ހަސަން ޒަރީރު: މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް މަޖިލިހުގެ ކޮމިޓީން އިއްޔެ ރުހުން ދިން

މީރާ

ޒަރީރު: މަގާމު ގެއްލުނަސް އަޅުގަނޑުގެ ޕްރިންސިޕަލް ހިފަހައްޓާނަން

މަޖިލިހުގެ ކޮމިޓީގައި ހަސަން ޒަރީރު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މީރާއިން ސިޔާސީ މީހުންގެ އެކަންޓުތައް ފްރީޒް ކުރިއިރު ވެސް އެކަމާ ދެކޮޅަށް ވަކާލާތު ކުރެއްވި ކަމަށް

މުހިންމު ނުކުތާތައް

'ޕޮލިޓިކަލް އޮގަނައިޒޭޝަނެއް'ގެ ގޮތުގައި ނޫން ގޮތަކަށް މީރާ ހިންގަވާނެކަމުގެ ޔަގީންކަން ދެއްވި

ޑެޕިއުޓީ ކޮމިޝަނަރުކަމަށް އުޅުނުއިރު އެއްވެސް ހާލަތެއްގައި، އެއްވެސް ޕޮލިޓިކަލް ކަމެއްގައި އެންގޭންޖްވެފައެއް ނޯންނާނެ

ވަކި މީހަކަށް، ވަކި ގޮތަކަށް ކަންކަން ކުރަން އަންގަވައިފި ނަމަ، އަޅުގަނޑު އެގޮތަށް މަސައްކަތެއް ނުކުރާނަން

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިނުމުގެ ކުރިން ހަސަން ޒަރީރަށް އެތައް ސުވާލެއް އިއްޔެ ކުރިމަތިވި އެވެ. ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ނުފޫޒުގެ ތެރެއިން ބައެއް މީހުންނާ ދެކޮޅަށް މީރާއިން ފިޔަވަޅު އެޅިއިރު، އެތަނުގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އޭނާ ހުންނެވުމެވެ.

ޒަރީރުގެ ޖަވާބު ވަރަށް ސާފެވެ. އެގޮތުން އޭނާ ވިދާޅުވި އެއް ވާހަކައަކީ "މަގާމުން ވަކިކުރިޔަސް އަޅުގަނޑުގެ ޕްރިންސިޕަލްތަކުގައި ހިފަހައްޓާނަމެ"ވެ.

އޭނާގެ ޓެކްސް ކޮމިޝަނަރު ކަމުގައި ދައުލަތުގެ ޓެކްސް އިދާރާއަށް ސިޔާސީ ނުފޫޒު ނުވަންނާނެ ކަމަށާއި އެތަން މަސައްކަތް ކުރާނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނެއްގެ ގޮތުގައި ކަމަށް ވެސް، ސުވާލުތަކަށް ޖަވާބު ދެއްވަމުން، ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި، ޒަރީރު ޑެޕިއުޓީ ކޮމިނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ އިދާރާ ސިޔާސީ ބޭނުމަށް ބޭނުންކުރި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. އޭރު ކޮމިޝަނަރަކަށް ހުންނެވީ އިއްޔެ ކޮމިޓީން ރުހުން ލިބިވަޑައިނުގެންނެވި ޔަޒީދު މުހައްމަދެވެ.

އޭރު އިދިކޮޅު ފަރާތްތަކުން ބުނީ:

  • ސަރުކާރާ ދެކޮޅު ވިޔަފާރިވެރިންނަށް މީރާ މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅިކަމަށް

  • އޭގެ ތެރޭގައި އޭރު އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާ ދެކޮޅަށް އެޅި ފިޔަވަޅުތައް ހިމެނޭ

ހުސްވެފައި އޮތް ޓެކްސް ކޮމިޝަނަރުގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ދެ ނަމުގެ ތެރޭގައި ޒަރީރުގެ ނަން ހިމެނެ އެވެ. އެކަމަކު ރައީސް އިސްކަން ދެއްވާ ބޭފުޅަކަށް އޮތީ ޔަޒީދެވެ. ނަމަވެސް އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ޒަރީރަށް ރުހުން އޮތް ކަމަށް އިއްތިފާގުން ނިންމި އިރު ޔަޒީދާ ދެކޮޅަށް ހަތަރު ބޭފުޅަކު ވޯޓު ދެއްވި އެވެ.

އެ ނަންތައް ދިރާސާކުރި މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި އޮންލައިންކޮށް ކުރި އިންޓަވިއުގައި ޒަރީރުއަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވި އެވެ.

އެ ސުވާލުތަކުގެ ތެރޭގައި ޔާމީންގެ ސަރުކާރުގައި މީރާއަށް ސިޔާސީ ނުފޫޒު ވަން ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ސުވާލުތައް ވެސް ހިމެނެ އެވެ. ޒަރީރަށް މަގާމު ލިބިވަޑައިގެންފި ނަމަ، ދެން ވެސް ވާނީ އެހެންތޯ މެމްބަރުން އެއްސެވި އެވެ.

"އަޅުގަނޑު ޑެޕިއުޓީ ކޮމިޝަނަރުކަމަށް އުޅުނުއިރު ވެސް އެއްވެސް ހާލަތެއްގައި، އެއްވެސް ޕޮލިޓިކަލް ކަމެއްގައި އެންގޭންޖްވެފައެއް ނޯންނާނެ،" ޒަރީރު، އޭނާގެ ދިފާއުގައި ވިދާޅުވި އެވެ.

އިގްތިސާދީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގެ ތެރެއިން  (ފޮޓޯ/ މަޖިލިސް)

އޭނާ ވިދާޅުވީ ކޮމިޝަނަރު މަގާމު ލިބިވަޑައިގެންފި ނަމަ، ފެންނާނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މީރާއެއް ކަމަށެވެ. އަދި އޭނާ އަމިއްލައަށް ވެސް މަސައްކަތްކުރައްވާނީ އެ މަގަަށް އެ އިދާރާ ގެންދެވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މީރާގެ މަސައްކަތުގެ އިތުރުން އަޅުގަނޑު މީރާ ޕޮލިޓިކަލް އޮގަނައިޒޭޝަންއެއް ނޫން ގޮތުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ތިޔަ އެންމެ ބޭފުޅުންނަށް އަރުވަން،" ޒަރީރު ވިދާޅުވި އެވެ.

އަޅުގަނޑުގެ މަގާމު ގެއްލުނު ނަމަވެސް، އަޅުގަނޑުގެ ޕްރިންސިޕަލްތައް އަޅުގަނޑު ހިފަހައްޓާނަން. އެއީ، އަޅުގަނޑަކީ ވެސް ކިޔަވައިގެން ހުރި، ޕްރޮފެޝަނަލީ ކޮންމެ ތަނަކަށް ދިޔަ ނަމަވެސް ވަޒީފާ ލިބޭނެ މީހެއް. އެހެންވީމާ، އަޅުގަނޑުގެ ޕްރިންސިޕަލްތައް އަޅުގަނޑު ވަޔަލޭޓް ނުކުރާނަން

ހަސަން ޒަރީރު، މީރާގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު

އެއާ އެކު މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ޔަޒީދާއި ޒަރީރު އެ އިދާރާގައި ހުންނެވިއިރު ފެނުނީ "ވަކި ފަރާތްތަކުގެ ޓެކްސްތައް ނުދައްކައިގެން، އެކައުންޓުތައް ފްރީޒް ކުރި ތަން" ކަމަށެވެ.

"އެންމެ ބޮޑު ސިޔާސީ ފަރާތުން ތިބޭފުޅުންގެ ނަން ފޮނުވާފައިވަނީ. ތި ދައްކާ ވާހަކަ ބުއްދިހަމަޖެހޭ ގޮތަށް، ސާފު ސީދާކޮށް ތިމަންނަމެން ސިޔާސީ ނުފޫޒުގައި ނުޖެހޭނަމޭ އަދި ރައީސުލްޖުމްހޫރިއްޔާ އެންގެވިޔަސް އެ ނުފޫޒުގައި ނުޖެހޭނަމޭ ބުނަން ކެރޭނެތޯ،" އިބްރާހިމް ރަޝީދު އެއްސެވި އެވެ.

 އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގައި މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެ ސުވާލަށް ޒަރީރު ވިދާޅުވީ އޭނާއަށް "އެ ޔަގީންކަން ދެވޭނެ" ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ، އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން ވަކި ވިސްނުމެއް ހުންނެވީތީ، އެބޭފުޅުން ޑިސްއެޑްވާންޓޭޖް ޕޮޒިޝަންއަކަށް އަޅުގަނޑު ވައްޓައެއް ނުލާނަން،" ޒަރީރު ވިދާޅުވި އެވެ.

އިތުރަށް އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެއްވެސް މީހަކާ ދޭތެރޭ ނުހައްގުން ކަމެއް ކުރައްވަން އެއްވެސް ބޭފުޅަކަށް އޭނާއަށް ނޭންގެވޭނެ ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑު ތި ބޭފުޅުންނަށް ވެސް އަދި ހުރިހާ ރައްޔިތުންނަށް ވެސް [ޔަގީންކަން އަރުވަން ބޭނުންވަނީ] ރައީސުލްޖުމްހޫރިއްޔާ ވިޔަސް، މަޖިލީހުން ވިޔަސް އަދި އެހެން ބޭފުޅަކަށް ވެސް އަޅުގަނޑު ވަކި މީހަކަށް، ވަކި ގޮތަކަށް ކަންކަން ކުރާކަށް ނޭންގެވޭނެ. އެގޮތަށް އަންގަވައިފި ނަމަ، އަޅުގަނޑު އެގޮތަށް މަސައްކަތް ނުކުރާނަމޭ،" ޒަރީރު ވިދާޅުވި އެވެ.

ސިޔާސީ މީހުންގެ އެކައުންޓްތައް ފްރީޒް ކުރުމާ އޭރު ވެސް ދެކޮޅު

މީރާއަށް ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން ޒަރީރު ވިދާޅުވީ:

  • ޑެޕިއުޓީ ކޮމިޝަނަރުގެ ރޯލަކީ، ކޮމިޝަނާ ޖެނެރަލްކުރާ ކަންތައްތައް ކުރުން

  • އަޅުގަނޑު ކިތަންމެ ވަރަކަށް ތިކަން ނުކުރާށޭ، ވަކި ގޮތަކަށް ކަމެއް ނުކުރާށޭ، ދެންނެވިޔަސް އަޅުގަނޑަކަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ ގޮތުގައި އެ އޮތޯރިޓީއެއް ނޯވޭ ކަންކަން ހުއްޓުވާކަށް.

  • ނަމަވެސް ކޮމިޝަނާ ޖެނަރަލްގެ މަގާމުގައި މަސައްކަތް ކުރާ ނަމަ، އަޅުގަނޑު އެ ކޮންފިޑެންސް ދޭނަން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ޔާމީންގެ ވެރިކަމުގައި އޭނާއާ ދެކޮޅަށް މީރާއިން ހަަރުކަށި ފިޔަވަޅުތައް އެޅި (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެ ޖަވާބާ އެކު އިބްރާހިމް ރަޝިދު ދެން ކުރިމަތިކުރެއްވި ސުވާލަކީ، އޭރު ސިޔާސީ މީހުންގެ ވިޔަފާރިތަކުގެ އެކައުންޓުތައް ފްރީޒްކޮށްފައި ވަނީ ސިޔާސީ ނުފޫޒަކުންތޯ އެވެ. 

"އެ ދުވަސްވަރު އަޅުގަނޑު ވަރަށް ބޮޑަށް ވަކާލާތު ކުރިން، އެންމެ ރަނގަޅު ގޮތުގައި ނޫނޭ އެ ކަންކަމުގައި [ސިޔާސީ މީހުންގެ އެކައުންޓުތައް ފްރީޒުކުރުމުގައި] އެ ކަންތައްތައް އެ ކުރެވެނީ،" ޒަރީރު ވިދާޅުވި އެވެ.

އެ ވަކާލާތު މީރާގެ އެކި ލެވެލްތަކުގައި ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވީ އެވެ. 

"މީރާގެ ބޯޑުގައި ވެސް، މީރާގެ މެނޭޖްމަންޓް ތެރޭގައި ވެސް އަޅުގަނޑު އެ ވާހަކަ ދެއްކިން، އެ ގޮތަށް ކުުރުމަކީ އެކަށީގެންވާ ކަމެއް ނޫނޭ،" މިހާރު ބީއެމްއެލްގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓު މަރުހަލާއެއް އޮއްވާ، އެ މަރުހަލާއަށް ނުގޮސް، އެގޮތަށް އެކައުންޓު ފްރީޒް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މިސާލަކަށް ދަށު ކޯޓުން މީހަކު މަރަށް ހުކުމްކުރީ. އެކަމަކު ހުރިހާ ކޯޓު މަރުހަލާއަކަށް ނުގޮސް، އޭނާ މަރާލައިފިއްޔާ، ކިހިނެއްތޯ މަތީ ކޯޓެއްގައި އޭނާއަށް ހައްގުތައް ލިބޭނީ،" 2019ގެ ފަހުން ވިލާ ކުންފުނީގެ ޑިރެކްޓަ އޮފް ފައިނޭންސްގެ މަގާމު ފުރުއްވި ޒަރީރު  ވިދާޅުވި އެވެ.

އާންމު އުސޫލުން އެ އޮންނަ މަރުހަލާތައް ފުރިހަމަވެގެން ޓެކްސް ނުދައްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ނަމަވެސް އެެއީ ސިޔާސީ ބޭނުމުގައި ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މަގާމު ގެއްލުނު ނަމަވެސް، އަޅުގަނޑުގެ ޕްރިންސިޕަލްތައް އަޅުގަނޑު ހިފަހައްޓާނަން. އެއީ، އަޅުގަނޑަކީ ވެސް ކިޔަވައިގެން ހުރި، ޕްރޮފެޝަނަލީ ކޮންމެ ތަނަކަށް ދިޔަ ނަމަވެސް ވަޒީފާ ލިބޭނެ މީހެއް. އެހެންވީމާ އަޅުގަނޑުގެ ޕްރިންސިޕަލްތައް އަޅުގަނޑު ވަޔަލޭޓް ނުކުރާނަން،" މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ފައިނޭންސް ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިގެން ހުންނެވި ޒަރީރު ވިދާޅުވި އެވެ.

އެ ދެއްވި ޔަގީންކަމާ އެކު ކޮމިޓީގެ 10 މެންބަރުންގެ އިއްތިފާގުން އޭނާގެ ނަން މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ފާސްކުރެއްވި އެވެ.

ކޮމެންޓް (4)

profile-image-placeholder

ތެފައާސާ.

8 މޭ 2024
"އެ ދުވަސްވަރު އަޅުގަނޑު ވަރަށް ބޮޑަށް ވަކާލާތު ކުރިން، އެންމެ ރަނގަޅު ގޮތުގައި ނޫނޭ އެ ކަންކަމުގައި [ސިޔާސީ މީހުންގެ އެކައުންޓުތައް ފްރީޒުކުރުމުގައި] އެ ކަންތައްތައް އެ ކުރެވެނީ، މީރާގެ ބޯޑުގައި ވެސް، މީރާގެ މެނޭޖްމަންޓް ތެރޭގައި ވެސް އަޅުގަނޑު އެ ވާހަކަ ދެއްކިން، އެ ގޮތަށް ކުުރުމަކީ އެކަށީގެންވާ ކަމެއް ނޫނޭ،" ޒަރީރު ވިދާޅުވި އެވެ. ކަނޑައެޅިގެން ބޮޑު ދޮގެއް. ޒަރީޒު މި ބީދައަކުން ދެއްކި ވާހަކައެއް އަޑުއެހި މީހަކު އުޑުބަޅުކުރެއްވި ހިސާބުގައި ނުހުންނާނެ. އަދި ކޮބާ، ޔަޒީދު އެޅިހާ ބަތަކަށް ރިހަވެގެން ޔެސް ސާރ ކިޔާކިޔާލަ ހުރި މީހެއް.

ނޯނޯ ޖެންޓިންގ

10 މޭ 2024
@ތެފައާސާ. ބަހާއަމަލު ދުވަހަކުވެސް ދިމާނުވާ ސޮރެއް މަޤާމުގެ ދަހިވެތިކަމުގަ ބުނާބަސްތަކެއް.

މީރާ ހޯޕްލެސް

8 މޭ 2024
ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ އަދި ސިޔާސީ ފަރާތްތަކުގެ ބަހަށް ގުޑުގުޑު އަޅާ ބޭފުޅެއް މިހާރުވެސް. އަދި ކުރީގައި ޕްރިންސިޕަލް އޮޅާލައިފައި ކުރީގެ މުވައްޒަފުންނާއި އޮޑިޓަރުންނާއި ޒާތީ ގޮތުން ޖެހިގަތް ބޭފުޅުންގެ ތެރޭގައި ހިމެނޭ ފަރާތެއް.

ވިލާ

8 މޭ 2024
ވިލާ އެކައުންޓް ފްރީޒްކުރި ކޮމިޝަނަރު ޔަޒީދު އަދި ޑެޕިއުޓީ ކޮމިޝަނަރު ޒަރީރު ވެސް މަޤާމުން ވަކިކުރުމުން ވަޒީފާ ދިނީ ވިލާއިން. ދެބޭފުޅުންނަކީ މާ ކުރީއްސުރެ ވިލާ އާ ގުޅުންހުރި ދެބޭފުޅުން. މިގޮތުން، ޒަރީރުއަކީ ވިލާ ސްކޮލަރޝިޕްގައި ކިޔެވި ބޭފުޅެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް