ބާޒާރުގައި ވިއްކަން ހުރި ފިޔާ ބިސް އަދި ލުނބޯތަކެއް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ރޯދަ މަސް

ވިޔަފާރިތައް ރޯދައަށް ތައްޔާރު، ބުނަނީ އަގު ބޮޑުނުވާނެ ކަމަށް

ރޯދައަށް ހާއްސަކޮށް ގެންނަ ކާނާގެ ޝިޕްމެންޓުތައް ރާއްޖެ އަންނަން ފަށާފައިވާ އިރު، އާންމުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައި

ރޯދަ މަސް ފެށެން ގާތްގަނޑަކަށް ހަފްތާ އަކަށް ވަނީ އެވެ. ދިވެހިންގެ އާންމު އާދަކާދައާ އެއްގޮތަށް ރޯދައަށް ތައްޔާރުވުމަށް ދަޅުކާނާ އާއި ބަންދުކުރި ކާބޯތަކެތި ގަނެ ސްޓޮކް ކުރަން ފަށައިފި އެވެ. 

ރޯދަ މަހު އެންމެ ގިނައިން އާންމުކޮށް ބޭނުންކުރާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ވިއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވިޔަފާރިތަކުން އަންނަނީ ކުރަމުންނެވެ. ރޯދައަށް ހާއްސަކޮށް ގެންނަ ކާނާގެ ޝިޕްމެންޓުތައް މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. ބައެއް ވިޔަފާރިތަކުން މުދާ ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.

ކެއިންބުއިމަށް ކުރާ ހޭދަ އިތުރުވާ ރޯދަމަހު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަބަދުވެސް ވަނީ މި ދުވަސްވަރު ކާބޯތަކެތީގެ އަގު އުފުލުމެވެ. އާންމުކޮށް ބޭނުންކުރާ ބާވަތްތައް، ރޯދަ ނޫން މަސްތަކާ އަޅާ ބަލާއިރު އަގު ބޮޑުވުމެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ބުނިގޮތުގައި މި ޝަކުވާއަށް ހައްލު ގެނައުމަށް އެ ކުންފުނިން ވަނީ ތައްޔާރުވެފަ އެވެ.

އެސްޓީއޯ އިން ކޮންމެ އަހަރެއްގެ ރޯދައާ ދިމާކޮށް ފިޔާ، ބިސް އަދި އަލުވި އިތުރަށް އެތެރެކޮށް ހެޔޮ އަގުގައި ފޯރުކޮށްދެ އެވެ. މި އަހަރުގެ ރޯދައާ ދިމާކޮށް އެސްޓީއޯ އިން ގެނައި އެ ތިން ބާވަތުގެ ފުރަތަމަ ޝިޕްމެންޓު މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި، މާލޭގެ އިތުރުން ރަށްރަށުގެ އެސްޓީއޯ ފިހާރަތަކުން ވެސް މި ތަކެތި މިހާރު ގަންނަން ލިބޭނެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މީހަކު ވިޔަފާރި ކުރަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެސްޓީއޯ އިން ބުނީ ރޯދަ މަސް ނިމެންދެން ހެޔޮ އަގުގައި މި ސާމާނު ފޯރުކޮށްދޭނެ ކަމަށެވެ.

"އިތުރަށް ވެސް ރާއްޖޭގެ ބާޒާރަށް މުދާ ގެންނަން ޖެހޭތޯ ބަލާ، ޒަރޫރީ އެފަދަ ސާމާނު އެސްޓީއޯ އިން ގެންނާނެ،" ރޯދައަށް އެސްޓީއޯ އިން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެގޮތުން، މި ވަގުތު ބާޒާރުގައި ލުނބޯގެ އަގު އުފުލެމުންދާކަން ފާހަގަވެގެން އެސްޓީއޯ އިން ވަނީ ލުނބޯ ޝިޕްމެންޓެއް ގެނެސް އޭގެ އަގު ހިފެހެއްޓުމުގެ މަސައްކަތް ފަށައިފަ އެވެ.

ބާޒާރުގައި ވިއްކަން ހުރި ފިޔާ އަދި އަލުވިތަކެއް (ދައުރު ފޮޮޓޯ/އިބްރާހިމް އިފާޒު)

އެސްޓީއޯ އިން އެެތެރެކުރާ މުދާ އާންމުންނާ ހަމައަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

ށ. މިލަންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ރޯދަ މަހު ދިވެހިންނަށް ކާޑާއި އަސާސީ ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ.

"އަގު މައްޗަށް ނުދާނެ ގޮތަކަށް ބޭއްވުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް އެސްޓީއޯ އިން އެބަ ކުރޭ ރައީސްގެ ސީދާ އެންގެވުމަށް. އަދި އަޅުގަނޑުމެން މި ދަނީ އެސްޓީއޯ އާއި ޓްރޭޑް މިނިސްޓްރީއާ ދެ ތަނުގެ ވޯކިން ކޮމެޓީއެއް ހަދައިގެން ރައީސް އޮފީހުގެ ބެލުމުގެ ދަށުން މަސައްކަތްތަކެއް ކުރަމުން،" ސައީދު ވިދާޅުވި އެވެ.

ބާޒާރުގައި ވިއްކަން ހުރި ބިސް ކޭސްތަކެއް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)
ރެޑް ވޭވްގެ ފިހާރައެއްގައި ކާބޯތަކެތި ވިއްކަން ބަހައްޓާފައި (ދައުރު ފައިލް ފޮޓޯ)

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ރެޑް ވޭވުން ވެސް ދެނީ، ރޯދަ މަހު އާއްުން ބޭނުންވާ ކާބޯތަކެތި ހެޔޮ އަގުގައި، ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަމެވެ. އެ ކުންފުނިން ބުނީ، ޑޮލަރުގެ އަގަށް ބަދަލު އައި ނަމަވެސް، އެތެރެކުރާ މުދަލުގެ އަގު ބޮޑުނުކޮށް އާއްމުންނަށް ފޯރުކޮށްދިނުމަށް ރެޑްވޭވުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަމިއްލައަށް މުދާ އެތެރެކުރާ ބަޔަކަށް ވީމާ، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މުދާ ލިބެން ހުންނަ ނަމަ، އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ ބާޒާރަށް މުދާ ގެންނާނަން،" ރެޑް ވޭވުގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވި އެވެ.

"ރެޑް ސީ މައްސަލައާ އެކު ޔޫރަޕު ސަރަހައްދުން ގެންނަ މުދާ ލިބުމުގައި ދަތިވާނެތީ އެކަމަށް ވެސް ތައްޔާރުވެފައި އޮތީ. ރޯދައަށް ހާއްސަކޮށް ކަދުރު ލިބޭނެ. މިދިޔަ ރޯދައަށް ވުރެ މި އަހަރު ރެޑް ވޭވުން ވިއްކާ ކައްކާ ތެލުގެ އަގު ވެސް %20 ހެޔޮވާނެ."

އޭނާ ވިދާޅުވީ، ޗީޒާއި ބަޓަރު އަދި ސޯސް ފަދަ ދިވެހިން އާންމުކޮށް ބޭނުންވާ ސާމާނު ރޯދަ މަސް ނިމެންދެން ލިބޭނެ ކަމަށެވެ. އެ ތަކެތީގެ ސްޓޮކް ވެސް ހުންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެން މި ތިބީ ރޯދައަށް ތައްޔާރުވެގެން. އަގު ބޮޑެއް ނުވާނެ. ސްޓޮކް އެބަހުރި،" މުދާ އެތެރެކުރަނީ އާއްމުންގެ ބޭނުންތަކާ އެއްގޮތަށް ދުރާލާ ޕްލޭން ކޮށްގެންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.

ރެޑް ވޭވްގެ ފިހާރައެއް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ކުރިއަށް އޮތް ހަފްތާ އިން ފެށިގެން ވިޔަފާރި ކުރަން ނިކުންނަ މީހުން މިހާރަށް ވުރެ ގިނަވާނެ އެވެ. މަގުތަކާއި ފިހާރަތައް ފުރާލާނެ އެވެ. ބިސް ކޭސްތަކާއި ފިޔާ ބަސްތާތައް ހިފައިގެން ދާ މީހުންނާ އެކު ބާޒާރުމަތި ބިޒީކޮށްލާނެ އެވެ. ކަދުރާއި އަލަނާސި ކޭސްތަކާ އެކު ފިހާރަތަކުގެ ކައިރީ މީހުން ގިނަވާނެ އެވެ. އަވަނާއި ރައިސް ކުކަަރު އާކޮށްލައި އާ ތަށި ސެޓުތައް ގަނެގެން ދާ މީހުންނާ އެކު ވިޔަފާރިތަކުގެ ވަތްގަނޑުތައް ވެސް ތިޔާގިވާނެ އެވެ.

ކޮމެންޓް (1)

މުހައްމާ

1 މާރިޗު 2024
ބޮޑު ކުރާނެ ތީ ކޮންބައެއް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް