ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އަލީ ރަފީގު)

ރާއްޖެ އަޑިއަކަށް ނުދޭ! ގުދުރަތީ ވިލުންވެރިކަން ސައިންސްވެރިން ސިއްސުވާލައިފި

އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ އެކު ބައެއް ރަށްރަށް ގިރާ، ބައެއް ރަށްރަށް ބޮޑުވެފައިވާއިރު، ބައެއް ރަށްރަށުގެ ބިމުގެ ސަރަހައްދަށް ބަދަލެއް ނާދޭ

ދުނިޔެ ހޫނުވެ، ދެތަނޑީގައިވާ ގަނޑުފެންތައް ވިރިގެން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެންމެ ފުރަތަމަ 'އަޑިއަށް'ދާނެ ގައުމުތަކުގެ ލިސްޓުގައި ސައިންސްވެރިން ރާއްޖެ ހިމެނި އެވެ. މޫސުމީ ބަދަލު ދިރާސާކުރާ ބޭރުގެ ބޮޑެތި ޖަމިއްޔާތަކުން ލަފާކުރި ގޮތުގައި، މި ގަރުނު ނިމެންވާއިރަށް ރާއްޖޭގެ %80 އޮންނާނީ ކަނޑު އަޑީގަ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭ ކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް މިއަދަކު ނެތެވެ. ހެދިފައިވާ އެތައް ދިރާސާއެއްގެ އިތުރުން ދިމާ ކުރިމަތިން ފެންނަ މަންޒަރުތަކުން ވެސް އެކަން ޔަގީންކުރެވެ އެވެ. އުފުލޭ ލޮނުގަނޑާ އެކު ރާއްޖެ މުޅިން އަޑިއަށް ދާނެ ކަމަށް ސައިންސްވެރިން ލަފާކުރީ، ކަނޑާ ހަނގުރާމަކޮށް ކުދިކުދި ރަށްތަކަކަށް ހިންދެމިލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ބެލެވިގެންނެވެ.

ނަމަވެސް އެ ހުރިހާ ލަފާކުރުންތަކަށް މި ނާޒުކު ގައުމުން މިވަނީ ގޮންޖަހާލައިފަ އެވެ. ރާއްޖޭގެ ރަށްތައް، ސައިންސްވެރިން ކުރިން ހީކުރި ގޮތަށް، އަޑިއަކަށް ނުދެ އެވެ.

އެކަމަށް ބާރުދޭ ދިރާސާތަކަކާ ހަވާލާދީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ނޫސް ކަމަށްވާ ނިއު ޔޯކް ޓައިމްސްް އިން ރާއްޖޭގެ ރަށްތަކާ ބެހޭ ގޮތުން މިދިޔަ ހަފްތާގައި ޖެހި ރިޕޯޓުން އެތައް ބަޔަކަށް ލިބުނީ ހައިރާންކަމެވެ.

ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އަލީ ރަފީގު)

ލޮނުގަނޑު އުފުލުނަސް ރަށްތައް އަޑިއަށް ނުދަނީ ކީއްވެ؟

އުފުލެމުންދާ ލޮނުގަނޑާ އެކު ތިރި ޖަޒީރާ ރަށްތަކަށް އަންނަ ބަދަލުތައް ދެނެގަންނަން ސައިންސްވެރިން ކަމަށްވާ އާތާ ވެބް އާއި ޕޯލް ކެންޗް މަސައްކަތް ފެށީ، މަތިން ފެންނަން އޮތް މަންޒަރު ބަލައިގެންނެވެ. އެގޮތުން، 20 ވަނަ ގަރުނުގެ މެދަކާ ހިސާބުން ފެށިގެން ޕެސިފިކް ކަނޑުގެ 27 ޖަޒީރާ ރަށެއްގެ އޭރިއަލް ފޮޓޯ އެއްކޮށް، ފަހުގެ ފޮޓޯތަކާ އަޅާބެލި އެވެ.

އެ ހޯދުންތަކުން ސައިންސްވެރިންނަށް ލިބުނީ ހައިރާންކަމެވެ. ސަބަބަކީ:

  • ކޮންމެ ދަހަރަކުން (10 އަހަރު) ކަނޑުގެ ލޮނުގަނޑު އެއް އިންޗިން އުފުލުނު ނަމަވެސް ބޮޑުވަމުން ދިޔަ ރާޅުތަކުން ރަށްރަށް ވޮޑުވަމުން ވެސް ދިޔަ

  • ރަށުގެ ބައްޓަމަށާއި ރަށް އޮތް ތަނަށް ބައެއް ބަދަލުތައް އައި ނަމަވެސް، ރަށުގެ ސައިޒަށް މާ ބޮޑު ބަދަލުތަކެއް ނާދޭ

އެ ހޯދުންތަކުގެ އަލީގައި އެހެން ސައިންސްވެރިން ވެސް ވަނީ އިތުރު މައުލޫމާތު އެއްކޮށްފަ އެވެ. އެގޮތުން މިހާތަނަށްް ހާހެއްހާ ރަށްރަށަށް އައިސްފައިވާ ބަދަލުތައް ބެލިއިރު، ފާހަގަކުރެވިފައިވަނީ ދާދި އެއް ކަންތައްތަކެކެވެ. ބައެއް ރަށްރަށް ގިރައިގެން ކުޑަވެފައިވާ އިރު، ބައެއް ރަށްރަށް ވޮޑިގެން ބޮޑުވެފައިވެ އެވެ. ނަމަވެސް ގިނަ ރަށްރަށަށް ޖުމްލަކޮށް މާބޮޑު ބަދަލެއް ނާދެ އެވެ.

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް ގިރާލާފައި (ފޮޓޯ/ޔުނިސެފް/އަޝްވާ ފަހީމް)

ސައިންސްވެރިންގެ ސަމާލުކަން ރާއްޖެއަށް

ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ހާއްސަ ސިފަތަކުގެ ސަބަބުން ސައިންސްވެރިންގެ މެދުގައި ރާއްޖެ އަބަދުވެސް މަގުބޫލެވެ. މީގެ އިތުރުން މޫސުމީ ބަދަލުގެ އަސަރުތައް އެންމެ ފުރަތަމަ ފެންނަން ފަށާ ގައުމުތަކުގެ ކުރީގައި ރާއްޖެ އޮތުމާ އެކު އެމީހުންގެ ޝައުގުވެރިކަން ވަނީ ވަކިން ބޮޑުވެފަ އެވެ.

އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އަތޮޅުކަމަށްވާ ހުވަދު އަތޮޅަށް ސައިންސްވެރިންގެ ޓީމަކުން އައިސް، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރަށްތަކަށް އަންނަ ބަދަލުތަކުގެ ފުނަށް ވާސިލްވުމުގެ މަސައްކަތް ވަނީ ފަށައި ފަ އެވެ. އެ ސައިންސްވެރިންނާ އެކު ނިއުޔޯކް ޓައިމްސްގެ ޓީމެއް ވެސް ރާއްޖެ އައިސް ދެ ހަފުތާ ހޭދަކުރި އެވެ. އެ ނޫހުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ހޯދުންތަކުން ދައްކަނީ:

  • މިފަހުގެ ދަހަރުތަކުގައި ރަށްގިރުމުގެ ސަބަބުން ހުވަދު އަތޮޅުގެ %42 ރަށްތަކުގެ ބިމުގެ ނިސްބަތް ކުޑަވި

  • އެއާ ހިލާފަށް، %39 ރަށްތަކުގެ ބައްޓަން ބަދަލުވިޔަސް ބިމުގެ ނިސްބަތަށް ފާހަގަކުރެވޭ ބަދަލެއް ނާދޭ

  • %20 ރަށްތަކުގައި ބިމުގެ ނިސްބަތް އިތުރުވެފައި ވެސް ވޭ؛ އޭގެ ތެރޭގައި ބިން ހިއްކުމުގެ ސަބަބުން ބޮޑުވެފައިވާ ރަށްރަށް ވެސް ހިމެނޭ

ހުވަދު އަތޮޅުގެ ދެކުނުގެ ރަށްތައް. ރީނދޫ ކުލައިން ގިރާފައިވާ ރަށްތައް ފެންނަ އިރު ފެހި ކުލައިން ފެންނަނީ ބޮޑުވެފައިވާ ރަށްތައް. އަޅި ކުލައިން ފެންނަނީ ބިމުގެ ސަރަހައްދަށް ފާހަގަކުރެވޭ ބަދަލެއް ނާންނަ ރަށްތައް. (ގްރެފިކް: ދަ ނިއު ޔޯކް ޓައިމްސް)

މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ސައިންސްވެރިން ހޯދަން މަސައްކަތްކުރަނީ ބައެއް ރަށްރަށް ކުޑަވި އިރު އަނެއް ބައި ރަށްރަށް ބޮޑުވުމުގެ ފަހަތުގައިވާ ސަބަބުތަކެވެ. މި ސައިންސްވެރިންގެ ޓީމުގައި 2010ގެ ނެރުނު ދިރާސާގެ ބައިވެރިޔާ ޑރ. ކެންޗް ވެސް ހިމެނެ އެވެ.

ބަދަލުތަކުގެ މިސާލެއް ގދ. ކަނޑަހަލަގަލާ އިން

ކެންޗްގެ ދިރާސާގައި އޭނާ ވަނީ ވަކިވަކި ރަށްރަށަށް އައިސްފައިވާ ތަފްސީލީ ބަދަލުތަކުގެ ބައެއް ތަފްސީލްތައް ވެސް ހޯދައިފަ އެވެ. އެގޮތުން ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުގައި ގދ.ގެ ފަޅުރަށެއް ކަަމަށްވާ ކަނޑަހަލަގަލާގެ ބައްޓަން ބަދަލުވެފައިވާ ގޮތް ތަސްްވީރުތަކުން ދައްކުވައިދިނެވެ.

1969 އިން 2023 އާ ދެމެދު ގދ. ކަނޑަހަލަގަލާއަށް އައިސްފައިވާ ބަދަލު. ރަށް ގިރާ، ވެލި ވޮޑުމުގެ ސަބަބުން ރަށުގެ ބައްޓަމަށް ބޮޑު ބަދަލެއް އައި ނަމަވެސް ބިމުގެ ނިސްބަތަށް ފާހަގަކުރެވޭ ވަރުގެ ބަދަލެއް ނާދޭ. (ގްރެފިކްސް: ދަ ނިއު ޔޯކް ޓައިމްސް)

މިދިޔަ ބައި ގަރުނުގެ ތެރޭގައި މި ރަށުގެ ބައްޓަމަށް ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް އަ އެވެ. އެގޮތުން، ފުރަތަމަ އުތުރު ބިތްތައް ގިރައިގެން ގޮސް، ދެކުނު ފަރާތް ވޮޑުނެވެ. ދެން އައި ފަސް އަހަރުގެ ތެރޭގައި އިރުމަތީ ކޮޅު ކޮންމެވެސް ވަރަކަށް ގިރި އެވެ. ދެން، ހުޅަނގު ފަރާތުގެ ވެލިގަނޑު ބޮޑުވި އެވެ. އަދި ކަންކުއްޗަށްވާ ގޮތަށް 2019ގައި ހުޅަނގު އުތުރުގައި އުފެދުނު ވެލިގަނޑު މިހާރު ވަނީ ދެ ފަރާތަށް ހަމަހަމައަށް ފެތުރިފަ އެވެ. މީގެ 55 އަހަރު ކުރިން ކުކުޅުބިސް ބައްޓަމަށް އޮތް ކަނޑަހަލަގަލާ މިހާރު ފެންނަނީ އެއްކޮޅަށް އޫކޮށް، އަނެއްކޮޅަށް ވަށްކޮށެވެ.

1969ގައި ކަނޑަހަލަގަލާ. (ފޮޓޯ: ދަ ނިއު ޔޯކް ޓައިމްސް)
2023ގައި ކަނޑަހަލަގަލާ. (ފޮޓޯ: ދަ ނިއު ޔޯކް ޓައިމްސް)

ގުދުރަތީ ވިލުންވެރިކަމަށް ހުރަސް އެޅިއްޖެ ނަމަ ވާނީ ކިހިނެއް؟

ސައިންސްވެރިންގެ މި ހޯދުންތަކުން ދައްކުވައިދެނީ، ގުދުރަތީ ނިޒާމުތަކުގެ ފުރިހަމަކަމާއި، ތިރި ޖަޒީރާ ރަށްތަކުގެ ވިލުންވެރިކަމެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ ވަރަކަށް ބިން ތިރި ރަށްތައް އެކަމަށް ހޭނެމުންދާ ކަމެވެ. އެހެން ކަމަށްވާ ނަމަ، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ގޮތުން އަހަރެމެން ކުރަން ޖެހޭ ކަމެއް އެބައޮތް ހެއްޔެވެ؟

އެންމެ ފަހުގެ ނަތީޖާތަކުން ރާއްޖެ 'އަޑިއަށް' ނުދާކަން ސާބިތުވި ނަމަވެސް، މޫސުމީ ބަދަލުތަކާ އެކު އަހަރެމެންނަށް ކުރިމަތިވާ ނުރައްކާތައް އެހިސާބަކުން ނުނިމެ އެވެ. ފެންބޮޑުވުމާއި އުދަ އެރުމުގެ ހާދިސާތައް ގިނަވުމާއި ހޫނުމިން މައްޗަށް ދިޔުން ފަދަ އެތައް ކަމެއް އަހަރެމެން މިހާރު ވެސް މިގެންދަނީ ތަހައްމަލު ކުރަމުންނެވެ. މީގެ އިތުރުން ވެސް:

  • އެހެން ދިމާލަކުން ވޮޑެމުން ދިއުމުގެ ސަބަބުން ރަށުގެ ބިމުގެ ސަރަހައްދު ކުޑަ ނުވި ނަމަވެސް، މީހުން ދިރިއުޅޭ ސަރަހައްދު ގިރާ ނަމަ އާންމު ދިރިއުޅުމަށާއި މީހުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ

  • މިފަދަ ކަންްކަން މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުން ދަނީ ފެންނަމުން؛ އޭގެ އެއް މިސާލަކަށް ނިއު ޔޯކް ޓައިމްސްގައި ދެއްކީ އއ. ހިމަންދޫ

އއ. ހިމަންދޫގެ ހުޅަނގު ދެކުނު ފަރާތް ގިރާލާފައި
އއ. ހިމަންދޫގެ ހުޅަނގު ދެކުނު ފަރާތް ގިރާލާފައި

ގުދުރަތީ ނިޒާމުތައް ކިތައްމެ ފުރިހަމަ ނަމަވެސް، އެ ނިޒާމުތަކަށް ބުރޫއަރާ ގޮތަށް ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ރަށްތަކުގެ ވިލުންވެރިކަން ހަލާކުވާތަން އަހަރެމެންނަށް ދަނީ ފެންނަމުންނެވެ. އެގޮތުން، ބަނދަރު ހެދުން ފަދަ ބިޔަ މަޝްރޫއުތައް ހިންގުމާއެކު ކުއްލިއަކަށް ރަށްގިރުމުގެ ބޮޑެތި މައްސަލަތައް ދިމާވެފައިވާ ރަަށްރަށް ފާހަގަކުރެވެ އެވެ.

ހިމަންދޫއަށް ވެސް ދިމާވީ އެކަހަލަ ގޮތެކެވެ. އެރަށުގެ ބަނދަރު ހެދުމާއެކު ކުރިން ރަށުގެ ވަށައިގެން ވޮޑެމުން ދިޔަ ފަސްގަނޑު، ބަނދަރާ ހަމައިން ބްލޮކްވެ، ބޭރަށް ދަމައިގަތެވެ. ނަތީޖާއެއްގެ ގޮތުން، ހައިރާންވާހާ ބާރުމިނުގައި ހުޅަނގު ފަރާތް ގިރަން ފެށި އެވެ.

އެހެންކަމުން، އާ ހޯދުންތަކާއި މައުލޫމާތުގެ އަލީގައި ވެއްޓަށް ގެއްލުންނުވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކޮންކްރީޓު ތަރައްގީއަށްޓަކައި ވިލުންވެރިކަން ގުރުބާން ނުކޮށް، ތަޖުރިބާކާރުންނާ ގުޅިގެން އާ އީޖާދީ ހައްލުތައް ހޯދުމަށް މަސައްކަތް ކުރުން މުހިއްމެވެ.

މިހާރު ރާއްޖޭގައި ދިރާސާތައް ހަދަމުންދާ ސައިންސްވެރިންގެ ޓީމުން ވެސް އުންމީދު ކުރަނީ އެފަދަ ހައްލުތަކަށެވެ. ކޮންމެ ރަށެއްގެ ވަށައިގެން ތޮށިލުމުގެ ބަދަލުގައި، އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އެމީހުން ފާހަގަކުރަނީ:

  • ފެންބޮޑުވުމާއި އުދަ އެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ފަދަ އާ ބިލްޑިން ކޯޑުތަކެއް ތައާރަފުކުރުން

  • ސައިންސްގެ އަލީގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ގިރައިގެން ދާނެ ކަމަށް ބެލެވޭ ސަރަހައްދު ތަކާއި ވެލި ވޮޑޭނެ ކަމަށް ބެލެވޭ ސަރަހައްދުތައް ފާހަގަކޮށް، ގިރާނެ ކަމަށް ބެލެވޭ ހިސާބުތައް އިތުރަށް ތަރައްގީ ނުކުރުން

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރަނީ (ފައިލް ފޮޓޯ)

ރާއްޖޭގެ ރަށްތަކުގެ ވަށައިގެން ވޮޑެނީ ލަނޑާ ފަދަ މަސްމަހާމެހި ފަރުތަކުގައިވާ މުރަކަތަކާއި ގާތައް ކެއުމަށްފަހު އުފައްދާ ވެއްޔެވެ. އެހެންކަމުން، ރަށްރަށުގެ ވަށައިގެން ވެލި ވޮޑުން ބިނާ ވަނީ ފަރުތަކާއި މަސްމަހާމެހީގެ ދުޅަހެޔޮކަމުގެ މައްޗަށެވެ.

ގާހުދުވުމުގެ ގްލޯބަލް އިވެންޓުތައް ގިނަވުމާއި، ބިން ހިއްކުމާއި ވެލި ނެގުން ފަދަ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ފަރުތައް މަރުވުމުގެ ހިރާސް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިއީ ކޮންމެހެން ވިސްނަން ޖެހޭ ކަމެކެވެ.

ވޯލްޑް ބޭންކުން މިއަހަރު ރާއްޖެއާ ބެހޭ ގޮތުން ނެރުނު 'ކަންޓްރީ އެންވަޔަރަމެންޓަލް އެނޭލިސިސް'ގައި ވެސް ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ފާހަގަކޮށް، ކަނޑުގެ ލޮނުގަނޑު އުފުލެމުން ދާއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރަށްރަށަށް އެކަމަށް ހޭނެވެން އޮތީ ފަރުތަކުގެ ސިއްހަތު ރަނގަޅުވެގެން ކަން ފާހަގަކުރި އެވެ. ސަބަބަކީ:

  • ރާއްޖޭގެ ރަށްރަށް އެކުލެވިފައިވަނީ ފަރުތަކުން އުފެދޭ ވެލިން؛ ކަނޑުގެ ލޮނުގަނޑު އުފުލޭ އިރު، ރާއްޖެ ފެނުން މަތީގައި އޮތުން ބަރޯސާ ވާނީ ފަރުތަކުން އުފައްދާ ވެލީގެ ނިސްބަތަށް

  • ކަނޑުގެ ލޮނުގަނޑު އުފުލުނަސް ރާއްޖޭގެ ރަށްރަށުގައި އަދިވެސް ދިރިއުޅެވެނީ، ފަރުތަކުގެ ގުދުރަތީ ނިޒާމުން އުފައްދާ ވެލިން އެ ފަރަގު ފޫބައްދާތީ

  • ފަރުތައް މަރުވާ ނަމަ، ކުރިއަށް އޮތް ތަނުގައި ކަނޑުގެ ލޮނުގަނޑު އުފުލޭ ރޭޓު މަތިވާ އިރު، ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްރަށުގައި ވެލި ވޮޑޭ މިންވަރު އެއާ އެއްވަރެއްގައި ހިފަހައްޓާލެވޭނެ ކަމާ މެދު ސުވާލު އުފެދޭ

  • އިންސާނީ އަމަލުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތަކުގެ އިތުރުން، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާ އެކު ފަރުތައް މަރުވުމަށް އޮތް ހިރާސް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން

ރާއްޖޭގެ ފަރުގެ ދިރުންތައް. (ފޮޓޯ/ ނޫރާއްޖެ)

ފަރުތަކުގެ ނިޒާމާ ނުލާ، ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބައްދަން ރާއްޖެއިން ކޮންމެ އަހަރަކު ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ %8 ހަރަދުކުރަން ޖެހޭނެ ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެ އެވެ. 

މިހާތަނަށް ލިބިފައިވާ މައުލޫމާތުން ހާމަވާ ހަގީގަތަކީ، ދުނިޔެ ހޫނުވުމުގެ ސަބަބުން އަންނަމުންދާ ބަދަލުތަކަށް ހޭނުމުގެ ވިލުންވެރިކަން ގުދުރަތީ ނިޒާމުތަކަށް ލިބިގެންވާ ކަމެވެ. ކަނޑުގެ ސަތަހައިގެ ހޫނުމިން މައްޗަށް ދާއިރު، މުރަކަތަކުން ދަނީ އެކަމަށް ހޭނެމުންނެވެ. ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ އިރު ރަށްތަކުން ވެސް ދަނީ އެކަމަށް ހޭނެމުންނެވެ.

ގުދުރަތީ ނިޒާމުތަކަށް ފޫބެއްދެއް ނެތީ އިންސާނީ އަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކެވެ. ފަރުތަކަށް ވެސް، ރަށްތަކަށް ވެސް އެންމެ ބޮޑު އަސަރެއް ކުރަނީ އަހަރެމެންގެ އަމަލުތަކުގެ ސަބަބުންނެވެ. މޫސުމީ ބަދަލުތަކާއެކު ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އަހަރެމެން ކުރަންޖެހޭ އެންމެ ބޮޑު ކަމަކީ، ވެށި ހިމާޔަތްކޮށް، ވެށިން ހިމާޔަތް ހޯދުމެވެ.

ކޮމެންޓް (2)

ޢަހަންމަ

5 ޖުލައި 2024
ދެން ކީކުރަންތަ ކޮންމެ ރަށެއްގައި ހިލަ ތޮށި މޫދު ނުފެންނާނެހެން ވަށައިގެން ތިޖަހަނީ، އަހަރެމެންގެ ދަރިންނަށް ހިލަ އެކުލެވޭ ބީޗެއް ދައްކާކަށް މާ ބޭނުމެއް ނުވޭ
2 0

ސިކުނޑި

4 ޖުލައި 2024
ކިހާރީތި އެ ހަމަޖައްސާލީ! ދެން އަހަރުމެން އަތް ޖަހަންވީ! ތި އޭރިއަލް ފޮޓޯ ނުހުންނަ އިރުވެސް މުސްކުޅިން ކިޔާ އެއްކޮޅުން ގިރަންޏާ އަނެއްކޮޅުން ވޮޑޭނެޔޭ! އެއްއިރެއްގައި އޮސްޓްރޭލިއާއިން ބިންވެސް ގަންނަން އުޅުނު ދޫނި ބިސްއަޅަން މިތަން ދޫކޮށްފަ! ތިމާވެއްޓޭ ލޮނުގަނޑޭ ކިޔައިގެން ކިތައް ބިލިއަންޑޮލަރު އަނބުރާލީ!؟!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް