ތައުލީމު

ސްކޮލާޝިޕް ހޯދި ދަރިވަރުން އެހެން ދަރިވަރުންނަށް: މިއީ ނުވާނެ ކަމެއްް ނޫން، ބޭނުންވަނީ ހިތްވަރު

މިދިއަ ބުރާސްފަތިދުވަހުގެ ރޭ 139 ދަރިވަރަކު ވަނީ ރައީސްގެ ސްކޮލާޝިޕް އާއި ހައި އެޗީވާސް އެވޯޑް ހޯދާފައި. މިއީ މިދިއަ އަހަރުގެ އޭ ލެވެލްގެ ރަން ވަނަތައް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކޮށްގެން ރައީސް މުހައްމަދު މުއިއްޒް އާއި އެކި މިނިސްޓަރުންގެ އަތްޕުޅުން ސްކޮލާޝިޕްގެ ލިއުން އެ ހޯދި 139 ދަރިވަރުންނަކީ، ކުރިމަގުގައި ރާއްޖޭގެ މުސްތަގުބަލުގެ މުހިންމު ބަޔަކަށް ވާނެ އެވެ.

އެ ދަރިވަރުންނަށް މިއީ ފަހުރުވެރި ކާމިޔާބީއެކެވެ. ބުރަ މަސައްކަތުން ލިބުނު ސަރުކާރުގެ ސްކޮލާޝިޕްތަކާ އެކު މަތީ ތައުލީމުގެ ދަތުރަށް މިހާރު ވަނީ ތައްޔާރު ވެސް ވެފަ އެވެ.

މި 139 ދަރިވަރުންގެ ތެރޭގައި އޭ ލެވެލްގެ ފަސް މާއްދާއިން އޭ ސްޓާ ހޯދައި ރައީސްގެ ހާއްސަ ސްކޮލާޝިޕް ލިބުނު 19 ދަރިވަރުން ހިމެނެ އެވެ. އަނެއް 120 ދަރިވަރުންނަކީ އޭ ލެވެލްގައި ފަސް މާއްދާއިން އޭ ފާހަށް ވުރެ މަތިން ނަތީޖާ ހޯދި ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ލިބެނީ ހައި އެޗީވާސް ސްކޮލާޝިޕެވެ. މި ސްކީމްގެ ދަަށުން ވެސް ދުނިޔޭގެ ކޮންމެ ތަނެއްގައި ޑިގްރީއަށް ކިޔަވަން ސަރުކާރުން ހަރަދުކުރެ އެވެ.

"ވަރަށް އުފާވި ﷲ އިރާދަފުޅުން ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ޑިގްރީ ހާސިލް ކުރާނެ ގޮތް ކަށަވަރުވެގެން މިދިޔައީ. އަޅުގަނޑު ކުޑައިރުއްސުރެ ކުރަމުން އައި އުންމީދެއް ޔޫކޭއިން ޑިގްރީ ހާސިލްކުރުމަކީ،" އަހްމަދިއްޔާ ސްކޫލުން އޭ ލެވެލް ހެދި އަހްމަދު ނާއިޝް ބުންޏެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރެއް ކަމަށްވާ ރިޔާޝާ އަލީއަށް ވެސް މިއީ ކުޑަ އިރުގެ ހުވަފެނެއް ހަގީގަތަކަށް ވުމެވެ.

"ހިތަށްއެރި މިއީ ބެލެނިވެރިންނާއި ޓީޗަރުން ވެސް ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއޭ މި ލިބުނީ،" ރިޔާޝާ ބުންޏެވެ.

އުމުރުން 20 އަހަރުގެ އަހްމަދު އިސްމާއިލް އާސިމްއަށް އެރޭގެ ރަސްމިއްޔާތު ވަރަށް ހާއްސަ އެވެ. ކުރިން ކޮންމެ އަހަރަކު ވެސް އެ ހަފުލާ ބަލަމުން އައީ ގޭގައި އިނދެ ޓީވީންނެވެ. ނަމަވެސް މިފަހަރު އެ ސްޓޭޖަށް އެރުމުގެ ފުރުސަތު އޭނާއަށް ވެސް ލިބުނީ އެވެ.

"އެންމެ ކުޑަ އިރުން ފެށިގެން ވެސް އަބަދުވެސް މި ރަސްމިއްޔާތު ބަލަމުން އައީ. އެ ޖޯޝް ހުރޭ. ކިޔަވަން ބޭނުންވޭ އަބަދުވެސް،" އައްޑޫ ހައި ސްކޫލްގެ ދަރިވަރު ބުންޏެވެ.

"މި އެވޯޑް ހާސިލް ކުރަމީ އަބަދުވެސް ކުރަމުން އައި އުންމީދެއް. ދެކެމުން އައި ހުވަފެނެއް."

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔާ، ހައި އެޗީވާސް ސްކޮލާޝިޕް އެވޯޑް އާސިމްއާ ހަވާލުކޮށްދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ސަރުކާރުގެ ފުލް ސްކޮލާޝިޕް ހޯދުމުގެ އުފާ ލިބުނު ބައެއް ދަރިވަރުން އޭ ލެވެލްއަށް ކިޔަވަމުން އައީ ކޮވިޑް-19ގެ ފުރަބަންދުގަ އެވެ. އެ ދަރިވަރުންނަށް އެތައް ހުރަސްތަކެއް ދިމާވި އެވެ. އޭގެ ތެރެއިން އެއް ދަރިވަރަކީ އައްޑޫ ހައި ސްކޫލްގެ އަބްދުﷲ މީސަމް މުހައްމަދެވެ.

"މިފަހަރު ވަރަށް އުނދަގޫތަކާ އެކު މި ސްކޮލާޝިޕް ލިބިގެން މިދިޔައީ. އޭ ލެވެލް ފެށީ ކޮވިޑް ތެރޭގައި. ލޮކްޑައުން ތެރޭ ކިޔަވަން ފެށީމާ ވަރަށް އުނދަގޫތަކެއްވި،" އުމުރުން 20 އަހަރުގެ މީސަމް ބުންޏެވެ.

ބައެއް ދަރިވަރުން އުފަން ރަށް ދޫކޮށް މަތީ ސާނަވީއަށް ކިޔަވަން އައީ މާލެއަށެވެ. އެގޮތަށް އާއިލާއާ ވަކިން އުޅެން ޖެހުމުން ބައެއް ދަރިވަރުންނަށް އުނދަގޫތަކާ ކުރިމަތިވި އެވެ. ނަމަވެސް ހަޔާތުގައި ކަންކަން ކާމިޔާބުވަނީ އެތައް ބުރައެއް އުފުލައިގެންނެވެ. އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އައިޝަތު އާލާ ރަޝީދަކީ އޭގެ ތެރެއިން އެކެކެވެ.

"ގްރޭޑް 10 ނިންމީ ރަށު ސްކޫލުން. އޭ ލެވެލް ކިޔަވަން މާލެއަށް ބަދަލުވީ މަންމަމެންނާ ދުރަށް. ސްޓްރޭންޖާސް ކައިރީގައި އެކަނި ހުރެގެން ކިޔަވަން ފެށީ،" އާލާ ބުންޏެވެ.

"ފުރަތަމަ ދުވަސްކޮޅު ދިޔައީ ވަރަށް ދަތިކޮށް. އާ މާހައުލަކަށް ހޭނި، އާ ސްކޫލެއްގައި، އާ ދަރިވަރުންނާ އެކު، އާ ގޮތްތަކަކަށް ކިޔަވަން ޖެހުނީ."

ހެލްތް މިނިސްޓަރު އަަބްދުﷲ ހަލީލުގެ އަތްޕުޅުން ހައި އެޗީވާސް އެވޯޑްއާ އާލާ ހަވާލުވަނީ (ފޮޓޯ/ ރައީސް އޮފީސް)

ނަމަވެސް އޭގެ ފަހުގެ ނަތީޖާއަކީ ސަރުކާރުގެ ސްކޮލާޝިޕް ކަށަވަރުވުމެވެ. މިދިއަ އަހަރު މުޅި ރާއްޖެއިން އޭ ލެވެލް ހެދި 1،400 ދަރިވަރުންގެ ތެރެއިން އެންމެ މަތީ ހަރުފަތުގައި ނިންމި ދަރިވަރުންގެ ތެރޭގައި ހިމެނުމެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރުން ވަނީ އޭ ލެވެލްއަށް ކިޔަވަމުން އަންނަ އެހެން ކުދިންނަށް ހިތްވަރުގެ އެތައް ބަހެއް ބުނެފަ އެވެ. އެ ދަރިވަރުން ބުނި ގޮތުގައި މި އެވޯޑް ހާސިލްކުރަން އޮތް އެންމެ ބޮޑު އެއް ކަމަކީ އަޒުމް ކަނޑައެޅުމެވެ. ގަދައަށް މަސައްކަތް ކުރެވެ. ހިތްވަރު ދޫނުކުރުމެވެ. 

"މިހާރު ކިޔަވާ ކުދިންނަށް ބުނަން އޮތީ، ހިތަށްނާރުވާށޭ މިއީ ނުވާނެ ކަމެކޭ. މަސައްކަތްކޮށްފިއްޔާ ކޮންމެ ކުއްޖަކަށް ވެސް ވާނެ. ހަމަ ބޭނުންވަނީ، ކުޑަކުޑަ ހިތްވަރެއް،" ރިޔާޝާ ބުންޏެވެ.

ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ސްކޮލާޝިޕް ލިބުނު ދަރިވަރުން: މިއީ މިދިއަ އަހަރުގެ އޭ ލެވެލްގައި އެންމެ މޮޅު ކުދިން (ފޮޓޯ/ ރައީސް އޮފީސް)

"ކަމެއް ކުރަން ބޭނުމިއްޔާ ހިތްވަރާ އެކު މަސައްކަތް ކުރާށޭ. އަޒުމް ވަރުގަދަކޮށްގެން، މިސްޓޭކެއް ހެދުނަސް ދޫކޮށްނުލާށޭ، އޭރަށް ކާމިޔާބު ވާނީ،" މީސަން ބުންޏެވެ.

"ހީވެދާނެ މޮކް އެގްޒާމުން ދަށްވީމާ އެ ނިމުނީކަމަށް. އެކަމަކު އެހެނެއް ނުވާނެ،" އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން ސީއެޗްއެސްސީގެ ދަރިވަރު މުހައްމަދު މާހިލް ވަހީދު ބުންޏެވެ.

"މޮކްއިން އަޅުގަނޑަށް ލިބުނީ ދަށް މާކްސްއެއް. އެކަމަކު އެވަރުން ވެސް އޭ ލެވެލްއިން އޭ ސްޓާ ލިބުނީ. އެހެންވީމާ އެފަޓް ލައިގެެން ހަމަ ކިޔަވަންވީ. އެފަޓް ލައިފިއްޔާ އޭގެ ރިވާޑްސް ރަނގަޅުވާނެ." 

ބޭނުންވަނީ އެނބުރި އައިސް ގައުމަށް ހިދުމަތް ކުރަން

މަތީ ސާނަވީ އިމްތިހާނުތަކުން މަތީ ފާސް ހޯދައިގެން ސަރުކާރުގެ ހަރަދުގައި ބޭރުން ކިޔަވަން ފުރުސަތު ލިބޭ މިދަރިވަރުން އެނބުރި އައިސް ގައުމަށް ހިދުމަތް ނުކުރާ ވާހަކަ އަބަދުވެސް ދައްކަ އެވެ. އެހެން ވާން ޖެހޭ ސަބަބުތަކެއް ވެސް ހުރެ އެވެ. އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވެސް އެކަމަށް އިޝާރާތް ކުރެއްވި އެވެ.

ރައީސް އެދިވަޑައިގެންނެވީ ކިޔަވައިގެން ރާއްޖެ އައިސް ގައުމަށް ހިދުމަތްކުރުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ ދަށުން އިނގިރޭސި ވިލާތުން ކިޔަވާވިދާޅުވި ރައީސް މުއިއްޒު ވަރަށް މުހިންމު ވައުދެއް ވެސް ވެވަޑައިގަތެވެ. އެމަނިކުފާނު ވިދާޅުވީ ބޭރުން ކިޔަވާ މޮޅު ދަރިވަރުންނަށް ކުރިއަށް އޮތް ތަނުގައި ބޮޑު މުސާރަ ދޭން ބަޖެޓްގައި 200 މިލިއަން ރުފިޔާ ހިމަނާނެ ކަމަށެވެ.

'ދައުރު'އާ ވާހަކަ ދެއްކި ގިނަ ދަރިވަރުން ބުނީ ކިޔަވައިގެން އެނބުރި އައިސް ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ކަމަށެވެ. އޭގެ ތެރެއިން އެކަކީ އާސިމް އެވެ. އޭނާ ބުނިގޮތުގައި މި އެވޯޑް ލިބުމަކީ އަދި ކާމިޔާބީއެއް ނޫނެވެ.

"ކާމިޔާބަކަށް ވާނީ އެ އެވޯޑް ލިބިގެން، އޭގެ ބޭނުންކޮށްގެން ލިބޭ ތައުލީމަކުން ދިވެހި ރާއްޖެއަށް ކޮށްދެވޭ ހިދުމަތެއް. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކާމިޔާބަކީ. އަޅުގަނޑުގެ އުންމީދަކީ ރާއްޖެއަށް ބޭނުންތެރި ހިދުމަތްތަކެއް ކޮށްދިނުން،" އާސިމް ބުންޏެވެ.

ސައިންސް ޓްރީމުން އޭ ލެވެލް ހެދި އިސްމާއިލް މިހާރު މަސައްކަތް ކުރަމުން އަންނަނީ އެކައުންޓިން ދާއިރާގަ އެވެ. މަތީ ތައުލީމު ހާސިލްކުރާނެ ވަކި ދާއިރާއެއް އޭނާ އަދި ނުނިންމަ އެވެ.

ރައީސް މުހައްމަދު މުއިއްޒްއާ އެކު މީސަން ސެލްފީއެއް ނަގަނީ: އޭނާ ބޭނުންވަނީ ކިޔަވައިގެން އައިސް ރާއްޖޭގައި ހިދުމަތް ކުރަން (ފޮޓޯ/ ރައީސް އޮފީސް)

"މުސްތަގުބަލުގައި އަޅުގަނޑު ބޭނުންވަނީ މެޑިސިން ކިޔަވައިގެން އެނބުރި ގައުމަށް އައިސް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން،" މީސަން ބުންޏެވެ.

ރިޔާޝާ ނިންމައިގެން ހުރީ ރާއްޖެ އެންމެ ކުރިއަރާފައިވާ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރުމަށެވެ.

"މިހާރު ވިސްނާފައި އޮތީ ޓުއަރިޒަމް މެނޭޖްމަންޓް ދާއިރާއިން ކުރިއަށްދާން. އެއީ ވަރަށް ކުޑައިރު ވެސް ވަރަށް ބޮޑު ޑްރީމެއް ދެން ރާއްޖޭގައި އެންމެ މަޝްހޫރު، އެންމެ އާމްދަނީ ލިބޭ ދާއިރާއަކީ ވެސް އެއީ. ހިތަށްއެރީ މިއީއޭ ރާއްޖެއަށް ކޮންޓްރިބިއުޓް ކުރަން އޮތް ދާއިރާއަކީ،" ރިޔާޝާ ބުންޏެވެ.

ސްކޮލާޝިޕް ލިބުނު ގިނަ ދަރިވަރުން މި އަހަރު ބޭރަށް ފުރާނެ އެވެ. މިއީ އެ ދަރިވަރުންގެ ކުޑައިރުގެ ވަރަށް ބޮޑު އުއްމީދެއް ހާސިލްވުމެވެ. އެ ކުދިންނާއި މައިންބަފައިންގެ މޫނުމަތިން އެރޭ ފެނުނު އުފާވެރިކަނ،ް އެކަމަށް ހެކިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް