ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ސަރުކާރަށް އިމްތިހާނެއް؛ އެމްޑީޕީއާ މެދު މާޔޫސް ވެއްޖެ

މިދިއަ ތިން އިންތިހާބުގައި ވެސް ރައްޔިތުން މެޖޯރިޓީ ދިނީ ސަަރުކާރަށް. އެކަމަކު ސަރުކާރުން އެ މެޖޯރިޓީ ބޭނުންކުރާ ގޮތް ރައްޔިތުން ބަލައި، ފަހުން ގޮތް ވެސް ނިންމާ
22 އޭޕްރީލު 2024
7

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ނަތީޖާއާ އެކު އިދިކޮޅު އެމްޑީޕީއަށް އޮތް މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީއެންސީގެ އަތް މައްޗަށް، އާ މަޖިލިހުގައި، ފުރޮޅުނީ އެވެ. ވަގުތީ ނަތީޖާއިން ދައްކަނީ 67 ގޮނޑިއާ އެކު ސަރުކާރާއި ޕީއެންސީން މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާ އެކު ހަމަޖެހިލީ ތަނެވެ.  

މިއީ އެއް ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެކެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ، އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ދީގެން މަޖިލިހުގެ ކަންކަން ދިޔަ ގޮތުން ދެވަނަ ފަހަރަށް ރައްޔިތުން 'އެ މީހުންގެ ބާރު' ވަކި ކޮޅަކަށް ދޫކޮށް ނުލާނޭ ކަމަށެވެ. އެކަމަކު ނަތީޖާ މިއައީ މުޅިން އެހެން ގޮތަކަށެވެ. މި ނަތީޖާގެ ތަރުޖަމާއަކީ ކޮބައި ހެއްޔެވެ؟

ރައްޔިތުން މިދިނީ ސަރުކާރަށް އިމްތިހާނެއް

މީގެ ފަސް އަހަރު ކުރިން ރައްޔިތުން ފުރިހަމަ މެޖޯރިޓީ ދިނީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީއަށެވެ. އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މެޖޯރިޓީ ދިނީ ވެސް އޭރުގެ ސަރުކާރުގެ ޕާޓީ ޕީޕީއެމްއަށެވެ. މި ފަހަރު ވެސް އަނެއްކާ މި ތަކުރާރުވީ ހަމަ އެ މަންޒަރެވެ. 

ސިޔާސީ ކަންކަން ދިރާސާކުރައްވާ ދައުރުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)ގެ ވިސްނުމުގައި އެގޮތަށް ރައްޔިތުން އަމަލު ކުރަނީ ހަމަޖެހުން ބޭނުން ވާތީ އެވެ. ގައުމުގައި ހުރި ދުވަސްވީ މައްސަލަތައް ހައްލުކޮށް ތަރައްގީ ގެނެސްދެވޭނީ ސަރުކާރަށް ފުރުސަތާއި ބާރުތައް ދީގެން ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭތީ އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވޯޓް ގުނުމުގެ މަސައްކަތް އީސީ އޮފިޝަލުން ކުރަނީ: އިއްޔެގެ ނަތީޖާއިން ގިނަ ވާހަކަތައް ބުނެދޭ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ސިޔާސީ ގޮތުން އެ ޓްރެންޑް ތަކުރާރުވާން ފެށީ، ހިރިގާ ޒާހިރު ވިދާޅުވާ ގޮތުގައި، އާ ގާނޫނުއަސާސީގެ ދަށުން 2009ގައި ބޭއްވި ފުރަތަމަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް މެޖޯރިޓީ ނުލިބުމުން ކުރިމަތިވި 'ޖެއްސުމާއި' ހަލަބޮލިކަމުގެ ތަޖުރިބާއަށް ފަހު ރައްޔިތުން އެގޮތް ބޭނުން ނުވާތީ އެވެެ.

"ރައްޔިތުންނަށް ވިސްނެނީ ސަރުކާރަކަށް ގަވާންކުރަން ފުރުސަތު ދިނުމޭ ރަނގަޅު ގޮތަކީ. ތަރައްގީ ގެނެސް މައްސަލަތައް ހައްލުކުރަން އެ ފުރުސަތު ސަރުކާރަކަށް ދީފައި ދެން ރައްޔިތުން އަނެއްކާ ގޮތް ނިންމާނީ. އެ މަންޒަރު މި ތަކުރާރު ވަނީ. ބާރު ދީފައި އަމަލު ކުރާ ގޮތަށް، އެ ބާރު ބޭނުންކުރާ ގޮތަށް ރައްޔިތުން ބަލާނީ،" ޒާހިރު ވިދާޅުވި އެވެ. 

މިއީ ސަރުކާރަށް ބޮޑު އިމްތިހާނެކެވެ. މިހާތަނަށް ހުރިހާ ސަރުކާރުތަކުން ވެސް އޮތީ މި އިމްތިހާނުން ފެއިލްވެފަ އެވެ. ޕީޕީއެމްގެ ސަރުކާރަށް މެޖޯރިޓީ ދިނުމުން މަޖިލިސް މެދުވެރިކޮށް ގޯސް އެތައް ކަމެއް ހިންގި އެވެ. އެމްޑީޕީއަށް ދިން މެޖޯރިޓީން ވެސް، ގިނަ މީހުން އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނުނިކުތެވެ. ރައްޔިތުން އެދުންތަކާ އެއްވަރަށް މަސައްކަތް ކުރިއަށް ނުގެންދެވުނީ އެވެ.

ރައްޔިތުންނަށް ވިސްނެނީ ސަރުކާރަކަށް ގަވަންކުރަން ފުރުސަތު ދިނުމޭ ރަނގަޅު ގޮތަކީ. ތަރައްގީ ގެނެސް މައްސަލަތައް ހައްލުކުރަން އެ ފުރުސަތު ސަރުކާރަކަށް ދީފައި ދެން ރައްޔިތުން އަނެއްކާ ގޮތް ނިންމާނީ. އެ މަންޒަރު މި ތަކުރާރު ވަނީ. 

ހިރިގާ އަހުމަދު ޒާހިރު، ދައުރުގެ މެނޭޖިން އެޑިޓަރު

ދައުރުގެ މަޖިލިސް ރިޕޯޓަރު މުހައްމަދު މުޒައްޔިން ނާޒިމްގެ ވިސްނުމުގައި ވެސް އިއްޔެގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ ދާއިރާގެ ތަރައްގީ އާއި މައްސަލަތައް ހައްލުކުރަން ސަރުކާރަށް ފުރުސަތު ދިން ކަމެވެ. ސަރުކާރަށް ބޮޑު އިމްތިހާނެއް ރައްޔިތުން ހަވާލުކުރީ އެވެ. މުޒައްޔިން ވިދާޅުވަނީ ދިވެހިންގެ އާންމު ވިސްނުމަކީ ތަރައްގީ ގެނެވޭނީ އަދި މައްސަލަތައް ހައްލުކޮށްދެވޭނީ ސަރުކާރުގައި ތިބޭ ބަޔަކަށް ކަމެވެ. މީހުން ވޯޓް ދެނީ އެ ވިސްނުމުގެ މައްޗަށެވެ.

"މީހުން ގަބޫލުކުރަނީ ސަރުކާރުގައި ތިބޭ ބަޔަކަށޭ ކަންކަން ހައްލުކުރެވޭނީ. އެ މީހުންނަށް ފުރުސަތު ދެވެން އޮތް އެންމެ ބޮޑަށް ދިނީމައޭ. އެ ވިސްނުން ރައްޔިތުން ގެންގުޅެނީ،" މުޒައްޔިން ވިދާޅުވި އެވެ.

އެމްޑީޕީން ރައްޔިތުން މާޔޫސްކޮށްލުމުގެ ނަތީޖާ

މީގެ ކުރީގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ދިނީ އެތައް ކަންތައްތަކެއް އިސްލާހުކޮށް ބަދަލުތަކެއް ގެނައުމުގެ ވިސްނުމުގަ އެވެ. އެކަމަކު އޭރު އެމްޑީޕީން ވިއްކި އެޖެންޑާ-19ގެ ވައުދުތަކުގެ ބައިކުޅަބައި ވެސް ހާސިލެއް ނުވި އެވެ.

މުޒައްޔިން ވިދާޅުވީ އެމްޑީޕީގެ ދަށް ޕާފޯމަންސާ އެކު އެމްޑީޕީއާ މެދު ރައްޔިތުން މާޔޫސްވީ ކަމަށެވެ. ހާއްސަކޮށް ސިޔާސީ ގޮތުން ވަކިކޮޅެއް ނުނަގާ ތިބޭ ސައިލެންޓް ވޯޓަރުންގެ މާޔޫސްކަން އެމްޑީޕީއާ މެދު ބޮޑުވެ އިތުބާރު ގެއްލުނީ އެވެ. އަދި އެ އިތުބާރު ހޯދަން އެމްޑީޕީން މިފަހަރު ކުރިއަށް ނެރުނު 'މިސްރާބު ހަމަ މަގަށް' ސިޔާސަތުގައި ހަރުދަނާ ކަންކަން ނެތީ އެވެ. 

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ  (ފޮޓޯ/ އެމްޑީޕީ)

"ހަގީގަތުގައި އެމްޑީޕީގެ ސިޔާސަތެއް މިފަހަރު ވިއްކި ތަނެއް ނުފެނުނު. އެމްޑީޕީގެ މިހާރުގެ މެންބަރުންގެ ޕާފޯމަންސް އެހާ ދަށް. އެހެންވީމާ އެ މީހުން އަމަލުކުރި ގޮތުން ރައްޔިތުން އަނެއްކާ އެ މީހުންނަށް ފުރުސަތު ދޭން ބޭނުން ނުވީ. އަދި އެމްޑީޕީން ނެރެފައި ތިބި ރައްޔިތުންގެ އިތުބާރު ގެއްލިފައި ތިބި މީހުން،" މުޒައްޔިން ވިދާޅުވި އެވެ.

ހިރިގާ ޒާހިރުގެ ވިސްނުމުގައި ރިޔާސީ އިންތިހާބުގެ ބައްޔަށް ފަހު އެމްޑީޕީގެ ލީޑަޝިޕް ސާފުވާން ޖެހެ އެވެ. ބަދަލުތައް އަންނަން ޖެހެ އެވެ. ގެއްލިފައި އޮތް އިތުބާރު ހޯދޭނީ އޭރުންނެވެ. އެކަމަކު މަޖިލިސް އިންތިހާބު ކުރިމަތިވީ އިރު ވެސް އެމްޑީޕީގެ ލީޑަޝިޕްގެ ވަރުގަދަ ކަމެއް ނުފެނުނެވެ. އޭގެ ބަދަލުގައި ފެނުނީ ރިޔާސީ އިންތިހާބުގައި ވެސް ފޭލިވި ހަމަ ކުރީގެ ލީޑަޝިޕެވެ.

"ރައީސް ސޯލިހި އަނެއްކާވެސް ފެނުނީ. ލީޑަޝިޕް ސާފުވެގެން ވަރުގަދަ މަސައްކަތްތަކެއް ކުރެވުނު ތަނެއް ނުފެނުނު. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ވާހަކައަށް ވުރެ ރައީސް އަޒުލް ކުރާ ވާހަކައާ މިކަހަލަ ވާހަކަތަކެއް އަޑުއިވުނީ،" ޒާހިރު ވިދާޅުވި އެވެ.

ހަގީގަތުގައި އެމްޑީޕީގެ ސިޔާސަތެއް މިފަހަރު ވިއްކި ތަނެއް ނުފެނުނު. އެމްޑީޕީގެ މިހާރުގެ މެންބަރުންގެ ޕާފޯމަންސް އެހާ ދަށް. އެހެންވީމާ އެ މީހުން އަމަލުކުރި ގޮތުން ރައްޔިތުން އަނެއްކާ އެ މީހުންނަށް ފުރުސަތު ދޭން ބޭނުން ނުވީ.

މުހައްމަދު މުޒައްޔިން ނާޒިމް، ދައުރުގެ މަޖިލިސް ރިޕޯޓަރު

ފައިސާ، ވަޒީފާގެ ނުފޫޒަށް ދީލައިލުން ނޫން ގޮތެއް ނެތް

އޭނާ ގަބޫލުކުރައްވާ ގޮތުގައި ދިވެހިން އިސްލާހީ ޑިމޮކްރެޓިކް ބަދަލުތައް ގެނައީ ހެޔޮ ވެރިކަމުގެ ނިޒާމެއްގެ އުންމީދުގަ އެވެ. އެކަމަކު ރައްޔިތުން އުންމީދުކުރި ގޮތާ ހިލާފަށް ސިޔާސީ ވެރިން އެ ނިޒާމު ކިލަނބުކޮށް މުޅި ނިޒާމު ކޮރަޕްޓްކޮށްލީ އެވެ. މާލިއްޔާއިން ވައްކަން ކުރުމާއި ކަޅު ފައިސާއިން ހިންގާ ނިޒާމަކަށް މުޅި ނިޒާމު ބަދަލުކޮށްލީ އެވެ.

"ރައްޔިތުންގެ ފުދުންތެރިކަން ހުންނަ ގޮތުން އެ މީހުންނަށް ނޯވޭ ބާރުގެ ތިބޭ ބަޔަކަށް ފާޑުކިޔައިގެން ދިރިއުޅުމުގައި ސާވައިވް ވެވޭކަށް. އެހެންވީމާ ދެން އެ މީހުން ވޯޓް ވެސް ވިއްކަނީ. ސިޔާސީ ވެރިން ކޮރަޕްޓް ޕްރެކްޓިސްތައް ހިންގިޔަސް ލޯ މަރާލަނީ. މާދިއްޔަތު ޕްރިންސިޕަލްތަކުގެ މައްޗަށް މި އިސްވަނީ. ސިޔާސީ މީހާ ވައްކަން ކުރީމާ އެ ފައިސާއިން ބައެއް ތިމާއަށް ވެސް ލިބެންޏާ އެގޮތް ވަރިހަމައީ. ފެޑަޕްވީ ރައްޔިތުން،" ޒާހިރު ވިދާޅުވި އެވެ.

ޑިމޮކްރަސީ އާއި ހައްގުތަކުގެ މުހިންމުކަން މިހާރުގެ ޖީލަކަށް ނުވިސްނޭ

އިބްރާހިމް އިސްމާއިލް (އިބްރާ)

މުޒައްޔިން ވެސް ގަބޫލުކުރައްވަނީ އިންތިހާބުތަކުގައި ފައިސާގެ ނުފޫޒާއި ވަޒީފާގެ ބިރާއި މި ހުރިހާ ކަމެއް ވަރަށް ބޮޑު ރޯލެއް ކުޅުނު ކަމަށެވެ. ގާނޫނުތައް ހުރީ ވެސް އެކަންކަން ހުއްޓޭ ގޮތަކަށެއް ނޫނެވެ. އެކަން ކުރަން ވެސް ސިޔާސީ ބާރުވެރިން ބޭނުމެއް ނުވެ އެވެ. 

"ފައިސާ ވެސް ބަހާ. ވޯޓް ގަތުން އާންމުވެއްޖެ. ޕްރޮޖެކްޓްތައް އިއުލާންކޮށް ވަޒީފާތައް ދީ ހަދަނީ ކޮންމެ ސަރުކާރަކުން ވެސް އިންތިހާބާ ދިމާކޮށް. އިދިކޮޅުގައި ތިބޭއިރު ގޯސް. އެކަމަކު ބާރު ލިބުނީމާ ގާނޫނަކުން އެކަން ހުއްޓުވަން ވެސް ގެންނަން ޖެހޭ ބަދަލެއް ނުގެނޭ. ތަންމިނަށް މި ކަންކަމަށް ޖާގަ ދީފައި އޮންނަނީ،" މުޒައްޔިން ވިދާޅުވި އެވެ.

"ރައްޔިތުންގެ ވިލްއަކީ ސިޔާސީ މީހާ ގަންނަ، ސޭލް އަޅުވާފައި ހުންނަ އެއްޗަކަށް ވެއްޖެ."

އިއްޔެ އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓްލަނީ (ދައުރު ފޮޓޯ)

އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ކުރިން މާލޭގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ)ގެ ވިސްނުން ވެސް ހުރީ އެގޮތަށެވެ. އޭނާ ވިދާޅުވީ މިހާރުގެ ޖީލު ބޮޑުވީ މާ ބޮޑު އުނދަގޫތަކެއް ނެތް ހުޅުވިފައިވާ މުޖުތަމައެއްގައި ކަމަށް ވުމުން ޑިމޮކްރަސީ އާއި ހައްގުތަކުގެ މުހިންމުކަން މިހާރުގެ ޖީލަކަށް ނުވިސްނޭ ކަމަށެވެ. 

އެހެންވެ އާންމުންގެ މެދުގައި އެންމެ މަގުބޫލު ވިސްނުމަށް މިހާރުގެ ޖީލު ދީލައިލެވެނީ އެވެ.

"ކުރިމަތީގައި އޮތީ ބަނަ ދުވަސްތަކެއް. މިއީ ރާއްޖޭގެ މުޖުތަމައު މިހާ ދަށަށް ދަށަށް ގޮސްފައިވާ ވަރު،" އިބުރާހިމް އިސްމާއިލް ވިދާޅުވި އެވެ. 

ބާރުތައް ވަކިވުމުގެ ފަލްސަފާއާ މެދު ދެކޭ ގޮތް ބަދަލުވެއްޖެ

ކުރީގެ ފޮރިން މިނިސްޓަރު އަދި ސިޔާސީ ދާއިރާ އާއި ހާރިޖީ ދާއިރާގެ ތަޖުރިބާކާރު ޑރ. އަހުމަދު ޝަހީދު އެކްސްގައި ވިދާޅުވި ގޮތުގައި އިއްޔެގެ ނަތީޖާއިން ހާމަވި އެއް ކަމަކީ ދައުލަތުގެ ބާރުތައް ވަކިވެފައި އޮންނަ ގޮތާ މެދު ރައްޔިތުންގެ ވިސްނުން މިވީ ދުވަސްތަކުގައި ބަދަލުވެފައިވާ ކަމެވެ. އަދި ރާއްޖެއަށް ގެނައި އިސްލާހީ ބަދަލުތަކުގެ ތެރެއިން ވަރަށް މުހިންމު އުސޫލުތަކެއް ދިވެހިންގެ ތެރެއިން ދޫވެފައިވާ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. 

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާއަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގަތުމުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ސަލާންކުރައްވަނީ (ފޮޓޯ/ މަޖިލިސް)

"އިންސާނީ ތަރައްގީ، މީހުންނަށް އިހުތިރާމް ކުރުން، މިކަހަލަ މުހިންމު ވެލިއުސްތައް ދޫވެފައި ހުރިތަން މި ފެންނަނީ. ވިހި އަހަރުގެ ތެރޭގައި ޖެނެރޭޝަނަށް އައި ބަދަލާ އެކު ދަރަނި ނެގުމާއި އިޖުތިމާއީ ހަމަހަމަކަން ގާއިމްކުރުމަށް ސިޔާސީ އަދި އިގްތިސާދީ ހަރުދަނާ އުސޫލުތަކެއް އަންނަން އެބަ ޖެހޭ،" ޝަހީދު ވިދާޅުވި އެވެ. 

އިއްޔެގެ އިންތިހާބުގައި ސަރުކާރަށް ލިބުނު މެޖޯރިޓީއަކީ އިމްތިހާނެއް ކަމަށް ސަރުކާރުން ގަބޫލުކުރާކަން ނުވަތަ ނޫންކަން ކުރިއަށް އޮތް ދުވަސްތަކުގައި އެނގޭނެ އެވެ. ހަނދާނުގައި ބަހައްޓަން ޖެހެނީ، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ރައްޔިތުން ދިން ކުރީ ދެ ސަރުކާރަށް ރައްޔިތުން ފަހުން ނޫނެކޭ ބުނި ކަމެވެ. މިއީ މި ވަގުތަށް ލިބެން އޮތް ފިލާވަޅެކެވެ.

ކޮމެންޓް (7)

profile-image-placeholder

ޞައްދާމު

22 އޭޕްރީލު 2024
މާޔޫސް ވީކީ ނޫނެވެ. ހަމަ ގަދައަށް ދެކޮޅީއެވެ.

މަދީހް

22 އޭޕްރީލު 2024
(4) އެއިން ކަމެއްގެ ރަހަ ނުލިބުނު މީހުން، އެމީހުންނަށް ހިނގަމުން ދާ ސަރުކާރުގެ ފަރާތުން ލިބޭނެ މަންފާއެއް ނެތް ކަން ޔަގީންވުމުން، ދެން އެމީހުންނަށް އޮޕޮޗުނިޓީއެއް ލިބުން އޮތީ ހިނގަމުންދާ ސަރުކާރު ބަދަލުވެގެން ކަމަށް ގަބޫލުކުރެވޭ ހިސާބުންނެވެ. އެއީ ރިޔާސީ ދައުރު ދެބައިވާ ހިސާބުންނެވެ. އެހެންކަމުން އައު ރިޔާސީ އިންތިޚާބެއް ބާއްވާއިރު، މި ބުނާ ތިންވަނަ ބައިގެ މީހުން އަނެއްކާވެސް އަރަނީ ހިނގަމުންދާ ސަރުކާރާ ދެކޮޅު ކެނޑިޑޭޓުގެ ފަހަތަށެވެ. އެމީހުންނަކީ ޑިޝިޝަން މޭކަރުން ކަމަށް ވާތީ، އެބައި އަރާ ކޮޅަކަށް މިހާތަނަށް އޮތީ ކާމިޔާބު ވެފައެވެ. އަދި މަޖިލިސް އިންތިޚާބަކީ އައު ސަރުކާރުގެ ހަނީމޫން ދުވަސްކޮޅު އޮންނަ އިންތިޚާބެއް ކަމުން، ރިޔާސީ އިންތިޚާބުގެ އޮއިވަރުގެ އިތުރަށް އެ އިރަކު އޮންނަ ސަރުކާރަށް ލިބޭ އެތައް އެޑްވާންޓޭޖެއްގެ ސަބަބުން މަޖިލީހުގެ މެޖޯރިޓީ ކީއްކުރަން އެކްސްޓްރާ ސުޕަރ މެޖޯރިޓީ ވެސް ލިބެނީއެވެ.

މަދީހް

22 އޭޕްރީލު 2024
(3) އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާން މިހާރު ބެހިފައި ވަނީ މައިގަނޑު ތިން ބަޔަށެވެ. އެއްބަޔަކީ އަބަދުވެސް އެމްޑީޕީއަށް ތާއީދު ކުރާ މީހުންނެވެ. އަނެއް ބަޔަކީ ޕީޕީއެމް-ޕީއެންސީ އަށް އަބަދު ވެސް ތާއީދު ކުރާ މީހުންނެވެ. މި ދެބައި މީހުންނަކީ އަބަދުވެސް އެ ގޮތުގައި ތިބޭ ސަޕޯޓަރުންނެވެ ތިންވަނަ ބަޔަކީ ރިޔާސީ އިންތިޚާބު ބާއްވާއިރު އެ އިރެއްގައި އޮންނަ ސަރުކާރަކާ ދެކޮޅަށް ވޯޓުދޭ މީހުންނެވެ. މިމީހުންގެ ވިސްނުން ބަދަލުވާ ހިސާބަކީ ކޮންމެ އައު ސަރުކާރުގެ ހަނީމޫން ދުވަސްވަރު ތެރޭގައި އޮންނަ މަޖިލިސް އިންތިޚާބު ނިމި، ސިޔާސީ ހިރަފުސްގަނޑު އޮބި ކޮންމެ ސަރުކާރެއްގެ ސިޔާސީ މަގާމުތަކާއި ޕްރޮޖެކްޓްތަކާއި އެހެނިހެން ސީދާ މަންފާތައް އެސަރުކާރަކަށް ތާއީދުކޮށް މަސައްކަތްތައް ކުރި މީހުންނަށް ބަހައި ނިމޭއިރު އެއިން ކަމެއްގެ ރަހަ ނުލިބުނު

މަދީހް

22 އޭޕްރީލު 2024
(2) 7. ތިންބާރު ވަކިވެފައިވާ ޑިމޮކްރެސީ ރައްޔިތުންނަށް ނޭގުން އަދި ހޭޅުންތެރި ނުވުން ނަތީޖާއާކީ، މަޖީލީހަށް ހޮވަންޖެހޭނީ ކިޔަވައިގެން ތިބި ގައުމަށް ވަފާތްތެރިވާނެ ތަންދޮރު ދަންނަ އަދި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނާނެ ފަރާތްތްކަށް ވޯޓުލާނެ ރައްޔިތުން ވަރަށް މަދުވުން. މިސާލަކަށް ޔާމީނު ޒަމާނުގައި ކޮރަޕްޝަންތަކުގައި ބައިވެރިކަމަށް އަމިއްލައަށް އިއުތިރާޟްވެފައިވާ މެމްބަރުންވެސް އަލުން ހޮވާފައިވުން. މިހެން ގޮސް ބައިވަރު ކަންކަން މިއަދު ވެރިކަމުގައި އެމްޑީޕީ އޮތްނަމަ ރައްޔިތުން ވޯޓުދޭނީ އެމްޑީޕީއަށް. އަދި ވެރިކަމަށް ނާޒިމް އައިނަމަ އޭނަގެ ޕާޓީއަށް ވޯޯީޓުދޭނީ. ރައްޔިތުނަށް ދައްކާ މަންޒަރަކީ އަދި ރައްޔިތުންނަށް ހިވާނީ ސަރުކާރު މެމްބަރު ހޮވީމާ ތިމާއަށް ފްލެޓް ލިބޭނީ. ކޯސް ލިބޭނީ. ވަޒީފާ ލިބޭނީ.

މަދީހް

22 އޭޕްރީލު 2024
އަދި ބައެއްކަންކަން ފާހަގަ ކޮށްލަން. 1. ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ޑިމޮކްރޮސީއަށާއި ގޫޑް ގަވަނަންސް އަށް ރައްޔިތުން ހޭލުންތެރި ނުވުން އަދި ނުކުރުން. 2. ރައްޔިތުންގެ ތެރޭގައި ވެލިޔުސްތަކާއި އެތިކްސް ނެތުން. އަދި އެކަންކަން ސަރުކާރު ހިންގާ ފަރާތްތަކުން ހަލާކުރަމުން ދިޔުން. 3. ޑިމޮކްރެސީގެ ނަމުގައި ސަރުކާރުތަކުންނާއި ރައްޔިތުންގެ މަޖީލީހުގެ މެމްބަރުންނާއި އަދި މިނިވަން މުއައްސަސާތަކުގެ ޢަމަލުތަކުގެ ސަބަބުން ތަހުޒީބީ ވިސްނޭ، މުޖުތަމަޢުއެއް ބިނާވެފައި ނެތުން. 3. ސަރުކާރުތަކުގެ ނުފޫޒާއީ ކަރަޕްޝަނާއި އާރާއި ބާރާއި ބިރުދެެއްކުން ހާމަކަން ބޮޑުގޮތެއްގައި ބޭނުން ކުރުން. އަދި އެފަދަ ކަންކަން ހިނގާއިރު މިނިވަން މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުން. 4. ރައްޔިތުންގެ އެންމެ ޒަރޫރީ ކަންކަން ކަމަށްވާ ބޯހިޔާވަހިކަން ވަޒީފާ ފަދަ ކަންކަން ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވުން. 5. ވޯޓަކީ ގަނެވިއްކާ ވިޔަފާރިއަކަށްވެ، ކިޔަވައިގެން ތިބޭ މީހުންވެސް މިކަމުގައި ބައިވެރިވުން.

ތަކުރުފާނު

22 އޭޕްރީލު 2024
މީހުން ބުނެ އުޅެ އެވެ. އެ އެއްޗެއްގެ ހަލާކު ނުކުންނާނީ އެ އެއްޗަކުންނެވެ. މުއިއްޒުއަށް ރަނގަޅަށް މެނޭޖެ ނުކުރެވިއްޖެ ނަމަ އެ ހަލާކު ޕީއެންސީގެ ތެރެއިން އައުން އޮންނާނީ ދާދި ގާތުގަ އެވެ. ރައްޔިތުން ބޭނުން ވަނީ އިހުލާސްތެރި ވެރިކަމެއް ކުރާތަން ދުށުމެވެ. ނަމަވެސް ވޭތުވެ ދިޔަ ދެ ތިން މަހުގެ ތެރޭގައި ފެންނަނީ މުޅިން އެ މަންޒަރެއް ނޫނެވެ. ފެންނަނީ އަންބޮނޑި ބޮޑު ކުރާ ތަނެވެ. އެމްޑީޕީ ވެސް އެ ދަނީ ބޮޑަށް ތާރީހުގެ ތެރެއަށެވެ. ދެ ފަހަރު ވެރިކަން ލިބިގެން ވެސް ނުކުތީ ހަމަ ގާތްގަނޑަކަށް އެއް ނަތީޖާ އެވެ. މިހާތަނަށް ޓްރެކް ރެކޯޑެއް ގާއިމު ކުރެއްވި ބޭފުޅަކީ ކުރީގެ ރައީސް ޔާމީން ގައްްޔޫމެވެ. ފެންނަނީ އެމްޑީޕީގެ ވެކިއުމް ޔާމީން ފޫބައްދާނެ ތަނެވެ.

ސައިމާ

22 އޭޕްރީލު 2024
އިބުރާ، ތަމެންތިތިބީ 2004 ގައ ސްޓަކްވެފައި. ތިޔަ ތެރަސްގަނޑުން ނެއްޓިގެންނޫނީ ބޮޑުމަންޒަރެއްނުފެންނާނެ. ޑިމޮކްރަސީގެ ޅަފަތުގެ ދުވަސްތައް އުފާވެރިވެފައި، ނޮސްޓަލްޖިކްވިޔަސް، ތަރައްގީއަކީ އަދި ތަމައްދުންވެރިކަމަކީ ބަދަލުގެމައްޗަށް ބިނާވެފައިއޮތް ކަމެއް. މޑޕ އަށް ނުވިސްނުނީ އެކަން. އަންނިއަށް ނުވިސްނުނީ އެކަން. ބާރުލިބުނީމާވެސް ތަމެންއުޅުނީ ބަތްކައްކާކުޅެން. އެހެންތިއްބާ ތެޔޮނާށި ކާޅު ޖަހައިގެން ދިޔައީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް