ކުރިން ބޭއްވި އިންތިހާބަކަށް ސިޔާސީ ޕާޓީތަކުން މާލޭގައި ދިދަފަތި ދަމާފައި - (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ސިޔާސީ ޕާޓީތަކުން ވިޔަފާރިއަށް: މިއީ ކުރެވިދާނެ ކަމެއްތަ؟
މުހިންމު ނުކުތާތައް
ބައެއް ބޭފުޅުން ވިދާޅުވަނީ ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ހިންގާ ބަޔަކަށް ސިޔާސީ ޕާޓީތައް ވެގެން ނުވާނެ ކަމަށް
ކޯޕަރޭޝަންތަކަކަށް ޕާޓީތައް ވެއްޖެ ނަމަ އަބަދުވެސް ދަށުވެފައި އޮތުމުގެ ފުރުސަތު އޮންނާނެ
އަނެއްކޮޅުން ދައުލަތުން ދޭ އެއްޗަކަށް ހަމައެކަނި ބަރޯސާވެގެން ޕާޓީތައް ހިންގަން ވެސް އުނދަގޫ
މިއީ ރާއްޖޭގައި އަދި ކުރި ކަމެއް ނޫނެވެ. ސިޔާސީ ޕާޓީއަކުން ޕާޓީގެ ހަރަކާތްތަކަށް ފައިސާ ހޯދުމަށް ވިޔަފާރިކުރުމާއި، ވިޔަފާރިތަކަށް އިންވެސްޓް ކުރުމަކީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯގެ ބަހުސް އުފެދުނީ ވެސް އެހެންވެ އެވެ.
ގައުމީ މަޖިލީހަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުށަހެޅުއްވީ އެމްޑީޕީން 'ރެއަލް އެސްޓޭޓް' ނުވަތަ ކުއްޔަށް އިމާރާތް ދޫކުރުން ފަދަ ވިޔަފާރިއެއް ކުރުމަށެވެ. ފައްޔާޒު ވިދާޅުވި ގޮތުން އެކަން ކުރަން ޖެހެނީ ޕާޓީ ހިންގަން 'ބައިވަރު ފައިސާ' ބޭނުން ވާތީ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުންފުނީގެ ގާނޫނުން ވެސް އެ ޖާގަ ލިބޭ، ސިޔާސީ ޕާޓީއަކަށް ކުންފުންޏެއް އުފެއްދުމަކަށް ހުރަހެއް ނެތް. އެކަމަކު ސަރުކާރުގައި ތިބި އެކަމާ ބެހޭ ބޭފުޅުން އެކަން ނުކޮށްދެއްވައިފި ނަމަ އެކަން ކުރެވޭނެ ގޮތެއް ނެތް،" އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއަކުން ވިޔަފާރީގެ ކަންކަމުގެ ތެރެއަށް ވަނުމަކީ އޭގެ މަގުސަދު އޮޅިދާނެ ކަމެއް ގޮތަށް އެއް ބަޔަކު ދެކެ އެވެ. ހާއްސަކޮށް ކުންފުނި ހަދައިގެން ކޯޕަރޭޓް އުސޫލުން ހަރަކާތް ހިންގިގެން ނުވާނެ ކަމަށް ދެކޭ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.
"ރައްޔިތުން ތާއީދުކުރަން ބޭނުންވާ ފިކުރެއް ތަމްސީލްކުރާ ސިޔާސީ ޕާޓީއަކަށް، އެ މީހުން ފަންޑު ވެސް ކުރާނެ، އެ މީހުންގެ ވަގުތާއި ވަސީލަތްތަކާ އެކު ވޮލަންޓިއާކޮށް، ކޮންޓްރިބިއުޓް ކުރާނެ. އެމްޑީޕީއަށް މި ވަނީ ކިހިނެއް ހެއްޔެވެ؟" ސޯޝަލް މީޑިއާގައި މީހަކު ހިޔާލުފާޅުކުރި އެވެ.
ވިޔަފާރިކުރުން ގާނޫނުގައި ހުއްދަ
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ވަނީ ވިޔަފާރިކުރުމުގެ ހުއްދަ ޕާޓީތަކަށް ލިބޭނެ ކަން ބަޔާންކޮށްފަ އެެވެ.
ގާނޫނުގައި ބުނަނީ ސިޔާސީ ޕާޓީ ހިންގަން ބޭނުންވާ ފައިސާ އާއި ތަކެތި ހޯދަން ވާނީ:
-
1-
މެންބަރުންގެ އަތުންނާއި ހެޔޮ އެދޭ ފަރާތްތަކުން
-
2-
ސަރުކާރުން ދޭ މާލީ އެހީ
-
3-
ވިޔަފާރީގެ މުއާމަލާތްތަކުން
-
4-
ފައިސާ ހޯދަން ހިންގާ ހަރަކާތްތަކުން
-
5-
ދަރަންޏަށް ފައިސާ ނަގައިގެން
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހަވާލާ ދެއްވައި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވެސް ވިދާޅުވީ ޕާޓީތަކުން އިސްނަގާ މިފަދަ ކަންކަމަށް އެ ކޮމިޝަނުން ހިތްވަރުދީ، ބަލައިގަންނާނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުން ފައިސާ ނުވަތަ އާމްދަނީ ހޯދަން ކުރާ ކަންކަން އެންކަރޭޖް ވެސް ކުރަން،" އޭނާ ވިދާޅުވި އެވެ.
މާލީ ބާރުވެރިކަމާއި މިނިވަންކަން
ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކާއި އެހެން ހަރަކާތްތަކަށް ފައިސާ ހޯދާ އެއް މަސްދަރަކީ 'ހެޔޮ އެދޭ' ފަރާތްތަކުން ދޭ ފައިސާ އެވެ. އޭގެ ތެރޭގައި ބޮޑެތި ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.
ޕާޓީތަކަށް ހަރަދުކުރާ ވިޔަފާރިވެރިން އޭގެ ބަދަލަކަށް އެދޭނެ ކަންކަން ވެސް ހުންނާނެ އެވެ. 'އެދުމެއް ނެތި ވެދުމެއް ނުކުރާނޭ' ބުނާ ހަމައިންނެވެ.
ސަރުކާރު ހިންގާ ދުވަސްވަރު ބައެއް ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރުން ކުރާ ބިޑްތައް އެ މީހުންނަށް މަންފާ ވާނެ ގޮތަށް ގެންދަން އެދުމުގެ ފުރުސަތު ވެސް އޮވެ އެވެ. ރާއްޖެއިން އޭގެ ކިތައްމެ މިސާލެއް ނެގިދާނެ އެވެ.
މިހާރު ޕާޓީތަކުން ބަރޯސާވަނީ އެ ގޮތަށް ލިބޭ ފައިސާ އާއި ދައުލަތުގެ ފައިސާއަށެވެ. ދައުލަތުގެ ފައިސާ ވެސް މި ލިބެނީ މެންބަރުން ގިނަ ޕާޓީތަކަށް އެކަންޏެވެ. ފައްޔާޒުގެ ވާހަކަތަކުގައި ބުރަދަނެއް އޮތް ކަމަށް ދެކޭ މީހުން ފާހަގަކުރާ ކަމަކީ އެ އެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ގާނޫނުއަސާސީ އެކުލަވާލި ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ) ވަނީ 'އެކްސް'ގައި އެ ވާހަކަ ލިޔުއްވައިފަ އެވެ.
"އެމްޑީޕީ ފުރަތަމަ ގައުމީ މަޖިލީހަށް އަޅުގަނޑު ހުށަހެޅިން، ވެންޗާތައް ހިންގަން، އެކަމާ އެންމެ ދެކޮޅު ހެއްދެވީ މުހައްމަދު ނަޝީދު [އޭރު އެމްޑީޕީގެ ޗެއާޕާސަން، ރާއްޖޭގެ ކުރީގެ ރައީސް]. ނަތީޖާއަކީ ކޯޕަރޭޓް ފަންޑަރުންގެ ބާރުގެ ދަށަށް އެމްޑީޕީ ދިޔުން،" ފައްޔާޒުގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށްވާ އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމާ ދެކޮޅަށް ވަކާލާތުކުރާ އެއް ޕާޓީއަކީ އެމްއެންޕީ އެވެ. އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ދައުލަތުން އުފުލަން ޖެހިފައިވާ ބުރަތަކުގެ ތެރެއިން 'މި ވަގުތަށް' ނަމަވެސް ދޫކޮށްލަން ޖެހޭ އެއް ބުރައަކީ އެއީ އެވެ.
މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރައްވާ ހަމައެކަނި މެންބަރު ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީތަކަކީ މެންބަރުން ދައްކާ ފީތަކާއި ޕާޓީން ހިންގާ ބައެއް ހަރަކާތްތަކުން ފައިސާ ހޯދައިގެން ހިންގަން ޖެހޭ އަދި އަމިއްލަ މާލީ ބާރުވެރިކަން އޮންނަ ބަޔަކަށް ވާން ޖެހެ އެވެ.
"ޕާޓީތަކަށް ފައިސާ ލިބެން ވާނީ މެންބަރުން ޑޮނޭޓްކޮށްގެން ލިބޭ ފަންޑަކުން ކޮންމެވެސް އިންވެސްޓްމަންޓެއް ކޮށްގެން. އެއީ ސިޔާސީ ޕާޓީތައް ހިންގަން ވާނެ ގޮތެއް،" ކުރިން މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ލީޑާޝިޕުން އެ ހިޔާލުތައް ހުށަހެޅި ސަބަބުގެ ގޮތުގައި ފައްޔާޒު ވެސް ކިޔައިދެއްވީ އެ ކަންކަމެވެ. ދައުލަތުން ދޫކުރާ ފައިސާއަށް ބަރޯސާވެގެން އެމްޑީޕީއަށް އަބަދު ނޯވެވޭނެ ކަމަށް 'ދައުރު'އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެ ދޭ އެއްޗަކަށް ބަރޯސާވެގެން، އެހެނެއް ތިބެވޭކަށެއް ނެތް. މާދަމާ ވެސް ހަމަ އޭތި ބަދަލު ވެސް ވެދާނެ. ކޮންޓްރިބިއުޝަނަކީ ވެސް އަބަދު ޔަގީންކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުން ވަކި އަންނާނެ އެއްޗެއް ވެސް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
ނަމަވެސް ރިއަލް އެސްޓޭޓް ވިޔަފާރި އާއި ކޮންސްޓްރަކްޝަންސް ފަދަ ވިޔަފާރިތައް ކުރަން ޕާޓީން ކުންފުނި ރަޖިސްޓްރީ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް، އެމްޑީޕީގެ ކުރީގެ ތަރުޖަމާން އަދި އެ ޕާޓީގެ ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި މިދިއަ އަހަރު ދަ ޑިމޮކްރެޓްސްއަށް ބަދަލުވި އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވި އެވެ.
އޭނާ ފާހަގަކުރައްވަނީ މި ކަމެވެ؛ ސިޔާސީ ޕާޓީއެއްގެ މަސައްކަތަކީ ސިޔާސީ ފަލްސަފާއެއް ފެތުރުމެވެ. އެ ފަލްސަފާގައި ގަބޫލުކުރާ ހަމަތަކަށް ފެތޭނެ ސިޔާސަތުތަކެއް ކަނޑައެޅުމެވެ. އެއިން ގައުމަށާއި ވަކި ފަރުދުންނަށް ކުރާނެ ފައިދާތައް ބުުނެދިނުމެވެ. ފައިސާއިން ނަފާ ނުވަތަ 'ޕްރޮފިޓް' އުފެއްދުމުގެ މަގުސަދުތަކެއް ޕާޓީ ހިންގުމުގެ ތެރެއަށް ވަދެގެން ނުވާނެ އެވެ.
ސަރުކާރުން ދޫކުރާ ޕްރޮޖެކްޓްތަކާއި ޓީބިލްތަކުގެ އިތުރުން ކުންފުނިތަކުގެ ހިއްސާ ގަތުމާއި ރެއަލް އެސްޓޭޓް ވިޔަފާރި ހިންގަން ބިން ހޯދުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ސަރުކާރުގެ 'ދަށުވުމު'ގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.
"ސަރުކާރުގެ ޕްރޮޖެކްޓްތައް ހޯދުމަށް ހުށަހަޅައިގެން އިދިކޮޅު ޕާޓީ [އެމްޑީޕީ] އުޅޭ ނަމަ ކިހިނެއްތޯ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނީ؟ އޭރަށް ވެސް ހަމަ ސަރުކާރަށް ބަރޯސާވެގެން، މުޅިން އަދި ސަރުކާރު ދަށުވެގެން ނޫންތޯ ދާނީ؟" ސުވާލުތަކެއް އުފައްދަވަމުން އޭނާ ވިދާޅުވި އެވެ.
ކޯޕަރޭޝަންތަކަށް ވެގެން ނުވާނެ
ރަނގަޅު ވާހަކައެކެވެ. ޕާޓީތަކަށް ވިޔަފާރިކޮށްގެން ފައިސާ ހޯދުމުގެ ހުއްދަ ބައެއް ގައުމުތަކުގައި ދީފައި އޮވެ އެވެ. އެކަމަކު އެއީ ވިޔަފާރިކުރަން ހުއްދަ އޮތް ކަމަށް ލިޔެ، މުތުލަގަށް ދީފައި އޮންނަ ހުއްދައެއް ނޫނެވެ. އޭގައި ގިނަ ހިފެހެއްޓުންތަކެއް ހިމަނާފައި އޮވެ އެވެ.
އެންމެ ގާތުން ފެންނަ މިސާލަކީ އިންޑިއާ އެވެ. އިންޑިއާގައި ސީދާ ވިޔަފާރީގައި ސިޔާސީ ޕާޓީތަކުން ބައިވެރިވުން މަނަ އެވެ. ހުއްދަ އޮންނަނީ ސްޓޮކް މާކެޓުގައި ލިސްޓު ކުރެވިފައި އޮންނަ ބައެއް ކުންފުނިތަކުގެ ހިއްސާ ގަތުން ފަދަ ނުސީދާ ވިޔަފާރީގެ މުއާމަލާތްތަކަށެވެ.
މިފަދަ ބައެއް ޑިމޮކްރެސީތަކުގެ މިސާލު ނަންގަވަމުން އިމްތިޔާޒު ވިދާޅުވީ އެ ގޮތަށް ހިފެހެއްޓުންތަކެއް ހިމެނޭ އުސޫލުތަކަށް އެ ގައުމުތަކުގައި އަމަލުކުރާ ސަބަބަކީ ވެސް ސިޔާސީ ޕާޓީއެއްގެ ބޭނުން ނުހިފައި، ކޯޕަރޭޝަންތަކަކަށް ޕާޓީތައް ބަދަލުވެދާނެތީ އެވެ.
"ކުންފުނިތަކުން ވިޔަފާރިކުރާ އުސޫލުން އެކަން ކުރުމަށް ހުއްދަ ދޭ ނަމަ ސިޔާސީ ޕާޓީތައް ކޯޕަރޭޝަންތަކަކަށް ބަދަލު ވެދާނެ. ޕާޓީތައް ކޮރަޕްޓްވުން ވެސް އަދި ކޮމްޕްރޮމައިޒްވުން ވެސް ބޮޑުވާނެ. އެހެންވެގެން ގައުމުތަކުގައި މިންގަނޑުތަކެއް މި އޮންނަނީ،" އިމްތިޔާޒު ވިދާޅުވި އެވެ.
އޭނާ ތާއީދުކުރައްވަނީ ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ގާނޫނުގެ މާއްދާ އިތުރަށް ތަފުސީލު ކުރުމަށެވެ. ހާއްސަކޮށް ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް މަނާކޮށްފައި އޮންނަން ވެސް އޭނާ ތާއީދުކުރައްވަ އެވެ.
ނާޒިމް އާއި ފައްޔާޒު ވެސް އެކަމަށް ކޮންމެވެސް ވަރަކަށް އެއްބަސްވެވަޑައިގަތެވެ.
ނާޒިމް ފާހަގަކުރެއްވި ކަމަކީ ޕާޓީތަކަށް ނުކުރެވޭނެ ވިޔަފާރިތަކެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ. ސަރުކާރުގެ ޕްރޮޖެކްޓްތަކާއި ސަރުކާރުގެ މުއައްސަސާތަކަށް މުދަލާއި ހިދުމަތް ހޯދަން އާންމުކޮށް ހުޅުވާލައި ބިޑްތަކަށް ޕާޓީތަކުން ކުރިމަތިލެވޭ ގޮތަށް އޮތުމަށް އޭނާ ވެސް ދެކޮޅެވެ.
"ސަރުކާރުގެ ޕްރޮޖެކްޓްތައް ނަގައިގެން ވިޔަފާރިކުރުން އެއީ ގައިމު ވެސް މަނާކޮށްފައި އޮންނަން ޖެހޭނެ ކަމެއް، ވެރިކަމުގައި އޮންނަ ޕާޓީތައް ވެސް، ވާދަވެރި ޕާޓީތަކުން ވެސް،" ރާއްޖޭގައި އެންމެ ފުޅާކޮށް ގެދޮރު އިމާރާތްކުރުމުގެ ވިޔަފާރި ހިންގާ އެއް ކުންފުނި، އާރުސީސީގެ އެއް ހިއްސާދާރު ކަމަށްވާ ނާޒިމް ވިދާޅުވި އެވެ.
އޭނާ ތާއީދު ކުރައްވަނީ ދިގުކޮށް ތަފުސީލުތަކާ އެކު ލިޔެފައިވާ އުސޫލެއް އޮވެގެން އެ ފުރުސަތުތައް ދިނުމަށެވެ. އޭގައި ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް ހިމަނާފައި އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޭންކެއްގެ ޝެއާ ގަތުން، ޕާޓީއަށް ދެވޭ ބިމެއް ނޫނީ އިމާރާތެއް ކުއްޔަށް ދޫކޮށްގެން، މިފަދަ އާންމު ކުދި ކަންކަން ކުރެވޭ ގޮތަށް ބަހައްޓަން ވާނީ،" ނާޒިމް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ގާނޫނީ ނިޒާމެއް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރަން ފާސްކުރީ އުސޫލެއް އޮވެގެން އެކަން ކުރަން ޖެހޭނެ ކަމަށް ދެކޭތީ ކަމަށެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިތުރުކުރަން ޖެހޭ ބައެއް ގޮތަށެވެ.
ސިޔާސީ ޕާޓީތަކަށް މާލީ މިނިވަންކަން ލިބުމަށް ވިޔަފާރީގެ ބައެއް މުއާމަލާތްތައް ކުރެވޭ ގޮތަށް ފުރުސަތުތައް ފަހިވެފައި އޮތުމުގެ އިތުރަށް ކޯޕަރޭޓް މަގުސަދުތަކަށް ޕާޓީތައް ހިންގޭ ގޮތަށް ނުވުމަށް ބައެއް ހިފެހެއްޓުންތައް އޮތުމުގެ ވިސްނުމަށް ފައްޔާޒު ބާރުއަޅުއްވަ އެވެ.
"ކޮން ކަހަލަ ވިޔަފާރިތަކެއްތޯ، ކިހާ ލެވެލްއަކަށްތޯ އޮތުން މުހިންމު ގާނޫނުގައި. ހުއްދަ އޮތޭ ކިޔާފައި ޕާޓީތަކުން ކަންމަތީ ފިހާރަތައް ހިންގަން، ބޮޑެތި ކޯޕަރޭޓް ކުންފުނިތައް މާސް ލެވެލްގައި ހިންގަން ފެށުމަކީ ވެސް މާ ރަނގަޅު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީގެ ފަރާތުން ކުންފުންޏެއް ރަޖިސްޓްރީކުރި ނަމަވެސް ކުންފުނި ހިންގުމުގެ ކަންކަމުގައި އުޅޭނީ އެ ކަމުގެ ފަންނީ ބައެކެވެ. ކުންފުނި ހިންގުމާއި، ޕާޓީ ހިންގުން ވަކިކުރެވޭ ގޮތަށް ބޭއްވޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
ޔަގީނުން ވެސް ޕާޓީތައް މަޑުޖެހިފައި އޮންނަން ހަރަކާތްތެރިން ބޭނުމެއް ނުވާނެ އެވެ. ޕާޓީ ހަރަކާތްތެރިކުރުވަން ފައިސާ ވެސް ބޭނުން ވާނެ އެވެ. ވަކިވަކި ރަށްތަކެއްގެ މައްޗަށް ރާއްޖެ އޮތުމަކީ ވެސް ހަރަދު ބޮޑުވާނެ ސަބަބެކެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި ތަޖުރިބާކާރުން ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ޕާޓީއަށް ފައިސާ ހޯދޭނެ ފުރުސަތުތަކާއި ފުރުސަތުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތަށް ހިފެހެއްޓުންތަކެއް އޮންނަ އުސޫލެއް އެބަ ބޭނުންވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ހިޔާލަކުން މި ފެށުނީ ސިޔާސީ ޕާޓީތައް ހިންގުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަތުވެދާނެ އާ ސަފުހާއަކަށް ވެސް ވެދާނެ އެވެ.