އެމްޑީޕީއަށް ވަނުމާ އެކު ސަލީމަށް ފެނިވަޑައިގަތީ މުޅިން ތަފާތު ޕާޓީއެއް

ސިޔާސީ މުޅި ހަޔާތުގައި ވެސް އޭނާއަކީ އެމްޑީޕީއާ ދެކޮޅަށް އަޑުއުފުއްލެވި ބޭފުޅެއް. އެކަމަކު މިއަދު ނުކުމެ އެ ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި
16 އޭޕްރީލު 2024
8

މާޒް އަހުމަދު ސަލީމުގެ ސިޔާސީ ހަޔާތުގެ މިދިއަ ވިއްސަކަށް އަހަރު ހޭދަކުރެއްވީ އެމްޑީޕީއާ ދެކޮޅު، އެމްޑީޕީ ސަރުކާރުތަކާ ވެސް ދެކޮޅަށް އަޑުއުފުއްލެވި ބޭފުޅެއްގެ ގޮތުގަ އެވެ. ޑީއާރުޕީ އާއި ޕީޕީއެމް އާއި ޖޭޕީގައި އުޅުއްވި އިރާއި މިދިއަ ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިން މޭޓްގެ ގޮތުގައި ވެސް އޭނާގެ ވިސްނުން ބެހެއްޓެވީ އެމްޑީޕީއާ ދެކޮޅަށެވެ.

އެކަމަކު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކުއްލިއަކަށް އެމްޑީޕީއަށް ސޮއިކުރައްވައި، 'ރީނދޫ ލޭ'ގެ ތެރެއަށް ވެންނެވި އެވެ. އެއަށް ވުރެ ބޮޑު ހައިރާންކަމަކީ އެންމެ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި، ހެންވޭރު ހުޅަނގު ދާއިރާގެ ކެންޑިޑޭޓްކަން ވެސް ހޯއްދެވުމެވެ.

އެހާ އަވަހަށް އަދި އެހާމެ ބޮޑު ޕާޓީއެއްގައި އެ ކުރިއެރުން ލިބިވަޑައިގަތުމަކީ އޭނާއަށް ވެސް ހައިރާންކަމެކެވެ. ނަމަވެސް ހަގީގަތަކީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީ ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކާ ހިލާފަށް، ތަފާތު ވެސް ވުމެވެ.

ހެންވޭރު ހުޅަނގު ދާއިރާގައި އެމްޑީޕީން ވާދަކުރައްވާ މާޒް އަހުމަދު ސަލީމް (ވ) ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ސަލާންކުރައްވަނީ

"ދިވެހިރާއްޖޭގެ ބޮޑު ދެ ޕާޓީއެއްގައި މަސައްކަތްކޮށްފައި ހުރި މީހަކަށް ވެފައި، އަޅުގަނޑު އެމްޑީޕީއަށް ޖޮއިން ވީމާ އެމްޑީޕީގެ މެމްބަރުން، ލީޑަޝިޕުން، ފްރޮމް ޓޮޕް ޓު ބޮޓޮމް އިނގޭތޯ، އެހުރިހާ ބޭފުޅުން ކީ މަރުހަބާ އާއި ދުށް ގޮތް ވަރަށް ތަފާތު،" ސަލީމް ވިދާޅުވި އެވެ.

މިސާލުތަކެއް ދެއްކެވި އެވެ. އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ރިޔާސީ ކެމްޕޭންގައި ފުރަތަމަ ވާހަކަ ދެއްކެވި ރޭ ވެސް ރާއްޖޭގެ އެކި ރަށްރަށުގެ އެމްޑީޕީގެ މެމްބަރުން އޭނާއާ ގުޅި އެވެ. މަރުހަބާ ކިޔެވެ. އެމްޑީޕީއަށް ބޭނުންވާ ކަހަލަ ބޭފުޅެއްގެ ގޮތުގައި ސިފަކުރި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް ސަލީމަކީ ހިތްވަރަކަށް ވެސް ވި އެވެ.

ޕްރައިމަރީގައި "ގްރާސްރޫޓް ލެވެލް މީހުން ވެސް ވޯޓު ލާނެ. ހަމައެކަނި ލީޑަޝިޕަކުން އެކަންޏެއް ނޫން،" ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް މީގެން ދަސްވި އެއްޗަކީ ދެ ޕާޓީގައި ހުރި ތަފާތު. މި ޕާޓީއަށް އައިމާ މި އެނގުނީ މި ޕާޓީގެ ޓީމް ވޯކް." 

ހެންވޭރު ހުޅަނގު ދާއިރާގައި އެމްޑީޕީން ވާދަކުރައްވާ މާޒް އަހުމަދު ސަލީމް، ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްވި ޑީއާރުޕީގައި އުޅުއްވާފައި، މައުމޫން އަލުން އުފެއްދެވި ޕީޕީއެމްގައި ވެސް ސަލީމް އަަމަލީ ގޮތުން ބޮޑު މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް މިހާރު އޭނާއަށް ވިސްނިވަޑައިގަތީ އެ ޕާޓީތަކާއި އެމްޑީޕީއާ ހުރި ތަފާތެވެ. ބައެއް ޕާޓީތަކުގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކު ގަޔާނުވާ މީހަކަށް މައްޗަށް ދެވޭނެ އެއްގޮތެއް ވެސް ނޯންނަކަން އޭނާ ހުންނެވީ ތަޖުރިބާކުރައްވައިގެންނެވެ. އޭނާގެ ބަހުން ނަމަ 'މައްޗަށް އަރަން ބޭނުންވާ ހުރިހާ ހަރުގަނޑެއް ހުންނަނީ ނަގައިފަ' އެވެ.

އެކަމަކު އެމްޑީޕީގައި މަސައްކަތްކުރައްވަން ފެއްޓެވުމާ އެކު، އޭނާ ވިދާޅުވީ، ޕާޓީގެ ހައްގުގައި އެންމެންގެ އެހީތެރިކަން ދޭ ކަމަކަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ މިސްރާބަށް ސަލީމް ވަޑައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ކަންކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ. އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަކީ އެންމެ ބޮޑު އަޒުމް ކަމަށް ވިޔަސް އެގޮތަށް އެކަން ނިމިގެން ނުދިޔަ އެވެ.

"ﷲ އެކަން ނިންމަވާނީ. އެހެންވިޔަސް އަޅުގަނޑު މިހުރީ ޕާޓީއާ އެއްކޮށް، ކުރިއަށް ގޮސް މަސައްކަތްކުރަން ވަރަށް ސާބިތުކަމާ އެކު."

މިއީ ރައްޔިތުންގެ މަޖިލިހުގައި ސަލީމް ވާދަކުރައްވާ ހަތަރު ވަނަ ފަހަރެވެ. ފުރަތަމަ އޮތް 2009ގެ އިންތިހާބުގައި ޑީއާރުޕީން ނުކުމެވަޑައިގެން އޭރުގެ ހުޅުހެންވޭރު ދާއިރާއިން ރީކޯ މޫސާ މަނިކާ ވަރަށް ކައިރިން ވާދަކުރެއްވި އެވެ. އޭގެ ފަހުން ވާދަކުރެއްވީ ކުރީގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި މިދިއަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އެވެ. އެފަހަރު ވެސް އޭނާއަށް ނާކާމިޔާބު ލިބިވަޑައިގަތީ ކުޑަ ތަފާތަކުންނެވެ.

"ދެން އޭރު މަސައްކަތްކުރެވުނު ގޮތާއި މިފަހަރު މަސައްކަތްކުރާ ގޮތް ވަރަށް ތަފާތު،" ސަލީމް ވިދާޅުވި އެވެ.

"އެއީ ލީޑަޝިޕުން ވަރަށް ބޭނުންވޭ އަޅުގަނޑާ އެކު މަސައްކަތްކުރަން."

އޭނާ އެ ހުންނެވީ އެމްޑީޕީގަ އެވެ. އެކަމަކު ސަލީމްގެ ބަހުން ނަމަ އޭނާއަކީ ދުވަހަކު ވެސް އެމްޑީޕީއާ ދެކޮޅު ބޭފުޅެއް ނޫނެވެ. ތަފާތަކީ ކުރިން އުޅުއްވި ޕާޓީތަކަށްޓަކައި އޭނާ އިއްވެވި އަޑުން މީހުންނަށް އެގޮތަށް ހީވުމެވެ.

މާޒް އަހުމަދު ސަލީމް 'ދައުރު'އަށް އިންޓަވިއުދެއްވަނީ

"އަޅުގަނޑަކީ އެއްވެސް ބަޔަކާ ދެކޮޅު މީހެއް ނޫން. އަޅުގަނޑަކީ ކުޅިވަރުގެ ތެރެއިން ޑިސިޕްލިންވެގެން އައި މީހަކަށް ވާތީ އަޅުގަނޑު ހުންނަ ގޮތަކަށް ހުންނާނީ،" ރާއްޖޭގެ ކާމިޔާބު ވޮލީ ކޯޗުންގެ ތެރޭގައި ހިމެނޭ ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ފްރޮންޓް ލައިންގައި މަސައްކަތްކުރާ މީހަކަށް ވާތީ ފެންނާނީ އަޅުގަނޑު ދައްކާ ވާހަކަ. [އެމްޑީޕީގެ] އައިޑިއޮލޮޖީއަށް އަޅުގަނޑު އެއްގޮތަކަށް ވެސް ދެކޮޅީކީ ނޫން. އަޅުގަނޑު ހުންނަ ޕާޓީއެއްގައި އެ ޕާޓީއެއްގެ ލައިން ދިރުވައި، އެ ޕާޓީއެއް ފޮލޯކޮށްގެން ކުރިއަށް ދިއުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަޅުގަނޑު ކުރިއަށް ދާކަމުގެ ރަމްޒެއް."

އެމްޑީޕީއާ އެކު އޭނާއަށް ހުޅުވިފައި މި އޮތީ ސިޔާސީ ގޮތުން ތަނަވަސް މަގެއްކަން ޔަގީނެވެ. ކުރިއަށް އޮތް އިންތިހާބަކީ އެ މަގުން ހިންގަވަން އޮތް ވަރަށް ބޮޑު ފުރުސަތެކެވެ.

ކޮމެންޓް (8)

profile-image-placeholder

މުސްތޮ

16 އޭޕްރީލު 2024
މިހާރުވެސް އޮތީ ޑީލް އަޅާ ނިފަ. ހޮވިއްޖިއްޔާ ސަރުކާރު ކުންފުނިތަކުން ވަޒީފާ ހަމަޖައްސާދޭންކަމަށް މީނާ އެބަ ބުނޭ. ދެން ބުނެބަލަ މިވާގޮތެއް. އެމްޑީޕީ މެންބަރުން މީނާއަކަށް އެްގޮތަކަށްވެސް އިތުބާރެއް ނުކުރޭ.

ނާގަބާޑި

16 އޭޕްރީލު 2024
އެއްފުޅަށްމަތިން ފުންމާލި ބަކަރި އަނެއްފުޅަށްމަތިންވެސް ފުންމާލާނެ ކަމަށް މުސްކުޅިން ބުނޭ.

އަހްމަދ

16 އޭޕްރީލު 2024
ދިމާވި އެމްޑީޕީގެ އެންމެންވެސް މާޒް ސަލީމާމެދު ވަރަށް ފަހުރުވެރިވޭ އަދި އިތުބާރުއޮވޭ. ގޮތެއް ހުރި މީހެއްގެ ފީލް ކުރެވޭތީ އެހެން އެވަނީ.

ވައިކަރަދޫ އަލިކަތީބު

16 އޭޕްރީލު 2024
@އަހްމަދ ގޮތްހުރިކަން އެނގޭނެ ހޮވިއްޖިއްޔާ. ބައިރުފިޔާއަށް ގަނެވޭނެ ގޮނޑިއެއް ތިޔާ

ތެފައާސާ.

16 އޭޕްރީލު 2024
އެންޓައިޓްލްޑް ބޭފުޅިޒަމް ވިސްނުމުގެ ބޭކަލެއް. ހަމަ ބިމަށް ފައިބައިގެން މަސއްކަތްކުރީމާ ފަސޭހަ ވެދާނެ.

އަޅި އަލީ

16 އޭޕްރީލު 2024
ތިޔައީ ޔަގީނުންވެސް ހޮވިއްޖިއްޔާ ގަނެވޭނެ ގޮނޑިއެއް!

މެކޭ

16 އޭޕްރީލު 2024
ތިޔަ ކަހަލަ އަމިއްލަ އެދުމުން ފޯވެފައި ތިބި، ދިއުޅިއެއް ނުވާ މީހުން ތިބި ޕާރޓީއެއްގެ ގޮތުގަ ފެނުނީ ދޯ.

ކިތައް މިލިއަން

16 އޭޕްރީލު 2024
ހުންނަ ގޮތަކަށް ކަލެއަށް ހުރެވިއްޖެތާ. ނޫޅޭ ޕާޓީއެއް ނެތް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް