ޝާހިދުގެ ބަސް: މި ސަރުކާރަށް ރައްޔިތުން ބުނާނީ ބޮޑު ތަނުން ނޫނެކޭ

އެމްޑީޕީގެ ރައީސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވިއްކި 'ދޮގު ދޮލަނގުން' ގައުމު ސަލާމަތްކުރުމުގެ ވަގުތު މިވަނީ ޖެހިފައި
18 އޭޕްރީލު 2024
1

މުހިންމު ނުކުތާތައް

އަބްދުﷲ ޝާހިދު ގަބޫލުކުރައްވަނީ މިއީ ވަރަށް މުހިންމު އިންތިހާބެއް ކަމަށް

ރިޔާސީ އިންތިހާބުގެ ބަލިން ލިބުނު މާޔޫސްކަން އެމްޑީޕީގެ ތެރެއިން ވަނީ ފިލާފައި

ދޮގާއި މަކަރާއި އޮޅުވާލުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ނޫން ކަމަށް ވެސް ވިދާޅުވި

ފުރަތަމަ ސުވާލަކަށް ވެސް ވީ ކެމްޕެއިންގައި މިހާތަނަށް ފެނިވަޑައިގަންނަވާ ބޮޑު މަންޒަރަކީ ކޮބައިތޯ އެވެ؟ ޖަވާބަކީ މި ސަރުކާރަށް ރައްޔިތުން 'ބޮޑު ތަނުން ނޫނެކޭ ބުނާ މަންޒަރެ'ވެ.

މިއީ ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަސްކޮޅެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިންގެ ކުރީ ސަފުގައި ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަންނަވާ އިރު ޝާހިދަށް ފެނިވަޑައިގަންނަވަނީ، އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ބޭފުޅުން ދެއްކެވި ދޮގުތައް، އެއީ ސީދާ ދޮގުކަން ރައްޔިތުންނަށް އެނގި، އެކަމާ ހިތްހަމަނުޖެހޭ ތަނެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި 'ދޮގު ދޮލަނގެއް' ހިއްޕަވައިގެން ވަޑައިގަންނަވާ ވާހަކަ ވިދާޅުވެ ޝާހިދު ވަނީ އެތައް ބަޔަކު ހެއްވާލައިފަ އެވެ. ނަމަވެސް 'ދޮގު ދޮލަނގަކީ' މިހާރު ވެސް އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރައީސް މުއިއްޒު ރައްޔިތުންނަށް ވިއްކެވި އެންމެ ބޮޑު އެއްޗެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)އާ އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ބޮލަށް ދޮލަނގެއް ލައިގެން އެއްޗެހި ވިއްކާ މީހުން މާލޭގައި ކުރިން އުޅުނެވެ. ރިޔާސީ ކެމްޕެއިން ތެރޭގައި އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ، ޝާހިދު ސިފަކުރެއްވި ގޮތުގައި، 'ދޮގު ދޮލަނގު' ހިއްޕަވައިގެންނެވެ.

"ރަށްރަށުގެ ކެމްޕޭނަށް އޭރުގެ ކެންޑިޑޭޓް ޑރ. މުއިއްޒު އަރުއްވާފައި ރައްޔިތުންނަށް ވިއްކަވަމުން ގެންދެވީ، އަޅުގަނޑަށް ސިފަކުރެވުނީ، އިސްތަށިފުޅަށް ދޮލަނގެއް ލައްވައިގެން، ތޯއެ ގަންނާނެ ތޯއެ، ރައްޔިތުންގެ ކުރިމަތީގައި ހުންނަވައިގެން އެ ދޮލަނގުން އެއްޗެހި ވިއްކަވަމުން ގެންދެވި މަންޒަރު،" ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ބެހޭ ހާއްސަ ކަވަރޭޖްގައި 'ދައުރު'އަށް އިންޓަވިއު ދެއްވަމުން އޭނާ ވިދާޅުވީ އެއީ ދޮގުކަން މިހާރު ރައްޔިތުންނަށް ވިސްނޭ ކަމަށެވެ. އޭގެ ނަތީޖާއަކީ ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރަށް 'ބޮޑު ތަނުން ނޫނެކޭ ބުނުން' ކަމަށް އޭނާ ގަބޫލު ވެސް ކުރައްވަ އެވެ.

"ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށުގެ ރައްޔިތުން ކިޔަމުން އެ ގެންދަނީ ދޮގު ދޮލަނގެއް ބޮލަށް ލައިގެން ވެރިކަމަށް އައި ސަރުކާރެކޭ [މިއީ]،" މިހާރުގެ ހާލަތާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ 'މިސްރާބު ހަމަ މަގަމަށް' ކެމްޕެއިންގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/އެމްޑީޕީ)

މިހާރު މި އޮތީ ކެމްޕެއިން ނިމުމުގެ މަރުހަލާ އެވެ. ކުރިއަށް އޮތް ދެ ދުވަހަށް ފަހު ދިވެހިން ނުކުންނާނީ އާ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބުކުރުމުގެ ވޯޓަށެވެ. އެކަމަކު މި ވޯޓު މި އަންނަނީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ހޯއްްދެވި ބޮޑު ކާމިޔާބީއާ އެކު އެމްޑީޕީއަށް ހިތްދަތި ދުވަސްތަކެއް އައިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ޝާހިދު ގަބޫލުކުރައްވަނީ އެ ލޮޅުމުން އެމްޑީޕީ މިހާރު އަރައިގެންފި ކަމަށެވެ.

"އެމްޑީޕީއަކީ އަބަދުވެސް ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ކާމިޔާބީ އާއި ނާކާމިޔާބީ ތަޖުރިބާކުރަން ފަރިތަ ޕާޓީއެއް. މިއީކީ އަޅުގަނޑުމެން ފުރަތަމަ ތަޖުރިބާކުރި ނާކާމިޔާބީއެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

"އެހެންނަމަވެސް ކޮންމެ ކާމިޔާބީއެއްގައި ހިތް ތިރިކުރުމާއި ނާކާމިޔާބިީއެއްގައި ހިތްގަދަކޮށް، އަލުން އާ ހިތްވަރަކާ އެކު ތެދުވުން އެއީ އެމްޑީޕީ ފަރިތަ ކަމެއް."

ޝާހިދުގެ ބަހުން ނަމަ އެމްޑީޕީ މިހާރު އަނެއްކާ އޮތީ، އެ މޮޅިވެރިކަމުން ނުކުމެ، "އެމްޑީޕީގެ ހިތްވަރުން، ފަލްސަފާއިން، އެ ފިލޯސަފީގެ މަތީގަ" އެވެ.

އޭރަކު އޮންނަ ސަރުކާރެއްގެ ބާރު އަބަދުވެސް ގަދަ އެވެ. އިންތިހާބެއްގައި ބޭނުންކުރާނެ ނުފޫޒުތައް ވެސް އެހާމެ ގިނަ އެވެ. ހަމައެކަނި މި ސަރުކާރެއް ނޫނެވެ. ކުރީގެ ހުރިހާ ސަރުކާރަކުން ވެސް އޭރަކު އަންނަ އިންތިހާބުތަކުގައި، އިދިކޮޅަށް ވުރެ، މާ ބޮޑެތި ނުފޫޒުތައް ފަތުރާލަ އެވެ. އެ ހަގީގަތް ގަބޫލުކުރަން ޖެހޭ އިރު، ކުރިއަށް އޮތް އިންތިހާބުގައި ރައީސް މުއިއްޒުގެ ސަރުކާރަށް ވުރެ އެމްޑީޕީ ގަދަވާންވީ ކީއްވެގެންތޯ ސުވާލުުކުރީމެވެ.

އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ޕާޓީ ބަދަލުނުކުރައްވާނެ ކަމަށް ހުވާކުރައްވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ޝާހިދު ފުރަތަމަ ވެސް ވިދާޅުވީ މިއީ އެންމެ އަވަހަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ސަރުކާރު ކަމަށެވެ. އޭގެ ސަބަބުތައް ކިޔައިދެއްވީ އަނެއްކާވެސް 'ދޮގު ދޮލަނގު'ގެ ބައިތަކުންނެވެ. އޭނާގެ ބަހުން ނަމަ "ދޮގު، ފިތުނަ، ނަފުރަތެ"ވެ.

"ދޮގަކީ، އެނގިވަޑައިގަންނަވާނެ، އޭގެ މައްޗަށް އެއްވެސް ހެވެއް އަންނަ އެއްޗެއް ނޫން. ދޮގެއްގެ މައްޗަށް ދޮގެއް ނޫން އެއްޗެއް ބިނައެއް ނުކުރެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

"މިއަދު ދިވެހިރާއްޖޭގައި ތަޖުރިބާކުރަމުން ގެންދަނީ މި ސަރުކާރުގެ ސަބަބުން އެކަންތައް. އެހެންވީމާ ރައްޔިތުން ބޭނުމެއް ނުވޭ ނަފުރަތުގެ ގައުމަކަށް ބަދަލުކުރާކަށް. ރައްޔިތުން ބޭނުމެއް ނުވޭ ގައުމަކީ ފިތުނައިގެ ގައުމަކަށް ބަދަލުކުރާކަށް، ރައްޔިތުން ބޭނުމެއް ނުވޭ ދޮގު، މަކަރު، އޮޅުވާލުމުގެ މައްޗަށް ބިނާވެފައި އޮތް ސަރުކާރަކަށް ތާއީދުކޮށްގެން ތިބޭކަށް."

މަޖިލިހުގެ އިންތިހާބުގެ ގިނަ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމަށް ޝާހިދު ގަބޫލުކުރައްވަނީ ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްލެއް ކުޑަކަމުންނެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވާހަކަފުޅުތައް މުޅިން ތަފާތެވެ. ކެމްޕެއިންގެ ކޮންމެ ބައްދަލުވުމެއްގައި އެމަނިކުފާނު ތަކުރާރުކުރައްވަނީ އިދިކޮޅުން ރޯބުހުތާނު ދޮގު ހަދާކަމުގެ ވާހަކަ އެވެ. އޮޅުވާލުމެއްގެ ތެރޭގައި ރައްޔިތުން ނުބައިތިއްބާނެ ކަމުގެ ޔަގީންކަން، ކޮންމެ ދުވަހަކު ވެސް، ކޮންމެ ރެއަކު ވެސް ރައީސް މުއިއްޒު ގެންދަވަނީ ދެއްވަމުންނެވެ.

ޝާހިދަށް ވެސް އެވާހަކަފުޅުތައް އަޑުއިވިވަޑައިގަނެ އެވެ. އެކަމަކު އޭނާ ވިދާޅުވަނީ ރައީސް މުއިއްޒަށް މިހާރު އިތުބާރު ނެތް ކަމަށެވެ. އެހެންކަމުން މިއީ ގައުމުގެ "މިސްރާބު ހަމަ މަގަށް އަޅުވަން" ރައްޔިތުންނަށް ލިބޭނެ ފުރުސަތު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އޮޅުވާލައްވައިގެން ވެރިކަމަށް ވަޑައިގަތީމާ މި އިންތިހާބުން އެބަ ޖެހޭ މިސްރާބު ހަމަ މަގަށް އަޅުވަން. އަޅުގަނޑުމެން ބޭނުން ކަމަށް ވަންޏާ މި ދޮގުތަކުން ސަލާމަތްވާން. ދޮގު ދޮލަނގު އެއްލާލަން. ދޮގު ދޮލަނގަށް ނޫނެކޭ ބުނަން. އެހެން ނޫނީ މިއަކުން ސަލާމަތެއް ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.

އަންނަ އާދިއްތަދުވަހު އޮންނަ އިންތިހާބުގެ ކެމްޕެއިންގެ ވާދަވެރިކަން އެހާމެ ބޮޑެވެ. ޝާހިދު ވެސް އެ ގެންދަވަނީ އެކަމުގައި އަރާމެއް ނެތި މަސައްކަތްކުރައްވަމުންނެވެ. އޭނާގެ ސިޔާސީ މުޅި ހަޔާތުގައި ވެސް މިއީ އެންމެ މުހިންމު އެއް އިންތިހާބެވެ. 

"އަޅުގަނޑަކީ ދިވެހި ގައުމަށް ހެޔޮއެދޭ މީހެއް،" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

ހޯހޯ ޖުހާ

18 އޭޕްރީލު 2024
މައުމޫނު ދައުރުގަ ރައީސް އޮފީހުން ނެގި އިންޓްރެސްޓް ފުރީ ލޯނަށް ފައިސާ ދައްކައިފިންތޯ ބޭފުޅާ؟ ބަޤާވާތަކުން އެމްޱީޕީ ވެރިކަން ވައްޓާލި ގޮތައްތޯ މި ސަރުކާރު ވައްޓާލަން ތިޔަމަރުދެނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް