ހީނާ ވަލީދު: ކެންސަރު ދުވަހާ ދިމާކޮށް މިއަދު އޭނާގެ ތަޖުރިބާތައް ހިއްސާކުރެއްވި

ކެންސަރު

ކެންސަރު ބަލިމީހުންނަށް ހީނާގެ ތަޖުރިބާ އާއި ހިތްވަރުގެ ބަސްކޮޅު

ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ކެންސަރު ޖެހުނުކަން އެނގިވަޑައިގަތް ވަގުތު 'ދުނިޔެ އެއްކޮށް ނިމުނުހެން' އިހުސާސްކުރެއްވުނު ކަަމަށް. ނަމަވެސް ދެން ދެއްކެވީ ހިތްވަރު
4 ފެބްރުއަރީ 2024

ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި މިހާރު އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވަނީ ވަރަށް މުހިންމު ތަޖުރިބާއެއް ފޭސްބުކްގައި ހިއްސާކުރައްވައިފަ އެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން އޭނާ ކެންސަރު ބަލިމީހުންނަށް ދެއްވީ ހިތްވަރެވެ. ހިއްސާކުރެއްވީ މި ފަހުން އޭނާ ވެސް ތަހައްމަލްކުރެއްވި ކެންސަރުގެ ވޭނާއި އިހުސާސްތަކެވެ.

އޭރު އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ތަރުޖަމާނަކަށް ހުންނެވި ހީނާ، ކުއްލިއަކަށް އާންމުންގެ ލޯ މަތިން ގެއްލުނެވެ. މީޑިއާއާ އެކު އޮތް ގުޅުން ވެސް ގާތްގަނޑަކަށް ކެނޑުނެވެ. އެކަމަކު ފަހުން އެނގުނީ ހީނާ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމެވެ. އެގޮތުން އިންޑިއާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެވި ކަމެވެ.

މިއަދު ހީނާ އޭނާގެ ތަޖުރިބާ ހުލާސާ ގޮތެއްގައި ކިޔައިދެއްވީ، އޭނާ ވިދާޅުވި ގޮތުގައި، ކެންސަރު ބަލީގެ "އެންމެ މީހަކަށް ނަމަވެސް އަޅުގަނޑުގެ ތަޖުރިބާއިން ހިތްވަރުދިނުމަށެ"ވެ.

ހީނާ: ކެންސަރު ޖެހުނުކަން އެނގިވަޑައިގަތީ މީގެ 10 މަސް ކުރިން

"އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ،" ކެންސަރު ޖެހުނުކަން އެނގިވަޑައިގަތުމާ އެކު ފުރަތަމަ ކުރެއްވުނު އިހުސާސްތައް ހީނާ ކިޔައިދެއްވި އެވެ.

އެއީ މީގެ ގާތްގަނޑަކަށް 10 މަސް ކުރި އެވެ. ކުއްލިއަކަށް ކެންސަރާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން "ހަދާނެ ގޮތް ހުސްވެ، ކަންބޮޑުވެ، ދެރަވެ، މާޔޫސްވީ" އެވެ. މިއީ ކޮންމެ މީހަކަށް ވެސް ފުރަތަަމަ ކުރެވޭނެ އިހުސާސްތަކެވެ. ނަމަވެސް ހިތްވަރު ލިބެން ފަށަނީ އޭގެ ފަހުންނެވެ. ރަނގަޅަށް ވިސްނާލެވި، ދެން އޮތީ މި ހަނގުރާމައާ ކުރިމަތިލުންކަން އެނގި، ގަބޫލުކުރެވޭ ހިސާބެވެ.

ހީނާ ވިދާޅުވި ގޮތުގައި މާތްﷲއާ ހުރިހާ ކަމެއް ވަކީލުކުރައްވައި، "ފަރުވާއަށް އަވަސްވެގަތީ އެވެ."

"އޭރު މިކަމަކީ ކިހާވަރެއްގެ ވޭން ހުރި ކަމެއްކަން އަޅުގަނޑަށް ކުޑަކޮށް ވެސް ނޭނގެ އެވެ،" އޭނާ ލިއުއްވި އެވެ.

އެއީ އެންމެ ވޭން ފަދަ މަރުހަލާ އެވެ. އެއީ އެންމެ ކެތްތެރިކަން ބޮޑުކުރަން ވެސް ޖެހޭ މަރުހަލާ އެވެ. ހީނާ ސިފަކުރެއްވި ގޮތުން ނަމަ "ކީމޯ އައިވީގެ ކޮންމެ ޑްރޮޕެއް ދިޔައީ އަޅުގަނޑުގެ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހެދި ބޮޑުވަމުންދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުންނެ"ވެ.

ކެންސަރު ބައްޔާ އެކު ޖިސްމާނީ ގޮތުން ގައިގައި އެޅި ވޭނުގެ އިިތުރުން ނަފްސާނީ ގޮތުން ވެސް ބަލިކޮށްލި ކަމަށް ހީނާ ވިދާޅުވި

އެ ނަތީޖާއާ ކުރިމަތިލުމަކީ ކޮންމެ މީހަކަށް ވެސް އެންމެ އުނދަގޫ ބަ އެވެ. ހީނާގެ ތަޖުރިބާ ކިޔައިދެއްވި އެވެ؛ ހަށިގަނޑު ދުޅަވި އެވެ. ކާއެއްޗެހީގެ ރަހަ ބަދަލުވި އެވެ. ނުކެވޭ ގޮތްވި އެވެ. ބޮލުގެ އިސްތަށިތައް ފައިބައިގެން ދިޔައީ އިސާހިތަކު އެވެ.

"މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި އެހާމެ ރިއްސަ އެވެ،" ހީނާ ވިދާޅުވި އެވެ.

އެ ހާލަތުގައި އޭނާގެ ވެސް ތަޖުރިބާއަކީ އަމިއްލަ ނަފުސާ މެދު އިތުބާރު ގެއްލުމެވެ. އެކަމަކު އެހާ ހިސާބުން ވެސް ހިތްވަރު ދުލެއް ނުކުރައްވަ އެވެ. ހަށިގަނޑު އެނދަށް ދޫކޮށްލައްވައިގެން ހުރިހާ ވަގުތެއް ހޭދަކުރެއްވުމުގެ ނިޔަތެއް ނެތެވެ. އެހެންކަމުން "ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުމަކީ" އޭނާގެ އަޒުމަށް ހެއްދެވީ އެވެ.

"ބައެއް ދުވަސްދުވަހު ތެދުވާހާ ހިތްވަރު ނެތަސް އަނެއް ދުވަހު މަސައްކަތަށް ނުކުންނަނީ އެވެ. ބަލިވިޔަސް، ގައިގައި ވަރު ނެތަސް ހަރަކާތްތެރިވުން އިތުރު ކުރީ އެވެ،" ހީނާ ވިދާޅުވި އެވެ.

މުހިންމު ކަމަކީ ޕޮޒިޓިވްކޮށް ވިސްނުން

ކެންސަރު ބަލިން ސަލާމަތްވާ މީހުން އަބަދުވެސް ކިޔައިދޭ ވާހަކައަކީ، އެ ހުރިހާ ވޭނަކާއި ތަދާ އެކު ވެސް އުއްމީދު ކަނޑާނުލުމެވެ. ބައްޔާ މެދު ޕޮޒިޓިވްކޮށް ވިސްނުމެވެ. އެހާ ހިސާބުން އަމިއްލަ ނަފުސުގެ އިތުބާރު އަލުން ލިބި، ހަޔާތުގެ ކުރިމަގުގެ އަލިކަން ފެންނަން ފަށަ އެވެ.

ހީނާ ވެސް ހިޔާރުކުރެއްވީ އެ މަގެވެ. އޭނާ ވިދާޅުވި ގޮތުގައި ބައްޔާ މެދު ޕޮޒިޓްކޮށް ވިސްނަން ފެށުމާ އެކު 'ނޯމަލް ލައިފްއަކަށް' ކަންކަން ބަދަލުވީ އެވެ.

"ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކި ކަހަލަ ނެގެޓިވް ޚިޔާލުތަކާއި ފިކުރުތަކުން ދުރަށް ދިއުމަށް ހިތާއި ސިކުނޑިއާ ދެކޮޅަށް މަސައްކަތްކުރީ އެވެ،" ބައްޔާ މެދު ޕޮޒިޓިވްކޮށް ވިސްނަން ފެއްޓެވުމާ އެކު އައި ބަދަލު ހީނާ ކިޔައިދެއްވި އެވެ.

"އަޅުގަނޑު ތަހައްމަލް ކުރަމުން ދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލައަށް ވަރަށް ބޮޑަށް މެނޭޖްކޮށް ބައްޔާ އެކީ ނޯމަލް ލައިފްއެއް އުޅެވޭތޯ މަސައްކަތް ފެށީމެވެ."

ހީނާ ވަލީދު އޭނާގެ ކެންސަރު ތަޖުރިބާ މިއަދު ފޭސްބުކްގައި ހިއްސާކުރައްވާފައި

ކެންސަރު ބަލީގައި ތިމާ ތަޖުރިބާކުރާ އިހުސާސްތައް އެހެން މީހަކަށް ކިޔައިދިނަސް ހަގީގަތުގައި އޭގެ ބޮޑުމިން ނޭނގޭނެ އެވެ. މިއަދު ރާއްޖޭގައި އެތައް ސަތޭކަ ބަޔަކު ވަނީ އެކި ކަހަލަ ކެންސަރުގެ ވޭންތައް އުފުލައިފަ އެވެ. އެތައް ސަތޭކަ ބަޔަކު އެ ބަލީގައި މަރުވެއްޖެ އެވެ.

ހީނާ ވިދާޅުވި އެވެ: ކެންސަރަކީ ވޭންދެނިވި ކަމެކެވެ. ބިރުވެރި ކަމެކެވެ. މާދަމާ ވެސް ވާނެ ގޮތެއް ނޭނގޭ ކަމެކެވެ.

"އެހެނަސް އުއްމީދު ކަނޑާނުލާށެވެ. ކެތްތެރިވާށެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތްކުރާށެވެ،" އޭނާގެ މެސެޖް ނިންމާލައްވަމުން ހީނާ ލިއުއްވި އެވެ.

"ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަންކުރާށެވެ. ތިމާ ނޫން އެހެން އެއްވެސް ފަރާތަކަށް މި އިހްސާސްތައް ދެނެގަންނަން އުނދަގޫވާނެކަން ވިސްނާށެވެ."

ދެން އޮތީ ހުރިހާ ބައްޔަކަށް ވެސް އޮތް އެންމެ ބޮޑު އެއް އެހީ އެވެ. މާތްﷲއަށް ދުއާ ދެންނެވުމެވެ. ގިނަގިނައިންނެވެ. އަބަދުވެސް މެ އެވެ.

"ބަލިތަކަށް ޝިފާ ދެއްވަނީ ﷲ އެވެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް