އިހަވަންދިއްޕޮޅުގައި މިއަދު ފެށި އޮފްޝޯ ބަންކަރިން ހިދުމަތުގައި ބޭނުންކުރާ ދެ ތެޔޮ ބާޖު. (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށައިފި
އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓްފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ ބަންކަރިންގެ ހިދުމަތް ފައްޓަވައި ދެއްވީ މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ތިލަދުންމަތީ އުތުރުބުރިޔަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.
އެ ހަފްލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސަރުކާރުގެ އެހެން އިސްވެރިން އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ކުންފުނީގެ ބޯޑު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތަފްސީލު - މި ހިދުމަތުގެ ދަށުން:
-
އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ އެސްޓީއޯއިން
-
ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތައް ދޭނީ އެމްޕީއެލްއިން
އިހަވަންދިއްޕޮޅުގައި ފްލޯޓިން ބަންކަރިންގެ ހިދުމަތް ފެށީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުންކޮށްގެންނެވެ. އަދި މުސްތަގުބަލުގައި ހިދުމަތް ފުޅާކުރުމަށްޓަކައި އެ ސަރަހައްދުގައި ސްޓޯރޭޖު ވެސް ގާއިމްކުރަން ވަނީ ރާވާފަ އެވެ.
މި ދެބޯޓަކީ:
-
މިފަދަ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލްއާރު ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ދެ ބޯޓު
-
މިއީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓު
އެނގުން މުހިންމު - އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.
އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެ އެވެ.
އެސްޓީއޯއިން ބުނާ ގޮތުގައި ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު ވެސް އޭގެ %1އަށް ހިދުމަތް ދެވުނު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވާނެ އެވެ.
ކޮމެންޓް (1)
އިހްވަން އިހަވަން