އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފަށަން އާގުބޯޓަކަށް ތެޔޮ އަޅަނީ

ދިގު އިންތިޒާރު ނިމި ބަންކަރިން އަދި ފެށެނީ؛ ދެން އޮތީ އުންމީދު

ބަންކަރިންއަކީ ޒަމާންތަކެއް ވަންދެން އެކި ސަބަބުތަކާ ހުރެ ރާއްޖޭގައި ނުފެށި އޮތް ހިދުމަތެއް. މި ހިދުމަތް ދިނުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި، ވިޓޯލްއާ ގުޅިގެން އިއްޔެ އިހަވަންދިއްޕޮޅުގައި އެކަން ފެށީ މުސްތަގްބަލުގައި ހިދުމަތް ފުޅާކުރުމުގެ އުންމީދުތަކަކާ އެކު
20 ސެޕްޓެމްބަރު 2024

ހއ. ހޯރަފުށި - މާލެއިން ފުރައިގެން އިއްޔެ ގަޑިއެއްހާއިރުގެ ދަތުރަކަށް ފަހު ސަރުކާރުގެ އިސް ބޭފުޅުން މި ރަށަށް ވަޑައިގަތީ ފޮނި އުންމީދުތަކެއް އޮވެގެންނެވެ. މި ރަށު އިރުއުތުރު ކޮޅުގައި އެއްވެސް ހިޔަލެއް ނެތި އޮންނަ ހުސް ބިމުގައި، ސަޕޯޓަރުންނާ އެކު އަވީގައި ގޮނޑިއަޅައިގެން ތިއްބެވީ ވެސް އެ ސަބަބާ ހުރެ އެވެ: ބައިނަލްއަގްވާމީ ބޮޑު ވިޔަފާރިއަކަށް އެ ސަރަހައްދު ހުޅުވާލުމަށާއި އެކަން ކާމިިޔާބުވާނެ ކަމުގެ އުންމީދުގަ އެވެ.

ތިލަދުންމަތީ އުތުރުބުރިޔަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރުން، ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ދާއިރާގެ ބައެއް އާންމުންގެ ހާޒިރުގައި  އިފްތިތާހުކޮށްދެއްވީ ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތެވެ.

"މިއަދު އިހަވަންދިއްޕޮޅުގެ މި ސަރަހައްދު، މާތްﷲގެ ވާގިފުޅާ އެކު މި ހުޅުވާލެވިގެން ދިޔައީ ބައިނަލްއަގްވާމީ ބޮޑު ވިޔަފާރިއަކަށް. އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް އިހަވަންދިއްޕޮޅުގެ މި ސަރަހައްދުގައި އިއްޒަތްތެރި މެމްބަރުން ޝަރަފުވެރި އެ ކޮށްދެއްވީ،" އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ފައްޓަވަމުން ވިދާޅުވި އެވެ.

"ދުނިޔޭގައި މި ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނިން ވިޔަފާރިކުރަން ރައްޔިތުންނަށް، ގައުމަށް އިތުބާރުކޮށް މި ސަރަހައްދަށް މި އައީ."

ތިލަދުންމަތީ އުތުރުބުރިޔަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރުން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އިފްތިތާހުކޮށްދެއްވަނީ.

އޮފްޝޯ ބަންކަރިން ހިދުމަތް

  • އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ އެސްޓީއޯއިން

  • އެސްޓީއޯއިން ފުރަތަމަ ހިދުމަތް ދޭނީ ދެ ބާވަތެއްގެ އުޅަނދުތަކަކަށް؛ އެއީ ލަގްޒަރީ ޔޮޓާއި ބޯޓުތަކަށް ބޭނުންވާ މެރިން ގޭސް އޮއިލް (ޑީސަލް) އާއި ބޮޑެތި އާގުބޯޓުފަހަރަށް ބޭނުންވާ 'ވެރީ ލޯ ސަލްފާ ފިއުލް އޮއިލް'

  • ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތައް ދޭނީ އެމްޕީއެލްއިން

  • ހިދުމަތް ފެށީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުންކޮށްގެން

  • ހިދުމަތް ފުޅާކުރަން އެ ސަރަހައްދުގައި ސްޓޯރޭޖު ވެސް ގާއިމްކުރަން ވަނީ ރާވާފައި

'މިއީ އެއްވެސް ރައީސަކަށް ނުކުރެއްވުނު ކަމެއް'

ބަންކަރިން ހިދުމަތް ފެށުމަކީ ދިގު އިންތިޒާރެއްގެ ނިމުމެވެ. މިއީ ކުރިން ވެރިކަން ކުރެއްވި ރައީސުން ވެސް ކުރިއަށްގެންދަން މަސައްކަތްކުރެއްވި ކަމެކެވެ. އެކި ސަބަބުތަކާ ހުރެ ކާމިިޔާބުނުވީ އެވެ. ސައީދު ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވީ އެކަން ތަކުރާރުވިޔަ ނުދިނުމަށެވެ. ހުވަފެނެއް ފެނި، ވާހަކަތަކެއް ދެކެވި، ކަންތައްތަކެއް ކުރަން ފޮތުގައި ލިޔެ، އަމަލުނުކޮށް ހުންނަ ވެރިއަކަށް ނުވުމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައެއްނުގަނަވަ އެވެ. އެ އުނިކަން ފޫބައްދަވަން ނަމަވެސް އެމަނިކުފާނަށް ތައުރީފުކުރެއްވުމުގައި ސައީދު އެންމެ ބަހެއް ވެސް އުނިނުކުރައްވަ އެވެ.

ވެރިކަމުގެ 45 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒީ)ގެ ނަމުގައި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ހިއްސާ އޮންނަ ކުންފުންޏެއް އެކުލަވައިލި ސަބަބު ވެސް އޮޅުންފިލުވައިދެއްވި އެވެ. ބޭނުމަކީ ރާއްޖޭގެ  އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ދިވެހިންގެ އަތްމަތީގައި ބާއްވައި އެއީ އެ ކުންފުނިން ކުރާ ކަމެއްގެ ގޮތުގައި ހެދުމެވެ.

އިއްޔެ ފެށި ބަންކަރިންގެ ހިދުމަތަކީ އެ ކުންފުނީގެ އެންމެ ފުރަތަމަ މަޝްރޫއު އެވެ. ވެރިކަމުގެ ކުރީކޮޅުގައި ފެށި އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް، އަދި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް، މިކަމުގެ އެންމެ ތަޖުރިބާކާރު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ އެކު އެސްޓީއޯއިން ފެށީ، ސައީދު ވިދާޅުވި ގޮތުގައި، އެންމެ ހައެއްކަ މަސް ދުވަހުގެ ތެރޭގަ އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

'ޝައްކު ކުރަންވީ؛ މިސާލަކަށް ބަލަންވީ ދުބާއީގެ ފެށުން'

ސަރުކާރުން ބަންކަރިން ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އައިއިރު އަދި އެކަން ކުރާ މޮޑެލްއަށް ބައެއް ސިޔާސީ ބޭފުޅުންގެ ފާޑުކިޔުން އަމާޒުވި އެވެ. މިއީ ކިހާ ދުވަހެއް ވަންދެން ދެމެހެއްޓޭނެ ކަމެއްތޯ ސުވާލު އުފެއްދެވި އެވެ.

"މިކަން ކުރަން ތެދުވިއިރު ވަރަށް ގިނަ ޝައްކުކުރާ ބައެއް އިސް ފަރާތްތައް ތިބި. އޭގެ ތެރޭގައި ދައުލަތުން ލައްކައިން މުސާރަ ނަންގަވާ ބޭފުޅުން ވެސް ވަހުމް އުފައްދައި، ޝައްކު ކުރުވައި، މިކަން ވިޔަނުދިނުމަށްޓަކައި ފައިވިއްދާފައި، އަޒުމް ކަނޑައަޅައިގެން، ދެ ލައްކައެއްހާ ރުފިޔާގެ މުސާރަ ނަންގަވައިގެން ހަމަ ރެ އާއި ދުވާލު ބޮޑެތި ވާހަކަތައް ދައްކަމުން ދިޔައީ،" ސައީދު ވިދާޅުވި އެވެ.

ބަންކަރިން ފެއިލްކުރަން މަސައްކަތްކުރެއްވި ބޭފުޅުންނަށް ސައީދު ރައްދުދެއްވީ މީގެ 50 އަހަރު ކުރިން މަސްދޯންޏެއްގައި ފުރަތަމަ އިންޖީނު އެޅި ވާހަކަ އާއި ޓޫރިޒަމްގެ ޅަފަތުގައި ދެކެވުނު ބައެއް ވާހަކަތަކާ ގުޅުވައިގެންނެވެ.

"އޭރުގެ ރައީސް ނާސިރު އިންޖީނު އަޅަން މަސައްކަތްކުރީމަ ބައެއް އޮޑިވެރިން ބުނެފައި އެބަ ހުއްޓޭ، ބަލަ މަސްއައިންތައް ފިލާނޭ، ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ ތީކީ. ފަންސާސް އަހަރު ފަހުން މިއަދު ކޮންމެ ދޯންޏެއް، ކޮންމެ އޮޑިއެއް ވެސް ދަނީ ބޮޑު އިންޖީނަކާ ދިމާލަށް. މަސްއައިންތަކެއް ނުފިލާ. ބާނަން ހުރި މަސް ގިނައީ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް އެހެން ސިނާއަތްތަކާއި ދުބާއީ ފަދަ ހަނަފަސް ސަހަރާއެއްގައި ބަންކަރިން ފުޅާވެގެންދިޔަ ގޮތުން މިސާލު ނަގަން ޖެހޭ ކަމަށް މިނިސްޓަރު ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވި. (ދައުރު ފޮޓޯ)

ފަތުރުވެރިކަން ފަށަން އުޅުނުއިރު ގެނައި ބައެއް ކޮންސަލްޓެންޓުންގެ ވާހަކަތައް ވެސް ހުރީ، ސައީދު ވިދާޅުވި ގޮތުގައި، ހަމަ އެފަދަ ގޮތަކަށެވެ. އެ މީހުން ދިން ލަފަޔަކީ ރާއްޖެއަކީ ފަތުރުވެރިކަން ކުރެވޭނެ ކަހަލަ ސިފަތަކެއް ހުރި ގައުމެއް ނޫން ކަމަށާއި އެ އިންފްރާސްޓްރަކްޗާ ނެތް ކަމަށެވެ.

ނަމަވެސް އޭރު އޮތް ސަރުކާރުން ގަދަ ފައި ވިއްދައި، އެކަން ކުރުމުގެ ފުރުސަތު ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުމުގެ ނަތީޖާއަކީ، އޭގެ 50 އަހަރު ފަހުން މިއަދު ދުނިޔޭގެ އެންމެ ޕްރިމިއަމް ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެ ވުމެވެ. ސައީދު ވިދާޅުވީ މި ސަރުކާރުން މިއަދު ކުރަނީ އެފަދަ މަސައްކަތެއް ކަމަށެވެ.

"ޝައްކު ކުރަންވީ. އަޅުގަނޑު ނެތިން 100 މިލިއަން ޑޮލަރު، 200 މިލިއަން ޑޮލަރު ކިޔާކަން. އަޅުގަނޑުމެންނަށް އެންމެ ރަނގަޅެއް ނޫންތޯ ހަރަދު ކަނޑާފައި 1،000 ޑޮލަރު ލިބުނަސް ފައިދާއަށް. ކަމެއް ކުރަން އުޅެގެން ކަމެއް ކުރެވޭނީ. ތެލުގެ ވިޔަފާރިއަކީ ވޮލިއުމް ވިޔަފާރިއެއް. ކެޕިޓަލް އިންވެސްޓްމަންޓެއް ނޫން މީގައި މުހިންމީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ތިން ވަނަ މިސާލު ޖެއްސެވީ ދުބާއީއަށެވެ. އެންމެ ފުރަތަމަ ދުބާއީއަށް ވެސް ބޮޑެތި ބޯޓުފަހަރު ގެނެސް، 'އޮޅުކުރީ'، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ކުޑަ ހަރަދެއްގައި، އެއްވެސް އަގެއް ނުނަގަ އެވެ. އަދި ހިދުމަތުން އަގު ނަގަން ފެށީ ޝިޕިން ޓްރެފިކް އެތަަނަށް ގެންގޮސް، އޮޅުކުރުމަށް ފަހު އެވެ.

ދުބާއީގެ ޕޯޓް ރާޝިދުގައި ކްރޫޒް ޝިޕަކަށް ބަންކަރިން ހިދުމަތް ދެނީ.

"ސުވާލަކީ މި ވިޔަފާރި ފަށާނީ އާދައިގެ ގޮތެއްގައިތޯ ނޫނީ ބޮޑު ބިމެއް ހިއްކާފައި ޕޯޓު ހަދާފައި ހުރިހާ ކަމެއް ކޮށްފައި ދެން އިންތިޒާރެއްގައި ތިބޭނީތޯ ބޯޓެއް ވަދޭތޯ. ކޮބައިތޯ މީގެ އެންމެ އިކޮނޮމިކް ގޮތަކީ؟" ސައީދު ވިދާޅުވި އެވެ.

މިކަމުގައި ކުރިއަށްދާން އެންމެ ރަނގަޅު ގޮތަކީ، އޭނާ ވިދާޅުވި ގޮތުގައި، މި ފަންނުގެ ތަޖުރިބާހުރި، ދުނިޔޭގައި މިކަން ކުރާ ބައެއްގެ ފަހަތުގައި އެ ބަޔަކާ އެއްކޮށް މި ވިޔަފާރި ފަށައިގެން އޮފް-ޕޯޓް ފެސިލީޓީއެއް ގޮތުގައި ހިދުމަތް ފަށައިގެން އެ ބައެއްގެ މާކެޓުން ބޯޓުފަހަރު ގެނެސްގެން މިތަނަށް އޮޅުކުރުމެވެ.

"އެސްޓީއޯއިން ގަނެފައި ހުރި ބޯޓުތައް މި ހިރީ ފެންނަން. އެމްޕީއެލްގެ މަސައްކަތް އެހެރީ ފެންނަން،" ރަށުގެ އިރުމަތީ ފަރާތު ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަށް އިޝާރާތްކުރައްވަމުން ސައީދު ވިދާޅުވި އެވެ.

"އާދެ ކަސްޓަމަރެއް އެބަ އޮތް. ކަސްޓަމަރެއް، އަޅުގަނޑުމެންގެ ޕްރޮޑަކްޓް މިއަދު އެ ގަންނަނީ. އަޅުގަނޑު ބަލާކަށް ބޭނުމެއް ނޫން ކޮން ކަސްޓަމަރެއްތޯ ވެސް ގަންނަނީ. އެހެން ނަމަވެސް މީގެ ކުރިން ސިލޯނުން ފިއުލްކުރާ ބައެއް މިއަދު ރާއްޖެއިން ފިއުލް އެ ކުރަނީ."

އިހަވަންދިއްޕޮޅުގައި މިއަދު ފެށި އޮފްޝޯ ބަންކަރިން ހިދުމަތުގައި ބޭނުންކުރާ ދެ ތެޔޮ ބާޖު. (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

ރާއްޖެ: ބަންކަރިންއަށް އެންމެ ރަނގަޅު ސަރަހައްދުގައި

ވިޓޯލްއިން ރާއްޖޭގައި ބަންކަރިން ހިދުމަތް ފަށަން ބައިވެރިވާން ނިންމި މައިގަނޑު ދެ ސަބަބެއް އެބަ އޮތެވެ. އެއް ސަބަބަކީ މިކަމަށް ސަރުކާރާއި އެސްޓީއޯގައި އޮތް ޝައުގުވެރިކަމެވެ. އަދި އަނެއް ކަމަކީ ރާއްޖެ އޮތް ލޮކޭޝަން އެވެ.

"ރާއްޖެ މި އޮތީ ބަންކަރިންއަށް ވަރަށް ރަނގަޅު ސަރަހައްދެއްގައި. އެއީ މައި ޝިޕިން ލޭން (8 ޑިގްރީ ޗެނަލް)އާ އިންވެގެން. ބަންކަރިން ހިދުމަތްތަކަށް މިއީ [މައި ޝިޕިން ލޭންއަކާ އިންވެގެން އޮތުމަކީ] މުހިންމު ކަމެއް،" ވިޓޯލް އިންޓަނޭޝަނަލް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު އަދި ވީޓޯލްގެ ބަންކަރިން ޑިވިޝަން، ވީ ބަންކާސްގެ ހެޑް ރިޝާބް ބާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައި ޝިޕިން ލޭނަކާ އިންވެގެން އޮތުމަކީ ރޮޓަޑަމް، ސިންގަޕޫރު އަދި ފުޖައިރާއިން ވެސް ފާހަގަވި އެއްގޮތް ސިފައެކެވެ.

އާ ބަނދަރެއް ތަރައްގީކުރުމަކީ ވަގުތު ހޭދަވާ ކަމެއް ނަމަވެސް، ވިޓޯލްއާ ގުޅިގެން ކުރިއަށްދިއުމުން ރާއްޖެއަށް ފަސޭހަތަކެއް ލިބެން ހުރިކަން އޭނާގެ ވާހަކަތަކުން ދޭހަވެ އެވެ.

ވިޓޯލްއަކީ ބޮޑެތި ޝިޕިން ލައިންތަކުގެ ސަޕްލަޔަރަކަށް ވުމާ އެކު ބޮޑު ނެޓްވޯކެއް އެ ކުންފުނީގައި އެބަ އޮތެވެ. ފުޖައިރާ، ރޮޓަޑަމް، ސިންގަޕޫރު އަދި އެމެރިކާގައި ވެސް ބަންކަރިންގެ ހިދުމަތް ދޭކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި ވޮލިއުމް އިތުރުކުރާނެ ގޮތްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި މި ސަރަހައްދުން ކުރިއެރުން ފެންނާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

ވިޓޯލް އިންޓަނޭޝަނަލް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު އަދި ވީޓޯލްގެ ބަންކަރިން ޑިވިޝަން، ވީ ބަންކާސްގެ ހެޑް ރިޝާބް ބާލް. (ދައުރު ފޮޓޯ)

ބަންކަރިންގެ ސަރަހައްދީ ބަނދަރުތަކާ ރާއްޖެއަށް ވާދަކޮށްލެވޭނެތަ؟

މި ސުވާލުގެ ޖަވާބުގައި ރިޝާބް ވިދާޅުވީ ވާދަވެރިކަން އުފެދެނީ ހަމައެކަނި ތެޔޮ ވިއްކާ އަގުން ނޫން ކަމަށެވެ.

ބަނދަރު އޮންނަ ސަރަހައްދާއި ބޯޓުފަހަރުން ބަނދަރުކުރަން ދާން ޖެހޭ ދުރުމިން އަދި މޫސުމަކީ ވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

"އަވައްޓެރި ގައުމުތަކުގައި މުޅި އަހަރު ތެރޭގައި ބަންކަރިން ހިދުމަތެއް ނުދޭ. ރާއްޖެއިން ފެންނަނީ، މި ތަނުގެ މޫސުން އޮންނަ ގޮތުން މުޅި އަހަރުގައި ވެސް މި ހިދުމަތް ދެވިދާނެކަން،" ރިޝާބް ވިދާޅުވި އެވެ.

'300 ބޯޓުން %1 ލިބުނަސް އޮންޕޯޓް ފެސިލިޓީއެއް ފެށޭނެ'

ހއ. އަތޮޅާއި މަލިކާ ދެމެދުގައި އޮންނަ 8 ޑިގްރީ ޗެނަލުން ދުވާލަކު 300 ވަރަކަށް ބޯޓު ދަތުރުކުރެ އެވެ. އެއީ ބަންކަރިންއާ ގުޅޭ މަސައްކަތެއް ރާއްޖޭޭގައި ކުރިޔަސް ނުކުރިޔަސް އެހެން ދަތުރުކުރާ ބޯޓުފަހަރެވެ.

ސައީދު ސުވާލު އުފެއްދެވީ ބަންކަރިން ވިޔަފާރި ނުފަށާ ތިބެ، ރާއްޖެ ހުރަސްކޮށް ދުވާލަކު ދަތުރުކުރާ 300އެއްހާ ބޮޑެތި ބޯޓުފަހަރުގެ އެންމެ ޕަސެންޓެއް ވެސް، ބަންކަރިން ވިޔަފާރި ނުފަށާ ގެންނާނީ ކިހިނެއް ކަމާ މެދު ހެއްޔެވެ. އެ ބޯޓުތައް ރާއްޖެ ކައިރިން ލާފައި ދަތުރުކުރަމުންދާއިރު "ހަމަ ތިބެންވީތޯ" އެވެ.

"މި ޓްރެފިކްގައި އެސްޓީއޯ ޓާގެޓުކުރަނީ އެންމެ ޕަސެންޓަކަށް ކަމުގައި ވިޔަސް، އަޅުގަނޑުމެންނަށް މި ތަނުގައި އޮންޕޯޓް ފެސިލިޓީއެއް ފެށުމަށް ހެޔޮވަރު އަދަދެއް އެއީ. އެހެންވީމަ އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ސައީދު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި އޮފްޝޯ ބަންކަރިންގެ ގޮތުގައި ފެށި ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫނެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު: އޭނާ ވިދާޅުވީ ބިން ހިއްކައިގެން ރަނގަޅު ފިއުލް ފާމްއަކާއި ބަނދަރެއް ގާއިމުކުރުމަކީ ދާއިމީ ހައްލެއް ކަމަށް. (ދައުރު ފޮޓޯ)

"އަޅުގަނޑުމެންގެ ދާއިމީ ހައްލަކީ މި ސަރަހައްދު މި އޮތް ސްޓްރެޓީޖިކް ލޮކޭޝަންގައި ބިން ހިއްކައިގެން މި ތަނުގައި ރަނގަޅު ފިއުލް ފާމްތަކަކާއި ރަނގަޅު ޕޯޓެއް ގާއިމްކޮށް،  މުސްތަގްބަލުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށް ހިދުމަތް ދިނުން،" ޝިމާދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް