ދެ ކެންޑިޑޭޓެއްގެ ހިޔާލު: ސަރުކާރަށް އަގުލަބިއްޔަތު ލިބުމަކީ ފައިދާއެއް/އެހާމެ ބޮޑު ގެއްލުމެއް

ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމާ މެދު ޕީއެންސީގެ އަބްދުއްލަތީފް އާއި އެމްޑީޕީގެ އަހުމަދު ސަލީމްގެ ހިޔާލު އުޑާއި ބިމާހާ ތަފާތު
17 އޭޕްރީލު 2024
1

މުހިންމު ނުކުތާތައް

ލަތީފް ވިދާޅުވާ ގޮތުގައި ރާއްޖެއިން ފެންނަނީ އަބަދުވެސް އިދިކޮޅުން ރައީސް މަގާމުން ދުރުކުރަން އުޅޭ ތަން

ސަލީމްގެ ބަހަކީ ސަރުކާރުން މަޖިލިހުގެ މެޖޯރިޓީ ބޭނުން ކަމަށް އެ ބުނަނީ ބޭރު ކުންފުންޏަކަށް ހުޅުމާލެއިން ބޮޑު ބިމެއް ދިނުން ފަދަ ކަންކަން ކުރަން ކަމަށް

އިންތިހާބުގެ ކެމްޕެއިން ބިނާވެފައި އޮތީ ސަރުކާރަށް މެޖޯރިޓީ ދިނުމާއި ނުދިނުމުގެ މައްޗަށް

ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރު ފަޅިން އަބަދުމެ ދައްކަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ނުލިބި ސަރުކާރު ނުހިންގެވޭނެ ވާހަކަ އެވެ. ތަރައްގީގެ ހުރިހާ ކަމެއް ބިނާވެފައި އޮތީ ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑި ސަރުކާރުގެ ކެންޑިޑޭޓުންނަށް ރައްޔިތުން ދީގެން ކަމެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން އަބަދުމެ ހަނދާންކޮށްދެނީ މިހާރުގެ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ދީފިއްޔާ އަނެއްކާވެސް އެނބުރި ހުދުމުހުތާރުކަމުގެ ތެރެއަށް ރާއްޖެ ވެއްޓޭނެކަމެވެ.

މިއީ ވަރަށް ތަފާތު ބޮޑު ދެ ވިސްނުމެކެވެ. އެހެންކަމުން އާންމު އިންތިހާބުގެ ހާއްސަ ކަވަރޭޖްގައި 'ދައުރު'ން ދެ ފަޅީގެ ދެ ކެންޑިޑޭޓަކަށް އެ ސުވާލުތައް ހުށައެޅީމެވެ. އެއް ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބޮޑު ބައިގައި ޕީޕީއެމްގެ މެމްބަރަށް ހުންނެވި ހއ. ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދެވެ. ދެވަނަ ބޭފުޅަކީ އެމްޑީޕީގެ މާލޭ ހުޅަނގު ދާއިރާގެ ކެންޑިޑޭޓް އަހުމަދު ސަލީމް (މާޒް) އެވެ.

ޔާމީންގެ ވެރިކަމުގައި މަޖިލިހުގެ އަގުލަބިއްޔަތު އޮތީ ސަރުކާރަށެވެ. އެކަމަކު ލަތީފް ވެސް ހިމެނޭހެން ޖުލައި 2017ގައި ޕީޕީއެމުން ވަކިވި 10 މެމްބަރުންނާ އެކު މެޖޯރިޓީ ގެއްލޭނެތީ އޭރުގެ ސުޕްރީމް ކޯޓު މެދުވެރިކޮށް ސަރުކާރުން ނެރުނު އަމުރަކާ ގުޅިގެން އެ މެމްބަރުންނަށް މަޖިލިހަށް ނުވަދެވި ދޮޅު އަހަރެއްހާ ދުވަސް ވޭތުވި އެވެ. މަޖިލިހަށް އަލުން ވަދެވަޑައިގެންނެވުނީ 2018ގެ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތް ފަހުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރަށް މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ ހިމާޔަތުގައި ސިފައިން: މި ހާލަތަށް ދިޔައީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އިދިކޮޅުން އުޅުމުން

'ދައުރު'ގެ ހާއްސަ ކަވަރޭޖަށް އިންޓަވިއު ދެއްވިއިރު ލަތީފަކީ މި ސަރުކާރުގެ ކެންޑިޑޭޓެކެވެ. އެހެންކަމުން އޭނާގެ ކުރީގެ ތަޖުރިބާތަކުގެ މައްޗަށް ވެސް ބިނާކުރައްވައި، ވާހަކަ ދެއްކެވީ ކޮންމެހެން ވެސް ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ލިބެން ޖެހޭނެކަމުގެ މައްޗަށެވެ.

"ރާއްޖޭގައި ސަރުކާރު ނުލިބިއްޖެއްޔާމު، ސަރުކާރަށް ނާދެވިއްޖެއްޔާ، އިދިކޮޅުގެ މައިގަނޑު އަމާޒަކަށް ވެފައި މި އޮންނަނީ އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކޮށް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަތާއި ފައި ބަނދެ، ކަންކަން ނުކުރެވޭނެ [ގޮތް ހެދުން]،" ލަތީފް ވިދާޅުވި އެވެ.

އެއީ އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު ރައްޔިތުންގެ މަޖިލިސްތަކުން ފެނުނު މަންޒަރުކަން ތަކުރާރުކޮށް އޭނާ ފާހަގަކުރެއްވި އެވެ. އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެ ނަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަޒީރުން ހާޒިރުކޮށް ސުވާލުކުރުން ވެސް ލަތީފް ނެންގެވީ ޖެއްސުންކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އޭނާ ސިފަކުރެއްވި ގޮތުން ނަމަ އެއީ 'ހަން ދެމުމެ'ވެ.

"ތާކުންތާކު ނުޖެހޭ، ހަމައެއް ލަމައެއް ނެތި ގެންގޮސް ކޮންމެ ދުވަހަކު [ވަޒީރުންނާ] ސުވާލުތައް ކުރުން...ޖެއްސުންކޮށް ފުރައްސާރަކޮށް، ވަގުތު ދުއްވާލުން،" ލަތީފް ވިދާޅުވި އެވެ.

އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު ސަރުކާރުތަކުގެ ތެރެއިން މިހާތަނަށް މަޖިލިހުގެ އަގުލަބިއްޔަތު ނުލިބުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރަށެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލިހުގެ ތެރެއިން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ރާއްޖޭގެ ރައީސްކަމުގެ މަގާމުން 7 ފެބްރުއަރީ 2012 ގައި ރައީސް މުހައްމަދު ނަޝީދު، ކެބިނެޓްގެ ބައްދަލުވުމަކަށް ފަހު، އިސްތިއުފާ ދެއްވަނީ: ނަޝީދުގެ ސަރުކާރަށް އޭރުގެ ރައްޔިތުންގެ މަޖިލިހުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވި

އެކަމަކު މަޖިލިހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރުތަކުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން މާޒީން ދައްކައިދެ އެވެ. ސަރުކާރު ހިންގަން މަޖިލިހުގެ ތެރެއިން ލިބޭ ބާރާ އެކު ސަރުކާރު ޖަވާބުދާރީކުރުވުން ކުޑަވެ، އަގުލަބިއްޔަތުން ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ނިންމަ އެވެ. އިދިކޮޅު މެމްބަރުންނާ މަޝްވަރާކުރުމުގެ ބޭނުން ކެނޑެ އެވެ.

ލަތީފުއާ ހިލާފަށް ސަލީމުގެ އޮތް ކަންބޮޑުވުން މުޅިން ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި އިދިކޮޅަށް މަޖިލިހުގެ މެޖޯރިޓީ ލިބުމަކީ ސަރުކާރު 'ބަނދެފައި' ބޭއްވުމެއް ނޫނެވެ. އިދިކޮޅަށް މެޖޯރިޓީ ދޭން ޖެހޭ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ރަސްމާލެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ ބަދަލެއްގެ ގޮތުން ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ހުޅުމާލެއިން ދިން ބޮޑު ބިމެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެފަދަ ގެއްލުން ބޮޑު ކަންކަން ސަރުކާރުން ކުރާ ނަމަ މަޖިލިހުގައި އިދިކޮޅު މެޖޯރިޓީ އޮވެގެން، ހުއްޓުވާނެ އެވެ. 

"މިސާލަކަށް މާލޭ އޭރިޔާއިން 90 ހެކްޓަރުގެ ބިން ވިއްކާލާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ނުތިބޭނެ މަޑެއްކޮށެއް. ނުތިބޭނެ މަޑެއްކޮށެއް،" ސަލީމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެވާހަކަ ދައްކާނެ. އަޅުގަނޑު އެކަނި ނަމަވެސް އެވާހަކަ ދައްކާނަން. [އެކަމާ ދެކޮޅަށް] ވަކާލާތުކުރާނަން."

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ: ދެ ބޭފުޅުން ވެސް މިހާރު ގެންދަވަނީ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވަމުން (ފޮޓޯ/ރައީސް އޮފީސް)

އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެ ނަމަ 'ސަރުކާރު ދަތިއަޅުވާނެ' ކަމަށް ސަރުކާރުން ބުނަނީ ސަރުކާރުން ބޭނުން ހުރިހާ ކަމެއް ނުކުރެވޭނެތީ ކަމަށް، އޭނާ ވިދާޅުވި އެވެ.

އެކަމަކު ލަތީފު ވިދާޅުވާ ގޮތުން ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރުން ގަވާއިދަކާ ވެސް ރައީސް މުއިއްޒު ހިލާފުވެވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ. އޭނާ ވިދާޅުވީ ހައުސިން މިނިސްޓަރަކަށް އެމަނިކުފާނު ހުންނެވި އިރުއްސުރެ އެކި ފަހަރު މަތިން ބައްދަލުވެ، އެއީ ކޮން ކަހަލަ ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"ޔަގީނުން ވެސް ކަށަވަރު ކަމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވައިގެން އެމަނިކުފާނު ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި ދިވެހިންގެ ސަގާފަތާއި އުސޫލުތައް ހަމަ އެގޮތުގައި ދަމަހައްޓައި ނަގައިދޭނެ،" ލަތީފް ވިދާޅުވި އެވެ.

އެކަމަކު ރައީސް މުއިއްޒާ މެދު އެފަދަ އެއްވެސް ޔަގީންކަމެއް އެމްޑީޕީގެ މެމްބަރުންގެ ނެތެވެ. ސަލީމްގެ ބަހުން ނަމަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ މާލޭ ރައްޔިތުންނަށް ކުރީ ސަރުކާރުން ދިން ގޯތިތައް ވެސް ދުލެއްނުކުރާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށް އެދަނީ މި ދެ ހިޔާލުގެ ވާހަކަތަކުން ފުރިގެންނެވެ. ކޮންމެ ދުވަހަކު ވެސް، ކޮންމެ ރެއަކު ވެސް ދެކޮޅުން އެ ދައްކަނީ މުޅިން ވެސް އެ ވާހަކަ އެވެ.

އަންނަ އާދިއްތަދުވަހު ގޮތް ނިންމަން ތިބީ ރައްޔިތުންނެވެ. 

ކޮމެންޓް (1)

profile-image-placeholder

އައްޕަ

17 އޭޕްރީލު 2024
މެޖޯރިޓީ ގަނެވޭނެ ފައިސާދީގެން.މެޖޯރިޓީ ޑިސްކައުންޓު އަގުގަ ލިބޭނެ ވޯޓު ދުވަސްވަރު ރިސްވަތު ދީގެން

އިތުރު އާޓިކަލް

އިތުރު އާޓިކަލް