގެ ތަޖުރިބާ ކޮށްފައިވާ ރަށެކެވެ. ސުނާމީގެ ކާރިސާއާ ގުޅިގެން މ. މަޑިފުއްޓާއި ދ. ރިނބުދޫ ބައެއް މީހުން އެ ރަށަށް ބަދަލުކުރި އެވެ. އަދިވެސް އެއިން ބައެއް އާއިލާތައް މާމިގިލީގައި ދިރިއުޅެ އެވެ.

މަހިބަދޫގެ ފުޓްބޯޅަ ދަނޑު ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

3. ފޮނަދޫ، ގަން

ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ މީގެ ކުރިން ސޯޝަލް މީޑިއާގައި ވިދާޅުވީ އެ އަތޮޅުން އާބަން ސެންޓަރަކަށް އޮތީ ގަން ކަމަށެވެ. 'ދައުރު'އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އެއީ ސަރުކާރުން ކައުންސިލްތަކަށް ފޮނުވި ލިޔުމެކެވެ.

"އޭރު ފޭސްބުކްގައި ކުރި ޕޯސްޓުގައި އެ ވަނީ ކައުންސިލްތަކަށް ސަރުކާރުން ފޮނުވި ލިސްޓެއް. އެ ލިސްޓުގައި ސަރުކާރުން ގަން ހިމެނީ ކޮން ކަމަކަށް ބަލައިފައި ކަމެއް އަދި ފަހުން އިއުލާންކުރި ލިސްޓުން ގަން އުނިކުރީ ކޮން ކަމަކަށް ބަލައިފައި ކަމެއް ވެސް ނޭނގެ،" އިސްމާއީލް ވިދާޅުވި އެވެ.

ލ. އަތޮޅު ކައުންސިލަށް ކުރިން ސަރުކާރުން ފޮނުވި، އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅި ރަށްރަށުގެ ލިސްޓު. (ފޮޓޯ/އިސްމާއީލް އަލީ ފޭސްބުކް)

އަތޮޅުގެ ވެރިކަންކުރާ ރަށް، ފޮނަދޫގެ އާބާދީއަކީ 3،050 އެވެ. އެ ރަށުގައި ދިރިއުޅެނީ 2،986 މީހުންނެވެ. ރަށުގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 2،738 އެވެ. ފޮނަދޫގެ ބޮޑުމިނަކީ 171.61 ހެކްޓަރެވެ. 

ލ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ގަމުގެ އާބާދީއަކީ 5،363 އެވެ. އެ ރަށުގައި ދިރިއުޅެނީ 4،815 މީހުންނެވެ. ރަށުގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 3،856 އެވެ. ގަމުގެ ބޮޑުމިނަކީ 608.67 ހެކްޓަރެވެ.

ގަމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ އެންމެ ބިން ބޮޑު ރަށެވެ.

ފޮނަދުއަކީ ވެރިކަންކުރާ ރަށަށް ވިޔަސް ސަރުކާރުގެ މުހިންމު ބިނާތައް މިހާރު ވެސް ގާއިމުކޮށްފައި ވަނީ ގަމުގަ އެވެ. ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ޕޮލިސް ސްޓޭޝަން ފަދަ ތަންތަން ގަމުގައި ހިންގަމުން އަންނަތާ އެތައް އަހަރެކެވެ.

ގަމާއި ފޮނަދޫގައި ވެސް އެހެން ރަށްރަށުގެ މީހުން ވަނީ އާބާދުކޮށްފަ އެވެ. ގަމުގައި އެ އަތޮޅު ކަލައިދޫ އާއި މުންޑޫ މީހުން އަދި ފޮނަދޫގައި ގާދޫ މީހުންނެވެ.

އިސްމާއީލް ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިންމުން އައި އިރު ކައުންސިލްތަކާ މަޝްވަރާކޮށްފައެއް ނުވެ އެވެ. އަތޮޅުގައި ސަރުކާރުން އެއްވެސް ކަހަލަ 'ކޮންސަލްޓޭޝަން ޕްރޮސެސްއެއް' ނުވަތަ ސަރުކާރުގެ ވިސްނުމުގެ މައުލޫމާތު ފޯރުކޮށްދިނުމާއި މީހުންގެ ހިޔާލު ހޯދަން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ލ. ގަން: މިއީ ރާއްޖޭގެ އެންމެ ބިން ބޮޑު އެއް ރަށް (ފޮޓޯ/ސޯޝަލް މީޑިއާ)

ތ. އަތޮޅުގެ ރަށެއް ނެތް

މިހާރު އާބަން ސެންޓަރަކަށް ކަނޑައަޅާފައިވާ ބައެއް ރަށްތަކަށް ވުރެ ބިމާއި އާބާދީ ބޮޑެތި ރަށްރަށް ތ. އަތޮޅުގައި އެބަ ހުއްޓެވެ.

ރަޖިސްޓްރީއަށް ބަލާއިރު އެ އަތޮޅުގައި އެންމެ އާބާދީ ބޮޑީ 3،030 މީހުންނާ އެކު ތިމަރަފުއްޓެވެ. އެ ރަށުގައި ދިރިއުޅެނީ 1،229 އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 1،044 އެވެ. އެއާޕޯޓެއް ވެސް ހިމެނޭ އެ ރަށުގެ ބިމުގެ ބޮޑުމިނަކީ 100 ހެކްޓަރެވެ. 

ތިމަރަފުށި އޮންނަނީ ދިގު ފަޅެއްގަ އެވެ. ފަޅުގެ އަނެއްކޮޅުގައި އޮންނަ ގުރައިދޫގެ އާބާދީއަކީ 2،205 އެވެ. އެ ރަށުގައި ދިރިއުޅޭ 1،293 މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 1،190 އެވެ. މިހާރު 76.5 ހެކްޓަރުގެ ގުރައިދުއަކީ ސަރުކާރުން އެއާޕޯޓެއް އަޅަން ނިންމާފައިވާ ރަށެކެވެ. ގުރައިދުއާ ގުޅިފައި އޮތް ފަޅުގެ ބޮޑުމިން ހާހެއްހާ އެކްޓަރަށް އަރާއިރު އެ ފަޅުގައި އިތުރު 11 ފަޅުރަށާއި މީހުން ދިރިއުޅޭ ގާދިއްފުށި ވެސް ހިމެނެ އެވެ.

މިއީ ކައިރިކައިރީ ކަނޑައަޅާފައިވާ ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ އާބަން ސެންޓަރަށް ވުރެ ބިން ބޮޑު ދެ ރަށެވެ. ތ. އަތޮޅަކީ، ޅ. އަތޮޅު، ފ. އަތޮޅު އަދި ދ. އަތޮޅަށް ވުރެ އާބާދީ ބޮޑު އަތޮޅެކެވެ.

އެ ހަތަރު އަތޮޅުގެ އާބާދީ:

  • ޅ. އަތޮޅު: 13،692

  • ފ. އަތޮޅު: 6،669

  • ދ. އަތޮޅު: 8،614

  • ތ. އަތޮޅު: 17،423

ފ. އަތޮޅުގެ ސަރަހައްދަށް ވ. އަތޮޅާއި މ. އަތޮޅު ހިމެނުމުން ވެސް ސަރަހައްދުގެ ޖުމްލަ އާބާދީ އަރަނީ 17،295 އަށެވެ.

ތ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފު އަބްދުއްފައްތާހު ވިދާޅުވީ ސަރުކާރުން އެވަރުގެ ނިންމުމެއް ނިންމި އިރު މަޝްވަރާކޮށްފައި ނެތުމަކީ އޭނާގެ ވެސް އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.

"ލިސްޓުގައި ހިމެނޭ ބައެއް ރަށްރަށަށް ވުރެ ބިން ބޮޑު ރަށްރަށާއި ތަނަވަސް ގުދުރަތީ ވަސީލަތްތައް އެބަހުރި ތ. އަތޮޅުގައި. އެއިން ބައެއް އަތޮޅުތަކަށް ވުރެ އާބާދީ ވެސް ބޮޑު އަތޮޅެއް. މިވަރުގެ ބޮޑު އަތޮޅެއް ބާކީކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ތިމަރަފުށި މަތިން ނަގާފައިވާ ފޮޓޯއެއް

އުފައްދަންވީ ބިން ބޮޑު، ގިނަ ރަށް ހިމެނޭ އާބަން ހަބުތަކެއް

މީގެ ކުރިން އަތޮޅު ވެރިކަން ކުރާ ރަށް ކަނޑައެޅުމުގައި ބެލި އެއް ކަމަކީ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުފަތުރުކުރަން ފަސޭހަ، އަތޮޅުގެ މެދުގައި އޮތް ރަށަކަށް ވުމެވެ. އާބަން ސެންޓަރުތަކަށް ކަނޑައަޅާ ރަށްރަށް ވެސް ވާން ޖެހޭނީ ގިނަ މީހުން ދިރިއުޅުމުގެ އިތުރަށް، އަސާސީ ހިދުމަތްތަކާއި އިގުތިސޯދީ ގިނަ ހަރަކާތްތައް ހިންގޭނެހާ ބިން ލިބޭނެ ރަށްރަށަށެވެ.

ލާމަރުކަޒީ ގާނޫނުގައި ސިޓީއެއްގެ ގޮތުގައި ކަނޑައަޅާ ރަށް ނުވަތަ ރަށްތައް ބެލުމުގައި ހިމެނޭ މިންގަނޑުތަކުން ވެސް ރަމްޒުވަނީ މި ވިސްނުން ކަމަށް ބުނެވިދާނެ އެވެ. އެއީ:

  • ސިޓީއެއް ކަމަށް ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10،000 އަށްވުރެ ދަށްނުވުން.

  • ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރެވޭނެ ރަށަކަށް ވުން

  • ޓާޝިއަރީ ހޮސްޕިޓަލެއް ހުރުން.

  • ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކުރެވޭނެ މަރުކަޒެއް ގާއިމުވެފައިވުން.

  • ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާ ނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން.

  • ސިޓީގައި ކޮމާޝަލް ބަނދަރެއްގެ ހިދުމަތް ލިބެން ހުރުން.

  • ސިޓީގައި ބޭންކެއްގެ ހިދުމަތް ލިބެން ހުރުން.

ލާމަރުކަޒީ ގާނޫނު މިދިޔަ ރައްޔިތުންގެ މަޖިލީހުން އިސްލާހުކުރި އިރު އެ ކޮމިޓީގައި އިންނެވި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފާހަގަކުރެއްވި ގޮތުގައި އާބަން ސެންޓަރަކީ ގިނަ ހިދުމަތްތަކެއް ފުރިހަމައަށް ލިބެން ޖެހޭ ސަރަހައްދަކަށް ވުމަކީ ގާނޫނުން ވެސް ތަސައްވުރުކޮށްފައިވާ ގޮތެވެ.

"ރަށެއް ކަނޑައެޅީތީ ކަންބޮޑުވަނީއެއް ނޫން. އެހެން ވިޔަސް އެ ބުނާހާ ވަރުގެ އާބާދީއެއް އެއްފަސްކުރަންޏާ އެހެން ރަށްރަށުން މީހުން ގެނެސްގެން ބަހައްޓާނެ ޖާގައެއް ވެސް އޮންނަން ވާނެ. އެހާ ބޮޑު އާބާދީއަކަށް ވަންޏާ އެއާ ގުޅިގެން ބޭނުންވާ ވިޔަފާރީގެ ފުރުސަތުތަކާއި އިޖުތިމާއީ ހިދުމަތްތަކަށް ވެސް އަދި ބިން ބޭނުންވާނެ. އެކަމަކު އެ ވަރުގެ ބިމެއް މިއިން ގިނަ ރަށްރަށަކު ނެތް،" ވަހީދު ވިދާޅުވި އެވެ.

އާބަން ޑިވެލޮޕްމެންޓް ޕްލޭނިން ދާއިރާގެ ތަޖުރިބާކާރު އަދި ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު ވިދާޅުވީ ލިސްޓަށް ބަލާއިރު އޭނާގެ ކަންބޮޑުވުމަކީ އަތޮޅަކުން ރަށެއް ހިމެނުމެވެ. މާލޭން މިސާލު ދައްކަވަމުން އޭނާ ފާހަގަކުރެއްވީ މިއީ ޒަމާންތަކެއް ވަންދެން އެއް ރަށަކަށް އެކަނި ހިދުމަތްތައް ޖަމާކުރުމުގެ ނަތީޖާ ކަމަށެވެ. ތޮއްޖެހުމާއި ވަށައިގެން އިޖުތިމާއީ އެތައް މައްސަލައެކެވެ.

"އާބަނައިޒު ކުރަން ބަލާއިރު މާލެއަށް ވެސް އެކަނި އެވަރު ބުރައެއް ނުނެގިގެން ހުޅުމާލެ ތަރައްގީކުރަން ޖެހުނު. ހުޅުމާލެ ހިއްކަން ފެށިއިރު އޭރު ސަރުކާރުގެ ނިންމުމެއް ވެސް އޮންނާނެ. ސަރަހައްދީ ތަރައްގީގެ ޕްލޭނަކުން ދެން އާބާދުކުރާނީ އެހެން ސަރަަހައްދުތަކޭ. މާލެ ސަރަަހައްދު މިހާރު މި ހިއްކާ ވަރަށް ހިއްކުމުގެ ވިސްނުމެއް އޭރަކު ނެތް،" އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރުގައި ޕްލޭނިން މިނިސްޓަރުކަން  ކުރެއްވި ހަމްދޫން ކިޔައިދެއްވި އެވެ.

އެ ސަރުކާރުގައި ސަރަހައްދީ ތަރައްގީގެ ޕްލޭން އެކަށައެޅިއިރު ބެލި އެއް ކަމަކީ،  އޭނާ ފާހަގަކުރެއްވި ގޮތުގައި، އެ ސަރަހައްދެއްގައި ފަސޭހައިން ދަތުރުކުރެވޭ ގޮތަށް ކައިރިކައިރީ ހިމެނޭ ބިން ބޮޑެތި ރަށްތަކެއް 'އާބަން ރީޖަން'ގެ ގޮތުގައި ކަނޑައެޅުމެވެ. 

"ސުނާމީ ކާރިސާއަށް ފަހު ކަނދޮޅުދޫ މީހުން އުޅޭނެ ރަށަކަށް ދުވާފަރު ހަމަޖެއްސީ ވެސް ދުރު މުސްތަގުބަލުގައި އާބަން، ބޮޑު ސެންޓަރަކަށް ފުރުސަތު ބޮޑުވާނެ ގޮތް ބަލާފައި. ދުވާފަރާއި އުނގޫފާރު މި އޮންނަނީ ޖެހިޖެހިގެން. ދުވާފަރުގައި އަދިވެސް ބިން ހިއްކޭނެ ޖާގަ އެބަ އޮތް. އާބަން ސެންޓަރަކަށް ވާންވީ އެ ދެ ރަށް އެކުގައި،" އޭނާ ވިދާޅުވި އެވެ.

ރ. ދުވާފަރު: ބިން ބޮޑުކުރަން ބޮޑު ފަޅެއް ވެސް އެބަ އޮތް

އޭރުގެ ޕްލޭނުގައި އެގޮތަށް ހުރި އެހެން ބައެއް ރަށްރަށް ވެސް ހަމްދޫން ކިޔައިދެއްވި އެވެ. އެއީ:

  • އެންމެ އުތުރުގެ އާބަން ރީޖަނަކީ ހދ. ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ކުޅުދުއްފުށި، އަދި ކުމުންދޫ. މައި ރަށަކަށް ހަނިމާދު އާއި ކުޅުދުއްފުށި

  • މެދު އުތުރުން ޅ. ނައިފަރު، މަޑިވަރު، ފެލިވަރު، ގާއެރިފަޅު އަދި ހިންނަވަރު. އެއާޕޯޓު ފެލިވަރުގައި އަޅާފައި ފެލިވަރުގައި ވެސް މީހުން އާބާދުކުރާ ގޮތަށް. މަޑިވަރުގައި ރިސޯޓެއް ތަރައްގީ ކުރާ ގޮތަށް

  • ލ. އަތޮޅުގެ އާބަން ރީޖަނަކީ ގަން، މާންދޫ، ކައްދޫ އެއާޕޯޓު، ފޮނަދޫ، އަދި ގާދޫ

  • އެންމެ ދެކުނުން މުޅި އައްޑޫ އާބަން ރީޖަނެއް ގޮތުގައި ތަރައްގީކުރުން

ހަމްދޫނުގެ އެއް ނުކުތާއަކީ ލ. ގަމާއި ފޮނަދޫ އެއްފަސްގަނޑެއްގެ ގޮތުގައި މިހާރު ވެސް ތަރައްގީކޮށްފައި އޮތުމުން އާބަން ސެންޓަރުގެ ގޮތުގައި ދެ ރަށް އެކުގައި ނިންމުން ރަނގަޅުކަމެވެ. އޭނާ ވިދާޅުވީ އޭރުން 10،000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އެއްފަސްކުރުމުގެ އިތުރަށް އެވަރުގެ އާބާދީއެއް ދިރިއުޅެން ސިޓީއަކަށް ބޭނުންވާ އިތުރު ވަސީލަތްތަކަށް ވެސް ބިން ލިބޭނެ ކަމަށެވެ.

"އޭރު ވިސްނުމުގައި އޮތީ ގާދޫ މީހުން ވެސް ކޮންމެހެން އެ ރަށުން ފައިބާކަށް ނުޖެހޭނޭ. ފޮނަދު އާއި ގާދޫ ފާލަމަކުން ގުޅާލާ ގޮތަށް،" ހަމްދޫން ވިދާޅުވި އެވެ.

ޅ. ނައިފަރު މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/ދި އެޑިޝަން

މިއީ ބޮޑު ކަމެއް؛ މަޝްވަރާ އާއި ދިރާސާ ލާޒިމު

ރަށްރަށުގައި އުޅޭ މީހުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މި ނިންމުމާ މެދު ޝަކުވާ ބޮޑުވެގެން އުޅެނީ މަޝްވަރާކޮށް، މީހުންނަށް މައުލޫމާތު ދީ، މީހުންގެ ހިޔާލު ހޯދާފައި ނެތީމަ އެވެ. 

ސަރުކާރުން އާބަން ސެންޓަރުތަކުގެ ލިސްޓު އިއުލާންކުރީ، އޭގެ އެއް ދުވަސް ކުރިން، ކުރިއަށް އޮތް 20 އަހަރަށް ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް  ލޯންޗުކުރަން ބޭއްވި އިވެންޓެއްގައި، އެ ވަރުގެ ކަމެއް ކުރާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މީހުންގެ ހިޔާލު ހޯދައިގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

ހައުސިން، ލޭންްޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިިނިސްޓްރީއާ ސުވާލުކުރުމުން، ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ ދެއްކެވި ވާހަކައިން ސާފުވީ އެ ހަތް ރަށަކީ ރައީސް މުއިއްޒު ބޭނުންފުޅުވެގެން ހިމެނި ރަށްރަށްކަމެވެ. އޭގައި އާބަން ޕްލޭނިންގެ މެންޑޭޓު އޮތް މިިނިސްޓްރީން ކުރި ކަމެއް ނެތެވެ.

"އެ ހަތް ރަށަކީ ރައީސް މުއިއްޒު ވެރިކަމަށް ހަމަ ވަޑައިގެން އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ގޮތަށް، ހަމަޖެއްސެވި، އެމަނިކުފާނު ކަނޑައެޅުއްވި ހަތް ރަށެއް،" ދިލްޝާން ވިދާޅުވި އެވެ.

ތ. އަތޮޅުގެ ރަށެއް ލިސްޓުގައި ނެތުމާއި މިހާރު ކަނޑައަޅާފައިވާ ރަށްތަކުގައި 10،000 މީހުން އާބާދު ކުރެވޭނެކަމާ މެދު ހުރި ކަންބޮޑުވުންތަައް ފާހަގަކުރުމުން ދިލްޝާން ވިދާޅުވީ މުޅި ޕްލޭން ފުރިހަމަވާނީ އާބަން ޑިވެލޮޕްމެންޓް ގާނޫނު ފާސްވެ ތަންފީޒުކުރަން ފެށުމުން ކަމަށެވެ. އޭގެ ފަހުގައި އިތުރު އާބަން ސެންޓަރުތައް ވެސް ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އެއް ރަށެއްގައި 10،000 މީހުން އާބާދުކުރުން ކޮންމެހެން ލާޒިމު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގިނަ ރަށްރަށް ހިމެނޭ ގޮތަށް އާބަން ސެންޓަރު ކަނޑައަޅާ އަތޮޅުތަކަކީ ކޮބައިތޯ ސުވާލުކުރުމުން ވިދާޅުވީ އެ ހުރިހާ ކަމެއް ނިންމާނީ ގާނޫނު ފާސްވެ ތަންފީޒުކުރަން ފެށުމުން ކަމަށެވެ.

މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ އާބަން ސެންޓަރުތަކުގެ ބޭނުމަކީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުން ކަމަށެވެ. އެގޮތުން ބަލާނީ 10،000 މީހުނަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެވަރުގެ އާބާދީއަކަށް އަމާޒުކުރުމަށް އާބަން ސެންޓަރުތަކުގެ ގޮތުގައި ރަށްތައް ކަނޑައެޅުމުގައި ބެލި ކަމަކީ، ހައިދަރު ވިދާޅުވި ގޮތުގައި، މިވީހާ ތަނަށް ސަރުކާރުތަކުން ރަށްތަކަށް ކުރި އިންވެސްޓްމަންޓެވެ.

"މައި ރަށުގައި މީހުން އާބާދުވެއްޖެ ނަމަ ހިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާކަށް ނުޖެހޭނެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ ކުދި ރަށްރަށުގެ ރައްޔިތުން މިފަދަ ރަށްތަކަށް ބަދަލުކުރުން،" ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވި އެވެ.

ކުރީގެ މެންބަރު ވަހީދު ވިދާޅުވީ ސަރުކާރުން އާބަން ސެންޓަރުތައް ކަނޑައެޅީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުޅި ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މިވަރުގެ ކަމެއްގައި އެންމެން ޝާމިލުވާ މަޝްވަރާއެއް ހިނގަން ވާނެ އެވެ. އެއީ ލޯކަލް ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކާއި އާންމު މީހުން އެއްކޮށްގެން ޓައުން ހޯލް ބައްދަލުވުންތައް ބާއްވައިގެނެވެ.

"ރައީސް މުއިއްޒު ރަށްރަށަށް ކެމްޕެއިނަށް ވަޑައިގެން ކޮންމެ ރަށަކަށް ވެސް ބޮޑެތި ވައުދުތަކެއްވީ. އާބާދީ އެއްފަސްކުރަން ރަށެއް ފަޅުކުރާ ވާހަކައެއް ނުދައްކަވާ. މިހާރު ރަށްރަށް ފަޅުކުރަން ނިންމަންޏާ ރައްޔިތުންގެ މަޝްވަރާ ހޯދަން ޖެހޭނެ،" ވަހީދު ވިދާޅުވި އެވެ.

މިދިޔަ ބުދަދުވަހު ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެއް ބަދަލަކީ ގައުމީ ތަރައްގީގެ ޕްލޭން އެކަށައެޅުމަކީ ރައީސަށް ލިބިދޭ ބާރެއް ކަމަށް ކަނޑައެޅުމެވެ. އެހެންވިޔަސް މިވަރުގެ ކަމެއްގައި ރަނގަޅު ދިރާސާއަކާއި ރައްޔިތުންގެ ހިޔާލު ހޯދުން ލާޒިމެއް ނޫން ހެއްޔެވެ؟ މި ވަގުތު މި ފެންނަނީ ގައިމު ވެސް އެންމެ ހަމަޖެހޭ ގޮތެއް ނޫނެވެ.

ކޮމެންޓް (11)

ގަމު މީހާ

24 ނޮވެމްބަރު 2024
ލ. ގާދޫ އިން ފެއްޓިގެން މުންޑޫ އާއި ހަމައަށް އޮންނަނީ އެއްފަޅެއްގަ، ޔަގީންވާ ކަމަކީ 4000 ހެކްޓަރައްވުރެ ކުޑަ ނުވާނެކަން، މައުމޫން ގެ ވެރިކަމުގައި އިލްޔާސް ލ އަތޮޅު ވެރިކަމުގައި ހުރި އިރުގަ މިރައްތަށް އެއްފަސްކުރުމުގެ ޕްލޭން އެއް އޮތް، އޭގެ ހެއްކެއްއޭރުގަ މާލޭ މީހުން ގަމުން 521 ގޯތި ނަގާފައި އޮތުން، ނަމަވެސް ފަހުން އޭރުގަ ހެދި ޕްލޭން މަޑުޖެހި ހުޅުމާލެ ތަރައްޤީ ކުރުން ފެށިގެން ދިޔައީ، އެއައްފަހު އެއްވެސް ސަރުކާރަކަށް މާލެ ސަރަހައްދު ނޫން އެހެން ތަނެއްގައި ތަރައްޤީގެ ޕްލޭނެއް ކުރަން ހިޔާލައްވެސް ނުފެންނަ ކަން ކަށަވަރު
5 0

ފެލިވަރު ބޯޓް

24 ނޮވެމްބަރު 2024
އޭދަފުއްޓާއި ނައިފަރު ވާހަކަ ދައްކަން ނުކެރުނީ ކީއްވެ. ވާނުވާގަ ދޯ
7 0

މީރޭ

5 ޑިސެމްބަރު 2024
@ފެލިވަރު ބޯޓް ބަލަ އެ އޮތީނު އަތޮޅަކުން ކުޑަ އެއް ރަށް ނެގުން ކަމަކު ނުދެއޭ ރަގަޅަށް ކިޔާބަލަ
1 0

ކޮސް

24 ނޮވެމްބަރު 2024
ރައްޔިތުންނޭ! ކަންބޮޑުވާނެކަމެއްނެތް. ހޮވި ރަށްތަކުގައި އިތުރަކަށް ކަމެއްނުކުރާނެ ! ނަންބޯޑަށް ބަދަލު އަންނާނީ . މިހެން ބުންޏަސް ކުޑަފުލެޓުކޮޅެއްގެ ބިންގާ އަޅާފާނެ.އެތަންތަން ނުނިންމާ ފުލެޓަށް އެދި ފޯމުފުރަން އިއުލާން ކުރެވޭނެ. ޙައިދަރު ފުކެޓަށްވި ގޮތްވެ ދައުރު ނިމިފަ އޮންނާނީ.
2 1

މަބުނީ

24 ނޮވެމްބަރު 2024
ދިރާސާއާއި ރައްޔިތޔންގެ ހިޔާލަށް ހުޅުވާލަންޖެހޭ.
1 0

ކުދިރަށްތައް

24 ނޮވެމްބަރު 2024
ބ. އަތޮޅުމީހުން ބޭނުމީ ގޮއިފުޅަ ފެެންދޫއަށް ދާން.
7 1

މާމަމާ

24 ނޮވެމްބަރު 2024
ބ. އޭދަފުއްޓަކީ މިހާރުވެސް ބިން ފުރި އިތުރަށް ބޮޑު ވެސް ކުރެވެން ނެތް ރަށެއް. ބ. އަތޮޅުން އާރބަން ސެންޓަރެއް ގާއިމް ކުރާނަމަ އެންމެ ރަނގަޅުވާނީ، ތުޅާދޫ ނުވަތަ ގޮއި ފުޅަ ފެހެންދޫ. މީ ފަޅު ބޮޑު އަދި އިތުރަށް ބިން ބޮޑު ކުރެވެން ހުރި ތަންތަން
9 0

ޙަސަން

29 ނޮވެމްބަރު 2024
@މާމަމާ އޭދަފުށީގެ ބިމެއް އަދި ނުފުރޭ. އޭދަފުށީ ފަޅުން، ކުރީގެ އޭދަފުށްޓާ ގާރްތްގަނޑަކަށް އެއްވަރުގެ ބިމެއް ވަނީ ހިއްކާފައި. އެ ބިން އަދިވެސް އޮތީ ހުހަށް. މިހާރު އެބައުޅޭ ފްލެޓް އަޅަން. އަދި ގޯތި ދޭންވެސް ވަނީ އިޢުލާން ކޮށްފައި.
0 2

ކޮމަންޓު

24 ނޮވެމްބަރު 2024
ހުވަދޫ އަތޮޅުގެ ވާހަަކައެއްވެސް ނެތް. މައުމޫނުގެ ޕްލޭނުގައިވެސް އަދި މިހާރުގެ ޕްލޭނުގައިވެސް.
4 1

ކޮބާ

24 ނޮވެމްބަރު 2024
@ކޮމަންޓު ހަހަ.. ނޫސްވެރިޔާގެ ކަމެއް. ހަމްދޫން ހަމީދު ކުރެން އަހާލިނަމަ
1 0

އަލީ

24 ނޮވެމްބަރު 2024
ކޮބާ ނ އަތޮޅު މަނަދޫ ހެޔޮވަރުގެ އާބާދީއެއް އަދި ބިންވެސް ހިމަނާލަބަލަ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް