އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބަންކަރިން ހިދުމަތް އަމާޒު ކުރާނީ ބޮޑެތި ފާއިދާ ނެގޭނެ އުޅަނދުތަކަށް: ޝިމާދު
މިއަދު އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ހިދުމަތް އަމާޒު ކުރަނީ ބޮޑެތި ފައިދާ ނެގޭ އުޅަނދުތަކަށް ހިދުމަތް ދިނުމަށް ކަމަށް އެ މަޝްރޫއު ހިންގާ ތިން ކުންފުނީގެ ތެރޭ ހިމެނޭ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުއްވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝިމާދު މިގޮތަށް ވިދާޅުވީ، ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓްފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެއްޓުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - އެ މަޝްރޫއު ހިންގުމުގައި ބައިވެރިވަނީ ރާއްޖޭގެ ފަރާތުން އެސްޓިއޯ އާއި އެމްޕީއެލް އަދި އޭގެ އިތުރުން ބައިނަލްއަގުވާމީ ޕާޓްނަރެއްގެ ގޮތުގައި ވިޓޯލްއިންނެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ، ވިޓޯލްއާއެކު މި މަޝްރޫއޫ ހިންގުމަށް ސޮއިކޮށް މާކެޓް ކުރި ހިސާބުން ވިޓޯލްއަށް ދުނިޔޭގެ އެކި ހިސާބުން އިންކުރަރީސްތައް އަންނަ ފެށި ކަމަށެވެ.
"ވިޓޯލް އާއި އެސްޓީއޯ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖެ ސަރަހައްދުން މިދާ ލަގްޝަރީ ވެސެލްތަކަށާއި ނީޝް މާކެޓްތަކަށް [ހިދުމަތް ދޭން] މާނައަކީ، އަޅުގަނޑުމެންނަށް ބޮޑެތި ފައިދާ ލިބޭނެ ވެސެލްތަކަށް ޓާގެޓްކޮށް އެ ވެސެލްތަކަށް ހިދުމަތް ދޭން،" އޭނާ ވިދާޅުވި އެވެ.
"ހަމަ މިހެންދާ ކޮންމެ ބޯޓަކަށް ސާވިސް ދިނުމެއް ނޫން."
ފުރަތަމަ ފަށައިގަންނާނީ ދެ ވައްތަރެއްގެ ބޯޓުތަކުން ކަމަށް ޝިމާދު ވިދާޅުވި އެވެ. އެއީ:
-
ލަގްޝަރީ ޔޮޓް އަދި ބޯޓުތަކަށް ބޭނުންވާ މެރިން ގޭސް އޮއިލް ނުވަތަ ޑީސެލް
-
ބޮޑެތި އާގުބޯޓުތަކަށް ބޭނުންވާ ވެރީ ލޯ ސަލްފާ ފިއުލް އޮއިލް (ވީއެލްއެސްއެފްއޯ)
"ވިޓޯލްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެން މި މަޝްރޫއު މި ފަށަނީ، ފާޑަކަށް ޒީރޯ ވޯކިން ކެޕިޓަލްްއެއްގައި. މާނައަކީ، އަޅުގަނޑުމެންނަށް ތެޔޮ ފޯރުކޮށްދޭނީ ވިޓޯލްއިން. ތެޔޮ ވިއްކުމަށްޓަކައި ވިޓޯލްއިން އެހީތެރިވެދޭނެ އަދި ތެޔޮ ވިއްކައިގެން ލިބޭ ފައިސާއިން އަޅުގަނޑުމެން ވިޓޯލްއަށް ހޭދަ ކުރާނަން،" އޭނާ ވިދާޅުވި އެވެ.
މި ހިދުމަތް ދިނުމަށް އިންފްރަސްޓްރަކްޗާ ގާއިމްކުރުމަށް ވެސް ވީޓޯލްއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންކަން ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ:
-
އޮފްޝޯގައި މި ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫން
-
ދާއިމީ ހައްލަކީ އިހަވަންދިއްޕޮޅު އޮތް ސްޓްރެޓެޖިކް ލޮކޭޝަންގައި ބިން ހިއްކައިގެން، ރަނގަޅު ފިއުލް ފާމްތަކާއި ރަނގަޅު ޕޯޓެއް ގާއިމްކުރުން
-
އޭގެ ނަތީޖާއަކީ، މުސްތަގުބަލުގައި ޒަމާނީ ވަސީލަތްތަކާއެކު މި ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުން