ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި ބޯޓުން ފައިބައި ވަޑައިގަންނަވަނީ

ރައީސްގެ ޔޫއޭއީ ދަތުރުފުޅު: ވިޔަފާރި އާއި ގައުމިއްޔަތާ ގުޅޭ މުހިންމު ބައިތަކެއް

250އަށް ގިނަ ކުންފުނިތަކުން އިންވެސްޓާސް ފޯރަމްގައި ބައިވެރިވޭ. ޔޫއޭއީގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް އާއި ދިވެހި މާއްދާ އޮންލައިންކޮށް އިފްތިތާހުކުރުން ވެސް އޮވޭ

ދުބާއީ - ތިން މަސް ތެރޭ ރައީސް މުހައްމަދު މުއިއްޒު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރައްވާ ތިން ވަނަ ދަތުރުފުޅަށް މިއަދު ފައްޓަވާނެ އެވެ. ފުރަތަމަ މި ގައުމަށް ވަޑައިގަތީ އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވަނިކޮށެވެ. ޔޫއޭއީން ފޮނުވި ޕްރައިވެޓް ޖެއްޓެއްގައި އެ ދަތުރުކުރެއްވީ 6 ނޮވެމްބަރުގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވެސް މި ގައުމަށް ވަޑައިގަތެވެ.

މި ފަހަރުގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޔޫއޭއީގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ، ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދަައުވަތަކަށް 'ވޯލްޑް ގަވަމަންޓް ސަމިޓް'ގައި ބައިވެރިވެވަޑައިގަތުމެވެ. މިއީ ދުބާއީގެ ސަރުކާރުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ މިއީ، ފުރަތަމަ ފަހަރު ވެސް މެ އެވެ.

ވޯލްޑް ގަވަމަންޓް ސަމިޓް 2024

  • ސަމިޓް ކުރިއަށް ދާނީ، މާދަމާއިން ފެށިގެން ބުދަދުވަހުގެ ނިޔަލަށް

  • 25 އަށް ވުރެ ގިނަ ގައުމުން 120އަށް ގިނަ ބޭފުޅުން ބައިވެރިވާނެ

  • މި ބައްދަލުވުމުގައި ރައީސް މުއިއްޒުގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ވެސް ތަގުރީރުކުރައްވާނެ

  • ސަރުކާރުތަކުގެ އިސް ވެރިންގެ އިތުރުން، ދުބާއީ އަދި ބޭރުގެ ކުންފުނިތަކުގެ އިތުރުން ޖަމިއްޔާތަކުން ވެސް ބައިވެރިވޭ

  • މި އަހަރުގެ ބައްދަލުވުން ހަ މައުލޫއަކަށް ބަހާލާފައިވާއިރު، ޝިއާރަކީ 'އިންސާނިއްޔަތަށް ރަނގަޅު މުސްތަގުބަލެއް ބިނާކުރުން'

  • މައުލޫތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި މުސްތަގުބަލުގެ މުޖްތަމައުތަކާއި ތައުލީމް އަދި ރަށްވެހިވުމާއި ބައިނަލްއަގުވާމީ ސިއްހަތަށް އިސްކަންދިނުން ހިމެނޭ

  • ލީޑަރުންގެ ހިތޯބުތަކުގެ އިތުރަށް، ލެކްޗާ ޝެޝަންތަކަކާއި ހިޔާލު ބަދަލުކުރުމުގެ ފޯރަމްތަކާއި ސުވާލާއި ޖަވާބު ޝެޝަންތައް އޮންނާނެ

ރައީސް މުއިއްޒުގެ ޒައާމަތުގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ ރާއްޖެއަށް ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި، ދިވެހި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނީ އެންމެ މުހިންމު އެއް ބައިވެރިއެެއްގެ ގޮތުގައި

ޔޫއޭއީގެ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ އެއް ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު)އަކީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރެެވެ. މިނިސްޓަރު ފެންވަރުގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ވެސް ހުންނެވި މުހައްމަދު ހުސައިން ޝަރީފު ގަބޫލުކުރައްވާ ގޮތުގައި މިއީ ރާއްޖެއަށް މުހިންމު އަދި އެތައް ފައިދާތަކެއް ކުރާނެ ސަމިޓެކެވެ.

"ހާއްސަކޮށް، ރައީސްގެ 19 ޗެޕްޓަރުގެ މެނިފެސްޓޯގައި ހިމެނޭނެ، އޮންނާނެ ޑިޖިޓަލް އިކޮނަމީ، ޑިޖިޓަލް ގަވަމަންޓް ޗެޕްޓަރެއް. މި ސަމިޓްގައި އެންމެ މުހިންމު ނުކުތާއަކަށް ނުވަތަ ތީމަކަށް މި އޮންނަނީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އޭއައިއާ އެކު މުސްތަގުބަލުގައި ދުނިޔޭގެ ސަރުކާރުތައް ބައްޓަން ވެގެންދާއިރު ކަންތައްތައް ހުންނާނެ ގޮތުގެ ހިޔާލު ބަދަލުކުރުން،" ސަފީރު ވިދާޅުވި އެވެ.

މިދިއަ މަހު ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

"ދުނިޔޭގެ ވެސް ނަމޫނާ ގައުމެއް ކަންކަން ޑިޖިޓަލައިޒް ކުރުމުގައި. އެ ހިސާބަށް ދިޔުމުގެ ތަސައްވުރެއް ރައީސްގެ މިއޮތީ."

އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި މި ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު އެކިއެކި ވެރިންނާއި ޔޫއޭއީގެ ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވަން އޮތީ ހަމަޖެހިފަ އެވެ.

"[ސަމިޓް ތެރެއިން ރައީސް] އެބަ ބައްދަލުކުރައްވާ ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުގެ އެންމެ އިސް ވެރިންނާ. އޭގެ ތެރޭގައި ވޯލްޑް ބޭންކް އާއި އައިއެމްއެފް އަދި އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް ބޭންކް ވެސް ހިމެނޭ،" ތަޖުރިބާކާރު ޑިޕްލޮމެޓެއްގެ ގޮތުގައި ބެލެވޭ މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ.

އިނގިރޭސީވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލޭއާ ވެސް ވަނީ ރައީސްއާ ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާކަން ފާހަގަކޮށް، މި ސަމިޓްގެ ހަވާސާއިން އެ ބައްދަލުވުން ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމިޓަށް ފަހު ދެން އޮތީ، އިންވެސްޓާސް ފޯރަމް

ސަމިޓް ނިމުމާ އެކު ދުބާއީގެ ސަރުކާރުގެ އެހީތެރިކަމާ އެކު ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ގުޅިގެން ބާއްވާ އިންވެސްޓާސް ފޯރަމް އޮންނާނެ އެވެ. އެ ފޯރަމްގައި ރައީސްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

"މިހާނަތަށް 250އަށް ވުރެ ގިނަ ކުންފުނިތަކުން އެބަވޭ އިންވެސްޓާސް ފޯރަމްގައި ރަޖިސްޓްރީވެފައި. އޭގެ ތެރޭގައި ހިމެނޭ މިތަނާއި ބޭރުގެ ކުންފުނިތައް އަދި ރާއްޖޭގެ ކުންފުނިތައް ވެސް،" ސަފީރު ވިދާޅުވި އެވެ.

"މިތަނުގެ ކުންފުނިތަކުގެ ތެރޭގައި އެބަ އުޅޭ މި ގައުމުގެ އެންމެ ޓޮޕް 100 ކުންފުނި ގޮތުގައި ގުނާލެވޭ ކުންފުނިތައް ވެސް."

މި ފޯރަމްއިން ރާއްޖެއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަފީރަށް އެބަ އޮތެވެ.

އިސްލާމް އާއި ދިވެހި މާއްދާ ޔޫއޭއީއަށް

ގާތްގަނޑަކަށް 300އެއްހާ ދިވެހިން ވަޒަންވެރިވެގެން ޔޫއޭއީގެ އެކި ހިސާބުތަކުގައި ދިރިއުޅެ އެވެ. ރައީސްގެ ދަތުރުގެ ފަހު ކަމަކަށް އޮންނާނީ މިތަނުގައި އުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމެވެ. އެ ބައްދަލުކުރެއްވުމުގައި އެންމެ ހާއްސަކަމަށް އޮތީ، މިތަނުގައި ތިބި ދިވެހި ދަރިވަރުންނަށް އިސްލާމް އާއި ދިވެހި މާއްދާ އޮންލައިންކޮށް ކިޔަވައިދިނުން ރަސްމީކޮށް ފެށުމެވެ.

"ރައީސް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި 200އެއްހާ ދިވެހިން ހާޒިރުވި. އެ ބައްދަލުވުމުގައި ދިވެހިންގެ ފަރާތުން ހުށަހެޅި އެއް ހިޔާލަކީ، އިސްލާމް އާއި ދިވެހި މާއްދާ ކިޔެވޭނެ ގޮތް ހެދުން. އެކަން ރައީސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ،" މީގެ ދެ ހަފްތާ ކުރިން އެ ކްލާސްތައް ފެށުނުކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވި އެވެ.

ލަންކާގައި ހުންނަ ސޯސަންވިލާ. ލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް މިތަނުގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭ. (ފޮޓޯ / ޖައުފަރު ރަޝީދު)

އޭނާ ވިދާޅުވި ގޮތުގައި ސްރީ ލަންކާގެ ސޯސަންވިލާގައި އެކަން ކުރާ ގޮތަށް ހާޒިރުވެގެން ކިޔަަވާ ގޮތަށް މިތަނުގައި އެކަން ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ:

  • ސަރުކާރުގެ އަމާޒަކީ މިތަނުގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ދިވެހި އިސްލާމް މާއްދާ އޮންލައިންކޮށް ކިޔަވައިދޭން ފެށުން

  • އެ ތަޖުރިބާގެ އަލީގައި، ރާއްޖެއިން ބޭރުގައި ތިބޭ ހުރިހާ ދަރިވަރުންނަށް ވެސް އިސްލާމް އާއި ދިވެހި މާއްދާ އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ތަވަސްކޮށްދިނުން

  • ޔޫއޭއީން މިހާރު ވެސް 30އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވޭ

އޭގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މިތަނުގައި ދިރިއުޅޭ ދިވެހިންނަށް ކޮށްދެއްވާނެ ބައެއް ކަންކަން އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތުން ރައީސް ވިދާޅުވެފައި ވާނެ، ދުބާއީއިން ވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ވާހަކަ. އެކަން ކުރުމަށްޓަކައި އެ ކުރަން ޖެހޭ މަސައްކަތް ކުރަން އަޅުގަނޑުމެން [އެމްބަސީން] ފަށައިފިން. އޭގެ އަޕްޑޭޓް ރައީސް ދެއްވާނެ،" ސަފީރު ވިދާޅުވި އެވެ.

ދެން އޮތީ ފުރަމާނަ ދަތުރުފުޅު

ކުރިއަށް ދެން އޮތީ ޔޫއޭއީއަށް ރައީސް މުއިއްޒު ކުރައްވާނެ ފުރަމާނަ ދަތުރުފުޅެވެ. އެއީ، ކޮޕް ސަމިޓަށް ރައީސް ވަޑައިގެންނެވި އިރު، މި ގައުމުގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އަދި ބޮޑު ވަޒީރު ޝައިހް މުހައްމަދު ބިން މަހްތޫމް ރާޝިދު ދެއްވާފައިވާ ދައުވަތެކެވެ.

އެ ދަތުރުފުޅުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ މިފަހަރުގެ ދަތުރުފުޅުގައި ވެސް މި ގައުމުގެ ސަރުކާރުގެ ވެރިންނާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ކުރިއަށް އޮތް ތިން މަހެއްގެ ތެރޭ ފައިނަލްވެގެން ދާނެ ސޮއިކުރާނެ އެއްބަސްވުންތައް،" ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޫއޭއީއަކީ އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ކުރިއަށް އޮތް ތަނުގައި އެ ގުޅުން "އިތުރަށް، އެތައް ގުނައަކަށް ބަދަހިވެގެންދާނެ" ކަމަށް ވިދާޅުވި އެވެ.

"ޔޫއޭއީގެ ސަރުކާރުން ވަރަށް ބޮޑު ޝައުގުވެރިކަމެއް ދޭ ކަމެއް ރާއްޖެއާ ގުޅުން ބަދަހިކުރުމަކީ. ރައީސް މުއިއްޒުގެ ތަސައްވުރު ތެރޭގައި އަޅުގަނޑުމެންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ގައުމެއްކަން ހުދު އެމަނިކުފާނު ގަބޫލުކުރައްވާ ގައުމެއް ޔޫއޭއީއަކީ،" މިނިސްޓަރުގެ ފެންވަރުގައި ގައުމެއްގެ ސަފީރަކަށް މިހާތަނަށް ކަނޑައެޅި ހަމައެކަނި ސަފީރު ވިދާޅުވި އެވެ.

"ރައީސް މުއިއްޒުގެ ޒައާމަތުގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ ރާއްޖެއަށް ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި، ދިވެހި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނީ އެންމެ މުހިންމު އެއް ބައިވެރިއެެއްގެ ގޮތުގައި ޔޫއޭއީ."  

އިތުރު އާޓިކަލް

އިތުރު އާޓިކަލް