ޓެކްސް ކޮމިޝަނަރުގެ މަގާމަށް ރައީސް ނަން ފޮނުވި ޔަޒީދު މުހައްމަދު (ވ) އާއި ހަސަން ޒަޒީރު

ގާނޫނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ޔަޒީދަށް ރުހުން ނުދީ ކޮމިޓީން ފާސްކުރީ ޒަރީރުގެ ނަން

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރުގެ ނަން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 10 މެންބަރުންގެ އިއްތިފާގުން

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ވެރިޔަކަށް ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު ނަން ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން އެމަނިކުފާނު އެންމެ އިސްކަން ދެއްވި އެ އިދާރާގެ ކުރީގެ ކޮމިޝަނަރު ޔަޒީދު މުހައްމަދު އައްޔަންކުރަން ގާނޫނީ ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އޭނާއަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ ނަންތައް ދިރާސާކުރި މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މަގާމަށް ރުހުން ދޭން ފާސްވީ ރައީސްގެ ލިސްޓުގައި ދެން ހިމެނިވަޑައިގަންނަވާ އަދި މީރާގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ހަސަން ޒަރީރުގެ ނަމެވެ.

ތަފްސީލު - ކޮމިޓީގެ ބައްދަލުވުމުގައި މިއަދު އޮތީ އެ ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު، ރުހުން ދޭން ފެންނަ ބޭފުޅަކަށް ވޯޓަށް އެހުމުވެ. އިންޓަވިއުކުރީ އޮންލައިންކޮށެވެ.

ދެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ ކުރިން އެ ކޮމިޓީގެ އިދާރީ މޭޒުން، ކޮމިޓީގެ މެންބަރުންގެ ސަމާލުކަމަށް ގެނައީ ޔަޒީދު އައްޔަން ކުރުމުގައި ދިމާވެދާނެ ގާނޫނީ ފުށުއެރުމުގެ މައްސަލަ އެވެ.

އެގޮތުން އިދާރީ މޭޒުން ވާހަކަ ދެއްކެވި މަޖިލީހުގެ މުވައްޒަފަކު ވިދާޅުވީ:

  • މިހާރު އަމަލު ކުރަމުން އަންނަ ޓެކްސްއާ ގުޅޭ ގާނޫނު ބުނާ ގޮތުން މީރާގެ ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރާ މީހަކަށް އެ މަގާމު ފުރިހަމަކުރެވޭނީ ފަސް އަހަރުގެ ދެ ދައުރު؛ އެހެންކަމުން އެކަކަށް 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ނުހުރެވޭނެ

  • ޔަޒީދު މީގެ ކުރިން ވަނީ 2010އިން 2018އަށް ނުވަ އަހަރާއި ދެ މަހާއި 18 ދުވަސް ވަންދެން އެ މަގާމު ފުރުއްވާފައި

  • ޔަޒީދު އެންމެ ފުރަތަމަ އެ މަގާމަށް 2010ގައި އައްޔަންކުރިއިރު، ކޮމިޝަނަރަކަށް ހުރެވޭނެ އެންމެ ދިގު މުއްދަތު ހިމަނާފައި ނުވި ނަމަވެސް 2019ގައި ގެނައި އިސްލާހު އޭނާގެ މައްޗަށް ވެސް ހިނގާނެ ކަމަށް ބެލެވިދާނެ

"ސަބަބަކީ، ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަން ކުރެވިފައި ވަނީ އެ ގާނޫނުގެ ދަށުން ކަމަށް ވެފައި، ގާނޫނު މާނަކުރުމުގައި ފަހުން ހިނގާނެ އިސްލާހު ވެސް ހިނގާނެ ކަމަށް ބެލެވިދާނެ،" މަޖިލިސް އިދާރީ މުވައްޒަފު ވިދާޅުވި އެވެ.

އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ އިދާރީ މުވައްޒަފު(ކ2)، މެންބަރުންނަށް ޔަޒީދު މަގާމުން އައްޔަން ކުރުމުގައި ހުރި ގާނޫނީ ފުށުއެރުން ވިދާޅުވެއްދެއްވަނީ (ފޮޓޯ/ މަޖިލިސް)

ފަސް އަހަރަށް އައްޔަންކުރާ އެ މަގާމަށް ޔަޒީދު އަލުން އައްޔަންކޮށްފި ނަމަ، އެ މުވައްޒަފު ވިދާޅުވި ގޮތުގައި، 10 އަހަރަށް ވުރެ ގިނަ ދުވަހު އެ މަގާމު އަދާކުރެއްވުމުގެ ފުރުސަތު އޭނާއަށް އޮންނާނެ އެވެ.

"ޔަޒީދު މުހައްމަދު ދެ ދައުރު ފުރިހަމަކުރުމަށް ބާކީ ނުވަ މަސް އޮތަތީވެ، އެ މުއްދަތަށް [ނުވަތަ] އެ ނުވަ މަސް ދުވަހަށް އެބޭފުޅާ އެ މަގާމަށް އައްޔަން ކުރެވިދާނެ ކަމަށް ބެލުމަކީ ހަމަޖެހޭ އުސޫލެއް ނޫން،" އިދާރީ ގޮތުން ފާހަގަކުރެވުނު ކަންކަން މެންބަރުންނަށް އިއްވައިދެއްވަމުން އޭނާ ވިދާޅުވި އެވެ.  

މި ގާނޫނީ ފުށުއެރުމާ ގުޅޭ ގޮތުން މިއަދުގެ އިންޓަވިއު މަރުހަލާގައި ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހްމަދު ވަނީ ޔަޒީދުއާ އެ ސުވާލު ކުރިމަތި ކުރުވާފަ އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އޮންލައިންކޮށް ޔަޒީދުއާ އިންޓަވިއުކުރަނީ

އެކަމުގައި ޔަޒީދު ދެކެވަޑައިގަންނަވާ ގޮތް ހާމަކޮށް، އެ ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ:

  • "މީރާގެ ގާނޫނު 2010ގައި ފުރަތަމަ ބައްޓަން ވެގެން އައީ، ކޮމިޝަނާ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްއަކީ ދާއިމީކޮށް ތިބޭ މުވައްޒަފުންގެ ގޮތުގައި

  • ފަހުން އެކަން ބަދަލުވީ 2019ގައި ގެނައި އިސްލާހާ އެކު

"އަބަދުވެސް ގާނޫނަކީ ޕްރޮސްޕެކްޓިވްކޮށް ހިނގާ އެއްޗެއް. އެއީ، ވެފައި ހުރި ކަންކަަމަށް [ފަހުން ހަދާ] ގާނޫނު ނުހިނގާނެ. ގާނޫނު އަބަދުވެސް ހިނގާނީ ކުރިއަށް،" ޔަޒީދު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ކޮމިޝަނަރު ޖެނެރަލްކަމަށް އައްޔަން ކުރެވުނު އެ ގާނޫނުގެ އެ މާއްދާ މިހާރު ނެތް. މިހާރު މި އޮތް ގާނޫނުގެ ދަށުން އަޅުގަނޑު ކޮމިޝަނަރު ޖެނެރަލްކަމަށް އަންނަ އިރު، [އަންނާނީ] ފުރަތަމަ ފަހަރަށް އަންނަ މީހެއްގެ ގޮތުގައި."

އޭނާގެ ނަން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ، ޔަޒީދު ގަބޫލުކުރައްވާ ގޮތުގައި، ރައީސް އޮފީހުން ބަލަން ޖެހޭ ބެލަންތައް ބެލުމަށް ފަހު، ގާނޫނީ ލަފާ ވެސް ހޯދައިގެން، އެކަމުގައި ގޯހެއް ނެތުމުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ޔަޒީދަށް ރުހުން ދޭން ފެނުނީ ހަތަރު މެންބަރަކަށް

ޔަޒީދު އެ މަގާމަށް އައްޔަންކުރަން ފެނޭތޯ ވޯޓަށް އެހުމުން، އޭނާއަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. ޒަރީރުއަށް ރުހުން ލިބުނީ އެވަގުތު ހާޒިރުވެ ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަދަދަކީ، މުގައްރިރާ އެކު، 14 އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މީރާގައި ޒަރީރު ކުރިން ވަޒީފާ އަދާކުރެއްވީ ޔަޒީދުގެ ދަށުންނެވެ. އެ ދެ ބޭފުޅުންނަށް މަގާމު ގެއްލުނީ، މިހާރު އޮތް 19 ވަނަ މަޖިލީހުން 19 ސެޕްޓެމްބަރުގައި ގާނޫނަށް ގެނައި އިސްހާލެވެ. 

ޔަޒީދަށް ރުހުން ނުދޭން ކޮމިޓީން ދެއްކި މައިގަނޑު ސަބަބަކީ ވެސް އެ އިސްލާހެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް