18 ސެޕްޓެމްބަރު 2023: ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ސިޓީގެ މަޝްރޫއު ފެށުން. (ފޮޓޯ/ރައީސް އޮފީސް)

ކަނޑު އަޑީގެ ޓަނަލް: މިހާރު ކަރުދާހުގައި އޮތް ބޮޑު ހުވަފެން

ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މި ޓަނަލް އެޅުމާ ގުޅޭ މަޝްވަރާތައް އެ ގައުމުގެ ކުންފުނިތަކާ އެކު ކުރިއަށް ގެންދެވި

ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް މި ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު މަޝްރޫއުއަކީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ އެވެ. 

ވެރިކަން ކުރާ ރަށް، މާލެއާ ވަކިން ހުރިހާ ހިދުމަތަކާއި ފަސޭހަތަކެއް ހިމަނައިގެން ތަރައްގީ ކުރަން ނިންމާފައިވާ މި ސިޓީ މާލެއާ ގުޅުވާލުމަށް ގެންގުޅޭނީ ޒަމާނީ ހައި ސްޕީޑު ފެރީ ނިޒާމެއް ކަމަށާއި އެއީ ރާޅާއި އޮއިގައި ނުޖެހި ދަތުރުކުރާ ޓެކްނޮލޮޖީ ހިމެނޭ ފެރީތަކަކަށް ވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ރަސްމާލެ ތަރައްގީ ކުރާ ތަނާ ޖެހިގެން އޮންނަ ފަޅުގައި މަތިންދާބޯޓް ޖެއްސޭނޭ ގޮތަށް އެއާ ސްޓްރިޕެއް ގާއިމްކޮށް، އެތަނާއި ރަސްމާލެ ބްރިޖަކުން ގުޅާލާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެއަށް ފަހު، މިހާރު ހިއްކަން ފަށާފައިވާ ރަސްމާލެއާ ގުޅޭ ގޮތުން ރައީސް މުއިއްޒު އިއުލާން ކުރެއްވި މުޅިން އާ، ތަފާތު މަޝްރޫއުއަކާ އެކު ޝައުގުވެރިކަން އާންމުންގެ މެދުގައި ބޮޑުވެއްޖެ އެވެ. އާ ބަހުސެއް ވެސް މި ވަނީ ފެށިފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި މޭޔަރު އާދަމް އާޒިމް އާއި ތިން ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ދަރުބާރުގައި ރައީސް ވަނީ މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލަން ނިންމާފައިވާކަން އިއުލާނު ކުރައްވައިފަ އެވެ. 

"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް [އިރާދަކުރެއްވިއްޔާ] ގާއިމްކުރެވޭ، [މިފަދަ] އަންޑަވޯޓާ ޓަނަލް މާލޭން ރަސްމާލެއަށް ގުޅުވާލުމުގެ މަސައްކަތް. އެ ޓަނަލް ވެގެން ދާނީ، އެ ޓަނަލުގައި ދުއްވާ ޓްރެއިން [ރޭލު] ގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލްއަކަށް،" ރައީސް މުއިއްޒު މިދިޔަ ހޯމަ ދުވަހުގެ ރޭ ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަށް ޓުއަރިސްޓުން އެތައް ގުނައަކަށް އިތުުރުވާނެ މަޝްރޫއެއް."

ރައީސް ވިދާޅުވީ އެމަނިކުފާނު ކުރައްވާނީ ދެކޮޅުޖެހޭ މަސައްކަތްތައް ކަމަށެވެ.

"އިރާދަކުރެއްވިޔާ ލިންކު ކުރެވިފައި އޮންނަ، ގުޅިފައިވާ ތަންތަނުގައި، މާލެ ސަރަހައްދުގައި ވެސް މީހުން ދިރިއުޅޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކަމުގެ ގާބިލްކަން ހުރި ކުންފުނިތަކާ އެކު ފީޒިބިލިޓީގެ މަސައްކަތް ފައްޓަވާފައިވާކަން ވެސް ރައީސް އެ ރޭ އިއުލާނު ކުރެއްވި އެވެ.

ކަނޑު އަޑީގެ ޓަނަލްއަކުން މާލެ އާއި ރަސްމާލެ ގުޅާލަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އިރު، ވާދޫ ކަނޑު ހުރަސްކޮށް އެފަދަ ދިގު ޓަނަލެއް އެހާ އަޑީގައި އެޅިދާނެތޯ ބައެއް މީހުން ސުވާލުު އުފައްދަ އެވެ. ފެންނަން ހުރި މައުލޫމާތަށް ބަލާއިރު ވާދޫ ކަނޑުގެ އެންމެ ފުން ސަރަހައްދުތަކުގައި 500 މީޓަރު ނޫނީ 450 މީޓަރު ހުންނާނެ އެވެ. މިއީ އޮއި ގަދަ ސަރަހައްދެއް ވެސް މެ އެވެ. 

ނަމަވެސް އެކަން ކުރެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ އެ ތަނުގެ ފީޒިބިލިޓީ ސާވޭ އާއި ޓެކްނިކަލް ސާވޭތައް ނިމުމުންނެވެ.

ޗައިނާގެ ކުންފުނިތަކާ އެކު މަޝްވަރާތަކެއް

ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި މި ޓަނަލް އެޅުމާ ގުޅޭ މަޝްވަރާތައް އެ ގައުމުގެ ކުންފުނިތަކާ އެކު ކުރިއަށް ގެންދެވި ކަމަށެވެ. އަދި ގާބިލް ކުންފުނިތަކާ އެކު ފީޒިބިލިޓީ ސާވޭގެ މަޝްވަރާތައް ވެސް ކުރިއަށްދާ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

"މީގެ ކޮންސެޕްޓު ވޯކް އެބަ އޮތް. އަދި ޑީޓެއިލްޑް ޓެކްނިކަލް އަދި އިކޮނޮމިކް ފީޒިބިލިޓީއެއް ނެތް. އޮންނަ އުސޫލުގެ ތެރެއިން އެ މަސައްކަތްތައް ކުރިއަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މި ޓަނަލް އަޅަން ނިންމާފައިވާ ސަރަހައްދުގެ ފުންމިނާއި ޓަނަލްގެ ދިގުމިން އެނގޭނީ ކަމާ ގުޅޭ ސާވޭތައް ހަދައި ނިމުމުން ކަމަށް ވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 5 ކިލޯމީޓަރު ހުންނާނެ ކަމަށް ލަފާކުރެވޭ ދެ ފަރު ދޭތެރޭގައި. ސީދާ ފުންމިން އަދި ޓަނަލްގެ ދިގުމިން ވެސް އެނގޭނީ ޓެކްނިކަލް ސާވޭތައް ނިމުމުން. އެކަމަށް ދާނެ ހަރަދު ވެސް އެނގޭނީ އޭރުން،" އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު ހުރި ބައެއް ޓަނަލްތައް

މިފަދަ މަސައްކަތްތައް ކުރެވޭނެ ގާބިލް ކުންފުނިތައް ޗައިނާގައި އެބަ ހުއްޓެވެ. އެ ގައުމުގައި ކަނޑު އަޑީގެ ދިގު ޓަނަލްތައް ތަރައްގީކޮށް ދަތުރުފަތުރުގައި އަންނަނީ ބޭނުން ކުރަމުންނެވެ.

އެހެން ބައެއް ހިސާބުތަކުގައި ވެސް ކަނޑު އަޑީގެ ޓަނަލްތައް ގާއިމްކޮށްފައިވެ އެވެ. ދުނިޔޭގައި އެންމެ ފުނުގައި ގާއިމްކޮށްފައިވާ ކަނޑު އަޑީގެ ޓަނަލަކީ ޖަޕާނުގެ ސެއިކެން ޓަނަލް އެވެ. ކަނޑުގެ 23.3 ކިލޯމީޓަރު އަޑީގައި ތަރައްގީ ކޮށްފައިވާ އެ ޓަނަލުގެ ދިގުމިނުގައިި 53.85 ކިލޯމީޓަރު ހުރެ އެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ދެމެދު އަޅާފައިވާ ދަ ޗެނަލް ޓަނަލް އަކީ ސީބެޑްގެ 40 މީޓަރު އަޑީގައި އަޅާފައިވާ 38 ކިލޯމީޓަރުގެ ޓަނަލެކެވެ.

ފްރާންސް އާއި އިނގިރޭސިވިލާތް ގުޅުވާލަން އަޅާފައިވާ ކަނޑު އަޑީގެ ޓަނަލްގެ ޓެކްނިކަލް ކުރެހުމެއް

ނޯވޭ އިން ވަނީ ކަނޑު އަޑިއަށް ފައްތާފައިވާ ފްލޯޓިން ޓަނަލްއެއް އެޅުމަށް ރާވައިފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ފީޒިބިލިޓީގެ މަސައްކަތް ހިނގަމުންދިޔަ އެ މަޝްރޫއު ޕްލޭން ކުރަން ފެށީ 2013 ވަނަ އަހަރު އެވެ. މަސައްކަތް 2035 ވަނަ އަހަރަށް ނިންމަން އަމާޒުހިފާފައިވާ އެ މަސައްކަތުގެ އަގު ގާތްގަނޑަކަށް 40 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ 616 ބިލިއަން ރުފިޔާ އެވެ.

ނޯވޭގައި އަޅާ އަންޑަވޯޓާ ޓަނަލްގެ ކޮންސެޕްޓު ކުރެހުމެއް

ގާތްގަނޑަކަށް 400 މީޓަރުު ފުނުގައި މި ޓަނަލް އަޅަން ރާވާފައިވަނީ އެ ސަރަހައްދުން ކަނޑު ބޯޓުފަހަރަށް ވެސް ދަތުރު ކުރެވޭނެ ގޮތަށެވެ. އަދި ޓަނަލްގެ ތެރެއިން ދުއްވާފައިދާއިރު ކަނޑުގެ އޮޔާއި ރާޅުތަކުން އަސަރެއް ނުކުރާނެ އެވެ.

މި ޓަނަލް ހިފެހެއްޓުމަށް މައްޗަށް ބޮއިތަކެއް ކަހަލަ އެއްޗެހިތަކެއް (ޕޮންޓޫން) ދޫކޮށްފައި ބަހައްޓާނެ އެވެ. އޭގެ ކޮންމެ ދެ އެއްޗެއްގެ ދުރުމިނުގައި 820 ފޫޓު ހުންނާނެ އެވެ. އެއީ ދެ ޕޮންޓޫން ދޭތެރެއިން ބޮޑެތި ބޯޓުފަހަރަށް ދަތުރުކުރެވޭނެ ޖާގަ ދިނުމަށެވެ.

ހަގީގަތަކަށް ވެއްޖެ ނަމަ، ރައީސް ވިދާޅުވި ގޮތަށް، މާލެ އާއި ރަސްމާލެ ގުޅާލާ ޓަނަލްއަކީ ފަތުރުވެރިކަމުގައި ރާއްޖެއަށް ވިއްކޭނެ ޕްރޮޑަކްޓަކަށް ވުން ގާތެވެ. އަދި، ރަސްމާލެ ވާނީ ވަޒީފާގެ މަންޒިލަކަށް ކަމަށާއި އެތައް ފުރުސަތުތަކެއް އެތަނުން ހުޅުވޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"މިތަން ވެގެން ދާނީ ދޮރުގެ މަންޒިލަކަށް، ވަޒީފާގެ މަންޒިލަކަށް، އާމްދަނީގެ މަންޒިލަކަށް. މިތަނަކީ އިންކްލޫސިވް ޑިވަލޮޕްމަންޓެއްގެ ގޮތުގައި ވާނެ،" ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު ކަރުދާހުގައި އޮތް ޓަނަލްގެ ހިޔާލަށް އަމަލީ ސިފަ އަތުވެއްޖެ ނަމަ މިއީ އުމްރާނީ ތަރައްގީގެ ބޮޑު ފިޔަވަޅަކަށް ވާނެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއުލާން ކުރި މިފަދަ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާއި މިކަމަށް ބޭނުންވާނެ ހަރަދު ހަމަޖައްސާނެ ގޮތެއް އަދި އޮތީ ސާފުނުވެ އެވެ. ހުރިހާ ވެސް އެއްޗަކީ ފައިސާ އެވެ.

ކޮމެންޓް (2)

ނަންނުގަތި

25 ޖެނުއަރީ 2024
ކަމެއް ކުރެވޭނީ ދުރުވިސްނޭ މީހުންނަށް، ކުރިމަގުގައި ރަސްމާލެ އަކީ މި ސަރަހައްދުގެ އެންމެ ބޮޑު ސިޓީ، ކަނޑުގެ އަޑިން ގުޅާލުމަކީ ނުވާވަރުގެ ކަމެއްނޫން. ރަސްމާލެ-މަގޭ ކުރިމަގު
0 2

ތައުފީޤް

24 ޖެނުއަރީ 2024
ތިޔަގޮތަށް ސިނަމާލެ ބުރިޖް އަށްވެސް ފާޑުކީ. ވިޝަނަރީ ލީލަޑުންގެ ފޯކަސް ތިޔަ ކަހަލަ މީހުންނަކަށް ވަޒަން ނުކުރެވޭނެ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް