ދުނިޔޭގައި 'ކޮރަލް ބްލީޗިން އިވެންޓް'އެއް ކުރިއަށްދާ އިރު ރާއްޖޭގެ ފަރުތަކަށް ވެސް ވަރަށް ބޮޑަށް ދަނީ އަސަރުކުރަމުން. (ދައުރު ގްރެފިކްސް/އިބްރާހިމް ލަޔާން)

ގާ ހުދުވުން

މަދު ބައެއްގެ މަންފާއަށްޓަކައި ފަރުތައް މަރާލަން ވެސް އޯކޭ؟

ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުގެ އަސަރު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު ރާއްޖެއަށް ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް. ގުދުރަތީ ނިޒާމުތައް ހިމާޔަތްކޮށް، ގައުމު ވިލުންވެރިކުރަން މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި ތިމާވެއްޓަށް ގެއްލުންވާ ނިންމުންތަކުގެ އަސަރު ބޮޑުވާނެ.

ރާއްޖޭގެ އެންމެ ހާއްސަ އެއް ގުދުރަތީ ސިފައަކީ މި ޖަޒީރާ ރަށްތަކުގެ ވަށައިގެންވާ މުއްސަނދި ފަރުތަކެވެ. އަހަރެމެންގެ އާންމު ދިރިއުޅުމާއި އާދަކާދަތަކާއި ވިޔަފާރިތައް ވެސް އެ ފަރުތަކުގެ މައްޗަށް ބިނާވެފައިވާ އަގުހުރި ގުދުރަތީ ވަސީލަތެވެ. އިންސާނުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ކަނޑުގެ އެތައް ދިރުންތަކަކަށް ހިމާޔަތްދޭ ރައުސްމާލެކެވެ.

އެއީ މުޅި ދުނިޔޭގައި ވެސް ހަތްވަނައަށް އެންމެ ބޮޑު ފަރުގެ ނިޒާމެވެ. ފަސްވަނައަށް އެންމެ ދިރުންތައް މުއްސަނދި ފަރުގެ ނިޒާމު ވެސް މެ އެވެ.

ނަމަވެސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން އިންތިހާއަށް މައްޗަށް ގޮސްް، އެ ފަރުތައް މިވަގުތު އެވަނީ މީގެ ކުރިން ކުރިމަތިވެފައި ނުވާހާ ބޮޑު ނުރައްކަލަކަށް ހުށަހެޅިފަ އެވެ.

ގާ ހުދުވަނީ ކީއްވެ؟

ކަނޑުތަކުގެ ފިނިހޫނުމިން މަތިވެގެންދާ ދުވަސްވަރު މުރަކަތައް ނުރައްކަލަށް ހުށަހެޅެނީ ވަކި ވަރަކަށް ވުރެ ބޮޑަށް ލޮނުގަނޑު ހޫނުވުމުން މުރަކައަށް ކާނާ ހޯދައިދޭ އަލްގީ ކަމަށްވާ ޒޫޒަންތަލީ މުރަކައިން ބޭރުކޮށްލާތީ އެވެ. މުރަކައަށް އޭގެ ގަދަ ކުލަތައް ލިބެނީ މި އަލްގީގެ ސަބަބުން ކަމަށް ވުމުން، އަލްގީތައް ބޭރުވުމާ އެކު މުރަކައިގެ ކުލަ ގެއްލި، ހުދުވެ އެވެ. މިއީ 'ކޮރަލް ބްލީޗިން' ނުވަތަ ގާ ހުދުވުމެވެ.

މިގޮތަށް ޒޫޒަންތަލީ މުރަކައިން ބޭރުވެ، މާ ގިނަ އިރު ވެއްޖެ ނަމަ، މުރަކަތައް މަރުވުމުގެ ހިރާސް އިންތިހާއަށް ބޮޑުވެ އެވެ. ނަމަވެސް މުރަކަތަކުގެ ދިރުމަށް އެކަށީގެންވާ މިންވަރަށް މާހައުލުގެ ފިނިހޫނުމިން ދަށްވެއްޖެ ނަމަ، ހުދުވެފައިވާ މުރަކައިން ނުކުންނަ ޒޫޒަންތަލީ މުރަކައިގެ ތެރެއަށް އަލުން ވަދެ، މުރަކަ މަރުނުވެ ސަލާމަތްވާނެ އެވެ. 

ގުދުރަތީ ގޮތުން ކުރިމަތިވާ ހާލަތްތަކުގެ ސަބަބުން މުރަކަތައް ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅުގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުން މުރަކަތަކަށް އިތުރު ގެއްލުން ލިބޭ ނަމަ ފަރުތައް މަރުވުން ވަރަށް ގާތެވެ. މިދުވަސްވަރު މުރަކަތަކަށް އެހެނިހެން ގޮތްގޮތުން ގެއްލުންވާ ހުރިހާ ކަމެއް ހުއްޓާލުން އިންތިހާއަށް މުހިއްމުވަނީ މިހެންވެ އެވެ.

ގާ ހުދުވުމުގެ މަރުހަލާތައް. (ފޮޓޯ/ނޯއާ)

މުރަކަ މަރުވިޔަނުދީ ސަލާމަތްކުރުމަށްޓަކައި، އަދި އިހު ހުރިގޮތަށް އިއާދަވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކުރެވިދާނެ ކަންކަމަކީ:

  • ބިން ހިއްކުން ފަދަ މަޝްރޫއުތައް ހުއްޓާލުން؛ މުރަކަތަކުގެ މައްޗަށް ވެއްޔާއި ކިސަޑު އެޅުމަކީ ފަރުގެ މާހައުލީ ނިޒާމު އިތުރަށް ބަލިކަށިކޮށްލާ ކަމެއް

  • ނަގިލި އެޅުމުން ފަރަށް ލިބޭ ގެއްލުން ކުޑަކުރުމާއި ނަނު އަދި ދާ މޫދަށް ދޫކޮށްނުލުން

  • ޓޭންކަށް ލުމަށް ދިރޭ މުރަކަ ނުނެގުމާއި ހިމާޔަތްކޮށްފައިވާ މަސްމަހާމެހި ނުހިފުން

  • ފީނުމާއި އެހެނިހެން މޫދު ކުޅިވަރުތަކުގައި ވެސް އެއްވެސް ހާލަތެއްގައި މުރަކަތަކުގައި އަތްނުލުން

  • ފިންސާއި އެހެނިހެން އާލާތްތައް ފަރުގައި ނުޖެހޭނެހެން އުޅުމަށް ސަމާލުވެ، ވެލިގަނޑު ބުރައިގެން ދާ ގޮތަށް އަމަލުނުކުރުން

  • ގޮނޑުދޮށާއި ފަރު ސާފުކޮށް ބޭއްވުން

ނުރައްކަލުގެ ދަރަޖަ އިންތިހާ

މިވަގުތު ކުރިމަތިވެފައިވަނީ މިހާތަނަށް ތާރީހުގައި ރިކޯޑުކުރެވިފައިވާ ހަތަރުވަނަ 'ގްލޯބަލް ކޮރަލް ބްލީޗިން އިވެންޓް' އެވެ. ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވާ ފަރުތައް ވެސް ވަނީ ގާ ހުދުވުމާއި މަރުވުމުގެ ނުރައްކަލަށް ހުށަހެޅިފަ އެވެ. މެއި މަހުގެ މެދާ ހަމައަށް 62 ގައުމަކުން ވަރަށް ބޮޑަށް ގާ ހުދުވުން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެންމެ ފަހުން މިފަދަ ބޮޑު ބްލީޗިން އިވެންޓެއް ހިނގީ 2016ގަ އެވެ. އެ އަހަރު ރާއްޖޭގެ ފަރުތަކުގެ މުރަކައިގެ %73 ހުދުވެގެން ދިޔަ ކަމަށް 2017ގައި ޝާއިއު ކުރި ދިރާސާއަކުން ދެއްކި އެވެ. 

ސައިންސްގެ ބައިނަލްއަގުވާމީ ބޮޑެތި އިދާރާތަކުންނާއި މާހިރުން ބުނާ ގޮތުގައި އެ އަހަރާ އަޅާބަލާއިރު މި އަހަރު ފަރުތަކަށް ލިބޭ ގެއްލުން މާ ބޮޑުވާނެ އެވެ.

މިހާތަނަށް ރިކޯޑު ކުރެވިފައިވާ 'ގްލޯބަލް ކޮރަލް ބްލީޗިން އިވެންޓް'ތައް. (ފޮޓޯ/ނޯއާ ކޮރަލް ރީފް ވޮޗް)
2016ގެ ގާ ހުދުވުމުގެ ހާދިސާގައި ބ. އަތޮޅުގެ ފަރެއްގައި ގާ ހުދުވެ، މުރަކަތައް މަރުވެފައި. (ފޮޓޯ/މެރިން ޖާނަލް މޯލްޑިވްސް)
2016ގެ ގާ ހުދުވުމުގެ ހާދިސާގައި ބ. އަތޮޅުގެ ފަރެއްގައި ގާ ހުދުވެ، މުރަކަތައް މަރުވެފައި. (ފޮޓޯ/މެރިން ޖާނަލް މޯލްޑިވްސް)

އެމެރިކާގެ ސައިންޓިފިކް އޭޖެންސީއެއް ކަމަށްވާ ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް ފައުންޑޭޝަން (ނޯއާ)ގެ 'ކޮރަލް ރީފް ވޮޗް' އިން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ވެސް ރާއްޖޭގެ ފަރުތަކަށް ނުރައްކާ އޮތް މިންވަރު ހުރީ އެންމެ މަތީ ދަރަޖައިގައި ނުވަތަ 'އެލާޓް ލެވަލް 2'ގަ އެވެ.

ނުރައްކާ އޮތް މިންވަރު އެއް ދަރަޖަ ފަހަތަށް ޖެހި 'އެލާޓު ލެވެލް 1' އަށް ވެއްޓޭނެ ކަމަށް ވެސް ލަފާކުރެވެނީ ގާތްގަނޑަކަށް ޖުލައި ފަހުކޮޅު އެވެ.

ނޯއާގެ 'ކޮރަލް ރީފް ވޮޗް' އިން ދައްކާ މަންޒަރު މިއަދު ލޯމަތިން ވެސް ދަނީ ފެންނަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުރަކަތަކުން ކުލަވެއްޓި، ފަރުތަކުގެ ދިރުން ފަނޑުވެގެންދާތަން އެއް ބަޔަކު ބަލަން ތިބީ މާޔޫސްކަމާ އެކު އެވެ. 

ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ) އިން ރާއްޖެއަށް ނެރެފައިވާ ގާ ހުދުވުމުގެ ނުރައްކަލުގެ ދަރަޖަ ދައްކުވައިދޭ ޗާޓުތައް. (ފޮޓޯ/ނޯއާ ކޮރަލް ރީފް ވޮޗް)
ރާއްޖޭގެ ފަރެއްގައި މިފަހުން ގާހުދުވެފައިވާ މިންވަރު. ކަނާތްފަރާތުގައި އެ ވަނީ މާޗު 2024ގެ ފޮޓޯއެއް. ވާތް ފަރާތުގައި އެވަނީ މެއި މަހުގެ ތެރޭގައި ފަރު އޮތް ގޮތް. (ފޮޓޯ/އިންސްޓަގްރާމް/އެމީލިއާ އެރިންޓަން)

"މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި މިންވަރަށް [މުރަކަތައް] ސްޓްރެސްވެ މަރުވެގެން ހިނގައިދާނެ ކަމަކަށް މީހަކު ހީވެސް ނުކުރާނެ،" ބ. އަތޮޅުގައި އޮންނަ ކޮކޯ ޕާމް ދުނިކޮޅުގެ މެރިން ބަޔޮލޮޖިސްޓް ރޯޒަލީ ބެއިލީ އިންސްޓަގްރާމްގައި ލިޔުނެވެ.

އޭނާ ބުނި ގޮތުގައި ގިނަ އަދަދެއްގެ މުރަކަ ހުދުވެފައިވާ އިރު، ބައެއް މުރަކަ މިހާރު ވެސް މަރުވެއްޖެ އެވެ. ނަމަވެސް ބައެއް މުރަކަ އިހު ހުރި ހާލަތަށް ރުޖޫއަވާން ފަށާފައިވާ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

"މީގެ ދެ މަސް ކުރިން އަހަރެން ހުރީ މި ޓޭބަލް ކޮރަލްތައް ބޮޑުވަމުންދާ ވަރު ގަބޫލު ނުކުރެވިފައި. މި ސަރަހައްދު ރީތިކަމުން އަބަދު އެ ވާހަކަ ދެއްކޭ،" ރޯޒަލީ ބުންޏެވެ.

"މިތަން ދައްކާލަން އަހަރެން ރައްޓެހިން ވެސް ގެންނަން. މިއީ ވެލަޔާއި އެންމަޑި އާއި ވައިފިޔަ މަޑި އާއި ކޯމަސް ވެސް ފެންނަ ސަރަހައްދެއް."

ނަމަވެސް، އޭނާ ބުނިގޮތުގައި، މިއަދު މިވަނީ އިންސާނުން އެތަކެއް ޒަމާނެއް ވަންދެން ވެއްޓަށް ދެމުން ދިޔަ ގެއްލުމުގެ ހިތި ތަޖުރިބާ ކުރަން ޖެހިފަ އެވެ.

މި އަހަރުގެ ގްލޯބަލް ކޮރަލް ބްލީޗިން އިވެންޓުގައި ބ. އަތޮޅުގެ ފަރެއްގައި ގާ ހުދުވެފައިވާ މިންވަރު. (ފޮޓޯ/އިންސްޓަގްރާމް/ ރޯޒަލީ ބެއިލީ)

ފަރުގެ މާހައުލުން ހިމާޔަތް ހޯދާ މަސްމަހާމެއްސާއި ކަނޑުގެ ދިރުންތައް ވެސް ފަރު މަރުވުމާ އެކު ގެއްލެ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި، މަރުވެފައިވާ ފަރަކީ ކަނޑުއަޑީގެ ގަބުރުސްތާނެކެވެ.

ނަމަވެސް، މުރަކައަކީ ވެސް އެހެން ދިރުންތައް ފަދައިން، ފުރުސަތާއި ވަގުތު ލިބިއްޖެ ނަމަ އާ ހާލަތްތަކަށް ހޭނުމުގެ ގާބިލުކަން ލިބިފައިވާ ދިރުމެކެވެ. ކުރިން 2016ގެ ބްލީޗިން އިވެންޓަށް ފަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހެދި ދިރާސާތަކުން ދެއްކި ގޮތުގައި، މާހިރުން ހީކުރި ވަރަށްވުރެ މުރަކަތައް މާ ވިލުންވެރި އެވެ. ފަރުތައް އިޔާދަވަމުން އައީ އަންދާޒާ ކުރެވުނު މިންވަރަށް ވުރެ އަވަހަށެވެ.

އެކަމުން އުންމީދެއް ލިބުނަސް، މީގެ އަށް އަހަރު ކުރިން ލިބުނު ގެއްލުމުން އަރައިގަންނަން ފަރުތަކުން މަސައްކަތް ކުރަމުންދަނިކޮށް އަނެއްކާ މިފަދަ އިވެންޓެއް ކުރިމަތިވުމުން މުރަކަތަކަށް ލިބިދާނެ ގެއްލުން ވަޒަންކޮށްލަން ދައްޗެވެ.

ފިޔަވަޅުތަކުން ފަރުޖައްސާލެވޭނެ؟

ގާ ހުދުވަމުންދާތީ ފަރުތައް މަރުވުމުގެ ހިރާސް ކުޑަކުރުމަށްޓަކައި، ތަރައްގީގެ ބައެއް މަޝްރޫއުތައް މެދުކަނޑާލައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި އެވެ. އެ ފިޔަވަޅުތަކަކީ:

  • ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުތަކެއް މިވަގުތަށް ހުއްޓާލުން

  • ބަރު މެޝިންތައް ބޭނުންކޮށްގެން ކުރާ މަސައްކަތްތަށް ކަމަށްވާ، ފަޅު ހިއްކުމާއި ގޮނޑުދޮށް ތަރައްގީ ކުރުމާއި ބަންޑުވޯލް ޖެހުމާއި ވެލި ޕަމްޕު ކުރުމާއި ފަރުމަތީގައި ޕައިޕްލައިން އެޅުމާއި ކޭބަލް އެޅުން ހުއްޓާލުން

  • މިހާރު ހިނގަމުންދާ މިފަދަ މަޝްރޫއުތަކާއި އީއައިއޭ ހެދުން މަޑުޖައްސާލުމަށް ތާވަލު ކުރުން

މިފަދަ ވަގުތީ ފިޔަވަޅުތަކަކުން ފަރުތަކަށް މާބޮޑު ހިމާޔަތެއް ނުދެވުނަސް، މިއީ ހާލަތަށް ބަލައި ގެއްލުން ކުޑަކުރުމަށްޓަކައި ކޮންމެހެން އެއްބާރުލުން ދޭން ޖެހޭ ފިޔަވަޅުތަކެކެވެ.

ޖޫން 10އާ ހަމައަށް މި ފިޔަވަޅުތައް އަޅާފައިވާ އިރު، ގާ ހުދުވަމުންދާ މިންވަރު ބެލުމަށްޓަކައި އީޕީއޭގެ ޓީމުތަކުން ދަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ސާވޭ ކުރަމުންނެވެ. އަދި ބިން ހިއްކަމުންދާ ފަރާތްތަކާ ބެހޭގޮތުން ލިބޭ ރިޕޯޓުތައް ބަލަމުންދާ ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި، ގިނަ ބަޔަކު ދަނީ އެ އިދާރާގެ އެންގުމާ އެއްގޮތަށް އަމަލުކުރަމުންނެވެ. ސަރުކާރު ހިއްސާވާ އެމްޓީސީސީގެ ހުރިހާ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް މި ދުވަސްކޮޅަށް ވަނީ މަޑުޖައްސާލާފަ އެވެ. ނަމަވެސް:

  • ބިން ހިއްކުމާއި ވެލި ނެގުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރިއަށް ގެންދާކަމުގެ ރިޕޯޓު އީޕީއޭ އަށް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި

  • އެކަމާ ބެހޭ އިތުރު ތަފްސީލެއް ނައީމް ނުދެއްވި ނަމަވެސް، ހުރިހާ ފަރާތްތަކުން ވެސް މި ދުވަސްވަރު އެފަދަ މަސައްކަތްތައް ހުއްޓާލަން އީޕީއޭގެ ފަރާތުން އިލްތިމާސް ކުރި

ނަމަވެސް، އަދިވެސް ބައެއް ފަރާތްތަކުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މިފަދަ ނާޒުކު ހާލަތްތަކުގައި އަންގާ އެންގުންތަކަށް ތަބާވުމުން އެއް ބަޔަކު އިސްތިސްނާވާ ނަމަ، އެދެވޭ ނަތީޖާއެއް ނެރެނީ ކިހިނެއް ހެއްޔެވެ؟

ތިމާވެއްޓަަށް ގެއްލުންދިނުމުގެ 'ހާއްސަ ހުއްދަ'

'ކޮރަލް ބްލީޗިން އެލާޓު' އެންމެ މަތީގައި އޮތް ނަމަވެސް ބައެއް ފަރާތްތަކުން ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ އެވެ. މިހާރު ވެސް ދަނީ ކުރިއަށެވެ.

މިދިޔަ ހަފްތާގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ބައެއް މަޝްރޫއުތައް ކުރިއަށްދަނީ އީޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ. އެެގޮތުން ޕްރޮޖެކްޓް ހުއްޓާލުމުން ލިބިދާނެ މާލީ ގެއްލުންތަކަށް ރިއާޔަތްކޮށް ބަލަންޖެހޭ ކަންކަމަށް ބަލާފައި އީޕީއޭއިން މަޝްރޫއުތަކަށް ހުއްދަ ދީފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކަށް އޭނާ ވިދާޅުވެފައިވެ އެވެ.

23 މެއި 2024 - ރައިސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެކަމާ ބެހޭގޮތުން އީޕީއޭއާ ސުވާލުކުރުމުން ނައީމް ވިދާޅުވީ:

  • އީޕީއޭގެ ނިންމުންތަކުގައި އެންމެ ފަހު ބަސް އިއްވަވާ ފަރާތަކީ އަދި ރައްޔިތުންގެ މަޖިލީހުގައި އީޕީއޭ ތަމްސީލް ކުރައްވާ ފަރާތަކީ އެންވަޔަރަމެންޓް މިނިސްޓަރު ކަމަށް

  • އިތުރު ކޮމެންޓެއް ދެއްވަން އޭނާ އުޒުރުވެރިވެ ވަޑައިގެންނެވި

އީޕީއޭއަކީ ތިމާވެށީގެ ކަންކަން ވިލަރެސް ކުރަން އުފައްދާފައިވާ މައި އިދާރާ ނަމަވެސް އެ އިދާރާއަށް ގާނޫނީ ގޮތުން މިނިވަންކަމެއް ނުލިބެ އެވެ. އެހެންކަމުން، އީޕީއޭގެ ނިންމުންތައް ބަދަލުކުރުމާއި ބާތިލް ކުރުމާއި އެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ބާރު އަބަދުވެސް އޮންނަނީ ސަރުކާރުގެ އަތުގަ އެވެ. އެ ބާރުގެ ނާޖާއިޒު ފައިދާ ނަގައިގެން ތިމާވެއްޓަށް ގެއްލުން ހުރި އެތައް ކަމެއް ސަރުކާރުތަކުން ކުރަމުންދާ ކަމުގެ ޝަކުވާ ބޮޑެވެ.

ގާނޫނީ މިނިވަންކަން ނެތި އީޕީއޭއަށް އެ އިދާރާގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވޭތީ، ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުންނާއި އާންމުން ވެސް އީޕީއޭ މިނިވަން ކުރަން ގޮވާލާތާ އެތައް އަހަރެކެވެ. އީޕީއޭ މިނިވަންކޮށްދޭނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އެކަމެއް ނުކޮށްދިނެވެ. މިނިސްޓަރު ތޯރިގް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އީޕީއޭ މިނިވަން ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ވެސް ނުގެންގުޅޭ ކަމަށެވެ.

އެލާޓު ލެވެލް އެންމެ މަތީގައި އޮތް އިރު ވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.(ފޮޓޯ/އީޕީއޭ)
 ފަޅު ތެރެއިން ވެލި ނެގުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު. (ފޮޓޯ/އީޕީއޭ)

އެހެން ކަމަށްވާ ނަމަ، ސަރުކާރުން ތިމާވެށި ހިމާޔަތް ކުރަން ބޭނުން ނުވަނީ ހެއްޔެވެ؟ މަދު ބައެއްގެ ވަގުތީ މަންފާއަށްޓަކައި ފަރުތައް ވެސް ގުރުބާން ކުރަންވީ ހެއްޔެވެ؟ އެކަން މަނާ ކުރެވޭނެ ބާރެއް ލިބިފައިވާ އިދާރާއެއް ވެސް ނެތީ ހެއްޔެވެ؟ ސަރުކާރު ޒިންމާދާރު ކުރުވޭ ވަރަށް އެކަމާ ދެކޮޅަށް އަޑު އުފުލާނެ ބަޔަކު ވެސް ނެތީ ހެއްޔެވެ؟ އަހަރެމެންގެ ދިރިއުޅުމާއި އިގްތިސޯދު އޭގެ މައްޗަށް ބިނާވެފައިވާ ގުދުރަތީ ވަސީލަތްތައް ސުންނާފަތި ކުރާ އިރު ވެސް އަޅާނުލާ ތިބެނީ ހެއްޔެވެ؟

ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުގެ އަސަރު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު ރާއްޖެއަށް ކުރިއަށް އޮތީ ބަނަ ދުވަސްތަކެކެވެ. އެކަމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ގުދުރަތީ ނިޒާމުތައް ހިމާޔަތްކޮށް، ގައުމު ވިލުންވެރިކުރަން މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ގެއްލުވާލެވެނީ އަހަރެމެންގެ އަމިއްލަ ކުރިމަގެވެ.

ކޮމެންޓް (4)

ހަސަނާ

1 ޖޫން 2024
ރިސޯޓް ހޮޓާތައް ތަރައްގީ ކުރުމަށް ފަޅުތައް ހިއްކުމަކީ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުމަށާއި، ވަޒީފާ އުފައްދައި، ސަރުކާރުގެ އާމްދަނީ އިތުރުކޮށް، އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ލިބޭ ސްޓްރެޓެޖިކް ފުރުސަތެކެވެ. ހަމައެއާއެކު، ތިމާވެށީގެ ސްޓެވާޑްޝިޕާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތަކަށް ހިތްވަރުދީ، މި ސަރަޙައްދުގެ (ހިއްކި ސަރަހައްދު) ގުދުރަތީ ރީތިކަމާއި ބަޔޯޑައިވަރސިޓީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށްދެއެވެ. އިޤްތިޞާދީ ކުރިއެރުމާއި ތިމާވެއްޓާއި އިޖްތިމާޢީ މަސްއޫލިއްޔަތުތައް ބެލެންސްކޮށްގެން މިފަދަ މަސައްކަތްތަކުގެ ސަބަބުން ފުޅާ ދާއިރާއެއްގައި އަދި ދެމެހެއްޓެނިވި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
0 0

ދީދީ

29 މޭ 2024
ފަރުތައް ނުހިއްކާ ބިންއޮތް ރަށްރަށުން ގެދޮރުވެރި ޕްރޮގުރާމް ހިންގަންވީ. ކޮންމެހެން ނުޖެހޭނެތާ މާލޭ ބޭފުޅުން ބޭނުންވާގޮތަށް މާލެ ސަރަހައްދަށް އެންމެން ޖަމާކުރާކަށް. މާލެ ސަރަހައްދު މަސްރޫތައް ހުއްޓާލާފަ އަތޮޅުތަށް ތަރައްގީ ކުރަންފަށަންވީ.
1 1

ޒޫޒަންތަލީ

29 މޭ 2024
ފަރުތައް އުފެދުމާއި ފަރުތައް ބެތިދިއުމަކީ ގުދްރަތީ ނިޒާމެއް. އެކަންކަން ހުއްޓުވުމެއް އިންސާނުންނަކަށް ލިބިގެނެއްނުވޭ. ދުނިޔެ ހޫނުވުމާއި ފިނިވުމަކީ ދުނިޔެ އުފެދުނީއްސުރެ ހިނގާ ނިޒާމެއް. އެތައް އެތައް މިލިއަން އަހަރެއް ވެގެންދާއިރުވެސް މިނިޒާމަކަށް ބަދަލެއްނާދޭ.
3 0

މަޒްނާ

29 މޭ 2024
ނާއީމު އިސްތިއުފާ ދީ. ފެއިލްވެފަ ހުރީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް