އިންތިހާބީ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މުއިއްޒު ޔޫއޭއީގެ ހަރަދުގައި ނުރަސްމީ ދަތުރެއްގައި އަބޫ ދާބީއަށް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި، އެ ގައުމުން ފޮނުވި ޕްރައިވެޓް ޖެޓެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މުއިއްޒު، ޔޫއޭއީން ފޮނުވި ޖެޓެއްގައި އަބޫ ދާބީއަށް ފުރާވަޑައިގެންނެވިކަން އިންތިހާބީ ރައީސްގެ އޮފީހުން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.
ބުނީ ކީކޭ؟ - "އަމިއްލަފުޅު ދަތުރުުޅެއް. ހުރިހާ ހަރަދެއް ހަމަޖައްސަވާނީ އަބޫ ދާބީ ސަރުކާރުން،" އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވި އެވެ.
ތަފްސީލު - މުއިއްޒުގެ މި ދަތުރުފުޅަކީ ކިހާ ދުވަހަކަށް އަދި ކޮން ބޭނުމެއްގައި ކުރައްވާ ދަތުރުފުޅެއްކަން އިންތިހާބީ ރައީސްގެ އޮފީހުން ހާމައެެއް ނުކުރެ އެވެ. އަދި މި ދަތުރުފުޅުގައި މުއިއްޒާ އެކު ބައިވެރިވެވަޑައިގަންނަވަނީ ކޮން ބޭފުޅުންނެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.
މުއިއްޒު މި މަހުގެ 17ގައި ވެރިކަމުގެ ހުވާ ކުރައްވާއިރު، މިދިޔަ ހަފްތާގައި އެ މަނިކުފާނު ވަނީ ސިންގަޕޫރަށް ވެސް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަ އެވެ. އާއިލާއާ އެކު ކުރެއްވި އެ ދަތުރުފުޅަށް ފަހު އެ މަނިކުފާނު އެނބުރި ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި އާބޫ ދާބީއަށް ފުރާވަޑައިގެންނެވިއިރު، ރާއްޖޭގައި ހިންގަމުން އަންނަ އަދި ހިންގާފައިވާ ބައެއް މަޝްރޫއުތަކަށް އެ ގައުމުގެ ސަރުކާރުން ވަނީ އެހީ ދީފަ އެވެ. އެގޮތުން، މައި އެއާޕޯޓުގެ އާ ޓާމިނަލް މަޝްރޫއަށް ވެސް އެ ގައުމުން ލޯނު ދީފައިވެ އެވެ.
އެ މަޝްރޫއު އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.