'އަންވެއިލިން ވިޝަންސް 2024' ގެ ކުރެހުމެއް: އާންމުންގެ ތަރުހީބު އަންނަނީ ބޮޑުވަމުން (ފޮޓޯ/ ރައީސް އޮފީސް)
މެކްއާ މެދު އާޓިސްޓުން އޮއްސާލަނީ ޝަކުވާ އާއި ތުހުމަތުތައް
މުހިންމު ނުކުތާތައް
އާޓިސްޓުންގެ ހުނަރުގެ ބޭނުން ހިފައިގެން މެކްގެ ބޯޑު މެމްބަރުން ނަހަމަ ގޮތުގައި ފައިދާ ނަގާކަމަށް ބައެއް އާޓިސްޓުން ތހުމަތުކުރޭ؛ މެކް އިން އެކަން ދޮގުކުރޭ
ޔޫވީ ފަދަ އިވެންޓުތަކުން ހޯދާ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ބުނެ ބައެއް އާޓިސްޓުން ވަނީ މެކްގެ އަހަރީ ރިޕޯޓުތަކާއި ހަރަދުތައް ހާމަކުރަން ގޮވާލާފައި
އާޓިސްޓުންގެ މެދުގައި ގުޅުން ބަދަހިކޮށް، އާޓިސްޓުން ކުރިއަރުވަން މެކް އިން އިތުރު ހަރަކާތްތައް ހިންގަން ޖެހޭނެ ކަމަށް ވެސް ބައެއް އާޓިސްޓުން ދެކޭ
ގައުމީ އާޓް ގެލަރީގެ ފާރުތައް ފަޅުފިލުވައިދީފައި ހުރީ ދިވެހި ފަންނުވެރިންގެ ހުނަރުވެރިކަމުންނެވެ. އެކި ކުލަތަކާއި އިހުސާސްތަކާއި މައުލޫއުތައް ރަމްޒުކޮށްދޭ ވަރަށް ތަފާތު ކުރެހުންތަކެކެވެ. ބަލާލަން ރީތި، މާނަ ފުން، އަގުހުރި މަސައްކަތްތަކެކެވެ.
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް)އިން ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިންތިޒާމްކުރާ އަންވެއިލިން ވިޝަންސް (ޔޫވީ)އަކީ ރާއްޖޭގެ އާޓިސްޓުންގެ އުފެއްދުންތައް ދައްކާލާ އެންމެ ބޮޑު މައުރަޒެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ އާޓިސްޓުންގެ ހުނަރުވެރިކަން ފެންނަ މި މައުރަޒުގެ މަގުބޫލުކަން އަހަރުން އަހަރަށް އަންނަނީ ބޮޑުވަމުންނެވެ. މިދިޔަ މަހު ޔޫވީގެ ހަތްވަނަ މައުރަޒު ކާމިޔާބު ކަމާ އެކު ނިންމާލީ، އެ އިވެންޓަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް އާންމުން ޒިޔާރަތް ކުރި އަހަރުގެ ގޮތުގަ އެވެ.
ނަމަވެސް އޭގެ އަނެއްކޮޅުން، މި މައުރަޒު ރާވައި ހިންގާ ގޮތާ މެދު އާޓިސްޓުންގެ ތެރޭގައި ކަންބޮޑުވުން ވެސް ދަނީ މައްޗަށެވެ.
"އަންވެއިލިން ވިޝަންސް އާއި މެކްގެ މަގުބޫލުކަން އިތުރުވެ އެމީހުންނަށް އެތައް ސްޕޮންސަރުންނެއް ލިބެމުންދާ އިރު، އަދި ނޭޝަނަލް އާޓް ގެލަރީ ވެސް މި އިވެންޓު ބާއްވަން ހިލޭ ލިބޭ އިރު، އަދި ޕްރިންޓިން ފަދަ ހުރިހާ ކަމެއް ވެސް ސްޕޮންސަރުން މެދުވެރިކޮށް ކުރާ އިރު، އަޅުގަނޑުގެ ސުވާލަކީ ކީއްވެހޭ އިވެންޓަށް ވަންނަން 25 ރުފިޔާގެ ފީއެއް ނަގަނީ؟" މަޝްހޫރު ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް ސުވާލު އުފެއްދި އެވެ.
ކަންބޮޑުވުން ފާޅުކުރި ފަންނުވެރިންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ މި އިވެންޓުގެ އިންތިޒާމްތަކާއި ފައިސާގެ ކަންކަމުގައި ދެފުށް ފެންނަ މިންވަރު ކުޑަވުމެވެ.
"އަހަރެމެންގެ ޓެލެންޓް ބޭނުންކޮށްގެން ހިންގާ އެގްޒިބިޝަނެއްގައި އަހަރެމެންނަށް އެނގެން ޖެހޭނެ އެ މީހުންނަށް ލިބޭ ފައިސާގެ އަދަދު އަދި އެ ފައިސާ ބޭނުންކުރާ ގޮތް،" އަންވެއިލިން ވިޝަންސްގެ އެކި މައުރަޒުތަކުގައި ބައިވެރިވެފައިވާ އާޓިސްޓެއް، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަމުން، ބުންޏެވެ.
"އަޅުގަނޑަށް ހީވަނީ [ޔޫވީގައި ބައިވެރިވާ] ހުރިހާ އާޓިސްޓުންނަށް ވެސް ކޮންމެވެސް އެއްޗެއް ލިބެން ޖެހޭނެހެން. ކެޓަލޮގް އާއި ޓިކެޓު ވިއްކައިގެން ލިބޭ ލާރީގެ ކޮންމެވެސް އިންސައްތައެއް ނަމަވެސް،" މިއީ ވެސް ބައިވެރިއެއްގެ ހިޔާލެވެ.
ސުވާލުތައް ފުނިޖެހެނީ، ޖަވާބެއް ނެތް
އަންވެެއިލިން ވިޝަންސްގެ މި އަހަރުގެ މައުރަޒުގައި އެކި އުމުރުފުރާގެ 105 އާޓިސްޓުންގެ އުފެއްދުންތައް ބައިވެރިކުރި އެވެ. ގިނަ އަދަދެއްގެ ޒުވާނުންނާއި 18 އަހަރު ނުފުރޭ އުންމީދީ އާޓިސްޓުންގެ ހުނަރު ވެސް ވިދާލި އެވެ. ދިވެހި ފަންނުވެރިންގެ ޗާލު މަސައްކަތްތައް އެއް ތަނަކުން މިގޮތަށް ފެނުމުން ފަހުރުވެރިވެ، ރާއްޖޭގެ ފަންނުވެރިކަމުގެ ކުރިމަގާ މެދު އުންމީދު އާވެ އެވެ.
ކުރެހުންތެރިން އެކި މީޑިއަމްތަކުގައި ތައްޔާރުކުރާ އާޓްވޯކްތައް ދައްކާލާ މި މައުރަޒުގައި، އެ އާޓްވޯކްތައް ގަތުމުގެ ފުރުސަތު މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ވަނީ ހުޅުވާލައިފަ އެވެ. އަންވެެއިލިން ވިޝަންސް މިހާރު ވެފައިވަނީ އާޓިސްޓުންގެ މަސައްކަތްތަކަށް ސަމާލުކަން ހޯދާ، އާންމުންނަށް ފެނިދެނިވެ، އެހެނިހެން އާޓިސްޓުންނާ ގުޅުން ބަދަހި ކުރަން ފަންނުވެރިންނަށް ލިބޭ އެންމެ ބޮޑު ޕްލެޓްފޯމަށެވެ.
'ދައުރު'އާ ވާހަކަ ދެއްކި އާޓިސްޓުން ވެސް އެކަން ފާހަގަކޮށް، ޝުކުރުވެރިވި އެވެ.
ނަން ނުޖަހާ ގޮތަށް ކުރިން ވާހަކަދެއްކި އާޓިސްޓަކު ފާހަގަކުރި ގޮތުގައި:
-
ކުރިޔާ އަޅާބަލާއިރު މިހާރު އެ މައުރަޒަށް ޒިޔާރަތް ކުރާ މީހުން ވަރަށް ބޮޑުތަނުން އިތުރުވެއްޖެ
-
އާޓިސްޓުންގެ މެދުގައި ވެސް އިިވެންޓް މަގުބޫލުވެ ތަފާތު އެކި ވައްތަރުގެ އުފެއްދުންތެރި މަސައްކަތްތައް މި އަހަރު ބައިވެރިކޮށްފައިވޭ
-
އާޓްގެ މިފަދަ ބޮޑު އިވެންޓެއް ކޮންމެ އަހަރަކު ބާއްވާތީ، މުޖުތަމައުގެ ތެރޭގައި އާޓްއާ މެދު މީހުން އިތުރަށް ހޭލުންތެރިވެ، އާޓްއާ މެދު ދެކޭ ގޮތަށް ހެޔޮ ބަދަލުތަކެއް ދަނީ އަންނަމުން
"މެކް އިން މި ކުރާ ކަންތައް އަޅުގަނޑުމެން ބަލައިގަންނަން. މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު އިވެންޓް. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި [މެކް އިން] މިކަން ކުރަނީ އެހާ ދެފުށް ފެންނަ ގޮތަކަށް ނޫން،" މައުރަޒުގެ ބައިވެރިޔާ ބުންޏެވެ.
އެހެން ބައެއް އާޓިސްޓުންގެ ފަރާތުން ވެސް ސުވާލުތަކާއި ކަންބޮޑުވުންތައް އިވުނެވެ. އަހަރަކަށް ވުރެ އަހަރެއް އިވެންޓު ބޮޑުވަމުންދާ އިރު، ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އެ ބައިވެރިން ގަބޫލުކުރެ އެވެ.
އަހަރެމެންގެ ޓެލެންޓް ބޭނުންކޮށްގެން ހިންގާ އެގްޒިބިޝަނެއްގައި އަހަރެމެންނަށް އެނގެން ޖެހޭނެ އެ މީހުންނަށް ލިބޭ ފައިސާގެ އަދަދު އަދި އެ ފައިސާ ބޭނުންކުރާ ގޮތް
އަންވެއިލިން ވިޝަންސްގައި މިފަހަރު ބައިވެރިވި އާޓިސްޓުންގެ ތެރެއިން 'ދައުރު'އާ ވާހަކަދެއްކި ހުރިހާ އާޓިސްޓުންގެ މެދުގައި ވެސް ހުރީ އެއްކަހަލަ ޝަކުވާތަކެކެވެ. އެ މީހުން ފާހަގަކުރި ބައެއް ކަންކަމަކީ:
-
މެކް އިން މައުރަޒުގައި ބައިވެރިކުރާނެ އާޓިސްޓުން ނަގަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް ނޭނގޭ؛ އާޓްވޯކް ބަލައިގަތުމާއި ރިޖެކްޓް ކުރުން އޮންނަނީ 'ނީޓްނެސް'އަށް ބަލާފައި ކަމަށް ބުނި ނަމަވެސް، އެކަން ނިންމަނީ ކިހިނެއް ކަމެއް ވެސް ނޭނގޭ
-
އާޓިސްޓުންނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް، ނުވަތަ މަގުދައްކައިދިނުމެއް ނޯވޭ؛ ބައެއް ޒުވާނުން މަސައްކަތް ވިއްކާނެ އަގު ކަނޑައަޅާނެ ގޮތެއް ނޭނގިގެން އެހީއަށް އެދުމުން އެކަމަށް ވެސް އެކަށީގެންވާ އެހީތެރިކަމެއް ނުލިބުނު
-
މައުރަޒު ބޭއްވި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރި؛ ވަނުމުގެ ފީއެއްގެ ގޮތުގައި އެ އެންމެންގެ އަތުން ބޮލަކަށް 25 ރުފިޔާ ނެގި ނަމަވެސް އެ ފައިސާ އަށް ހަދާ ގޮތެއް ނޭނގޭ
-
ޔޫވީގައި ބައިވެރިކުރި ހުރިހާ މަސައްކަތްތަކެއް ހިމަނާފައިވާ ކެޓަލޮގެއް ވެސް މިފަހަރު މެކް އިން ދަނީ ވިއްކަމުން؛ 350ރ. އަށް ވިއްކާ އެ ފޮތުގައި އާޓިސްޓުންގެ މަސައްކަތް ހިމެނުނު ނަމަވެސް ފޮތް ވިއްކައިގެން ލިބޭ ފައިސާ އިން އެއްވެސް މިންވަރެއް އާޓިސްޓުންނަކަށް ނުލިބޭ
-
ޔޫވީގައި ބައިވެރިވުމާއި އާޓްވޯކް ތައްޔާރުކޮށް ގެލަރީއަށް ގެނައުމުގެ ހުރިހާ ހަރަދެއް ކުރަން ޖެހެނީ އާޓިސްޓު އަމިއްލައަށް؛ ބޮޑު ހަރަދުކޮށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އާޓްވޯކް ނުވިކޭ ނަމަ އާޓިސްޓަށް އެއްވެސް ކަހަލަ އަގެއް ނުވަތަ މަންފާއެއް ނުލިބޭ
"ރަށްރަށުން ވެސް ވަރަށް ގިނަ ކުދިން އާދޭ [ޔޫވީގައި ބައިވެރިވާން]. އެކުދިންގެ ހުރުމާއި ކެއުމަށް ވެސް ވަރަށް ބޮޑު ހަރަދެއް ކޮށްފައި އަންނަނީ،" އާޓިސްޓަކު ފާހަގަކުރި އެވެ.
އޭނާ ބުނިގޮތުގައި އާޓްއަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެ މީހުން މައުރަޒަށްޓަކައި އެ ހޭދަކުރި ނަމަވެސް، އާޓްވޯކް ނުވިކިއްޖެ ނަމަ އެއީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.
ފައިސާ ނުލިބުމަށް ވުރެ ވެސް އާޓިސްޓުންނަށް ބޮޑީ، ޔޫވީ މެދުވެރިކޮށް މެކްއަށް ލިބޭ ފައިސާއަށް ވާނުވާ އެ މީހުންނަށް ނޭނގުމުގެ ކަންބޮޑުވުމެވެ. މެކް އިން 'ދައުރު'އަށް ބުނި ގޮތުގައި މި އަހަރުގެ ޔޫވީއަށް ޓިކެޓު ގަނެގެން 6،000އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ. އަދި ޕްރިންޓްކުރި 300 ކެޓަލޮގް ތެރެއިން 100އެއްހާ ކެޓަލޮގް ވިކިފައިވާ ކަމަށް ވެސް ބުންޏެވެ. އެހެންކަމުން:
-
ޓިކެޓު ވިއްކައިގެން 150،000ރ. އަށް ވުރެ ގިނައިން ލިބިފައިވާނެ
-
ކެޓަލޮގް ވިއްކައިގެން ގާތްގަނޑަކަށް 35،000ރ. ލިބިފައިވާނެ؛ މެކް އިން ބުނީ ބާކީ ނުވިކި ހުރި ކެޓަލޮގްތައް ވިއްކުމުގެ ވިސްނުމެއް ނެތް ކަމަށް
-
ޓިކެޓާއި ކެޓަލޮގް ވިއްކައިގެން ލިބުނު ފައިސާގެ ޖުމްލަ މަދުވެގެން 185،000ރ. އަށް އަރާ؛ މި ފައިސާ މި އަހަރު ޔޫވީގައި ބައިވެރިވި އާޓިސްޓުންގެ މެދުގައި އެއްވަރަކަށް ބަހާލައިފި ނަމަ ބޮލަކަށް 1،700ރ. އަށް ވުރެ ބޮޑު އަދަދެއް ޖެހޭ
"އަހަރެން ގަބޫލުކުރަނީ މެކްއިން މިކަމުގައި ކޮންމެހެން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް. އަހަރެމެންގެ ޓެލެންޓް ބޭނުންކޮށްގެން ހިންގާ އެގްޒިބިޝަނެއްގައި އަހަރެމެންނަށް އެނގެން ޖެހޭނެ އެ މީހުންނަށް ލިބޭ ފައިސާގެ އަދަދު އަދި އެ ފައިސާ ބޭނުންކުރާ ގޮތް،" އާޓިސްޓަކު ބުންޏެވެ.
"ވަރަށް ގިނަ އާޓިސްޓުން އެބަ ދައްކާ މިވާހަކަ. އެމީހުން ވެސް ބުނަނީ މި އިވެންޓް 'އިޒް ރިގްޑް' އޭ. [މެކް އިން] އާޓިސްޓުން 'އެކްސްޕްލޮއިޓް' ކުރަނީއޭ."
އާޓިސްޓުން ކުރިއެރުވުންތަ، ނޫނީ ފައިދާ ނެގުންތަ؟
ޔޫވީ ރާވާ ހިންގަމުން އަންނަ މެކްއަކީ އާޓިސްޓުން ކުރިއަރުވާ، އާޓިސްޓުންނަށް ފުރުސަތު ފަހިކޮށްދީ، އަލަށް އުފެދިގެން އަންނަ ޒުވާން އާޓިސްޓުންނަށް ދާއިރާގައި ފައިހަމަކޮށްދޭން އެހީތެރިވުމުގެ މަގްސަދުގައި ޖެނުއަރީ 2016ގައި އުފެއްދި ޖަމިއްޔާއެކެވެ. އެ މަގުން ރަނގަޅު މަސައްކަތްތަކެއް މެކް އިން ފުރަތަމަކޮޅު ކުރި ނަމަވެސް މިހާރު އެ ޖަމިއްޔާގެ މަގްސަދު އޮޅިފައިވާ ކަމަށް ބައެއް އާޓިސްޓުން ތުހުމަތުކުރެ އެވެ.
ޑިޖިޓަލް އާޓިސްޓް ޝިމްހާގް ވަނީ، އިވެންޓުގެ ހުރިހާ ހަރަދަކަށް ސްޕޮންސަރުންގެ އަތުން ފައިސާ ލިބޭ އިރު، މައުރަޒަށް ޒިޔާރަތްކުރާ މީހުންގެ އަތުން 25 ރުފިޔާގެ ފީއެއް ނެގުމާ މެދު އޭނާ އުފައްދާ ސުވާލު މެކްގެ ބޯޑަށް ވެސް ކުރިމަތިކޮށްފަ އެވެ. މީގެ އިތުރުން، ޖަމިއްޔާގެ ހައިސިއްޔަތުން މެކްއިން ތައްޔާރުކުރާ އަހަރީ ރިޕޯޓާއި މިދިޔަ އަހަރުގެ އަންވެއިލިން ވިޝަންސް ހަރަކާތުގެ ހަރަދުތަކާ ގުޅޭ ރިޕޯޓް ހާމަކުރަން ވެސް ބޯޑު މެމްބަރުން ގާތު މީގެ ކުރިން އެދިފައިވާނެ ކަމަށް ޝިމްހާގް ބުންޏެވެ. ނަމަވެސް އޭނާ ބުނީ، އެއިން އެއްވެސް ސުވާލަށް މިހާތަނަށް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.
"މެކްގެ އެންމެ ކުރީގެ އެއް މެމްބަރުގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލުކުރަނީ މެކް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ޑިމާންޑް ކުރުމުގެ ހައްގު އަޅުގަނޑަށް ލިބޭ ކަމަށް، އަދި އެހެން އާޓިސްޓުން ވެސް އެގޮތަށް އެކަން ކުރަން ޖެހޭނެ ކަމަށް،" ޝިމްހާގް ބުންޏެވެ.
މެކްއަށް ފައިސާ ވަންނަ ގޮތާއި ހަރަދުކުރާ ގޮތް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހާމަނުކުރާ ކަމަށް ތުހުމަތުކުރުމުގެ އިތުރުން، އާޓިސްޓުންގެ ހުނަރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މެކްގެ ބޯޑު މެމްބަރުން މަންފާ ހޯދާ ކަމުގެ ތުހުމަތުތަކެއް ވެސް އާޓް ކޮމިއުނިޓީގެ ތެރެއިން ދަނީ އަމާޒުވަމުންނެވެ.
"މެކް އަކީ ފައިދާ ހޯދަން އުފައްދާފައި އޮތް ޕްރައިވެޓް ކުންފުންޏެއް ނަމަ މި ވާހަކައެއް ނުދައްކާނަން. [އެކަމުގައި] އެއްވެސް މައްސަލައެއް ވެސް ނެތް. އެކަމަކު އެންޖީއޯއެއްގެ ގޮތުގައި މިހެން އޮޕަރޭޓް ކޮށްގެން ނުވާނެ،" މައްސަލައިގެ ބާވަތުން ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަދެއްކި ތަޖުރިބާކާރު ފަންނުވެރިޔަކު ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި:
-
މިދިޔަ އަހަރު ވެސް ޔޫވީ ބޭއްވީ އެތައް ސްޕޮންސަރުންނެއްގެ އެހީތެރިކަމާ އެކު؛ އޭގެ އިތުރުން ޓިކެޓު ވިއްކައިގެން ވެސް ފައިސާ ހޯދި
-
މި އަހަރު ވެސް ޔޫވީ ބޭއްވީ ސްޕޮންސަރުންގެ އެހީގައި ހަމަ އެންޓްރަންސް ފީ ނަގައިގެން
"މިދިޔަ އަހަރާއި މި އަހަރާ ދޭތެރޭގައި އެމީހުން އިތުރު އެއްވެސް އިވެންޓެއް ނުބާއްވަންޏާ މެކް އިން ކީއްކުރީ އެހެންވެއްޖެއްޔާ؟ އެ ލާރިއަށް ކިހިނެއްވީ؟" އޭނާ ސުވާލު އުފެއްދި އެވެ.
މެކް އިން އާޓިސްޓުން ކުރިއަރުވާކަމަށް ބުނި ނަމަވެސް، އޭނާގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، އަސްލު ހަގީގީ މާނައިގައި އާޓިސްޓުން ކުރިއަރުވަން މެކް އިން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެންނަކަމެވެ.
"އެ މީހުންނަކީ ރާއްޖޭގެ އާޓިސްޓް ކޮމިއުނިޓީއޭ ބުނަނީ. އެހެންވިއްޔާ ކޮބާ ވޯކްޝޮޕްތައް؟ ކޮބާ ކޮމިއުނިޓީ؟ އަސްލު ކޮން ކަމެއް ކުރަނީ..؟ [ޔޫވީގައި ބައިވެރިވާ ޒުވާނުންނަށް ވެސް] ނުލިބޭ އެއްވެސް ކަހަލަ ކޮންސްޓްރަކްޓިވް ފީޑްބެކްއެއް، އެއްވެސް ކަހަލަ ޓްރެއިނިންއެއް، އެއްވެސް ކަހަލަ ސަޕޯޓެއް. ޔޫވީ އެނައުންސް ކޮށްލާފައި، އިވެންޓް ބާއްވާލާފައި، ސެޓިފިކެޓެއް ދީފައި ނިންމާލަނީ،" އޭނާ ބުންޏެވެ.
މީގެ އިތުރުން ވެސް މެކްއާ ބެހޭ ގޮތުން ފާހަގަކުރި ބައެއް މައްސަލަތަކަށް އޭނާ އަލިއަޅުވާލި އެވެ. އޭގެ ތެރޭގައި:
-
ރާއްޖޭން ބޭރުގެ އާޓް އިވެންޓުތަކުގައި ބައިވެރިވާން މެކްއަށް ލިބޭ ފުރުސަތުތަކުގައި އަބަދުވެސް ފޮނުވަނީ ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނޭ މީހުން؛ އެހެން އާޓިސްޓުންނަށް އެ ފުރުސަތެއް ނުލިބޭ
-
މީގެ ކުރިން މެކް އިން އާޓިސްޓުން ކުރިއަރުވަން ލެކިއުޓްއާ ގުޅިގެން ކުދި މައުރަޒުތައް ބާއްވާ، އެފަދަ ކަންކަން ކުރަން ވަރަށް ބޮޑަށް އެހީތެރިވެދީފައިވޭ؛ ނަމަވެސް ފަހަކަށް އައިސް އާޓިސްޓުންގެ ސޯލޯ އެގްޒިބިޝަންތައް ބޭއްވުމަށް މެކްއިން އެއްވެސް ވަރަކަށް އެހީތެރިކަން ފޯރުކޮށްދީފައެއް ނުވޭ
-
މެކްގެ ބޯޑު މެމްބަރުން ހޮވާ ގޮތެއް ނޭނގޭ؛ އެކަމުގެ އިޖުރާއަތު ވެސް އޮންނަނީ ދެފުށް ފެންނަ ގޮތަކަށް ނޫން
-
ހަރުދަނާ މެމްބާޝިޕް ޕްރޮސެސްއެއް ނޯވޭ އަދި ކުއާޓާލީ މީޓިންތަކެއް ނުބާއްވާ
ބޯޑުގައި ހިނގާ ކަންކަން ކުރީގެ ބޯޑު މެމްބަރެއްގެ ދުލުން
ފާއިތުވެ ދިޔަ އަހަރުތަކުގައި، މެކްގެ ހިންގުމަށް އައި ބަދަލުތައް ގާތުން ފެނިފައިވާނެ އެކަކީ، ކްރިއޭޓިވް ޑައިރެކްޓަރެއްގެ މަގާމުގައި މެކްގެ ބޯޑު މެމްބަރެއްގެ ގޮތުގައި މީގެ ކުރިން ހުރި ކޮންސެޕްޗުއަލް އާޓިސްޓް މުސްތަފާ މުހައްމަދު (ކުލަ ފިހި) އެވެ. އޭނާ މެކްގެ ބޯޑަށް ތިން އަހަރުގެ ދެ ދައުރަށް ހޮވުނެވެ. ނަމަވެސް ދެވަނަ ދައުރު ނިމުމުގެ ކުރިން، މި އަހަރުގެ ކުރީ ކޮޅު އޭނާ ވަނީ އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދީފަ އެވެ.
ފުރަތަމަ 2019ގައި ބޯޑަށް ހޮވުނު އިރު، އޭނާއަކީ ވަރަށް ހަރަކާތްތެރިކަމާ އެކު މެކްގެ ކަންކަމުގައި އުޅުނު ފަންނުވެރިއެކެވެ. އޭރު ވެސް ބޯޑުގައި ތިބީ، ގާތްގަނޑަކަށް މިހާރުވެސް ބޯޑުގައި ތިބި މީހުންނެވެ.
"އޭރު އަހަރެމެން ވަރަށް ފައިޓު ކުރާ ކަމެއް އިވެންޓުތައް ބާއްވާއިރު ފަންޑު ނުލިބިގެން އެހެން އުޅެން ޖެހޭ ޖެހުން. މިހާރު ވެއްޖެއްޔާ ޕްރޮޕޯޒަލްއެއް ހަދާލާ އިރަށް ލިބޭނެ،" އޭރު މެކް އިން ބާއްވާފައިވާ ބޮޑު އެގްޒިބިޝަނެއް ނެތުމުން، ސްޕޮންސާ ހޯދަން ދައްކާނެ އެއްޗެއް ނެތްކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
މުސްތަފާ އިތުރަށް ކިޔައިދިން ގޮތުގައި:
-
އޭރު ކޮންމެ ދުވަހަކަށް އާޓް ގެލެރީ ދޫކުރާނީ، އާޓްއާ ގުޅުންހުރި ކަންކަމަށް ދުވާލަކަށް 3،000ރ. އަށް، އެހެން ކަންކަމަށް 11،000ރ. އަށް
-
އެހެންވެ އޭރު އެގްޒިބިޝަން ބާއްވަން ބޮޑެތި ފަންޑު ބޭނުންވޭ؛ އެވަރަށް ފަންޑު ނުލިބިގެން ފައިސާ ހޯދަން މިނިސްޓްރީތަކަށް ގޮސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު
-
އޭރު 200،000ރ. ވަރު ލިބުނަސް އާޓް ގެލެރީ ނެގުމަށާއި ޕްރިންޓް ކުރުމުގެ ކަންކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެއީ މާ ބޮޑު އެއްޗަކަށް ނުވޭ؛ ނަމަވެސް އޭރު ފައިސާގެ ކަންކަން ދިޔައީ ވަރަށް ދެފުށް ފެންނަ ގޮތަށް
"[ދެން] 2021ގެ ފަހުން، އެހިސާބުން އާޓް ގެލެރީ ލިބެން ފެށި ފްރީކޮށް. އެހެންވީމަ އެއްވެސް ބޮޑު ހަރަދެއް ނުދާނެތާ އެކަމަކަށް. ދެން 'ތިންކް' އާއި ޕްރިންޓްކުރާ ތަންތަނުން ވެސް އޭރު ސްޕޮންސާ ލިބޭ. ދެން އިންނާނީ ވަނަ ލިބޭ ކުދިންނަށް ދޭ ފައިސާގެ އިނާމު. އެކަމަކު އެއީ 5،000ރ.، 3،000ރ.، ވަރު،" އެހެންކަމުން، ފަހަކަށް އައިސް ޔޫވީއަށް މާ ބޮޑު ހަރަދެއް ކުރަން ނުޖެހޭކަން ގަބޫލުކުރަމުން މުސްތަފާ ބުންޏެވެ.
ހާއްސަކޮށް، މިހާރު ހުރިހާ ކަމަކަށް ސްޕޮންސަރުން ލިބޭ އިރު، އޭނާ ގަބޫލުކުރަނީ، ހަރަދުތައް ފޫބައްދަން މެކްއިން ޓިކެޓާއި ކެޓަލޮގް ވިއްކަން ނުޖެހޭނެ ކަމަށެވެ. އާޓިސްޓުންގެ މަސައްކަތް ހިމަނައިގެން އެފަދަ ކެޓަލޮގެއް ވިއްކާ ނަމަ، އޭގެ އިންސައްތައެއް ކޮމިޝަންގެ ގޮތުގައި އާޓިސްޓުންނަށް ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.
'ދައުރު'އާ ވާހަކަ ދައްކަމުން 26 އަހަރުގެ ޒުވާން އާޓިސްޓް ފާހަގަކުރި އެއް ވާހަކަ އަކީ، "ބޯޑު މެމްބަރުންނަށް ކޮންމެ މަހަކު ފައިސާ ލިބޭ ގޮތަށް ހަދަން" 2021 ހިސާބުގައި މަޝްވަރާ ކުރެވުނު ކަމެެވެ. ނަމަވެސް ބޯޑު މެމްބަރުން އެ އުސޫލުން ފައިސާ ނަގަން ފެށި ކަމެއް އޭނާއަކަށް ޔަގީނެއް ނޫނެވެ.
ސަބަބަކީ އެހިސާބަށް ދިޔަ އިރު، އޭނާއަކީ ބޯޑު މެމްބަރެއްގެ ގޮތުގައި ހުއްޓަސް 'ނަމެއްގައި' ހުރި މީހަކަށް ވުމެވެ. ބޯޑުން ނަގާ ބޮޑެތި ނިންމުންތަކާ ބެހޭ މައުލޫމާތާއި، ކަންކަން ކުރާ ގޮތުގެ ތަފްސީލެއް މުސްތަފާއަކަށް ނޭނގެ އެވެ.
"ގާތްގަނޑަކަށް ދެތިން އަހަރު ކުރިން ފެށިގެން ބޯޑު މީޓިންތަކަށް ވެސް ނުކިޔާ،" އޭނާ ބުންޏެވެ.
މުސްތަފާ ގަބޫލުކުރާ ގޮތުގައި އޭނާ އެގޮތަށް ދުރުކޮށްލާފައި ހުރީ އެމީހުންގެ ވިސްނުމާ އޭނާގެ ވިސްނުން އެއްގޮތް ނުވެފައި، އެމީހުންގެ ހިޔާލުތަކާ މާ ގިނައިން ދެކޮޅުހެދޭތީ އެވެ. އިސްތިއުފާ ދޭން ޖެހޭ ހިސާބަށް ވެސް ދިޔައީ، އޭނާ ބުނިގޮތުގައި، އެ ސަބަބުތަކާ ހުރެ އެވެ.
މިސާލަކަށް އޭނާ ނެގީ، އޭރު ވެސް އާޓިސްޓުން ބޯޑާ ހަމައަށް ގެންނަ ޝަކުވާތައް ބޯޑު މެމްބަރުންނަށް މުހިއްމު ނުވުމެވެ. މައުލޫމާތު ނޭނގިގެން، އާޓްވޯކް ވިއްކާ އިރު އަގު ހަދަންވީ ގޮތް ނޭނގިގެން، ޔޫވީއަށް ކުދިން ހޮވާ އިރު ބަލާ ކަންތައްތަކެއް ނޭނގިގެން އެކި އާޓިސްޓުން އޭރުވެސް ކަންބޮޑުވުން ފާޅުކުރިކަން އޭނާ ފާހަގަކުރި އެވެ.
"ބޯޑުން އެފަދަ ޝަކުވާތަކަށް ޖަވާބެއް ނުދިނުން އެއީ އަޅުގަނޑަށް އެހާ ބަލައިގަނެވުނު ކަމެއް ނޫން. ކިތައްމެ ކުޑަ ކުއްްޖަކަސް ކިތައްމެ އާދައިގެ މީހަކަސް ވާހަކަ ދައްކަން ޖެހޭނެ ކަމަށް ގަބޫލުކުރަނީ،" މުސްތަފާ ބުންޏެވެ.
"އޭރު ވެސް އަންނަ ޝަކުވާތައް މިހާރު ވެސް އެ އަންނަނީ. އެ މައްސަލަތައް ހުންނަތާ އެތައް އަހަރެއް ވެއްޖެ. އެތައް އަހަރެއް ފަހުން ވެސް ރަނގަޅު ނުވަނީ. ރަނގަޅު ނުވީމަ، އެނގެއެއްނު އެއީ ގަސްތުގައި ކަން. އެހެންވީމަ ކަންނޭނގެ މިހާރު އެހާ ބޮޑަށް އެވާހަކަ އެ ދެކެވެނީ."
އެގޮތުން، އޭނާއަށް ފާހަގަކުރެވުނު ބޮޑު އެއް މައްސަލަ ތަފްސީލްކޮށްދެމުން މުސްތަފާ ބުނީ:
-
ޔޫވީގައި ޕްރޮސެސް އޮންނަ ގޮތަކީ، ބައިވެރިވާން ބޭނުންވާ ކުދިން އެޕްލައި ކުރަނީ؛ އެޕްލައި ކުރީމަ، އެކުދިންގެ ނޫނީ އެމީހުންގެ ކުރީގެ މަސައްކަތްތަކަށް ބަލާފައޭ ބުނަނީ ސެލެކްޓް ކުރަނީ
-
އެ ބެލެވެނީ އޭނާގެ ކޮން އާޓްވޯކްތަކަކަށް ކަމެއް، ބެލެވެނީ ކޮން ގޮތަކަށް ކަމެއް، ކާކު ކަމެއް ވެސް ނޭނގޭ؛ ކިއުރޭޓް ކުރަނީ ކާކު ކަމެއް، ކިއުރޭޓް ކުރާ މީހެއްގެ ކޮލިފިކޭޝަންސްއަކީ ކޮބައި ކަމެއް ނޭނގޭ
-
ބައިވަރު އެގްޒިބިޝަންސްގައި ބައިވެރިވެ، ބޭރުގެ އެގްޒިބިޝަންސްގައި ވެސް ބައިވެރިވެފައި ތިބި ކުދިން ވެސް ނުހޮވޭ ފަހަރު ދޭ؛ އެކުދިން އައިސް ބައިވެރި ނުވެވެނީ ކީއްވެތޯ ސުވާލު ކުރޭ
-
އެކަމަކު އެއަށް ދޭނެ ޖަވާބެއް ނޭނގޭ؛ އޭނާއަކަށް ވެސް އެކަން ނިންމާ ގޮތެއް ނޭނގޭ
-
ދެން ކުއްލިއަކަށް ވައިބާ ގްރޫޕެެއް ހަދާލާފައި ބައިވެރިވެވުނު ކުދިންތައް އެޑް ކޮށްލަނީ؛ ބައިވެރި ނުވެވުނު ކުދިންނަށް ބައިވެރި ނުވެވުނު ކަމެއް ވެސް ނޭނގޭ
-
ރާއްޖެއަކީ ކުޑަ ތަނެއް ވީމަ، އެކަކަށް އަނެކަކު އެނގޭތީ 'ހޮވައިފިއޭ، ހޮވައިފިއޭ؛ ތުންތުންމަތިން ކިޔަން ފެށީމަ ނުހޮވޭ ކުދިންނަށް އެކަން އެނގެނީ
-
އެކަމަކު އެއީ އެކަން ކުރަން ރަނގަޅު ގޮތެއް ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ
ރާއްޖެއިން ބޭރުގެ އިވެންޓުތަކުގައި ބައިވެރިވާން ދިވެހި އާޓިސްޓުންނަށް ލިބޭ ފުރުސަތުގެ ކަންކަން ވެސް ދިޔައީ ހަމަ އެފަދަ ގޮތަކަށެވެ. 'ޕްރޮސެސް އަވަސްކޮށްލުމުގެ ގޮތުން' އެފަދަ ފުރުސަތުތައް ލިބިގެންދަނީ ބޯޑުގައި ތިބި މެމްބަރުންނަށް ކަމަށް މުސްތަފާ ވެސް ބުންޏެވެ.
"އެކަހަލަ ކަންކަން ބޯޑުގައި ހުރެފައި ރަނގަޅު ނުކުރެވެންޏާ ވަރަށް އުނދަގޫ ވާނެ ދޯ. އެހެންވެ އަސްލު އަހަރެންނަށް އެތަނުގައި [ބޯޑުގައި] ނުހުރެވުނީ،" މުސްތަފާ ބުންޏެވެ.
"އަހަރެންނަށް އިހުސާސް ކުރެވުނީ، އާޓިސްޓުންނަކީ ވަކި ބައެކޭ، މި އެންމެން [މެކްގެ ބޯޑު] އަކީ ވަކި ބައެކޭ. އެ ފަރަގު ބޮޑުވެގެން ބޯޑުން ދުރުވާން ވިސްނީ."
މުސްތަފާ އިތުރަށް ފާހަގަކުރީ ޔޫވީ އަކީ މިހާރު ރަސްމީ ފަރާތްތަކާ ގުޅިގެން ހިންގާ ހަރަކާތެއްކަމެވެ. ނޭޝަނަލް ސެންޓަރު ފޯ ދި އާޓްސް (އެންސީއޭ) އާ ވެސް ގުޅިގެން އިވެންޓް ބާއްވާ އިރު، މެކް އިން ފަންޑު ހޯދާ ގޮތާއި ބޭނުންކުރާ ގޮތް ބަލަން ޖެހޭނެކަމަށް އޭނާ ގަބޫލުކުރެ އެވެ. އެކަން ގަވައިދާ ހިލާފަށް ކުރާ ނަމަ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
'ފައިސާ ނެގުން ފަދަ ކަމެއް ނުހިނގާނެ'
ޔޫވީގެ ބައިވެރިންނާއި އާޓްގެ ދާއިރާގައި ފައިހަމަކޮށްފައިވާ އާޓިސްޓުންގެ ކަންބޮޑުވުންތައް ގިނަވެ، މި އަހަރުގެ ޔޫވީ ނިންމާލުމުގެ ރަސްމިއްޔާތުގައި މެކްގެ ފަރާތުން ބުނެފައިވަނީ އަހަރީ ރިޕޯޓާއި ޔޫވީގެ ހަރަދުތަކާއި ލިބުނު ފައިސާގެ ތަފްސީލް އާންމުކުރާނެ ކަމަށެވެ.
މެކްގެ ބަހެއް ހޯދަން 'ދައުރު' އިން ގުޅުމުން އެ ޖަމިއްޔާގެ ޗެއާޕާސަން ކަމުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވި އަހުމަދު އަޒްމީ (ބާޗީ) ދެއްވީ، މި އަހަރުގެ އަންވެއިލިން ވިޝަންސް ނިންމުމުގެ ޖަލްސާގައި ޔޫވީގެ ބައިވެރިންނަށް ވެސް އޭނާ ދެއްވި ޖަވާބެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
އަހަރު ނިމުމުގެ ކުރިން އެކްސްޕެންޑިޗާ ރިޕޯޓުތަކާއި އެނުއަލް ރިޕޯޓުތައް އާންމު ކުރާނެ
-
އެ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތީ ވެބްސައިޓަށް މައްސަލައެއް ދިމާވެފައިވާތީ؛ އެ މައްސަލަ މިހާރު ދަނީ ހައްލުކުރަމުން
-
ވެބްސައިޓް އަލުން މަސައްކަތް ކުރަން ފެށުމުން އާންމުންނަށް ވެސް ވެބްސައިޓް މެދުވެރިކޮށް އެ މައުލޫމާތު ފެންނަން ހުންނާނެ
މެކްގެ ހާމަކަމާއި ފައިސާގެ ކަންކަން ހުރި ގޮތާ މެދު އާޓިސްޓުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅިގެން 'ދައުރު'ން ކުރި ސުވާލުތަކަށް ވެސް އަޒްމީ ޖަވާބު ދެއްވި އެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭ މެކްގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވާފައި ވުމުން މެކްގެ ފަރާތުން ވާހަކަދެއްކެވުމުގެ ބަދަލުގައި، އޭނާ އެކަމުގައި ފާޅުކުރެއްވީ އަމިއްލަ ހިޔާލެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
އެންޖީއޯ ހިންގަން ޓިކެޓު ވިއްކައިގެން ފަންޑް ރެއިޒް ކުރުމަކީ މައްސަލައެއް ނޫން؛ އެ ނޫން ގޮތަކަށް ޖަމިއްޔާ ހިންގަން ފައިސާއެއް ނުލިބޭ
-
ކުރިއަށް އޮތް އަހަރުގެ އިވެންޓު ހަމަޖައްސަނީ އެ އަހަރަކު ލިބޭ ޓިކެޓުގެ ފައިސާ އިން ނުވަތަ ސްޕޮންސަރުންގެ ފަރާތުން ލިބޭ އެއްޗަކުން
-
ގިނަ ފަރާތްތަކުން އާޓްވޯކް ވިއްކަން މަގުފަހިކޮށްދޭ ނަމަ އެ ވިއްކާ އާޓްވޯކުން ލިބޭ ފައިސާގެ ވަކި އިންސައްތައެއް ނަގާ؛ ނަމަވެސް މެކް އިން އެގޮތަށް އެއްވެސް އާޓިސްޓެއް އަތުން ފައިސާ ނަގާފައެއް ނުވާނެ
-
ރާއްޖޭގައި ގާނޫނު އޮންނަ ގޮތުން، ޖަމިއްޔާގެ މެމްބަރުންގެ އަތުން ބޭނުމިއްޔާ މެމްބާޝިޕް ފީއެއް ވެސް ނެގޭނެ؛ ނަމަވެސް މެކް އިން އެފަދަ ފީއެއް ނުނަގާ
މެކް އިން އަންވެއިލިން ވިޝަންސް 2023އަށް ހުށަހެޅި ސްޕޮންސާޝިޕް ޕްރޮޕޯޒަލް ޑޮކިއުމެންޓެއް ލީކުވެ، އެކަމާ ގުޅިގެން ވެސް މެކްގެ ބޯޑަށް ބައެއް އާޓިސްޓުންގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ޑޮކިއުމެންޓް 'ދައުރު'އަށް ވެސް ވަނީ ލިބިފަ އެވެ. އޭގައި ވާގޮތުން، އެ ފަހަރުގެ ޔޫވީ އިވެންޓަށް މެކް އިން އެދިފައިވަނީ 400،000ރ. ގެ ސްޕޮންސާޝިޕަކަށެވެ.
ނަމަވެސް އަޒްމީ ވިދާޅުވީ އެ ޑޮކިއުމަންޓުގައި އެދިފައިވާ ވަރަށް އެފަހަރުގެ ޔޫވީއަށް ސްޕޮންސަރުންގެ ފަރާތުން ފައިސާ ނުލިބޭ ކަމަށެވެ. އެގޮތުން، ކެއުމަށާއި ލައިޓިން ފަދަ ކަންކަމަށް ވެސް ބަޖެޓު ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު ކުރަން ޖެހޭ ތަންތަނަށް އެނުއަލް ރިޕޯޓް ވެސް ސަބްމިޓް ކުރަން. މިފަހަރުގެ އެނުއަލް ރިޕޯޓު ވެސް އަންވެއިލިންގެ ކަންކަމާ އެކު ހަމަ ދާނެ. ގާނޫނުގައި އަނެއްހެން ނީނދޭ ޕަބްލިކް ކުރާކަށް، ސަރުކާރަށާއި ކަމާ ބެހޭ އޮތޯރިޓީތަކަށް ހުށަހަޅަން އޮންނަނީ. އެކަން ކުރާނެ،" އަޒްމީ ވިދާޅުވި އެވެ.
އަމިއްލަ ވިޔަފާރީގެ ކަންކަމަށް އިތުރު ވަގުތު ދީ، ޒުވާން އާޓިސްޓުންނަށް ފުރުސަތު ދިނުމުގެ ނިޔަތުގައި އަޒްމީ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވުމުން މިހާރު މެކްގެ ބޯޑުގެ ވަގުތީ ޗެއާޕާސަން އަކަށް ހުންނެވީ، ވައިސް ޗެއާޕާސަން އަލީ ރިޝްވާން (ކާޓްމޭން އައްޔަ) އެވެ.
އާޓިސްޓުންގެ ހުނަރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މެކްގެ ބޯޑު މެމްބަރުން ނުހައްގުން މުއްސަނދިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވާ، ރިޝްވާން ޔަގީންކަން ދެއްވީ، "އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
މި މަހުގެ ތެރޭގައި އެނުއަލް ރިޕޯޓު ވެސް އާންމު ކުރާނެ؛ މި އަހަރުގެ ޔޫވީއަށް ކުރި ހަރަދުތައް ރިޕޯޓުން ފެންނަން ހުންނާނެ
-
އަޒްމީ އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރުމުގެ ކަންކަން ވެސް ދަނީ ކުރިއަށް؛ އެ މަގާމަށް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ
-
ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު މެކްގައި ރަޖިސްޓްރީވެފައި ތިބި ހުރިހާ މެމްބަރުންނަށް ލިބޭނެ؛ ޑިޖިޓަލް މެމްބާޝިޕް ފޯމު މެދުވެރިކޮށް މެމްބަރުންގެ އަދަދު ކަށަވަރު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
ޔޫވީގެ އިތުރުން އާޓިސްޓުންގެ ކުރިއެރުމަށް މެކް އިން ކޮށްފައިވާ ކަންކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ރިޝްވާން ވިދާޅުވީ، މިދިޔަ އަހަރު އެއް ޓްރެއިނިން ޕްރޮގްރާމް ބޭއްވި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބާއްވަން ނިންމާފައިވާ އިވެންޓްތަކުގެ ލިސްޓެއް ހިއްސާ ކުރި އެވެ. އެ ލިސްޓުގައި ވަނީ:
-
ފަރުމާ ފެސްޓިވަލް 2024
-
ފަލަސްތީން މަގު މިއުރަލް ޕްރޮޖެކްޓް
-
ކްރިއޭޓިވް އައިލްސް ޕްރޮޖެކްޓް (ރާއްޖޭގެ ރަށެއްގައި ވޯކްޝޮޕް ބާއްވާ ފާރުތަކުގައި މިއުރަލް ކުރެހުން)
-
އެކްސްކްލޫސިވް ކެލިގްރަފީ އާޓް އެގްޒިބިޝަން
-
އެކްސްކްލޫސިވް ވޯޓާ ކަލާ އާޓް އެގްޒިބިޝަން
-
އެކްސްކްލޫސިވް ވެޓެރަން އާޓް އެގްޒިބިޝަން ވިތު އާޓް ޓޯކްސް
ރިޝްވާން ވިދާޅުވީ، މެކް އިން އާޓިސްޓުން ފާޅުކުރާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި، މަސައްކަތް ކުރާނީ އާޓިސްޓުންގެ ހިޔާލުތަކާ އެކު، އާޓިސްޓުންނާ ގުޅިގެން ކަންކަން ކުރިއަށް ގެންދަން ކަމަށެވެ.
ސުވާލަކީ އެ ވާހަކަ އާޓިސްޓުން ގަބޫލުކުރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
ކޮމެންޓް (7)
ޓުރޫތް
ބްލެކްކޯޑް
ގަޅި
ފޯރމާ އާރޓިސްޓް. ނައު އަރކިޓެކްޓް
މީހެއް
ފޯރމާ އާރޓިސްޓް. ނައު އަރކިޓެކްޓް
ތެފައާސާ.