ކްލާސް ރޫމެއްގެ ބޭރުގައި ބަހައްޓާފައި ހުރި ފޮއްޓަކަށް މީހަކު ވޯޓުލަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ތައުލީމު

ވޯޓުލުމުގެ ތެރެއިން އެހެން އިހުސާސެއް: ކުދިންނަށް ވާ ހޫނު އެނގިއްޖެ

ިސްކޫލުތަކުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް އާދީއްތަ ދުވަހު ވޯޓުލާން ދިޔަ މީހުންނާއި އޮފިޝަލުންނަށް، ކްލާސް ރޫމްތަކުގައި ވާ ހޫނު އިހުސާސްވެ އެ ޝަކުވާ ކުރި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށި ކައިރީގައި މޮނިޓަރެއްގެ ގޮތުގައި އިން ރައްޓެއްސަކު އިއްޔެ މެސެޖެއް ކުރި އެވެ.

"އަހަރެން ހިތަށް އަރަނީ މިތަނަށް ކިޔަވަން އައިސް ތިބޭ ކުދިން ހާދަ ހިތްވަރުގަދައޭ. މިއޮތް ވާ ހޫނުގައި ކުދިންނަށް ކިޔަވަން ކިހާ ބޮޑު ސަމާލުކަމެއް ދެވޭނެބާއޭ؟" ރަހުމަތްތެރިޔާ ބުނެފައި އޮތެވެ.

އޭނާ މިހެން ބުނުމާ އެކު ހަނދާންވީ، އޭގެ ދެ ދުވަހެއްވަރު ކުރިން ސޯޝަލް މީޑިއާއިން ވެސް ފެނުނު، މިކަމާ ގުޅޭ ޕޯސްޓެކެވެ. ފުރަގަހުން، ތެމިފޯވެފައިވާ ޔުނީފޯމެއްގައި އިން ކުއްޖެއްގެ ފޮޓޯއާ އެކު ޓީޗަރަކު ކުރި ޝަކުވާތަކެކެވެ. އޭނާ ބުންޏެވެ؛ ދުނިޔެއަށް އަންނަ މޫސުމީ ބަދަލާ ގުޅިގެން އެއް ދުވަހުން އަނެއް ދުވަހަށް ރާއްޖޭގެ ހޫނުމިން މަތިވަމުންދާއިރު، ނަގާ ދިލަ ހޫނުން ދުވާލުގަޑީގައި މަގުމަތީގައި އުޅުމަކީ ދަތި ކަމެކެވެ. ގިނަ ވަގުތު މި ހޭދަކުރަނީ ފިނި ކޮޓަރިތަކުގަ އެވެ. އެކަމަކު، ދަރިވަރުން ސްކޫލުގައި، ކިރިޔާ އެނބުރޭ ނޭނބުރޭ ފަންކާއެއްގެ ދަށުގައި ތިބޭނެ ހާލު ވިސްނާލަބަލާށެެވެ.

އެ ޓީޗަރު ޕޯސްޓް ކުރި ފޮޓޯގައި ދަރިވަރުގެ ޔުނީފޯމު ތެމި ގައިގައި ހުރީ ތަތްލާފަ އެވެ. އޭނާ ބުނިގޮތުގައި އެއީ، އެ ދުވަހު 1 ޖެހި އިރު، ޓެސްޓު ހެދުމަށް އިމްތިހާން ހޯލަށް ވަން ދަރިވަރު، ބަރާބަރު 10 މިނިޓް ފަހުން އިން ހާލެވެ.

"މި ހާލުގައި ތިބެގެން ކުދިންގެ ސިކުނޑިއަށް އެއްޗެއް ވިސްނުން އެއްކިބާ ކޮށްފައި، ކިޔެވުމުގެ ތެރެޔަށް ކުދިންނަށް ރަނގަޅަށް ނުވެސް ވަދެވޭނެ. ކުދިން ތިބޭ ގޮތް ފެނި ސަހަރޯ ހީވާ ފަހަރު ވެސް އާދޭ،" އެ ޕޯސްޓުގައި ބުންޏެވެ.

"ރައްޔިތުންނާއި ބެލެނިވެރިންގެ ތެރެއިން މިކަމާ ދޭތެރޭ ކިތައް މީހުން ވިސްނާލާބާ؟ ސިޔާސީގޮތުން ތިޔަ ތަޅާ ބޭކާރު އަނގަތަކަށްވުރެ ކުދިންނަށް ލިބެންޖެހޭ މިފަދަ ހައްގުތައް ހޯދައިދޭން މަސައްކަތްކުރުން މާ އައުލާކަން ބޮޑު."

އިމްތިހާން ހަދަން އިން ދަރިވަރަކު ހޫނުވެގެން ތެމިފޯވެފައި. މިއީ ހޫނުގަދަ ދުވަސްވަރެއްގައި ދަރިވަރުން އުފުލަން ޖެހޭ ތަކުލީފެއް

ފޭސްބުކްގައި ޖެހި މި ޕޯސްޓް ވަރަށް ބޮޑަށް ވައިރަލްވި އެވެ. އެތައް ބަޔަކު އެ ވާހަކަތައް ހިއްސާކުރީ، މިއީ ތިމަންނަމެން ރަށުގައި، ތިމަންނަމެންގެ ސްކޫލުގެ ވެސް ހާލަތޭ ބުނަމުންނެވެ.

'އޭސީ ބަހައްޓައިފި ނަމަ ކަރަންޓު ބިލު މާ ބޮޑުވާނެ'

އެއް ބެލެނިވެރިޔަކު ޝަކުވާ ކުރަމުން ބުނީ، ހޫނު ގަދަވެގެން ދަރިފުޅު ސްކޫލަށް ދާން ބަހަނާ ދައްކާތީ، ކްލާހުގައި އޭސީ ހަރުކޮށްދޭން އެތައް ފަހަރަކު ސްކޫލުގައި އެދިފައިވާ ކަމަށެވެ. ހެޔޮ އެދޭ ފަރާތްތަކުން ވެސް، ބެލެނިވެރިންގެ އަމިއްލަ އަތުން ހަރަދުކޮށްގެން ވެސް އޭސީއެއް ގަނެ ހަރުކޮށްދީފާނެ ކަމަށާއި އެކަމަކު އެކަމަށް ސްކޫލުން ދެކޮޅު ހަދާ ކަމަށް ބުންޏެވެ.

"އެ މީހުން ބުނަނީ ކަރަންޓު ބިލް ބޮޑުވާނެއޭ، ކާކުހޭ ބިލްތައް ދައްކަނީ. ކޮންމެ ކްލާހެއްގައި އޭސީ ބެހެއްޓުމަކީ ކުރެވޭނެ ހަރަދެއް ނޫން ކަމަށް ބުނަނީ،" އެ ބެލެނިވެރިޔާ ބުންޏެވެ.

އެ ބެލެނިވެރިޔާގެ ޝަކުވާތައް، ސްކޫލެއްގެ ޕްރިންސިޕަލަކާ ހިއްސާކޮށްލީމެވެ.

ޕްރިންސިޕަލް ވިދާޅުވީ ކްލާސްތައް ހޫނު ގަދަވުމުގެ ޝަކުވާ ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް ކުރާ ކަމަށެވެ. އެކަމަކު ކޮންމެ ކްލާސް ރޫމެއްގައި އޭސީ ބެހެއްޓުމަކީ ބޮޑު ހަރަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވިގޮތުގައި ކޮންމެ ސްކޫލެއްގައި ވެސް އެތައް ކްލާހެއް ހުންނައިރު އެއިން ކޮންމެ ކްލާހެއްގައި އޭސީ ހަރުކޮށްފި ނަމަ ކަރަންޓު ބިލް އިންތިހާއަށް ބޮޑުވާނެ އެވެ. އަދި ކަރަންޓު ބިލަށް އެ ވަރުގެ ބޮޑު ބަޖެޓެއް ހޭދަކުރެވެން ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސްކޫލުގެ މުހިއްމު އެހެން ކަންކަމަށް ވެސް ގިނަ ފަހަރަށް ފައިސާ މި ހޯދަނީ ފަންޑްރެއިޒިން ކަހަލަ ކަންތައްތައް ކޮށްގެން. ކޮންމެވެސް ފަރާތަކުން ހެޔޮ އެދިގެން ނަމަވެސް ކަރަންޓު ބިލް ދައްކައިދޭ ނަމަ ތިއަކީ މާބޮޑު ކަމެއް ނޫން ކުރާކަށް،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ރާއްޖޭގައި އޭސީ ހަރުކޮށްފައި ހުންނަ ސްކޫލުތައް ވަރަށް މަދެވެ. އަމިއްލަ ބައެއް ސްކޫލުތައް އޭސީއިން ފިނިކޮށްފައި ހުރި ނަމަވެސް ސަރުކާރުގެ ހުރިހާ ސްކޫލެއްގައިހެން ހުންނަނީ ހަމައެކަނި ފަންކާ ހަރުކޮށްފަ އެވެ. ކްލާހެއްގައި 32 އެއްހާ ކުދިން ތިބޭއިރު، ހުންނަނީ ދެތިން ފަންކާ އެވެ. އެއިން ކިރިޔާ ވެސް ވައި ޖެހެނީ، ފަންކާގެ ދަށުގައި ތިބޭ ކުދިންނަށެވެ.

"ރާއްޖޭގައި ކުޅިވަރު ކުޅޭ އެކި އިންޑޯ ހޯލްތައް، އިންޓަނޭޝަނަލް ފެންވަރަށް އޭސީ ކުރަމުންދާއިރު، އެތައް ހާސް ކުދިންތަކެއް ކޮންމެ ދުވަހަކު ކިޔަވަން އަންނަތަން އޭސީ ކޮށްލާނެ ފެންވަރު ވެސް ނެތީބާ؟" މީހަކު ސުވާލު ކުރި އެވެ.

ސްކޫލުތައް ހޫނުވުމުގެ މައްސަލަ އަބަދުވެސް ބޮޑެވެ. އެކަމަކު އިހުސާސް ކުރެވޭ ހޫނުމިން މިހާރު 40 ޑިގްރީއަށް ވުރެ މަތީގައި އުޅޭއިރު، ކޮންމެ ދުވަހަކު ފަސް-ހަ ގަޑިއިރު ވަންދެން ކުދިންތަކެއް މި ހޫނުގައި ބޭތިއްބުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އާދީއްތަ ދުވަހު ވޯޓުލާން ދިޔަ އެހެން އެކުވެރިޔަކު ބުނީ، އޭނާ ވޯޓު ދޭނީ ކްލާސްތައް އޭސީ ކޮށްދޭނެކަމުގެ ޔަގީންކަން ދޭ ކެންޑިޑޭޓަކަކަށް ކަމަށެވެ.

"އެހާ ވެސް މުހިއްމު ކަމެއް މިއީ. ވޯޓުލާން އަންނަ އިރެއްގައި މި އިހުސާސް ކުރެވެނީ ކުދިންނަށް ވާނެ ހޫނު،" އޭނާ ބުންޏެވެ.

ކޮމެންޓް (3)

profile-image-placeholder

އައްޔަ

27 އޭޕްރީލު 2024
ހުރިހާ ސްކޫލެއްގެ ހާލު މީ... ފަންކާ ގަނޑެއްް ބަދަލިކޮށްލެވެނީ އެތައް ދުވަހެއް ވާފަހުން

ފަންކާ

23 އޭޕްރީލު 2024
އޭސީ ހަރުނުކުރެވެންްޏާ މިހާރުހުރި ފަންކާތައް ބަދަލުކުރެވޭ ވަރުވާނެދޯ.. ކްލަލާހުގަ މިހާރު ހުރި ފަންކާތަކެއް އެނބުރެނީކީ އެއްނޫން.. އަމީނިއްޔާގެ ހާލަތުމީ ހަމަ...

އޭސީ

23 އޭޕްރީލު 2024
ގދ. ތިނަދޫ ގައި ހުންނަ ސަރުކާރު ގެ ސްކޫލް އެއްކޮއް ހުންނަނީ އޭސީ ކޮއްފަ. އެހެންކަމުން ސަރުކާރު ހުރިހާ ސްކޫލް އެކޭ ނުލިޔޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް