ލާމަރުކަޒީ ނިޒާމްގެ ހަގީގީ މަންފާ ރަށްރަށަށް ނުލިބޭ ކަމުގެ ޝަކުވާއަށް ނިމުމެއް ނެތް (ފޮޓޯ/ ދިގުރަށު ކައުންސިލް

ކައުންސިލްތައް ކުޑަކުރުމުގެ ވާހަކަ: ވިސްނާލުން މުހިއްމު ކަންކަން

ހަގީގީ މާނައިގައި ރާއްޖެ ލާމަރުކަޒުކުރުމުގެ ބަދަލުގައި އެ ނިޒާމް ބައްޓަންކޮށް، ބަދަލުކުރަމުން އައީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ފައިދާއަށް

ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުކުރިތާ 14 އަހަރު ވެއްޖެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިއަދާ ހަމައަށް އައިއިރު ވެސް އެ ނިޒާމުގައި ހަގީގީ ސިފައެއް ނުޖެހެ އެވެ. ސިޔާސީ އެކި ފަރާތްތަކުން ދައްކަނީ އެކި ކަންކަމެވެ. 

ލާމަރުކަޒީ ނިޒާމަށް ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް ހަރަދުވެ އެވެ. އެހެންކަމުން އެކި ސަަރުކާރުތަކުގެ ވިސްނުން ހުންނަ ގޮތުން ކައުންސިލްތައް ކުޑަކޮށް، ބޮޑުކުރުމުގެ ތަޖުރިބާތަކެއް މިދަނީ ކުރަމުންނެވެ. 

މިހާރުގެ ސަރުކާރުން ބޭނުންވަނީ ކައުންސިލްތައް ކުޑަކުރާށެވެ. ރައީސް މުހައްމަދު މުއިއްޒު ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭގައި ކޮންމެ ރަށެއްގައި ކައުންސިލްގެ ރައީސްއަކާއި ނައިބު ރައީސްއެއް އެކަނި ހުންނަ ގޮތަށް ގާނޫނު ބަދަލުކުރުން ހިމެނެ އެވެ.

ކައުންސިލްތައް ކުޑަކުރުން، ރަނގަޅު ބަދަލެއްތަ؟

ރާއްޖޭގައި މިވަގުތު 980 ކައުންސިލަރުން ތިބެ އެވެ. އޭގެ ތެރޭގައި 18 އަތޮޅު ކައުންސިލުގެ ރައީސުންނާއި ހަތަރު މޭޔަރުން ހިމެނެ އެވެ. މިދިޔަ ފެބްރުއަރީ މަހު ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަން މަޖިލީހުން ފާސްކުރުމާ އެކު، މިހާރު ކައުންސިލްތަކުގެ އެކި މަގާމުތަކުގެ މުސާރައަކީ:

  •  މޭޔަރުން: 46،000ރ. (ކުރިން، 40،000ރ.)

  • ޑެޕިއުޓީ މޭޔަރުން: 40،500ރ. (ކުރިން،35،000ރ.)

  • އަތޮޅު ކައުންސިލްގެ ރައީސް: 33،000ރ. (ކުރިން، 28،000ރ.)

  • ސިޓީ ކައުންސިލް މެންބަރުން: 30،000ރ. (ކުރިން، 35،000ރ.)

  • ރަށު ކައުންސިލް ރައީސް: 25،500ރ. (ކުރިން، 20،000ރ.)

  • ރަށު ކައުންސިލް ނައިބު ރައީސް: 20،000ރ. (ކުރިން، 15،000ރ.)

  • ކައުންސިލް މެންބަރުން: 18،000ރ. (ކުރިން، 13،000ރ.)

ބޮޑު ކުރި މުސާރައާ އެކު، ކައުންސިލަރުންގެ މުސާރައަށް މަހެއްގެ މައްޗަށް ޖުމްލަ 13.3 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު، 159 މިލިއަން ރުފިޔާ އެވެ.

ކައުންސިލްތައް ކުޑަކޮށްފި ނަމަ، ހަރަދު ކުޑަވާނެ ކަމާ މެދު ޝައްކެއް ނެތެވެ. ހާއްސަކޮށް، ގިނަ އަދަދެއްގެ ކައުންސިލަރުން ތިބި ނަމަވެސް އެކަށީގެންވާ ވަރުގެ ނަތީޖާއެއް ނުނެރެވޭ ނަމަ ކައުންސިލްތައް ކުޑަކޮށްގެން ވާނެ ގެއްލުމެއް ނެތޭ ވެސް ބުނެވިދާނެ އެވެ. ކައުންސިލް ހިންގަން އޭގެ ސަބަބުން މާ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

ނަމަވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން އެކަމާ ދެކޮޅު ހަދަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކައުންސިލްތައް ކުޑަކުރި އެވެ. ނަމަވެސް އެންމެ ފަހުން އޮތް އެމްޑީޕީ ވެރިކަމުގައި އަނެއްކާވެސް ކުރިން އޮތް ގޮތަށް މެމްބަރުން ގިނަ ކުރި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތުހުމަތު ކުރައްވާ ގޮތުގައި، ކައުންސިލްތައް ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ނިޔަތުގަ އެވެ.

"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،" މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

"ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން."

އެއް ބަޔަކު ބުނާ ގޮތުގައި، ސަރުކާރުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު މަދުކުރުމެވެ. އެއީ ވަގުތުން ވަގުތަށް މިހާރު ވެސް އެޅެން އޮތް ފިޔަވަޅެކެވެ. 

ކައުންސިލްތައް ކުޑަކުރުމާ މެދު ރައްޔިތުންގެ މެދުގައި ވެސް ދަނީ އެކި ގޮތްގޮތަށް ހިޔާލު ފާޅުކުރަމުންނެވެ. 

ލާމަރުކަޒީ ނިޒާމުގެ ތާރީހު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު 2008ގެ ކުރިން އޮތީ ވަރަށް ބޮޑަށް މަރުކަޒީކޮށްފަ އެވެ. ހުރިހާ ބާރުތަކެއް އޮތީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން:

  • އޭރު ތިބެނީ ރައީސް އައްޔަންކުރައްވާ ރަށު ކަތީބުންނާއި އަތޮޅުވެރިން. ކޮންމެ ރަށެއްގައި ވެސް ރަށްކުރިއަރުވާ ކޮމިޓީ އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮތް

  • ރަށަށް ބޭނުންވާ ކަންކަން މައި ސަރުކާރަށް އަންގަނީ ކަތީބުން މެދުވެރިކޮށް. ހުރިހާ ކަމެއްގައި ވެސް ގޮތް ނިންމަނީ މައި ސަރުކާރުން

  • ރަށްރަށުގެ ކަންކަން ވިލަރެސްކޮށް، ކަތީބުންނާ ގުޅުން ހުރި ކަންކަން ބަލަހައްޓަނީ މާލޭގައި ހުންނަ އެޓޯލްސް މިނިސްޓްރީން

ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން އިދާރީ ގޮތުން ރާއްޖެ ހަތް ޕްރޮވިންސަކަސް ބަހާލެއްވި އެވެ. އޭރު ނިންމާފައި އޮތީ އެ ހަތް ސަރަހައްދުގައި ވެސް ސިއްހީ ނިޒާމާއި ފެނާއި ކަރަންޓު އަދި ތައުލީމީ އިދާރާތައް ގާއިމްކޮށް، ހުރިހާ ސަރަހައްދެއް ވެސް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރާށެވެ.

އެއަށް ފަހު، 2010ގައި ލާމަރުކަޒުކުރުމުގެ ގާނޫނު ތަސްދީގުވުމާ އެކު އެ ނިޒާމުގައި ގާނޫނީ ސިފަ ޖެހުނެވެ. މި ގާނޫނުގައި ލާމަރުކަޒީ ނިޒާމު ހިންގާނެ ގޮތާއި ގާނޫނުގެ ދަށުން ރަށްރަށާއި އަތޮޅުތަކަށް ލިބޭ ބާރުތަކާއި ހަވާލުކުރެވޭ ޒިންމާތައް ބަޔާންކޮށްފައިވެ އެވެ. އަދި:

  • ޖެހިގެން އައި އަހަރު 188 ރަށު ކައުންސިލް، 19 އަތޮޅު ކައުންސިލް އަދި ދެ ސިޓީ ކައުންސިލް ހަދައި، ކައުންސިލް އިންތިހާބު ބޭއްވި

  • ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އުފެއްދި

ނަޝީދުގެ ވެރިކަން 2012ގައި ނިމުމާ އެކު ޕްރޮވިންސްތަކަށް ބަހާލައިގެން ލާމަރުކަޒީ ނިޒާމު ހިންގުން ނިމުމަކަށް އަ އެވެ. އަތޮޅު ތެރެއަށް ބަދަލުކުރި އިދާރާތައް އަލުން އަނބުރާ މާލޭގައި މަރުކަޒު ކުރެވުނެވެ.

ދެން އައީ ޔާމީންގެ ވެރިކަމެެވެ. އެމަނިކުފާނުގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް، ކައުންސިލްތަކުގެ ސައިޒު ކުޑަކުރި އެވެ. އެގޮތުން:

  • އާބާދީ 3،000އަށް ވުރެ ކުދި ރަށްރަށުގެ ކައުންސިލް މެމްބަރުންގެ އަދަަދު ފަހަކުން ތިނަކަށް ކުޑަކުރި

  • އާބާދީ 3،000އަށް ވުރެ ބޮޑު ރަށްރަށުގެ ކައުންސިލްތަކަށް ފަސް މެމްބަރުން ކަނޑައެޅި

ލާމަރުކަޒީ ނިޒާމުގައި ހަގީގީ ކުލަ ޖައްސައިދެއްވުމުގެ ވައުދާ އެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަނެއްކާވެސް ކައުންސިލަރުންގެ އަދަދު ކުރީގައި އޮތް ގޮތަށް ހެދި އެވެ. އެގޮތުން:

  • 3،000 މީހުންގެ އާބާދީއަށް ވުރެ ކުޑަ އާބާދީއަކަށް ފަސް މެމްބަރުން އަދި 3،000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށަށް ހަތް މެމްބަރުން ކަނޑައެޅި

  • އަންހެނުންނަށް ކޯޓާ ކަނޑައެޅި؛ ކޯޓާގެ ދަށުން ފަސް މެމްބަރުންގެ ކައުންސިލަކުން ދެ ގޮނޑި އަދި ހަތް މެމްބަރުންގެ ކައުންސިލަކުން ތިން ގޮނޑި އަންހެނުންނަށް ހާއްސަކުރި

  • ކައުންސިލެއްގެ އުމުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރި

ލާމަރުކަޒީ ގާނޫނަށް މިއަދާ ހަމައަށް ނުވަ ފަހަރުމަތިން އިސްލާހު ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި މެމްބަރުންގެ އަދަދުތަކަށް ގެނައި އިސްލާހުގެ އިތުރުން ކައުންސިލްގެ ބާރުތަކާއި ކައުންސިލްގެ ޒިންމާތަކަށް ގެނައި ބަދަލުތައް ވެސް ހިމެނެ އެވެ. މި ހުރިހާ ބަދަލުތަކާ އެކު ވެސް ބަދަލު ނުވަނީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ރަށްރަށުގެ ރައްޔިތުންގެ ހާލަތެވެ.

ކުލަނުވި ހުވަފެން އެންމެ ފަހުން ބިލާހަކަށް

ރާއްޖޭގައި ފުރަތަމަ ލާމަރުކަޒީ ނިޒާމު ތަސައްވުރު ކުރެވުނީ، ރަށްރަށުގެ ވަސީލަތްތަކުގެ (ފަޅުރަށްތަކާއި ފަޅުތަކުގެ) މައްޗަށް ބާރުހިންގޭ ބަޔަކު ކަނޑައަޅާ، އެ ވަސީލަތްތައް ބޭނުންކޮށްގެން ދިރިއުޅޭ ސަރަހައްދުގައި ތިބެގެން އާމްދަނީ ހޯދޭނެ ނިޒާމެއްގެ ގޮތުގަ އެވެ. މަގްސަދަކީ ރައްޔިތުން ބާރުވެރިކޮށް، އަތޮޅުތެރޭގެ ފުދުންތެރިކަން އިތުރުކޮށް، މާލެ ސަރަހައްދަށް ބަރޯސާވުން ނިމުމަކަށް ގެނައުމެވެ.

ނަމަވެސް ދެން މުޅި ނިޒާމުގައި ޖެހުނީ ސިޔާސީ ކުލަވަރެވެ. ނިޒާމު ބައްޓަންކުރީ ލާމަރުކަޒުވުމަކީ ސިޔާސީ ޕާޓީތަކުގެ މީހުން ކައުންސިލްތައް ހިންގަން ތިބުން ކަމަށް ނިމިގެންނެވެ. ދެން އެ ނިޒާމަށް ގެނައިހާ އިސްލާހަކުން ވެސް އެކަން ބަދަލެއް ނުކުރެވުނެވެ.

"ލާމަރުކަޒީ ނިޒާމަކީ ބޮޑު ސްކޭމެއް. ކުދި ރަށްރަށަށް ލިބިފައި އޮތީ ކޮން ބާރެއްތޯ؟ ރަށު ފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައި ޓެކްސްގެ ގާނޫނުތައް ތަންފީޒު ކުރެވޭތޯ؟ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ލޯނު ނެގުމުގެ ބާރު އޮވޭތޯ؟ މިހާރު އޮތް ނިޒާމުގައި ކައުންސިލަރުންނަށް އޮތް ހަމައެކަނި ގޮތަކީ މަޖިލިސް މެމްބަރުން ގާތު ސަލާންޖެހުން،" އެކްސްގައި މީހަކު ހިޔާލު ފާޅުކުރަމުން ލިއުނެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންނަށް ތަމްރީން ދޭން ބޭއްވި ބައްދަލުމެއް

ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ވެސް ވަރަށް ގިނައިން މިފަދަ ޝަކުވާތައް އަޑު އިވެ އެވެ. ލާމަރުކަޒީ ނިޒާމު 'ނަމެއްގައި' އޮތުމުގެ ސަބަބުން އެކަށީގެންވާ ކުރިއެރުމާއި ތަރައްގީ ހޯދުމުގެ ދޮރު ކައުންސިލްތަކަށް ބަންދު ވެފައި ވުމެވެ. ރަށްރަށުގެ ގުދުރަތީ ވަސީލަތްތައް ކަމުގައިވާ ފަޅުރަށްތަކާއި ފަޅުތަކަކީ ރައްޔިތުން މަންފާ ލިބިގަންނަން އޮންނަ ތަންތަނުގެ ބަދަލުގައި މައި ސަރުކާރުން އެހެން ކަންކަމަށް ގުރުބާންކުރާ މުދާގަނޑަކަށް ވެފައިވުމެވެ. ކައުންސިލަރުންނަކީ ސިޔާސީންނަށް އަޅުވެތިވެފައި ތިބެން ޖެހޭ ބަޔަކަށް ވެފައި ވުމެވެ.

ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރަށްރަށުގެ އާބާދީއަށް މާ ބޮޑު ފައިދާތަކެއް ނުވިތަނުގައި، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، ވީ ހުސް ގެއްލުމެވެ. ކައުންސިލަރުން އިންތިހާބުކުރުމުން އިތުރުވީ ކޮރަޕްޝަންގެ އިތުރު ފަށަލައެކެވެ. ރައްޔިތުންގެ ބާރުވެރިކަން ކުރިއަށް ވުރެ ވެސް ކުޑަވެ، ރަށު ފެންވަރުގެ ނިންމުންތަކުގައި ސިޔާސީ ކުލަ ޖެހި، ޕާޓީތަކުގެ ހިޔާލު ތަފާތުވުންތަކުގައި ރައްޔިތުންގެ އެއްބައިވަންތަކަން ވެސް ގެއްލުނީ އެވެ.

"ދިވެހި ރާއްޖޭގައި ލާމަރުކަޒީ ވެފައި އޮތީ ހަމައެކަނި ކައުންސިލަރުން ހޮވުން ނޫން ކޮން ކަމެއް؟ އިގްތިސޯދު އަދިވެސް އޮތީ މަރުކަޒީކޮށް ހައިޖެކް ކޮށްފައި،" އެހެން މީހަކު 'އެކްސް'ގައި ލިޔުނެވެ.

މިއަދާ ހަމައަށް އައިއިރު ކައުންސިލްތަކާއި މުޅި ލާމަރުކަޒީ ނިޒާމު ވެސް ބައްޓަން ކޮށްފައި ވަނީ ސިޔާސީ ޕާޓީތަކާއި މައި ދައުލަތަށް ބަރޯސާވާން ޖެހޭ ގޮތަށެވެ. މައި ދައުލަތަށް ފައިދާވާ ގޮތަށެވެ. އެކަށީގެންވާ ބާރުވެރިކަމެއް އޭގެ ހަގީގީ މާނައިގައި ކައުންސިލްތަކަކަށް ނެތެވެ. ނަތީޖާއަކީ، ރަށްރަށަށް އެކަށީގެންވާ ތަރައްގީ އައިސް ރާއްޖެ ލާމަރުކަޒު ވުމުގެ ބަދަލުގައި، މާލެ ސަރަހައްދަށް މީހުން ހިޖުރަކުރުން އިތުރުވުމެވެ. ރާއްޖޭގެ ސިޔާސަތުތައް މިދިޔަ ހުރިހާ ވެރިކަމެއްގައި ވެސް، އަދި މިހާރު ވެސް ބައްޓަންކޮށްފައި ވަނީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް މަރުކަޒު ކުރުމުގެ ސަގާފަތް ދަމަހައްޓާ ގޮތަށެވެ. އެގޮތުން:

  • ރާއްޖޭގެ ރަސްމީ ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސްއަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ %64 2045ގައި އުޅޭނީ މާލެ ސަރަހައްދުގައި

  • މާލެ ސަރަހައްދަށް ހިޖުރަކުރާ އާއިލާތައް އިތުރުވުމުގެ ސަބަބުން މިހާރު ގިނަ ރަށްރަށުގައި އޮތީ އުމުރުން ދުވަސްވެފައިވާ މީހުންގެ އާބާދީއެއް

ރާއްޖޭގެ ހާލަތު މިހާރު އޮތީ ލާމަރުކަޒީ ނިޒާމު އޭގެ ހަގީގީ މާނައިގައި ތަންފީޒު ކުރަން މަސައްކަތް ކުރިޔަސް އެކަން ކާމިޔާބުނުވާނެ ފަދަ ހިސާބެއްގައި ކަމަށް ބައެއް ތަޖުރިބާކާރުން ދެކެ އެވެ.

"[މިހާރު ރާއްޖޭގައި] ފަޅުވަމުންދާ ރަށްތަކެއް އޮތީ. ހުރިހާ އެންމެން ހިޖުރަކުރަނީ މާލެ ސަރަހައްދަށް. އެހެންވެއްޖެއްޔާ، ކޮން ބަޔަކަށް، ކީއްކުރަން ކުރާ ލާމަރުކަޒު ކުރުމެއް ހެއްޔޭ މިހާރު މި ސުވާލު އުފެދެނީ،" ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަދެއްކެވި މާހިރަކު ވިދާޅުވި އެވެ.

އެޅުނީ ނުބައި ބިންގަލެއް، ދެން ރަނގަޅު ކުރެވޭނީ ކިހިނެއް؟

ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ކޮމަންވެލްތުން ލަފާދިނީ ރައްޔިތުންގެ ތެރެއިން ހޮވާލެވޭ މަންދޫބުންތަކެއް ކައުންސިލްތަކުގައި ތިބުމަށެވެ. އެރަށެއްގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ސިނާއަތްތަކަށް ބިނާކޮށް، މަސްވެރިންނާއި ދަނޑުވެރިން ތަމްސީލް ކުރާނެ ފަރާތްތައް ތިބުމަށެވެ. މުސާރަ ދީފައި ތިބޭ ފުލް-ޓައިމް ވަޒީފާއެއްގެ ބަދަލުގައި، ޕަންޗް-އިން ކޮށްގެން މަސައްކަތް ކުރާ ވަގުތަށް ބަލާފައި އުޖޫރަ ދޭ ގޮތަށެވެ.

އޭރު ރާއްޖެ އޮތް ހާލަތަށް ރިއާޔަތްކޮށް ކޮމަންވެލްތުން ހުށަހެޅި ހުށަހެޅުންތަކާ އެއްގޮތަށް، ރައްޔިތުންގެ ލާބަ އާއި މަންފާއަށް ނިޒާމު ބައްޓަންކޮށް، މަރުކަޒު ކުރުން ނިމުމަކަށް ގެންނަން އެކަށީގެންވާ މަސައްކަތްތަކެއް ކުރި ނަމަ މިއަދު ރާއްޖެއިން ފެނުނު މަންޒަރު ވަރަށް ތަފާތުވީހެވެ.

ސިނަމާލެ ބްރިޖް: އަދިވެސް ބިޔަ މަޝްރޫއުތައް ހިންގަނީ މާލެ ސަރަހައްދަށް އާބާދީ ތޮއްޖެހޭ ގޮތަށް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރަށްރަށުގައި އޭރު ރައްޔިތުންގެ ހަރު މުދާ ހުއްޓެވެ. ކޮންމެ ރަށެއްގައި ރައްޔިތުންގެ އެކައުންޓެއް ވެސް އޮތެވެ. އެއީ ރައްޔިތުން އަމިއްލައަށް ކުރާ މަސައްކަތުން ލިބޭ ފައިސާގެ ތެރެއިން ރަށް ކުރިއަރުވަން ކަނޑައަޅާ ފައިސާ ޖަމާކުރާ އެކައުންޓެވެ. އެ ފައިސާ އިން ރައްޔިތުން އަމިއްލައަށް ބިނާކޮށްފައިވާ ރައްޔިތުންގެ އިންޖީނުގެތަކާއި ރައްޔިތުންގެ ބޭސްފިހާރަތަކާއި ރައްޔިތުންގެ ތެޔޮ ފިހާރަތައް ހުއްޓެވެ. ރަށު މުޖުތަމައުތަކުގެ ފުދުންތެރިކަމާއި ބާރު ވެސް ކޮންމެވެސް ވަރަކަށް އޮތެވެ. 

ނަމަވެސް ލާމަރުކަޒީ ނިޒާމު ވުޖޫދަށް އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، މިފަދަ ހަރު މުދާތަކާއި އެކައުންޓްތައް މައި ސަރުކާރަށް ނެގި އެވެ. އެއާއެކު މުޅި ނިޒާމުގެ ފެށުން ވެސް އައީ ގޯސްކޮށެވެ. އޭގެ ފަހުން ދެން ދިޔައީ އެކި އިސްލާހުތައް މެދުވެރިކޮށް ބާރުތައް ދެވެމުން، ނެގެމުން، ބަދަލުކުރެވެމުންނެވެ. ނިޒާމަށް ހިންދެމިލާނެ ފުރުސަތެއް ނުލިބުނެވެ. 14 އަހަރު ފާއިތުވީ އެހެންނެވެ.

ލާމަރުކަޒީ ނިޒާމު ރަނގަޅަށް ތަންފީޒު ކުރާ ނަމަ، ބޭނުންވަނީ ހެޔޮ ނިޔަތުގައި އެކަން ކުރާނެ ވެރިއެކެވެ. ފޮރުވިފައިވާ އެހެން މަގްސަދުތަކެއް ހާސިލްކުރަން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި އެ ނިޒާމު ބޭނުންކުރުމުގެ ބަދަލުގައި، ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދޭން މަސައްކަތް ކުރުމެވެ.

ފުރަތަމަ ކަމަކީ، މަރުކަޒު ކުރުމުގެ ސަގާފަތް މުޅިން ނިމުމަކަށް ގެނައުމެވެ. އެހެން ނޫން ނަމަ، ރަށްރަށް ތަރައްގީކޮށް، ފުދުންތެރިކަމާ އެކު ދިރިއުޅެވޭނެ އާބާދީއެއް އަތޮޅުތެރެއަކު ނޯންނާނެ އެވެ. ނިޒާމަށް ބަދަލުގެނައުމުގެ ވާހަކަ ދެއްކެން އޮތީ، މި ހުރިހާ ކަމަކަށް ވެސް ވިސްނުމާ އެކު އެވެ. އެ ބަދަލުތައް ގެނައުމުގައި ރައްޔިތުންގެ ހިޔާލު ވަރަށް ވެސް މުހިއްމެވެ.

ކޮމެންޓް (3)

ކޮސް

14 ޖުލައި 2024
ލާމަރުކަޒީ ނިޒާމަށް އޮތް ހުރަހަކީ ، ރާއްޖޭގެ ސަރުކާރުތަކުގައި އޮތް ނުބައި ނިޔަތް. މާނައަކީ ވެރިކަމުގެ ބާރުން މިފަދަ ނިޒާމެއް ހަރުދަނާ ކުރާކަށް ބޭނުމެއްނުވެއޭ. ނަމެއްގައި ކޮންމެ ބަޔަކުވެސް ކުރަނީ. އަނެއްކާ މިހާރު މިއުޅެނީ ރ. މަޖިލިސް ބާރުކަނޑުވާލިގޮތަށް އެހެން ހުރިހާ ބާރެއް ކަނޑުވާލުން. ކައުންސިލްތަކަށް ތާކުންތާކުނުޖެހޭ މީހުން ހޮވަނީ ވެރިކަމުގެ ބާރުން އެގޮތް ބޭނުންވާތީ. ތަންދޮރުދަންނަ މީހުން ތިބެއްޏާ، ރަނގަޅުވިސްނުމުގައި ކަންތައްކުރާނީ. މިއީ ސަރުކާރުން ބޭނުންވާގޮތެއްކަމަކަށް ނުފެނޭ. ބޭނުންވަނީ ސަރުކާރުން ކަންކަން ކޮށްދީގެން ރައްޔިތުންގެ ބޯކައިގެން އަނެއްކާވެސް ވެރިކަމަށް އައުން. ރައްޔިތުންވެސް މިތިބެނީ މިގޮތަށް ހޭނިފަ. އަމިއްލަ އެދުން ހައްދުފަހަނަ އަޅާފަ.
0 1

އަލިބެއްޔާ

14 ޖުލައި 2024
ލާ މަރުކަޒީ ނިޒާމަކީ ހެޔޮގޮތުގައި، އިޚްލާސްތެރިކަމާއެކު، ކަމަށް ޤާބިލް މީހުން ލައިގެން ކުރަން ރަނގަޅު ކަމެއް. ނަމަވެސް ޢިލްމެއް، ތަޖުރިބާއެއް ނެތް، ހިންގުންތެރިކަމެއް ނެތް ކައުންސިލަރުން ލައިގެން ތިކަމެއް ނުވާނެ.
3 1

ހިތްދަތި

14 ޖުލައި 2024
ލާމަރުކަޒުކުރިފަހުން ރަށްކުނިކަހާނެ މީހަކުނުވެ އެކަމަށް ކަނޑައަޅާބަޖެޓު ކޮންމެވެސް މީހެއްގެ ޖީބަށް ކަހާލަނީ. އޭގެކުރިން އަންހެންވެރިން ހާދަފޯރިއާއެކު އެއްބައިވެގެން ކުރިކަމެކޭ މަގުކުނިކެހުމަކީ. ކުނިކަހާދުވަހަކީ މުޅިރަށުގައި އެވެރިންގެ ބާރުދައްކާލެވޭދުވަސް. މިހާރުމިތިބީ ލާމަރުކަޒީކިޔައިގެން ފިޔަކޮށާލާފަ. ދެތިންމީހަކުލައްވަ ހައެއްކަ ފަތްނަގާފަ ލާރިޮޅު ވަންނަތަނެއްނޭނގެ. މުޅިރަށްގޮނޑުވެފަ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް